ކޮންމެ މީހަކަށް ވެސް ކޮންމެވެސް ކަހަލަ ހުނަރެއް ލިބިފައިވާނެއެވެ. އެކަން ނެރެ ހާމަކުރުމުގެ ފުރުސަތު ލިބުމަކީ ނިސްބަތުން މަދު މީހަކަށް ލިބޭ ފުރުސަތެކެވެ. ށ. ފިރުނބައިދު އަށް އުފަން އައިމިނަތު އާދަމަކީ އޭނާއަށް ލިބިފައިވާ ހުނަރު ދެނެގަނެ އެކަން ތަރައްޤީ ކުރަމުންދާ ހީވާގި ކަނބަލެކެވެ. އޭނާއަކީ ފަހާ މީހެކެވެ. ފުޓުބޯޅައާއި ވޮލީ ކުޅޭ ހުނަރުވެރިއެކެވެ.
ފެހުމަށް ޝައުގު
އައިމިނަތު އާދަމް އަކީ ކުޑައިރުއްސުރެ ފެހުމަށް ޝައުޤުވެރިކަން ހުންނަ ކުއްޖެކެވެ. މިހާރު ށ. ފުނަދޫގައި ދިރި އުޅޭ އައިންތު ބުނި ގޮތުގައި އޭނާގެ މަންމަ އާއި ބައްޕަ އަކީ ވެސް ފެހުމުގެ މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. "މަންމަ އާއި ބައްޕަގެ ކިބައިން މިކަން ދަސްވީ،" އައިންތު ބުންޏެވެ.
ސުކޫލަށް ދިޔަ ދުވަސްވަރު ވެސް އައިންތު ކޮންމެވެސް ވަރަކަށް ފަހާ ހެދިއެވެ. އޭރުވެސް ރައްޓެހިންގެ ހެދުން ފަހައިދިނެވެ. ނަމަވެސް މިހާރު މި މަސައްކަތް ފުޅާކޮށް އަމިއްލަ ފަހާތަނެއް ހުޅުވައި ވަރަށް ފުރިހަމަ ކަމާއި އެކު މަސައްކަތް ކުރިއަށް އެބަގެންދެއެވެ.
އައިންތު ފަހާ ބާވަތްތައް
ފުނަދޫ މީހުންގެ ތެރޭގައި މައްޝޫރު ކަށިއައިންތު، އަންހެނުންގެ ހުރިހާ ބާވަތެއްގެ ހެދުމެއް ފަހަ އެވެ. ބޮޑެތި އަންހެނުންގެ ހެދުމާއި ކުޑަކުދިންގެ ތަފާތު ޑިޒައިން ތަކުގެ އިތުރުން ޔުނިފޯމްވެސް ފަހައެވެ. އަދި މިހާރު އެކި ކުލަ ކުލައިގެ މާސްކު ވެސް ފަހައެވެ. ވެޑިން ޑްރެސް ޑިޒައިން ކުރުމާއި ފެހުމަކީ އޭނާގެ ޚާއްޞަ ފަންނެވެ. ވެޑިން ޑްރެސްގެ އިތުރުން އެޕާޓީއަށްދާ އެހެން މީހުންނަށް ވެސް ހަފްލާއާ ގުޅޭގޮތުން ހެދުން ފަހައިދެއެވެ. އައިންތުގެ ހެދުންތަކާއި ޑިޒައިންތަކަށް ގަޔާވާ ކުދިން އެސަރަޙައްދުގައި ނިކަން ގިނައެވެ. އެހެންކަމުން ފުނަދޫގެ އިތުރުން ޅައިމަގާއި، މިލަންދޫ އަދި ފީވަކު ކުދިން ވެސް އޭނާގަތަށް ވެޑިން ޑްރެސް ފަހަން އާދެއެވެ.
އައިންތު ބުނާގޮތުގައި އޭނާ އެންމެ ޝައުޤުވެރިވަނީ ކުޑަކުދިންގެ ހެދުން ފެހުމަށެވެ. "ކުޑަކުދިން ހެދުން ތަފާތު ވައްތަރަށް ޑިޒައިންކޮށް ފެހުމަކީ އެންމެ ކުރާހިތްވާ ކަންތައް" އައިންތު ބުންޏެވެ. އައިންތުގެ މަޤުޞަދަކީ އައިންތުއަށް ލިބިފައިވާ ހުނަރު އެހެން ބަޔަކަށް ދަސްކޮށްދިނުމެވެ. މިހާރުވެސް އައިންތު ގާތަށް އަންން ކުދިންނަށް ޑިޒައިން ކުރާނެ ގޮތުގެ ޚިޔާލު ދީ ހަދައެވެ. ކުރިމަގުގައި މި މަސައްކަތް އެހެން މީހުނަށް ދަސްކޮށްދިނުމަށް އައިންތުގެ ވިސްނުން އެބަ ހުއްޓެވެ.
ޑިޒައިން ކުރުން
އައިންތު ބުނަނީ މިކަމުގައި ކިތަންމެ މަސައްކަތެއް ކުރިޔަސް ކުރިއަށް ދިއުމުގެ ފުރުޞަތު އަދި ނުލިބޭ ކަމަށެވެ. އޭނާގެ މަސައްކަތް ބުރައެވެ. ރަނގަޅެވެ. ފަހާހެދުންތައް ރީއްޗެވެ. ކަސްޓަމަރުން ނިކަން ގަޔާވެއެވެ. ޑިޒައިންތައް ނަގައިގަންނަނީ ފޮތްތަކާއި އިންޓަރނެޓާއި ޓީވީ ޗެނަލް ތަކުންނެވެ. އެއަށްފަހު އެއަށް އޭނާގެ އަމިއްލަ ގޮތް ގެނެސް ތަފާތު ޑިޒައިނަކަށް ހަދާލައެވެ.
. އޭނާގެ އަމިއްލަވަންތަކަށް ގެނުވައެވެ. ދިވެހި މުޖުތަމަޢާ ގުޅޭ ގޮތަށް ބަދަލުކޮށްލައެވެ. މި ބަލާ ތަކެތިން ހަމަ އެކަނި ނަގަނީ ޚިޔާލެވެ. އައިންތުގެ ފެހުންތަކަށް ތަރުޙީބުވެސް ލިބެއެވެ. އަބަދުވެސް ހުއްޓާ ނުލައި ފެހިޔަސް ހުސްނުވާ ވަރަށް ފަހަން ހެދުން ހުރެއެވެ.
އައިންތުއަށް މީހުން އެންމެ އިތުބާރު ކުރާ ސަބަބަކީ ބޭނުންވާ ދުވަހަށް ހެދުން ނިންމައިދޭތީއެވެ. ނިންމައި ދިނުން އެކަންޏެއްނޫނެވެ. ހެދުން ނިންމަން ޖެހޭ ދުވަހުގެ ކުރިން ހެދުން ހެޔޮވަރު ކުރުވައި ފަހަން ދިންމީހާ ހިތްހަމަޖެހޭ ގޮތަށް ހެދުން ނިންމައިދެވުނުތޯ ޔަޤީން ކުރެއެވެ.
ފެހުމުގައި ހުރި ދަތިކަން
އައިންތު ބުނާ ގޮތުގައި ޑިޒައިން ކުރަން ބޭނުންވާ އެއްޗިހި ނުލިބުމަކީ ފެހުމުގައި ދިމަވާ އެންމެ ބޮޑު ދަތިކަމެވެ. "މާލެއިން އެއްޗެހި ގަނެފައި ފޮނުވައިދޭނެ މީހަކު ނެތުމުން އެކަމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވޭ" އައިންތު ބުންޏެވެ. އެހެންކަމުން މިހާރު ގިނައިން ތަންތަނަށް އޯޑަރު ދީގެން ޑެލިވަރީ ކޮށްދޭ ފަރާތްތަކުގެ އެހީގައި ވިޔަސް އައިންތު މަސައްކަތް ކުރިއަށް ގެންދެއެވެ. ޚާޞަކޮށް އަލި އެކްސްޕްރެސް އިން ތަކެތި ގެންނަކަމަށް އައިންތު ބުންޏެވެ.
