އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަބާރެއް ކަމުގައިވާ ލިވަޕޫލަށް ނިސްބަތްކޮށް ބަދު އަހްލާގީ ބަސްތަކެއް ރައްދުކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން އެ ލީގުގެ ރެފްރީއެއް ކަމުގައިވާ ޑޭވިޑް ކޫޓް ސަސްޕެންޑު ކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ޑޭވިޑް ވަނީ ލިވަޕޫލަށާއި ދާދި ފަހުން އެ ކްލަބުގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާ ދިން ޔާގަން ކްލޮޕްއަށް ހަޑި ހުތުރު ބަސްތަކެއް ރައްދުކޮށްފައެވެ.

ޑޭވިޑްގެ މި އަމަލުތަކާ ގުޅިގެން ޕްރިމިއާ ލީގުގެ ރެފްރީ އޯގަނައިޒޭޝަން ކަމުގައިވާ ޕީޖީއެމްއޮލްއިން ވަނީ އޭނާ ސަސްޕެންކޮށް, މި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ. އެ އޯގަނައިޒޭޝަންއިން ކުރިއަށް ގެންދާ ތަހުގީގުގެ ތަފްސީލުތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޑޭވިޑް ކޫޓްއަކީ, ލިވަޕޫލުގެ ކޯޗުކަމުގެ މަގާމުގައި ޔާގަން ކްލޮޕް ހުރި އިރު, އޭނާގެ ނުރުހުމުގެ އެތައް ބަހެއް ރައްދުވި ރެފްރީއެކެވެ. ކްލޮޕް ވަނީ, ޑޭވިޑް ގަސްތުގައި ލިވަޕޫލާ ދެކޮޅަށް އެތައް ނިންމުމެއް ނިންމާ ކަމަށް ތުހުމަތުކޮށް, އޭނާއަށް ލިވަޕޫލު ކުޅޭ މެޗެއްގައި ރެފްރީ ކުރަން ހަވާލު ނުކުރުމަށް ގޮވާލައިފައެވެ.

ފުޓުބޯޅަ މެޗުތަކުގެ ރެފްރީންނަށް އަމާޒުވަމުން އަންނަ ބަދު ބަސްތައް ފަހަކަށް އައިސް ގިނަވެފައިވާއިރު, ޑޭވިޑްގެ މި އަމަލުތަކުން ރެފްރީންނަށް ސަޕޯޓަރުން ކުރާ އިހްތިރާމް އިތުރަށް ދަށްވެގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.