ދިވެހިރާއްޖޭގައި އަތްތެރި މަސައްކަތް ކުރާ މީހުން ނިސްބަތުން ވަރަށް މަދެވެ. ނަމަވެސް ހުނަރުވެރި މަދު މީހުންގެ ތެރޭގައި ފާހަގަ ކޮށްލެވޭ ފަންނުވެރިން އެބަ ތިއްބެވެ. މިގޮތުން ށ. ފުނަދޫ ވީވަރު، ހައްވަ ގަހަނާއާއި މައު ފަދަ ތަކެތި ހެދުމަށް ދެވަނައެއް ނެތް ކަނބަލެކެވެ. މި ގޮތުން ދިވެހި ބޮލިންނާއި، އެކި ބާވަތުގެ މިނާއި، ފާޑުފާޑުގެ ކަރުދާހުން ހައްވާފުޅު ހަދައިފައިވާ ތަކެތި ވަރަށް ޗާލެވެ.

ހައްވަ ބުނާ ގޮތުގައި އެންމެ ކުޑައިރުއްސުރެވެސް އަތްތެރި މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވެއެވެ. އެގޮތުން ސުކޫލު ދައުރުއްސުރެ ހައްވަ ކަރުދާހުން މައު ހަދައި އުޅެއެވެ. އެހެންނަމަވެސް ވިޔަފާރީގެ ގޮތުގައި މި މަސައްކަތް ފެށުނީ މީހަކާ އިންފަހުންނެވެ.

"އެއްދުވަހަކު ފިރިމީހާ ރަށަކަށް ގޮސްފައި އައިރު ގެނައީ މިނާ ފުށްތަކަކުން ހަދާފައިވާ ކުޑަކުދިންގެ އަތުގައި އަޅާ ގަހަނާއެއް. އެ ދައްކާލާފައި ބުނީ މިއީ ރަޙުމަތްތެރިއެއްގެ އަނބިމީހާ ހަދާ އެއްޗެކޭ، ވީނޫންހޭ މިކޮޅުގަ މިކަހަލަ އެއްޗިހި ހަދަން." މަސަތްކަތް ފެށުނުގޮތް ކިޔައިދެމުން ހައްވަ ބުންޏެވެ.

ހައްވަ ހަދާތަކެތީގެ ތެރޭގައި ބޮއްޔާއި މިނައިން ކަރުގައި އަޅާ ފަށާއި، ހާރާއި، ކަންފަތުލާ މުދި، އަތުގައި އަޅާ ގަހަނާ އަދި ބޮލުގައި އަޅާ ބޭންޑުހިމެނެއެވެ. މީގެ އިތުރަށް ޕާޓީތަކަށް މާބޮނޑި، ހިޖާބު ބޭންޑު އަދި ކައިވެނީގެ ރަން ދިނުމަށް ތައްޔާރުކުރާ ފޮށި ފަދަ ތަކެތިވެސް އޯޑަރަށް ހަދައިދޭކަމަށް ހައްވަ ބުންޏެވެ. އޯޑަރުތަކަށް ގިފްޓް ވެސް އޭނާ ހަދައިދެއެވެ.

ހައްވަގެ ބައެއް މަސައްކަތް

ހައްވަ ބުނި ގޮތުގައި އޭނާ މި މަސައްކަތް ކުރަނީ ވަރަށް ކުރާހިތުންނެވެ. ޑިޒައިން ކުރަނީ އަމިއްލަ އަށެވެ. "އަބަދުވެސް ބަލަނީ ހަދާއެއްޗެއް ވީހާވެސް ރީތި ކޮށް ފުރިހަމަކޮށް ހެދޭތޯ. އެއްފަހަރަށްވުރެ އަނެއްފަހަރު ކުރެވޭ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރެވޭތޯ ބަލަން،" އޭޭނާ ބުންޏެވެ.