މަސައްކަތުގައި ލިބޭ އެހީތެރިކަން
އައިންތު އާދަމް ބުނާ ގޮތުގައި އޭނައަށް ފެހުމުގެ މަސައްކަތްފަށައި ދިނީ އޭނާގެ ބައްޕައެވެ. މިހާރުވެސް ބައްޕަގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަމަށް އައިންތު ބުންޏެވެ. އަދި އާއިލާގެ އެހީތެރިކަންވެސް އައިންތުއަށް ލިބެއެވެ. މީގެ އިތުރަށް ރައްޓެހިންވެސް އައިންތުގެ މަސައްކަތަށް ހިތްވަރުދީ ކަސްޓަމަރުން ހޯދައި ދެއެވެ.
ތަފާތު ކަނބަލެއް
އައިންތު އަކީ ހަމަ އެކަނި ފަހާ މީހެއްނޫނެވެ. މޮޅަށް ފުޓުބޯޅަ އާއި ވޮލީ ކުޅޭ ކުޅުން ތެރިއެކެވެ. ފުނަދޫ އެއާޕޯޓް ޓީމަށް ކުޅޭ އައިންތުއަށް 2020 ވަނަ އަހަރު ނޮވެންބަރު މަހު ފުނަދޫގައި ބޭއްވި އޮފީސްތަކުގެ ފުޓްސެލް މުބާރާތުގައި 35 އަހަރުން މަތީގެ އަންހެނުންގެ ބައިން އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނެވެ. މި މުބާރާތް އެއާޕޯޓަށް ކާމިޔާބު ކޮށްދިނުމުގައި އައިންތުގެ ދައުރު ވަރަށް ބޮޑެވެ.
މީގެ އިތުރަށް އައިންތު މިހާރުވަނީ ސިޔާސީ ދާއިރާއަށް ވެސް ނުކުމެއްޖެއެވެ. އޭނާ ވަނީ ފުނަދޫ ކައުންސިލުގެ އަންހެނުންގެ ގޮނޑިއަށް ކުރިމަތި ލާފައެވެ. މީހުންނާއި ގުޅޭ ރައްޓެހިން ގިނަ އައިންތު އަކީ އަންހެނުންގެ ކުރިމަގަށް ވިސްނާ ކަނބަލެކެވެ. އަންހެނުންނަށް ހުރި ގޮންޖެހުންތައް ނައްތާ ލުމަށް މަސައްކަތް ކުރާ ކަނބަލެކެވެ. ކުޅިވަރާއި މަސައްކަތުގެ ދާއިރާއިންވެސް އަންހެނުންނަށް ކުރިއަށް ދިއުމަށް މަގު ދައްކާ ކަނބަލެކެވެ. އޭނާއަކީ އަތޮޅުގެ ނިސްބަތުގައި އޭނާގެ ދާއިރާއިން އަތޮޅު ފަޚުރުވެރިވާ ފަދަ ދަރިއެކެވެ. ކައުންސިލުގެ ގޮނޑި އޭނާއަށް ދީފިނަމަ ތަފާތު ދައްކާނެއެވެ. އަންހެނުންގެ ކުރިއެރުމަށް ކުރަންޖެހުނު ކޮންމެ ކަމަކަށް އޭނާ ފަހެއް ނުޖެހޭނެއެވެ. ހިތްވަރު ކޮށްލާށެވެ. ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެކެވެ.