ވޮޝިންޓަން، ނޮވެމްބަރ 23. /ޓާސް/. ރަޝިޔާ އާއި އުތުރު ކޮރެއާ އަސްކަރީ މައިދާނުގައި އެއްސަފެއްގައި ތިބުމަކީ ކުރިއަށް އޮތް ތަނުގައި އެމެރިކާ ކުރިމަތިލާންޖެހޭނެ ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް އެމެރިކާގެ ރައީސްގެ ސްޕެޝަލް އެސިސްޓެންޓް، ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސީނިއާ ޑިރެކްޓަރު ފޯ އީސްޓް އޭޝިއާ އެންޑް އޯޝޭނިއާ މީރާ ރެޕް-ހޫޕާ ވިދާޅުވެއްޖެއެވެ.

މީރާ ރެޕް-ހޫޕާ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ޔޫކްރައިނާ ދެކޮޅަށް ރަޝިޔާގެ ފައުޖުތަކާއެކު އުތުރު ކޮރެއާ ސިފައިން ހަނގުރާމަ ކުރަމުންދާ ކަމުގެ ސާފު ހެކި އެބަހުރިކަމަށް އެމެރިކާ އާއި ހުޅަނގުގެ އިންޓަލެޖެންސުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ރެޕް-ހޫޕާ ވިދާޅުވީ ފާއިތުވެދިޔަ ދެތިން އަހަރު ތެރޭގައި ރަޝިޔާ އާއި އުތުރު ކޮރެއާގެ ގުޅުން ލަފާކޮށްލަންވެސް ދަތި މިންވަރަކަށް ބަދަހިވެފައިވާ ކަމަށެވެ.

ރެޕް-ހޫޕާ އިތުރަށް ވިދާޅުވީ އުތުރު ކޮރެެއާއިން ރަޝިޔާއަށް ސިފައިން ފޮނުވުމުގެ ބޭނުމަކީ އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމް ރަޝިޔާގެ އެހީގައި މިހާރަށްވުރެ ހަރުދަނާކޮށް، ބައިނަލްއަގުވާމީ މުޖްތަމައުގައި އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމް ބަލައިގަތުމަށް ބާރުއެޅުމެވެ. އަދި އަސްކަރީ ދާއިރާގައި ރަޝިޔާގެ ހައި އިންޑް ޓެކްނޮލޮޖީ އުތުރުކޮރެޔާއާ ހިއްސާ ކުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ރެޕް-ހޫޕާ ވިދާޅުވިއެވެ.

ރަޝިޔާއަކީ ދެވަނަ ބޮޑު ހަނގުރާމައިގައި އެންމެ ގިނަ އަދަދެއްގެ ސިފައިން މަރުވި ގައުމެވެ. އަދި އަފްގާނިސްތާން ހަނގުރާމައިގައިވެސް ގިނަ އަދެއްގެ ސިފައިން މަރުވުމާއި ގުޅިގެން ރަޝިޔާގެ އާބާދީގައި އަންހެނުންނަށްވުރެ ނިސްބަތުން ފިރިހެނުން މާބޮޑަށް މަދެވެ. ފިރިހެނުންގެ އާބާދީ މަދުވުމުގެ ސަބަބުން، ކައިވެނި ކުރުމަށްފަހުވެސް ފިރިމީހާގެ އެހީތެރިކަމެއްނެތި މައިން، ދަރިން ގެންގުޅުމަކީ ރަޝިޔާގެ ސަގާފަތުގައި އާންމު ކަމެކެވެ. މި ސަބަބުތަކާހުރެ ހަނގުރާމައިގެ މައިދާނަށް ރަޝިޔާ ފިރިހެނުން ނުނެރެ ފަރުޖެއްސުމަށް ރަޝިޔާ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރެއެވެ.