ދޮރު ހުޅުވާލުމާއެކު ސިޓިންރޫމުން ފުރޭނިގެން އައި އަލިން އަޒިކިޔަލްއަށް އުނދަގޫވެގެން ބަލާލެވުނެވެ. ކޮޓަރިތެރެއަށް ވަދެގެން އައި ޔޫނުސް ބޮކިތައް ޖައްސަމުން އަޒިކިޔަލްއަށް ގޮވާލި ނަމަވެސް އޭނާ މާބޮޑަކަށް އަޅާލިތަނެއް ނުފެނެއެވެ. ކައިރީގައި އައިސް އިށީނުމަށްފަހު އުއްޑުން އޮތް އަޒިކިޔަލްގެ ގައިގައި ޔޫނުސް މަޑުމަޑުން އަތް ޖައްސާލިއެވެ.
"ހުން އައިއްސަތަ ތިއޮތީ؟" އަޒިކިޔަލްގެ ގައިގައި އަތް ޖައްސާލުމާއެކު ހޫނުކަން އިހްސާސްވެ ޔޫނުސް އަހާލިއެވެ.
"ނޭނގެ." ފަރުވާކުޑަ ރާގަކަށް ދެ ކޮނޑު އަރުވާލަމުން އަޒިކިޔަލް ބުނެލިއެވެ. "ކިހިނެތްވީ ތި އައީ؟" އޮތްގޮތް ބަދަލުކޮށްލާ ޔޫނުސްއާއި ދިމަ ބަލާލަމުން އަޒިކިޔަލް އަހާލިއެވެ.
އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެސް އަޒިކިޔަލްއަށް އައިސްފައިވާ ބަދަލު ޔޫނުސްއަށް ފާހަގަވިއެވެ. ރަތްކަން ވެރިވެފައިވި ދެ ލޮލާއި ދިރުން ކެނޑިފައިވި މޫނުގެ އަސަރުތަކުން އޭނާ ތަހައްމަލުކުރަމުންދާ ކަންކަން ރަމްޒުކޮށްދޭފަދައެވެ.
"ހާލު ބަލާކަށްނު މި އައީ... އަސްލު މި އައީ ވަރަށް މުހިންމު ވާހަކައެއް ވެސް ހިފައިގެން. އަހަންނަށް ވެސް ވަރަށް އުނދަގޫވި ގަބޫލުކުރަން. ކޮންމެހެންވެސް އަޒިކިޔަލްއަށް އެނގެންޖެހޭ ކަމެއްހެން ހީވާތީވެ." ޔޫނުސްގެ މޫނުމަތީން ދައްކަން އުޅޭ ވާހަކައިގެ މުހިންމުކަން އިހްސާސްވެ އަޒިކިޔަލް އުނދަގުލުން ތެދުވެ ހަށިގަނޑު ސީދާކޮށްލިއެވެ.
އޭނާގެ ގައިގައި ވެސް ރިއްސަނީ އިންތިހާއަށެވެ. ކަންކަމާ ވިސްނި ވަރަކަށް އޭނާގެ ހަށިގަނޑުގެ ވަރުދެރަވަނީއެވެ. ދެތިން މިނެޓުގެ ތެރޭ އޭނާ ބިނާކުރަމުންދިޔަ ހުވަފެނީ ގަނޑުވަރު ބިލާހަކަށްވެ އެ ހުވަފެނުން ހޭލެވުންއިރު އޭނާގެ ގައިގައި އިތުރު ކަމަކާ ކުރިމަތިލާނޭ ހިތްވަރުނެތި ބަލިކަށިކޮށްލައިފިއެވެ.
އިށީނދެ ހަމަޖެހިލި އަޒިކިޔަލްއަށް ބަލަހައްޓައިގެން އިނުމަށްފަހު ޔޫނުސް ފުން ނޭވާއެއް ދޫކޮށްލިއެވެ. "އަހަރެން އޭރު ގޮސްފަ ވަރަށް ވިސްނިން. ހަގީގަތުގަ އަހަންނަށް ގަބޫލުކުރަން ދަތިވި އަޒިކިޔަލް އެ ފަދަ ގޮތަކަށް އުޅެފާނެ ކަމަކަށް. އެކަމަކު އެއަށްވުރެ އަޖައިބުވީ ކަންތައް ހިނގައިދިޔަ ގޮތް ޔަޒާގެ ދުލުން އިވުނީމަ" ދުރުދުރުން ޔޫނުސް ވާހަކަފެށުމާއެކު އަޒިކިޔަލްގެ ދެ ބުމަ ގާތްވެއްޖެއެވެ.
"މާނައަކީ؟" ސީދާ ވީގޮތް ކިޔައިދޭށޭ ބުނާފަދައިން ކެތްތެރިކަންކުޑަ ރާގެއްގައި އަޒިކިޔަލް ރައްދުދިނެވެ.
"އަހަރެން ދަންވަރު ފެންފުޅިއެއް ބަލައި ނިކުތް ވަގުތު އެއީ. ބަދިގޭގައި މީހަކު އުޅޭ ކަމެއް އަހަރެން ނުދެނަހުރީން. އަޑުއަހާކަށް ނޫންހުރީ. އެކަމަކު މާ ދަންގަޑިއެއްގައި ޔަޒާ މީހަކާ ދެބަސްވާ އަޑު ބަދިގެތެރެއިން އިވޭތީ ބޭރުގައި ނުވަދެ މަޑުކުރީ. ޔަޒާގެ ޒާތީ ކަމަކަށް ވެދާނެތީ ތަން ދޫކޮށްފަ ދާންއުޅުނު ވަގުތު ޔުއާނާގެ ނަން އިވުނީމަ އަހަރެން ހައިރާންވި. ދެން އިވުނީ އަޝްބާއަށް ޔަޒާ ގޮވި އަޑު. ތިމަންނައަށް ނޭނގި އޮޅުވާލުމެއްގެ ތެރޭގައި ބަހައްޓައިގެން ދެ ލޯބިވެރީންގެ ދެމެދަށޭ ތިވަނީ ބުނި ހިސާބުން އަހަރެންގެ މެޔަށް ފިނިވިގޮތް ބުނެދޭން ވެސް ނޭނގެ" ޔޫނުސް ބުނެލި ޖުމްލައިން އަޒިކިޔަލްއަށް ސިހިފައި ބަލާލެވުނެވެ.
އަޒިކިޔަލްގެ ސިކުނޑީގައި އެނބުރިގަތީ އެ ދުވަހު ކަންހިނގައިދިޔަ ގޮތެވެ. ދަތްތަކަށް ބާރުވެ ރުޅިވެރިކަން ހިތަށް ވެރިވިހިނދު އަޒިކިޔަލްއަށް ދެ އަތުން މޫނުގައި ފިރުމާލެވުނެވެ.
"އެ ވަގުތު އަހަރެންގެ ޖީބުގައި އޮތް ފޯނު ރިންގުވީ. ޔަޒާއަށް އެ އަޑު އިވިގެން އަހަރެން ކައިރިއަށް އައީމަ އަހަރެން ސުވާލުކުރިން ކޮން ވާހަކަތަކެއްތޯ އެ ދެ މީހުން ދައްކަނީ. ސުވާލު ނުނިމެނީސް ޔަޒާ ފެށީ ރޯން..." ދެއަތްދެއަތާއި އަތް ހާކަމުން ޔޫނުސް ކިޔައިދިނެވެ.
"އޭނާ ހަމައަކަށް އެޅިފަ ކިޔައިދިން. އަހަރެމެން ރަންކިޔާ ހަފްލާއިން ދިމާވެ އަޝަލްއާއި އަޝްބާ ފަހުން ވަރަށް ބައްދަލުކުރާ ވާހަކަ ބުނި. ދެމީހުން ރޭވީ ކޮންކަހަލަ ކަންތައްތަކެއް ކަމެއް ސީދާ ޔަޒާ ކައިރިއަކު ނުބުނެ. އެކަމަކު ޔަޒާ ކައިރި ބުނެފަ އޮތީ ތި ދެމީހުން މިހާރު ވަރިވެފައޭ ތިބީ. އެހެންވެއޭ ދެމީހުން އެއްތާކު ދިރިނޫޅެނީ. އެފަދަ އޮޅުމެއް އަރާފާނެ. ބައެއްފަހަރު އަހަރެން ވެސް ހިތަށްއަރާ ތިދެމީހުން ތިއުޅެނީ އިނދެގެންބާއޭ." ޔޫނުސް ބުނެލިއެވެ.