ގޮންޖެހުންތައް

ހައްވަ ބުނާގޮތުގައި އޭނާ މިކުރާ މަސައްކަތަށް އޮތް އެންމެ ބޮޑު ދައްޗަކީ ބޭނުންވާ ތަކެތި ނުލިބުމެވެ. "ބޭނުންވާ ހުރިހާ އެއްޗެއް ރަށަކުން ނުލިބޭ. މާލޭ ކޮޅުންވެސް ގެންނަން ވަރަށް ދަތި. ޚާއްޞަކޮށް މި ދުވަސްކޮޅު ބޭރުންވެސް ތަކެތި އަންނަނީ އޯޑަރު ދީގެން އެތައް ދުވަހެއް ވާފަހުން،" ހައްވަ ކިޔައިދިނެވެ.

ހައްވަގެ ބައެއް މަސައްކަތް

ހައްވަ ބުނާ ގޮތުގައި މިއީ ޒުވާނުން ކުރަން ވަރަށް ރަނގަޅު މަސައްކަތެކެވެ. ރަނަގަޅު އާންމު ދަނީއެއް ލިބޭ މަސައްކަތެކެވެ. ޢީދު ތަކަށާއި ކައިވެނި ހަފުލާތަކަށް އެއްޗިހި ހަދަން ވަރަށް ގިނައިން އޯޑަރ ލިބޭ ކަމަށް ހައްވާ ފުޅު ބުންޏެވެ. ހައްވަ ތައްޔާރުކުރާ ތަކެއްޗަށް އޯޑަރު ކުރުމަށް ފޭސްބުކް ގައި "ހައްވް ކަލެކްޝަން" (Haww collection) ޕޭޖަށް އޯޑަރު ދެއްވޭނެއެވެ.

ހައްވަގެ ބައެއް މަސައްކަތް

ހައްވަ ބުނާގޮތުގައި އޭނާގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެނީ ފިރިމީހާއެވެ. "ކުރާ ކޮންމެ މަސައްކަތެއްގެ އެއްކޮޅުގައި ހިފަހައްޓައިދެނީ ފިރިމީހާ" ހައްވަ ބުންޏެވެ. މީގެ އިތުރަށް އެއްޗެހި ވިއްކުމުގައި އާއިލާގެ ހުރިހާ މެންބަރުންގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބޭކަމަށް އޭނާ ކިޔައިދިނެވެ. އަދި މި މަސައްކަތުގައި ކުރިއަށް ދިއުމަށް ކަސްޓަމަރުން ދޭ ތަރުޙީބު ވެސް ވަރަށް ބޮޑު ކަމަށް ހައްވަ ބުންޏެވެ. މި ގޮތުން ވަރަށް ގިނަފަހަރު އޯޑަރު ކޮށްގެން އެއްޗެހި ހަދާމީހުން ގުޅާފައި އެ އެއްޗެއް ރީތި ކަމަށް ބުނެއެވެ. މިއީ ކުރިއަށް ދިއުމަށް ލިބޭ ހިތްވަރެއް ކަމަށް ވެސް އޭނާ ބުންޏެވެ.

މަސައްކަތުގައި ދަތިތަކެއް ކުރިމަތިވިޔަސް ހައްވަގެ އަޒުމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ދިމާވާ އުސް އޮޅިތައް ގިރާކޮށްގެންވެސް މަސައްކަތުގައި ކުރިއަށް ދިއުމަށް ހައްވަ ހުރީ ވަރުގަދަ އަޒުމެއްގައެވެ. އަދި ހައްވަ ކުރާ ކޮންމެ މަސައްކަތެއްގައި އެއްކޮޅުގައި ހިފައިދޭ އޭނާގެ ފިރިމީހާގެ ހިތްވަރުވެސް އެހާގަދައެވެ. ހައްވަގެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމުގައި ފަސް ނުޖެހި އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުންވެސް ތަކެތި ހޯދައިދެއެވެ. މި މަސައްކަތުގައި ފިރިމީހާ ދޭ އެއްބާރުލުމަށް ހައްވާފުޅު ފަށްފަށުން ޝުކުރު ވެރިވެއެވެ.

ފިރިމީހާގެ ޚިޔާލާއެކު ހައްވަ ފެށި މަސައްކަތުގައި އޭނާ އެދަނީ ފަހަތަށް ބެލުމެއްނެެތި ކުރިއަށެވެ. ހައްވަގެ ފިރިމީހާ އެހުރީ އޭނާގެ އަތުން ދޫކޮށްލާ ގޮތަކަށް ނޫނެވެ.