އިންޑިއާގެ މަސްއޫލިވެރިންގެ ގޮނޑީގެ ފަހަތުގައި ހުދު ތުވާއްޔެއް އަޅާފައި އޮންނަ ތަން ފެނޭ ނޫން ހެއްޔެވެ؟ ދިވެހިންނަށް ތުވާއްޔަކީ، ފާޚާނާއަށް ޚާއްސަ އެއްޗެއް ކަމުގައިވިއަސް އިންޑިއާގެ އުއްތުރަ ޕްރަދޭޝްގައި މިއީ ހައިބަތާއި އިއްޒަތާ ގުޅިފައިވާ އެއްޗެކެވެ.
ހުދު ތުވާލީގެ މައްސަލަ އުއްތްރަޕްރަދޭޝްގެ ސަރުކާރުގައި ބޮޑު މައްސަލައަކަށް ވެގެން ތަހުގީގެއް ހިންގައިފިއެވެ.
އުއްތަރު ޕްރަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ބައިވެރިވި ބައްދަލު ވުމެއްގައި އެމީހުން އިށީންނަށް ޚާއްސަ ކޮށްފައި ހުރި ގޮނޑިތައް ކުދަވެފައި، އޭގެ ލެނގޭ ބައިގައި ހުދު ތުވާލި ނެތިފައި ސިވިލް ސާވިސްގެ މުވައްޒަފުންގެ ގޮނޑީގައި ތުވާލި އަޅާފައި އަދި އެމީހުން ބޮޑެތި ގޮނޑީގައި ތިބުމުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގަދަރު ކުޑަކޮށް ޕްރޮޓޮކޯލާ ޚިލާފްވި ކަމަށް ބުނެ މައްސަލަ ޖައްސައިފިއެވެ.
އުއްތުރަ ޕްރަދޭޝް ސަރުކާރުން ކޮންމެ އަހަރަކު އެތަކެއް ހުދު ތިވާލި ގަނެއެވެ. ނަމަވެސް ގަންނަނީ ކިތައް ހުދު ތުވާލި ކަމެއް ނޫނީ ކިތައް ލައްކަ ރުޕީސް އެކަމަށް ޚަރަދު ކުރާ ކަމެއް ސާފެއް ނުވެއެވެ.
ނަމަވެސް ސްޓޭޓް ސަރުކާރުން ހަފްތާއަކު އެއްހާސް ތުވާލި ބަދަލު ކުރެއެވެ. ގޮނޑިތަކުން "ހުދު ތުވާލިކޮޅު" ބަދަލު ކުރުން އޮންނަނީ، ހޯމައާއި ބުރާސްފަތި ދުވަހުއެވެ.
މަސްއޫލުވެރިންގެ ގޮނޑީގައި ހުދު ތުވާލި އަޅާފައި ނެތުމުން، ސްޓޭޓް ސަރުކާރުން އެމައްސަލަ ބެލުމަށް ކޮމިޓީއެއްވެސް އެކުލަވާލިއެވެ.
"ޕްރޮޓޮކޯލާ ޚިލާފްވެގެން ދިމާވި ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުން ހާމަވި ގޮތުގައި ޑިސްޓްރިކްޓް ލެވެލްގައި ނުވަތަ ސްޓޭޓް ހެޑްކުއާޓަރުގައި ބާއްވާ ސަރުކާރުގެ ބައްދަލުވުންތަކުގައި ސިވިލް ސާވިސް އޮފިޝަލުން އިށީންނަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ބަހައްޓާ ގޮނޑިއަށް ވުރެން ބޮޑު ގޮނޑީގައެވެ. އަދި ސިވިލް ސާވިސްގެ މަސްއޫލުވެރިންގެ ގޮނޑީގައި ހުދު ތުވާލި އަޅާފައި އޮންނަ އިރު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް އިންނަ ގޮނީގައި ތުވާއްޔެއް އަޅާފައެއް ނުހުރެއެވެ." ކޮމިޓީގެ ރިޕޯޓުގައި ދިރާސާ ކުރުމަށްފަހު ފާހަގަ ކޮށްފައި ވެއެވެ.
އެ ކޮމިޓީގެ ބައްދަލު ވުމަށްފަހު، ޕާލަމެންޓްރީ އެފެއާޒް ޑިޕާޓްމަންޓުގެ ޕްރިންސިޕަލް ސެކްރެޓަރީ ޖޭ ޕީ ސިންގް ވަނީ ހުދު ތުވާލީގެ މައްސަލައާ މެދު އަމަލު ކުރަން ޖެހޭ ގޮތް ބަޔާން ކޮށް އާންމު ސިޓީއެއްވެސް ނެރެފައެވެ.
އެ އާންމު ސިޓީއާ އެއްގޮތަށް އިންތިޚާބީ މެމްބަރުންނަށް ބޮޑު ގޮނޑި ބަހައްޓައި އޭގައި ހުދު ތުވާލި އަޅާފައި ބާއްވަން ޖެހެއެވެ!
އެހެން ހުރިހައި މަސްއޫލުވެރިންނަށް ހުދު ތުވާއްޔެވެ! ނަމަވެސް ބުލްޑޯޒަރު ޗީފް މިނިސްޓަރު ޔޯގީގެ ގޮނޑީގައި އަޅަން ޖެހޭނީ ރީނދޫ ކުލައިގެ ތުވާއްޔެއް ކަމަށްވެސް ޕްރޮޓޮކޯލުގައި ބުނެފައި ވެއެވެ.