ހުޅުތަކުގައި ރިހުމަކީ ޚާއްޞަކޮށް އުމުރުން ދުވަސްވުމާއެކު އާންމުކޮށް ދިމާވާ މައްސަލައެކެވެ. މިކަން ކަކުލަށާއި، ކޮނޑަށާއި، އުނަގަނޑަށާއި، ފައިތިލައަށާއި، އަތްތިލައަށާއި، އުޅަބޮށްޓަށާއި އަދި ކަރަށް ވެސް އަސަރުކުރެއެވެ. ބައެއް ފަހަރު ގޭގައި ތިބެގެން މިފަދަ ރިހުންތަކަށް ފަރުވާ ހޯދިދާނެއެވެ. ނަމަވެސް ގިނަ ދުވަހަށް ދެމިގެންދާ ނުވަތަ ގަދަ ރިހުންތަކަށް މެޑިކަލް ފަރުވާ ހޯދަން ޖެހިދާނެއެވެ.

ސަބަބުތަކާއި އަލާމާތްތައް

ޖޮއިންޓް ރިހުން ކުރިމަތިވެދާނެ ސަބަބުތަކުގެ ތެރޭގައި އަނިޔާވުމާއި، މާ ގިނައިން އެއްކަމެއްކުރުމާއި އަދި އާތުރައިޓިސް ފަދަ ދިގު މުއްދަތަކަށް ދެމިގެންދާ ބަލިތައް ހިމެނެއެވެ. ސަބަބުތަކަށް ބަލައި އަލާމާތްތައް ތަފާތުވެދާނެއެވެ:

  • ސްޕްރެއިން ނުވަތަ ސްޓްރެއިން: ގިނައިން ނުވަތަ ގަދައަށް ކަސްރަތުކުރުމުގެ ސަބަބުން ރިހުމާއި، ދުޅަވުން
  • އޮސްޓިއޯއާތްރައިޓިސް: 45 އަހަރުން މަތީގެ މީހުންގެ މެދުގައި އާންމު ބައްޔެއް. މި ބަލީގައި ހަރުކަށިވުމާއި ރިހުން ހަރަކާތްކުރިވަރަކަށް އިތުރުވޭ
  • ރިއުމެޓޮއިޑް އާތްރައިޓިސް: ހަށިގަނޑުގެ ދެފަރާތުގައި ރިހުމާއި ހަރުކަށިކަން އިހުސާސްވުން، ޚާއްޞަކޮށް ހަރަކާތް ނުކޮށް އޮތުމަށްފަހު މިކަން އިތުރަށް ފާހަގަވޭ
  • ބަރސައިޓިސް: ހަރަކާތްކުރުމުން އިތުރުވާ ދުޅަވުމާއި ރިހުން.
  • ގައުޓް: ކުއްލިއަކަށް އަންނަ ގަދަ ރިހުން، ގިނަފަހަރު ބޮޑުވައި އިނގިއްޔަށް އަސަރުކުރާނެ
  • ޖޮއިންޓް އިންފެކްޝަން: ހޫނުވެ ދުޅަވެފައިވާ ހުޅުތަކާއެކު ހުންއައުން ނުވަތަ ފިނިކަން އިހުސާސްވުން.

ހުޅުތަކުގެ ރިހުން ލުއިކުރުން

އަރާމުކޮށް، އައިސް ޕެކް ބޭނުންކުރުމާއި، އައިބިއުޕްރޮފެން ނުވަތަ ޕެރެސިޓަމޯލް ފަދަ ބޭސްފިހާރައިން ލިބެންހުންނަ ރިހުން ކަނޑާ ބޭސްތަކުން މެދުމިނުގެ ރިހުންތައް ކުޑަކުރެވިދާނެއެވެ. ހަށިގަނޑުގެ ބަރުދަން ރަނގަޅު މިންވަރެއްގައި ބެހެއްޓުމުންވެސް ހުޅުތަކަށް ކުރާ ބާރު ކުޑަކުރެވިދާނެއެވެ. ނަމަވެސް ބަރު އެއްޗެހި އުފުލުމާއި ހުޅުތަކުގެ ހަރަކާތް އެއްކޮށް ހުއްޓާލުމުން ދުރުހެލިވާންވާނެއެވެ.

މެޑިކަލް އެހީތެރިކަމަށް އެދެންވީ ހާލަތްތައް

ހުޅުތަކުގެ ރިހުމުގެ ސަބަބުން ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަމަށް ދަތިވާނަމަ، ނުވަތަ ދެ ހަފްތާއަށްވުރެ ގިނަ ދުވަހަށް ރިހުން ދެމިގެންދާނަމަ، ނުވަތަ ހެނދުނު ހޭލާއިރު 30 މިނެޓަށްވުރެ ގިނަ ވަގުތު ހުޅުތައް ހަރުކަށިވެފައި ހުންނަނަމަ ޑޮކްޓަރަކަށް ދައްކަންވާނެއެވެ. ބޮޑެތި އަނިޔާތަކާއި، ހުޅުން ނެއްޓުމާއި، ނުވަތަ ހިއްސުގެއްލުމާއި އައްސިވުން ފަދަ ކަންކަން ދިމާވެއްޖެނަމަ ވަގުތުން އިމަޖެންސީ ފަރުވާ ހޯދަންވާނެއެވެ.

ވީހާވެސް އަވަހަށް ފިޔަވަޅު އެޅުމުން ރިހުން ކޮންޓްރޯލްކުރުމަށް ފަސޭހަވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރެވިދާނެއެވެ.

މަޢުލޫމާތު: ޔުނައިޓެޑް ކިންގްޑަމް ނެޝަނަލް ހެލްތު ސާރވިސް