އައުޑީ އެމްއެލްއެސް ކަޕް ޕްލޭއޮފްގައި މިއަދު ހެނދުނު ކުޅުނު މެޗުގައި އެޓްލަންޓާ ޔުނައިޓެޑު އަތުން 3-2 އިން ބަލިވެ, އިންޓާ މިއާމީ މުބާރާތަށް އަލްވަދާއު ކިޔައިފިއެވެ.
މިއާމީގެ ޗޭސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ މިއާމީއިންނެވެ. އެ ޓީމުން މެޗުގެ ލީޑު ނެގީ 17 ވަނަ މިނެޓުގައި މެޓިއަސް ރޯހާ ކާމިޔާބު ކުރި ލަނޑަކުންނެވެ.
މެޓިއަސް, މިއާމީއަށް ލީޑު ނަގައިދިންތާ އެންމެ ދެ މިނެޓު ފަހުން އެޓްލަންޓާގެ ޖަމާލް ތިއަރޭ ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ތިއަރޭ ވަނީ, އޭނާގެ ފުރަތަމަ ލަނޑު ޖެހިތާ ދެ މިނެޓު ފަހުން އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެޓްލަންޓާގެ ކޮޅަށް އަނބުރާލާފައެވެ.
މިއާމީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެ ޓީމުގެ ސުޕަސްޓާ ލިއޮނަލް މެސީ ކާމިޔާބު ކުރި ލަނޑެކެވެ.
މެސީ, މިއާމީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިންތާ އެގާރަ މިނެޓު ފަހުން އެޓްލަންޓާގެ ބާޓޮސް ސްލިޒް ވަނީ ލަނޑު ޖަހާ, މެޗުގައި ދެވަނަ ފަހަރަށް އެޓްލަންޓާއަށް ލީޑު ނަގައިދީފައެވެ.
މެޗުގެ ނުވަދިހަ މިނެޓު ހަމަވެގެންދިޔައިރު ވެސް މިއާމީއަށް ލަނޑެއް ކާމިޔާބު ނުކުރެވުމާއެކު އެ ޓީމަށް ވަނީ އެޓްލަންޓާ އަތުން ބަލި ގަބޫލުކޮށް މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.
މުބާރާތް ކާމިޔާބު ކުރެވުން ކަމަށް ގިނަ ބަޔަކު ލަފާ ކުރަމުން އައި އިންޓާ މިއާމީ ކަޓުވާލި އެޓްލަންޓާ ޔުނައިޓެޑު, އެމްއެލްއެސް ކަޕުގެ ސެމީ ފައިނަލުގައި ވާދަކުރާނީ އޯލޭންޑޯ ސިޓީއާއެވެ.