ލިޔުންތަކުގައި ހަދީޘެއް ގެނަސްދިނުމަށްފަހު، އެ ހަދީޘްގެ ޞައްޙަކަން ޔަގީން ކޮށްދިނުމަށްޓަކައި "ސައްޙަހަހޫ އަލްބާނީ" ނޫނީ އެޙަދީޘެއްގެ ބަލިކަށި ކަން ޔަޤީންކޮށް ދިނުމަށް "ޟައްޢަފަހޫ އަލްބާނީ" މިފަދައިން ބަޔާން ކޮށްފައިވާ ތަން ފެންނާނެއެވެ.

މި އަލްބާނީ މިއީ ކޮން ބޭފުޅެއްތޯއެވެ؟

މިއީ ބޯލްކަންގެ އަލްބޭނިއާ ޤައުމަށް އުފަން، ނާޞިރުއްދީން އެވެ. އޭނާގެ ނަން ނިސްބަތް ކޮށްފައި ވަނީ އޭނާގެ ޤައުމަށެވެ. އޭނާ އުފަންވި ކުޑަ އަވަށަކީ މިހާރު އަލްބޭނިއާގެ 70 ހާސް މީހުން ދިރިއުޅޭ ސިޓީއެކެވެ.

އަލްބާނީގެ ނަންފުޅަކީވެސް އޭގެ ޒާތުގައި އަމިއްލަ މަރުކާއެކެވެ.

އޭނާގެ އުމުރުފުޅުން 70 އަހަރުގައި ގެއަކަށް ޒިރާތަތް ކުރެއްވިއިރު ބޭރުގައި ހުންނަވައިގެން ޓަކި ޖެއްސެވުމުން އެތެރެއިން ކާކުތޯ ސުއާލު ކުރުމުން އޭނާ ވިދާޅުވީ "ނާޞިރު" ކަމަށެވެ. ނަމަވެސް އޭނާގެ އެކުވެރިޔާ އަވަސްއަވަށް އޭނާ ތައާރަފް ކޮށްދެއްވީ "އަލްބާނީ"ގެ ނަމުންނެވެ.

އަލްބާނީއަކީ، ޒަމާނުގެ އެންމެ މޮޅު ޢިލްމުވެރިޔާއެވެ.

ނާސިރުގެ އާއިލާއިން އަލްބޭނިޔާ ދޫކޮށް ހިޖުރަ ކުރީ، އޭނާގެ އުމުރުން ގާތްގަނޑަކަށް 8 އަހަރުގައެވެ. އެއިރު ފުރަތަމަ ބޮނޑު ހަނގުރާމަ އޮތީ ނިމިފައެވެ. އޭނާގެ ބައްޕައާއި އޭނާއާއި، އޭނާގެ ފަސް ބޭބެއާއި، އޭނާގެ ހަމައެކަނި އަންހެން ކޮއްކޮ "ވަޙީދާ" އާއެކު ދިމިޝްޤަށް ހިޖުރަ ކުރެއްވި އެވެ.

ނާޞިރުއްދީން އަލްބާނީގެ ބައްޕައަކީ ހަނަފީ މަޛްހަބުގެ ފިޤުހުގެ ފުންނާބު އުސް ދަންނަބޭކަލެކެވެ. އެހެންވެ، ތުއްޕުޅު އިރުއްސުރެން، ނާޞިރުއަށް ފިޤުހު ޢިލްމާއި ޢަރަބި ބަސް އުގަންނަވައި ދެއްވިއެވެ.

ދިމިޝްގުގައި މި ޢާއިލާ ދިރިއުޅުނީ، އަރްނާއޫޠު އަވަށުގައެވެ. އެއަވަށަކީ، އޭގެ ސަތޭކަ އަހަރު ކުރިން އަލްބޭނިއާ ދޫކޮށް ހިޖުރަ ކުރި ގިނަ އާއިލާތަކުން ދިރިއުޅެމުން ދިޔަ އަވަށެކެވެ.

ނާޞިރުއްދީން ދުވަސް ކޮޅަކަށް އަރުނާއޫޠުގެ ސްކޫލަކަށް ކިޔަވައި ވިދާޅުވާން ވަޑައިގަތެވެ. ނަމަވެސް އޭނާ ތަޢުލީމު ފުރިހަމަ ކުރެއްވީ އޭނާގެ ބައްޕަ އަރިހުންނެވެ.

ޒުވާން ދުވަސްވަރު ނާޞިރުއްދީން ބޭނުންފުޅުވީ، ވަޑާމުގެ މަސައްކަތުގައި ކުރިއަށް ވަޑައިގަންނަވާށެވެ. ނަމަވެސް އެއީ އޭނާ އެންމެ ގަޔާވެ ވަޑައިގަންނަވާ ހުނަރު ކަމަކަށް ނުވިއެވެ.

ފަހުން އޭނާ މަސައްކަތް ކުރެއްވީ އޭނާގެ ބައްޕަގެ ގަޑި ފިހާރައިގައެވެ. މިއީ ބައްޕަ ގަޑި މަރާމާތު ކުރާ ދުއްކާނެވެ. ނާޞިރުއްދީން އެތައް އަހަރެއް ވަންދެން އެމަސައްކަތުގައި އުޅުއްވިއެވެ.

ޒުވާން ދުވަސްވަރު، ނާޞިރުއްދީނަށް އެންމެ ކަމުދާ ލިޔުންތަކަކަށްވީ އެދުވަސްވަރު އަރަބި ދުނިޔޭގެ އެންމެ މަޝްހޫރު އަލްމަނާރު މަޖައްލާއެވެ. މިއީ މިސްރުގެ ރަޝީދު ރިޟާ ޝާޢިއު ކުރައްވަމުން ގެންދެވި އިސްލާމީ ފިކުރީ މަޖައްލާއެކެވެ.

އޭނާގެ ފިކުރު ބަދަލުކޮށްލައި އިސްލާމީ ހޭލުންތެރިކަމެއް އަލްމަނާރުން އުފައްދައި ދިން އިރު، ދިރުއުޅުން ބަދަލުކޮށްލުމަށް އެންމެ ބޮޑު އެހީއަކަށް ވެގެން ދިޔައީ ގަޑި ހަދާ ދުއްކާނު ކައިރީގައި ހުރި، އައްޒާހިރިއްޔާ ލައިބްރަރީއެވެ. 20 ވަނަ ގަރުނުގައި ހަދީޘް ޢިލްމަށް އެންމެ މޮޅު މުޙައްދިޘް އުފައްދައި ދިނީ މި ލައިބްރަރީ އިންނެވެ.

ކޮންމެ ދުވަހަކުވެސް 3 ގަޑިއިރުވަންދެން އާމްދަނީ ހޯއްދެވުމަށް ދުއްކާނުގައި އޭނާ ވަގުތު ހޭދަ ކުރައްވައެވެ. އެއަށްފަހު، ހުރިހައި ވަގުތެއް އޭނާ ހޭދަ ކުރައްވަނީ ލައިބްރަރީގައެވެ.

އޭނާގެ އެންމެ ފުރަތަމަ ފިކުރީ މަސައްކަތަކީ، މިސްކިތްތަކުގައި މަހާނަ ހެދުމާ ދެކޮޅަށް އޭނާ ލިޔުއްވި تحذير الساجد من اتخاذ القبور مساجد ފޮތެވެ. މި ފޮތުން ދޭހަވާ ފަދައިން ޝެއިޚު ނާޞިރުއްދީނަކީ ސަލަފީ ފިކުރުގެ ބޭފުޅެކެވެ، ނަމަވެސް މިނިވަން ކަމާއެކު އޭނާގެ ވިސްނުން ގެންގުޅުއްވިއެވެ.

ފަހުން ނާޞިރުއްދީން ވަނީ، މަދީނާގެ އިސްލާމީ ޔުނިވަރސިޓީގައި ހަދީޘް އިމްލުގެ ޕްރޮފެސަރެއްގެ ހައިސިއްޔަތުން 3 އަހަރު ދުވަހަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އޭނާގެ ވަގުތުތައް ހޭދަ ކުރެއްވީ، ޙަދީޘް ފޮތްތައް އިސްލާޙު ކުރައްވައި އަލުން ޗާޕުކުރުމުގެ މަޝްރޫޢުތަކުގައެވެ. އޭގެ އިތުރުން އޭނާ ދީނީ ދަރުސްތައްވެސް ދެއްވިއެވެ. ޖީލެއް ބިނާ ކުރެއްވިއެވެ. ސީރިޔާގެ ކަންކޮޅުތަކުގައި ދަތުރު ކުރައްވައި އިސްލާމް ދީނަށް އޭނާ ޚިދުމަތް ކުރެއްވިއެވެ. އެހެންވެ، ސީރިޔާގެ ކޮންމެ ސިޓީއަކުން ވެސް ނާޞިރުއްދީންގެ ދަރިވަރުން ފެނުމަކީ އާދައިގެ ކަމެކެވެ.

އޭނާގެ ދީނީ ޢިލްމީ މަސައްކަތާ ހެދި ދަންވަރު އޭނާގެ ގޭގެ ދޮރުގައި ޖާސޫސީ އިދާރާތަކުން ޓަކިޖެހުންވެސް އާންމު ކަމަކަށް ވިއެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ގެއަށް ޒިޔާރަތް ކުރާ މީހުން މަދުކޮށް އޭނާގެ ހަރަކާތްތައް ލިމިޓް ކުރުމަށް ސޫރިޔާ ސަރުކާރުން މަޖުބޫރު ކުރިއެވެ.

އެއަށްފަހު ނާޞިރުއްދީން ފޯނާއި، އޯޑިއޯ ރެކޯޑިން މެދުވެރިކުރައްވައި ދަރުސްތައް ކުރިއަށް ގެންދެވިއެވެ.

ސޫރިޔާގައި ޝެއިޚުގެ މަސައްކަތަށް ސަރުކާރުން ހުރަސް އަޅައި ޖާސޫސުން ފާރަލާން ފެށުމުން، ދިމިޝްޤް ދޫކުރައްވައި ޝެއިޚު އުރުދުންއަށް މިސްރާބު ޖެއްސެވިއެވެ.

ޝެއިޚު މަޑު ކުރެއްވީ އޭނާގެ އެކުވެރިޔާ ޝެއިޚު މުޙައްމަދު ޝަޤްރާގެ މެހުމާން ދާރީގައެވެ. އަދ އޭނާގެ ގާތް އެކުވެރިޔާ މޮރިޓޭނިއާގެ މުޙައްމަދު އަޙުމަދުއްސާލިކުގެ އެހީތެރިކަންވެސް އެފައްތަރުގައި ޝެއިޚަށް ލިބިވަޑައިގަތެވެ.

ސޫރިޔާގައި އިޚުވާނުލްމުސްލިމޫންގެ ފަރާތުން ދިމާވިފަދަ އުދަގޫތައް، އުރުދުންގެ އިޚުވާނުގެ ފަރާތުންވެސް އޭނާއަށް ކުރިމަތިވެ ވަޑައިގަތެވެ. އަދި އިސްލާމީ ފިކުރީ ފަރާތްތަކާ އެކު ޝެއިޚު ހޫނު ބަހުސްތަކެއް ކުރެއްވިއެވެ. މިބަހުސްތަކަކީ ދީނީ ތަޢައްސުބެއް ނެތި ޢިލްމީ ގޮތަށް ކުރިއަށް ގެންދިޔަ ބަހުސްތަކެއް ކަމަށް ޝެއިޚަށް ތާއިދު ކުރާ ފަރާތްތަކާއި ވާދަވެރިންވެސް ހެކި ދެއެވެ.

އުރުދުންގެ ވެރިރަށް އައްމާނުގައި ޝެއިޚު ނާޞިރުއްދީންގެ ދަރިކަނބަލުންގެ ކައިވެނި ހަމަޖެއްސެވިއެވެ. އަނީސާ ނާޞިރު ކައިވެނި ބައްލަވައި ގަތީ، ޝެއިޚުގެ ދަރިވަރު ނިޒާމް ސައްކިޖާ އާއެވެ. އަދި ޢައްމާނާއި ދިމިޝްޤާ ދެމެދު ދަތުރު ކުރައްވައި އުޅުއްވިއެވެ. ނަމަވެސް 1980 ވަނަ އަހަރު ޝެއިޚު ނިންމެވީ ދިމިޝްޤް ދޫކުރައްވައި ޢައްމާނަށް އެއްކޮށް ހިޖުރަ ކުރެއްވުމަށެވެ.

އެ ދުވަސްވަރަކީ ޝެއިޚަށް ދިރިއުޅުން ދަތިވި ދުވަސްވަރެކެވެ. އޭނާގެ އަނބިކަނބަލުންނަކީ ޚަރަދު ބޮޑު ބޭފުޅެކެވެ. އަދި ޝެއިޚުގެ އާމްދަނީގެ މަސްދަރުކަމަށްވާ އޭނާގެ ފޮތްތެރިކަމާއި ފޮތްތަކަކީ އަނބިކަމަނާއަށް އެންމެ އުދަގޫވާ ކަންތައްތައް ކަމުގައިވެސް ވިއެވެ.

އަނބިކަނބަލުންގެ ލަގްޒަރީ ދިރިއުޅުން ދޫކުރައްވައި ޝެއިޚުގެ ފޮތްތަކާއެކު އޭނާ އުރުދުންއަށް ބަދަލުވެ ވަޑައިގަތީއެވެ. ގަތް ބޭފުޅުން ވިދާޅުވަނީ އެބޭފުޅުން އެފޮތްތައް އުފުއްލެވީ ބަސްތާ ބަސްތާތަކުގައެވެ.

މާތްﷲގެ ރަޙުމަތްފުޅާއެކު ޢައްމާންގައި ޝެއިޚުގެ ދިރިއުޅުން ކުރިއަށް ވުރެން އުޖާލާވެ ތަނަވަސްވިއެވެ. އައްމާނުގައި އަވަހާރަވުމާ ހަމައަށް ޝެއިޚާއެކު ހުންނެވީ، އޭނާގެ ދެވަނަ އަނބިކަނބަލުން އުއްމުލްފަޟުލު އަލްޢާބިދީން އެވެ. ހެޔޮލަފާ އަނބިކަމަނާއެކެވެ.

އުރުދުންގައި ޝެއިޚު އުޅުއްވަމުން ގެންދަވަނިކޮށް، އައްމާންގެ ޖާސޫސީ އިދާރާއިން ވެސް ދަންވަރު ޝެއިޚުގެ ގޭގައި ޓަކިޖަހައި ޒިޔާރަތް ކުރުން އާންމު ވިއެވެ. އެއްދުވަހަކު އޭނާ މިސްކިތަށް ވަޑައިގަންނަވަނިކޮށް ޖާސޫސީ އިދާރާގެ ބަޔަކު އޭނާ އުޅަނދަކަށް ލައިގެން، ސީރިޔާ ބޯޑަރަށް ބޭރުކޮށްލިއެވެ. އަދި އަންހެނުންނަކީ އުރުދުންގެ މީހެއްކަމަށާއި ސައްހަ ވިސާއާއާއި ލިޔެކިޔުންތަކާއެކު ދިރިއުޅެނީ ކަމަށް ވިދާޅުވި ވާހަކަތައްވެސް އެމީހުން ޤަބޫލެއް ނުކުރިއެވެ. އޭނާ ބޯޑަރު މައްޗަށް އެއްލައިލީ ހަމައެކަނި ކާކުކަން އަންގައިދޭ ކާޑާ އެކުގައެވެ.

އެއަށްފަހު ޝެއިޚު ބެއިރޫތަށް ވަޑައިގަތެވެ. އަދި އެތަނުން ގަލްފްގެ ޤައުމުތަކަށް ވަޑައިގަތެވެ. އަދި ޒަމާނުގެ އެންމެ ބޮޑެތި ޢިލްމުވެރިންނާ އޭނާއާ ބައްދަލުވެ ވަޑައިގަތެވެ.

ޝެއިޚަކީ، އީރާނުގެ އިސްލާމީ އިންގިލާބާ ދެކޮޅަށް ވާހަކަ ދެއްކެވި ބޭފުޅެކެވެ.

ދުނިޔޭގެ ލައްޒަތާއި ޖާހު ޝެއިޚަށް މުހިންމު ކަމަކަށް ނުވިއެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ ޙަދީޘް ފޮތްތައް މުޠާލިޢާ ކުރައްވައި، އޭގެ ހަދީޘްތަކުގެ ޞައްޙަ ކަން ކަށަވަރު ކުރެއްވުމެވެ. ޞަޙީޙް މުސްލިމް އާއި ބުޚާރީ ވެސް އޭނާ ޚުލާޞާ ކުރެއްވިއެވެ.

ގަލްފްގެ ޤައުމުތަކަށް އޭނާ ކުރެއްވި ދަތުރުފުޅުގައި ޝެއިޚު ޔޫސުފުލް ޤަރަޟާވީއާއި މުޙައްމަދުލް ޣަޒާލީ، އަދި ޢަބްދުالله އަލް އަންސާރީއާ ބައްދަލު ވެވަޑައިގަތެވެ. މި ބޭބޭފުޅުންނަކީ ޒަމާނުގެ އެންމެ ބޮޑެތި ޢިލްމުވެރިންނެވެ.

އުރުދުންގައި އީރާންގެ އިންގިލާބަށް މީޙުންގެ ފޯރި ގަދަވުމުން، ރަސްކަމަށް ލޮޅުމެއް އަރާފާނެތީ، އުރުދުންގެ ހުސެއިން ރަސްގެފާނު ދަންނަބޭކަލުންނާ މަޝްވަރާ ކުރެއއްވިއެވެ. އަދި އެބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަތް އެއް ބޭފުޅަކީ ޝެއިޚު މުޙައްމަދު ޝަޤްރާއެވެ. ރަސްގެފާނަށް އޭނާ ހުށަހެޅުއްވީ ޝެއިޚު ނާޞިރުއްދީން އަލްބާނީ އުރުދުންއަށް ވަޑައިގަތުމަށް ދައުވަތު ދެއްވުމަށެވެ.

ކުރިން ޖާސުސީ އިދާރާއިން ނިކަމެތި ކަމާއެކު ޑިޕޯޓު ކޮށްލި ޝެއިޚު އުރުދުންއަށް ވަޑައިގަތީ ޝާހީ ދައުވަތަކާއެކުގައެވެ.

އޭގެ ކުރިން ޝެއިޚު ބެއިރުތުގައި 2 މަސް އަދި ގަލްފްގައި 9 މަސް ހޭދަ ކުރެއްވިއެވެ.

ޝެއިޚުގެ ފިކުރީ މަސައްކަތުން އޭނާއަށް ތަނަސް އާމްދަނީއެއް ﷲ މިންވަރު ކުރެއްވިއެވެ. ނަމަވެސް އޭނާ ދުވަސްތައް ހޭދަކުރެއްވީ ތަޤްވާ ވެރިއެއްގެ ގޮތުގައެވެ. ގިނަ ދުވަސްދުވަހު ރޯއަށް ހުންނަވައެވެ. އެއްފަހަރަކު 40 ދުވަސް ވަންދެން ރޯދަ ހުންނެވި ކަމަށް ވެއެވެ.

ޝެއިޚު ނާޞިރުއްދީނަކީ، ސުންނަތާއި ޙަދީޘާއި ގުޅުންހުރި ހުރިހާ ކަމެއްގައި ވަރަށް ޖަޒުބާތީ ބޭފުޅެކެވެ. އޭނާގެ ޒަމާނުގެ އެންމެ ބޮޑު ޙަދީޘް ޢިލްމުވެރިންކަމަށްވާ އިބްނު ބާޒާއި އިބްނު އުޘައިމީން އަދި ޢަލީ އަލްތަންތާވީ ފަދަ ބޭފުޅުންވެސް ޝެއިޚު ނާޞިރުއްދީނަކީ، ޙަދީޘް އިލްމުގެ އިސްލާމީ އެންސައިކްލޯޕީޑިއާއެއް ކަމަށް ހެދި ދެއްވައެވެ.

ޝެއިޚު ނާޞިރުއްދީން މި ދިނިޔެ ދޫކުރެއްވީ 1999 ވަނަ އަހަރު އެވެ.

އޭނާ އަވަހާރަވިއިރު، އޭނާ ހިނެވުމުގެ ކަންކަމާއި ޖަނާޒާއަށް ހޭދަ ކުރާނެ ފައިސާ ކަނޑައަޅުއްވާފައި ހުއްޓެވެ. އަދި އޭނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނީ، އޭނާގެ އަވަށްޓެރިޔާ އަދި ދަރިވަރު ޢައްޒާ ޚަޞްރު ކަމަށް ވަޞިއްޔަތް ކުރެއްވިއެވެ. ޢިޝާ ނަމާދަށްފަހު ޝެއިޚަށް ކަށުނަމާދު ކުރެއްވީ މުޙައްމަދު ޝަޤްރާ އެވެ.