މަސްވެރި މުޖުތަމަޢުތަކާއި ޞިނާޢަތުގެ މަޞްލަޙަތަށް ބަލައި، ކަމާގުޅޭ އެންމެހައި ފަރާތްތަކާއި މުސްތަޤުބަލުގެ ޖީލުތަކުގެ މަންފާއަށް، މި މުހިންމު ވަސީލަތް ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމަށްޓަކައި، ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަނެފައިވާ އުސޫލުތަކާއި ބެލެހެއްޓުމުގެ އަވަސް ފިޔަވަޅުތަކެއް އެކަށީގެންވާ ވަގުތުގައި ތަޢާރުފުކުރުމަކީ މުހިންމު ކަމެކެވެ. މިގޮތުން، މި ޕްލޭންގައި ކަނޑައަޅައިފައިވާ އަމާޒުތަކާއި އިސްތިރާޖުތައް ހާސިލުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ތިރީގައި މިވަނީއެވެ.
މިނިސްޓްރީއަށް ލަފާދޭ ކޮމިޓީއެއް އުފެއްދުން
އިހީގެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި ބެލެހެއްޓުމާ ގުޅޭގޮތުންނާއި، އިހީގެ އާބާދީ މެނޭޖްކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި، އިހީގެ ދިރާސާތައް ކުރުމާ ގުޅޭގޮތުންނާއި، އިހީގެ މަސްވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ތަރައްޤީކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި ލަފާދޭ ކޮމިޓީއެއް ޤާއިމުކުރެވޭނެއެވެ. އަދި ކޮމިޓީގެ ޖަލްސާތައް މަދުވެގެން އަހަރަކު އެއް ފަހަރު ބޭއްވޭނެއެވެ.
ކޮމިޓީ އެކުލަވައިލާނީ ތިރީގައިވާ މެންބަރުންގެ މައްޗަށެވެ.
(ހ) މުޤައްރިރު (މިނިސްޓްރީގެ ފިޝަރީޒް ޑިޕާޓްމަންޓް ތަމްސީލު ކުރާ މަންދޫބެއް)؛
(ށ) އެމް.އެމް.އާރް.އައި ތަމްސީލު ކުރާ މަންދޫބެއް؛
(ނ) އިހީގެ މަސްވެރިކަންކުރާ ފަރާތްތައް ތަމްސީލު ކުރާ 2 މަންދޫބުން؛
(ރ) މިނިސްޓްރީ އޮފް ޓޫރިޒަމް ތަމްސީލު ކުރާ މަންދޫބެއް؛
(ބ) މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ތަމްސީލު ކުރާ މަންދޫބެއް؛
(ޅ) މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ތަމްސީލު ކުރާ މަންދޫބެއް؛
(ކ) ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ތަމްސީލު ކުރާ މަންދޫބެއް؛ އަދި
(އ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކަމާގުޅޭ ޖަމްޢިއްޔާއެއް.
މީގެ ތެރެއިން އަންނަނިވި ފަރާތްތައް ކޮމިޓީއަށް ކުރިމަތިލުމުގެ ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވައިލައި މިނިސްޓްރީން އާންމުކޮށް އަންގައި އިޢުލާން ކުރެވޭނެއެވެ.
(ހ) އިހީގެ މަސްވެރިކަންކުރާ ފަރާތްތައް ތަމްސީލު ކުރާ މަންދޫބުން؛
(ށ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކަމާގުޅޭ ޖަމްޢިއްޔާ.
ކޮމިޓީގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނޭނެއެވެ.
(ހ) މި ޕްލޭން ތަންފީޛުކުރެވޭ ގޮތުގެ ތަފުސީލު އަހަރަކު އެއް ފަހަރު މިނިސްޓަރަށް އެރުވުން؛
(ށ) އިހީގެ މަސްވެރިކަމާގުޅޭ ފަންނީ އަދި އެހެނިހެން ރިޕޯޓުތައް މުޠާލިޢާކުރުން؛
(ނ) އިހީގެ މަސްވެރިކަމާގުޅޭ ފަންނީ ރިޕޯޓުތަކުންނާއި ކަމާ ގުޅޭ ފަރާތްތަކާއެކު ބޭއްވޭ މަސައްކަތު ބައްދަލުވުންތަކުން އަދި މަޝްވަރާ ބައްދަލުވުންތަކުން ނެރެވޭ ނަތީޖާތަކާއި ހުށަހެޅުންތަކާ ގުޅިގެން، އަޅަންޖެހޭ މެނޭޖްކުރުމުގެ ފިޔަވަޅުތަކާބެހޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން؛
(ރ) ސަރަޙައްދީ ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގައި އިހީގެ މަސްވެރިކަމާއި، މަސްވެރިކަމުގެ ވިޔަފާރި މެނޭޖްކުރުމަށް އަޅާ ފިޔަވަޅުތައް ޤައުމީ ފެންވަރުގައި ތަންފީޛުކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން؛ އަދި
(ބ) މި ޕްލޭން ތަންފީޛުކޮށް، މުޠާލިޢާކޮށް މުރާޖަޢާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން.