ސައޫދީ އަރަބިއްޔާއިން ބޭނުންވީ އެމެރިކާއާއެކު ދިފާޢީ މުއާހަދާއަކަށް ދާށެވެ. އަދި މުޤާބިލުގައި އެމެރިކާގެ މޮޅެތި ހަތިޔާރު ލިބިގަންނާށެވެ. ނަމަވެސް މެދުއިރުމައްޗާއި ދުނިޔޭގައި ބަދަލު ވަމުންދާ މަސްރަޙަށް ބަލައި ސައޫދީ އަރަބިއްޔާއިން ވަނީ ސިޔާސަތާއި ނިޔަތް ބަދަލު ކޮށްފައެވެ.

ސައޫދީއަށް ކުރިން އެމެރިކާގެ ދިފާއީ މުއާހަދާއެއް މުހިންމު ވެފައި އޮތް މިންވަރުން ސައޫދީ މަސްއޫލުވެރިންނާ ޙަވާލާދީ ރޮއެޓާޒްއިން ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނެފައި ވަނީ އިޒްރޭލުން ދެ ދައުލަތުގެ ހައްލަށް އާނ ބަސް ބުނުންވެސް އިޒްރޭލާއެކު ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށް ކުރިން ސައޫދީއަށް ފުދުނީހެވެ. އަދި އެއަށްފަހު އިނާމެއްގެ ގޮތުން އެމެރިކާގެ އަސްކަރީ ބަރު ހަތިޔާރު ލިބޭ އަސްކަރީ މުއާހަދާ އެއްގައި އެމެރިކާއާއެކު ސޮއިކުރުމެވެ.

ނަމަވެސް އިޒްރޭލުގެ އުދުވާނާއި އިޒްރޭލުގެ ނިޔަތާއި ހަމަނުޖެހުން އުފެއްދުމާއި ފަސާދަ ކުރުމުގެ ޔަހޫދީ ގާބިލުކަން ސައޫދީއަށް ވަޒަން ކުރުމުން ސައޫދީން ވަނީ ސިޔާސަތަށް ބަދަލެއް ގެނަސްފައެވެ. ސައޫދީން ބުނެފައި ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމް ނުކުރެވޭހައި ހިނދަކު އިޒްރޭލާއެކު ގުޅުން އުފެއްދުމެއް ނޯންނާނެ ކަމަށެވެ.

ސައޫދީން މި ބަދަލު ގެނައީ ދެތިން ކަމަކަށް ރިއާޔަތް ކޮށެވެ.

މީޑިއާއި މީސްމީޑިއާއި ޚިޔާލު ފާޅުކުރުން ސައޫދީ ސަރުކާރުން ކޮންޓްރޯލުކޮށް ޚުޠުބާތައް ކޮންޓްރޯލު ކޮށްފައިވާ އިރުވެސް ފަލަސްޠީނާއި ޤުދުސްއާ މެދު ސައޫދީ މުސްލިމުންގެ ޖަޒުބާތީ މިންވަރު ކުޑަވެފައެއް ނުވެއެވެ.

އަނެއްކޮޅުން ޗައިނާއިން މެދުވެރިއަކަށް ވެގެން ސައޫދީން ވަނީ އީރާނާއެކު ސުލްހަ ވެފައެވެ. އަދި އެ ސުލްހައިން ސައޫދީއަށް އައު އީރާނެއް ފެނިގެން ދިޔައެވެ. ކުރިން މީޑިއާއިން ކުރަހައިދިން މަންޒަރަށް ވުރެން މަޑުމައިތިރި މުއާމަލާތު ކުރަން ފަސޭހަ އީރާނެކެވެ. އަދި ވިޔަފާރީގެ ފުރުސަތު ބޮޑު އީރާނެކެވެ.

ތިން ވަނަކަމަށް ސައޫދީންނަށް ފެނިގެން ދިޔައީ 40 އެތައް އަހަރު ވަންދެން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް އިރުވެސް އީރާނުގެ އަސްކަރީ ޓެކްނޮލޮޖީއާއި ފަޒާގެ ޓެކްނޮލޮޖީ ތަރައްގީ ވެގެން ދިޔަ މިންވަރެވެ. އަދި މިއީ އެމެރިކާއާ ބަގަލް ގީރުކުރަމުން ދިޔަ އެއްވެސް އަރަބި ގައުމަކަށް މިހާތަނަށް ތަރައްގީ ކުރެވިފައި ނުވާ އަދި ޚިޔާލަށްވެސް ނުގެނެވޭ ވަރުގެ ތަރައްގީ އެކެވެ.

ރޮއިޓާޒްއާ ވާހަކަ ދެއްކި ސައޫދީ ދެ މަސްއޫލުވެރިންނާއި އެމެރިކާގެ 4 މަސްއޫލުވެރިއަކު ވިދާޅުވީ އެމެރިކާގެ ފަރާތުން ސައޫދީ ސަރުކާރުން މިހާރު އަސްކަރީ ގެރެންޓީއެއް ބޭނުމެއް ނޫން ކަމަށެވެ. އަދި ސައޫދީން ބުނެފައި ވަނީ އެމެރިކާގެ ބަރުހަތިޔާރު ހޯދުމަށް ވުރެން އާދައިގެ ހަތިޔާރު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އަނެއްކޮޅުން ސައޫދީން މިއަހަރުގެ ބަޖެޓްގައިވެސް ސަމާލުކަން ދެމުން ދަނީ އުމުރާނީ ތަރައްޤީއަށެވެ. އަދި ފާސްކޮށްފައިވަނީ ދުރުރާސްތާގެ ގައުމީ ތަރައްގީގެ މާރެސް ހާސިލު ކުރުމަށް މުހިންމު ބަޖެޓެކެވެ.

އެހެންވެ އެމެރިކާއަށް މިވަގުތަށް ޖެހޭނީ އަތް އުރާލައުގެން ރިޔާޟްގެ އައު ސިޔާސަތަކަށް ފާރައަށް ތިބޭށެވެ.