ޓޮޓެންހަމް ހޮޓްސްޕާގެ މިޑްފީލްޑަރު ރޮޑްރީގޯ ބެންޓެންކޫރް, އުރުގުއާއީގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ނަސްލީ ތަފާތުކުރުމް ރަމްޒުވާ ގޮތަށް ބުނި ބަހެއްގެ ސަބަބުން އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭ) އިން އޭނާއަށް ހަރުކަށި އަދަބެއް ދީފިއެވެ.

މި އަހަރުގެ ޖޫން މަހު އުރުގުއާއީގެ ޓީވީ ޕްރޮގްރާމެއްގައި އެ ޕްރޮގްރާމުގެ ހޯސްޓް, ޓޮޓެންހަމްގެ ކެޕްޓަން ސޮމް ހިއުންގް މިންގެ ޓީޝާޓެއް ހޯދައިދިނުމަށް ބެންޓެންކޫރް ކައިރިން އެދުމުން އޭނާ ވަނީ އެ ކަހަލަ އެންމެން ތިބެނީ އެއްގޮތަށް ކަމަށް ވާތީ އެހެން މީހެއްގެ ޓީޝާޓު އޮޅިގެން ދެވިދާނެ ކަމަށް ބުނެ ސަމާސާކޮށްފައެވެ.

ބެންޓެންކޫރްގެ މި ބަހުގައި އެއް ވެސް ދެކޮޅުވެރިކަމެއް ނުވަތަ މަލާމާތެއް ނެތް ކަމުގައިވިއަސް އެފްއޭއިން ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގުކޮށް, އޭނާ އެއް ލައްކަ ބްރިޓިޝް ޕައުންޑުން ޖޫރިމަނާ ކޮށް, 7 މެޗަށް ސަސްޕެންޑް ކޮށްފައެވެ. 7 މެޗުގެ ސަސްޕެންޝަނަކީ ހަމައެކަނި އިނގިރޭސި މުބާރާތްތަކަށް ހާއްސަ ސަސްޕެންޝަނެއް ކަމުގައިވާތީ އޭނާއަށް ޔޫރޮޕާ ލީގުގައި މި މުއްދަތުގެ ތެރޭގައި ކުޅެވޭނެއެވެ.

ބެންޓެންކޫރް ވަނީ, އޭނާގެ ކެޕްޓަނަށް މަލާމާތް ރައްދުވާ ގޮތަށް ބުނެވުނު ބަހަށް ޓަކައި މައާފަށް އެދިފައެވެ. ބެންޓެންކޫރުގެ ބަހަށް ރައްދު ދެމުން ސޮން ވަނީ, ބެންޓެންކޫރް ދެރައެއް ދިނުމުގެ ނިޔަތުގައި އެ ފަދަ ބަހެއް ނުބުނާނެކަން އެނގޭކަމަށް ބުނެ އޭނާގެ މައާފު ގަބޫލުކޮށްފައެވެ.

އެފްއޭގެ ސަސްޕެންޝަނުގެ ސަބަބުން ބެންޓަންކޫރްއަށް ގެއްލޭނެ މެޗުތަކުގެ ތެރޭގައި, އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ, ޗެލްސީ އަދި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުތަކުގެ އިތުރަޑް ކަރަބައޯ ކަޕުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ހިމެނެއެވެ.