"އަޝްބާ ޔަޒާ ކައިރިން އެދުނީ ޔުއާނާ އެ ގަޑިޔަށް ގެއިން ނެރިލާށޭ. ތިމަންނަ ވަރަށް މުހިންމު ކަމެއް ކުރަން އެބައޮތޭ. މާފަހުން ޔަޒާއަށް ވެސް އޮޅުވާލައިގެން އަޝަލް އައިސްހުރިތަން ފެނިގެން އަޝްބާއަށް ކުޑަކޮށް ފާރަލީމައޯ އެނގުނީ ރާވައިގެން ކުރިކަމެއްކަން. އަޝްބާ ބޭނުންވީ ޔުއާނާގެ ހިތުގައި ޝަައްކު އުފެދޭވަރު މަންޒަރެއް ދައްކަން. ދެން ބުނެބަލަ... ސީދާ ވީގޮތެއް އަހަންނަށް އަދިވެސް އޮޅުމެއްނުފިލަ. ކިހިނެތްތަ އަސްލު ވީ؟" އަޒިކިޔަލްގެ ކޮނޑުގައި ޖަހާލަމުން ޔޫނުސް ބުނެލިއެވެ. ނަމަވެސް އަޒިކިޔަލްގެ ފަރާތުން ފެނުނީ ހިމޭންކަމެވެ.
އެއްޗެކޭ ނުބުނެދިޔަ ހިމޭން ހިނދުކޮޅަކަށްފަހު ޔޫނުސްއަށް ދާންޖެހުނީއެވެ. " މަންމަ ގުޅައިފި.. ޔުމްް މެން ގެއަށް ކާން މިދަނީ. އަޔާޝް ދޮންބެމެން އައިމަ ގުޅުން ބަދަހި ކުރަނިއްޔޯ. އަހަންނާއެކީ ދާންވީނު" ޔޫނުސްގެ ބުނުމަށް އަޒިކިޔަލް ބޯހޫރާލިއެވެ.
މާޔޫސްކަމުގެ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޔޫނުަސް ނިކުތީ އަޒިކިޔަލްގެ ކޮނޑުގައި ޖަހާލިއެވެ. ލެއްޕިގެންދިޔަ ކޮޓަރީގެ ދޮރަށް ބަލާލުމަށްފަހު އަޒިކިޔަލް އަނެއްކާވެސް އިހު އޮތްހެން އޮށޯއޮތީއެވެ. އޭނާގެ ބޮލުގެ ރިހުން ހައްތަހާ ގަދަވެއްޖެއެވެ. ކޮންމެގޮތަކަށް ކަންހިނގި ކަމުގައިވިޔަސް އަމިއްލަ ނަފްސު ކުށްވެރިކަމުގެ ކަސްތޮޅުގައި ބަނދެވެނީއެވެ.
މެންދުރު ކެއުމަށް އައިސް އުޅުނު ޔޫނުސްގެ އާއިލާ ގެއިން ދިޔައީ އިރުއޮށްސެން ގާތްވެފައި ވަނިކޮށެވެ. ގޭތެރޭގައި ހިފާފައިވި ލުއި ހުނުންތަކުގެ އަޑު ކެނޑި ހަމަހިމޭންވެގެންދިޔައީ ބަންގިއަށް އެންމެން ކޮޓަރިތަކަށް ވަދުމުންނެވެ. މިސްކިތަށް ދިއުމަށް ތުއްތު ޔޫހް ރީތިކުރުމަށްފަހު ހިންދެމިލި ޔުއާނާއަށް ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ.
ކާކުތޯ ބަލާލަން ފޯނު ހުޅުވާލި ނަަމަވެސް ބޭރުން އިވުނު އަޔާޝްގެ އަޑަށް މަޑު ފެހިކުލައިގެ ގަމީސްކޮޅަކާއި މަޑު ނޫކުލައިގެ ޖިންސެއްގައި އިން ފުއްކޮޅެއްފަދަ ޔޫހް ގޮވައިގެން ނިކުތީއެވެ. ނަމާދުކުރަން މިސްކިތަށް ދެވޭތީ ކުދިކުދި ދަތްތައް ދައްކާލައިގެން އިން ޔޫހްގެ ކޮލުގައި ހިފާލަމުން ޔުއާނާ ސަމާސާކޮށްލިއެވެ.
"ފުރަތަމަ ފަހަރަށް މިސްކިތައް ދެވޭތީތަ އެހާ ފޮނިވެފަ ތީނީ" ޔުއާނާގެ ވާހަކައަށް ޔޫހް ބޯހޫރާލީއެވެ.
"ނޫން. ޔޫހް ދިޔައިން އައްކިބޭބެ އެކީ ވެސް މިއްކިތަށް" ތުންއޫކޮށްލަމުން ޔޫހް ބުނެލި ވާހަކައާ ސަބާނާ ވެސް ބައިވެލިއެވެ. "އެއީ ތެދެއް؟ ދެތިންފަހަރަކު ޔޫހް ގޮއްސި އަޒިކިޔަލް އާއެކީ ވެސް. ދޯ ދޫންޏާ.. ބަސްއަހައިގެން އިންނައްޗޭ އިނގޭ މިސްކިތުގަ. އަވަހަށް ދޭ ދެން." ކޮޓަރީގެ ދޮރު ހަނިކޮށް ހުޅުވައިގެންހުރެ ސަބާނާ ބުނެލީ އަޔާޝްގެ އުރުގައި އިން ޔޫހްއަށެވެ.
ދެބަފައިން ގެއިން ނިކުމެގެން ދިޔަތަން ބަލަންހުރުމަށްފަހު ސަބާނާ ގޮވާލީ ދުރުގައި ހުރި ޔުއާނާއަށެވެ." އާދެބަލަ ދަރިފުޅާ. މަންމަ ވާހަކައެއް ބުނަން." އަޒިކިޔަލްގެ ވާހަކަ އިވި ސިކުނޑި ފުރިގެންދިޔަ ޚިޔާލުތަކުން މޫނުގެ ކުލަ ފޭދިފައިހުރި ޔުއާނާގެ ހިތް ނުތަނަވަސްވިއެވެ. އަނެއްކާ މަންމަ ދައްކަން އުޅެނީ ކޮންކަހަލަ ވާހަކައެއްބާއެވެ.
ސަބާނާގެ ފަހަތުން ކޮޓަރިއަށް ވަދެގެން އައި ޔުއާނާއަށް އެނދުގައި އިށީންނަން އިޝާރާތްކުރުމަށްފަހު ސަބާނާ ވެސް އިށީނެވެ. "ދަރިފުޅާ... މަންމަ އެއްގޮތަކަށް ވެސް ދަރިފުޅުގެ ޒާތީ ދިރިއުޅުމަށް ފާޑުކިޔަނީކީ ނޫން. އެކަމަކު މަންމައަށް ހީވަނީ ކައިވެނިކޮށްގެން އުޅޭ ދެމަފިރިން އުޅެން އެންމެ ރަނގަޅުވަނީ އެކުގަހެން. ދިރިއުޅުން ކުރިއަށްދާނީ އެކަކު އަނެކަކަކީ ހަޔާތުގެ ހިއްސާއެއްކަން ބަލައިގަނެގެން މައްސަލައެއް ހުރިއްޔާ ހައްލުކޮށްގެން ވާހަކަދައްކައިގެން. މަންމަ އަށް ޔަގީންވާ ކަމަކީ ކޮންމެ މީހަކު ވެސް ކައިރީގަ އެކު އުޅޭނެ ބައިވެރިއަކު ބޭނުންވާނެކަން. ލޯބިވާނެ އަދި ލޯބިދޭނެ ބައިވެރިއެއް. މަންމަ ބޭނުމެއްނުވޭ ދަރިފުޅު ދަރިފުޅުގެ ބައިވެރިޔާއާއި ދުރުގައި ގިނަ ވަގުތު ހޭދަކުރާކަށް. ހަމަޔަގީނުން ވެސް މަންމައަށް އިޚުތިޔާރު އޮތްނަމަ ދަރިފުޅުގެ ބައްޕައާއެކު އަދި އެއް ދުވަސް ނަމަވެސް ހޭދަކޮށްލަން ބޭނުން."
ޔުއާނާގެ ބުރަކަށީގައި ފިރުމާލަމުން ސަބާނާ ދެއްކި ވާހަކަތައް އިވި ޔުއާނާއަށް ކުރެވުނުހާ ވެސް ކަމަކީ އަވަސްއަވަހަށް އެސްފިޔަ ޖަހާލުމެވެ. އޭނާގެ ދެ ލޮލަށް ބަރުވެއްޖެއެވެ. މަންމައަށް އެނގޭނެނަމަ އެހެނެއް ނުބުނާނެއެވެ. އޭނާ ވެސް އަޒިކިޔަލްއާއެކު ހަމަޖެހޭ ދިރިއުޅުމެއް އުޅެން ހާދަ ބޭނުމެވެ. އެފަދަ ދުވަސްތަކެއް ލިބުނީކަމަށް ހާދަ ހީކުރިއެވެ. ނަމަވެސް ތަގުދީރު އަނެއްކާ ވެސް ލާނެތް ސަމާސާއެއް އޭނާއާ ކޮށްފިއެވެ.
ބަނދަރުމަތީ އެންމެ ގަސް ބޯ ދިމާލުގައިހުރި ގަހެއްގައި ލެނގިލައިގެންހުރި އަޝަލް އިރުކޮޅަކާ މަގުގެ ދެފަރާތަށް ބަލައިލައެވެ. ފަސްވަރަކަށް މިނެޓު އެގޮތުގައި ހުރުމަށްފަހު އޭނާ ފޯނު ނަގައި މީހަަށް ގުޅަން ނަންބަރު ޖަހާލިއެވެ. އެވަގުތު ކުރިމައްޗަށް އައިސް ހުއްޓުނު އަޝްބާ ފެނި އޭނާ ފޯނު ތިރިކޮށްލީ އިންތިޒާރަށް ނިމުން އައި ފަދަ އަކުންނެވެ. "ކޮން ވާހަކައެއް ދައްކަން ބައްދަލުކުރަން ބުނީ؟" ދުރަށް ބަލަހައްޓައިގެންހުރެ އަޝްބާ ބުނެލީ ހަށަމަށް އަތް އަރުވަމުންނެވެ.
"އަހަންނަށް ހީވަނީ އަޝްބާ ގޮވައިގެން މިކަން ކުރަން އުޅެގެން އަހަރެން ކަންނޭނގެ އެންމެފަހުން ނުބައިވާނީ. މިހާރު ޔަޒާއަށް ހުރިހާ އެއްޗެއް ކިޔައިދިނީތަ؟ އަޝްބާގެ ބޮލެއް ނުހުރޭތަ؟" ނުރުހުން އެކުލެވޭ ރާގެއްގައި އަޝަލް ބުނެލިއެވެ.
"އަހަންނާ ދިމާލަށް ތިހެން ނުކިޔާ. އަހަރެން ބުނިގޮތް ނެހެދީމަ އަޝަލްއަށް ތިހެން ތިވީ. ކޮންމެގޮތެއްވިޔަސް އަހަރެމެން ބޭނުންވާގޮތް ވުމެއްނު މުހިންމީ." އަޝްބާގެ ވާހަކަ އަޑުއަހަންހުރި އަޝަލްގެ ބުމަ ކައިރިވިއެވެ.
"ދެން އަހަރެން ބޭނުމެއްނޫން. އަހަރެމެން ދެމީހުން އެކުގައި މިކަން ކުރަން އުޅެގެން ވާނެހެނެއް ހިއެއްނުވޭ. އެ ވާހަކަ ބުނަންވެގެން މި ގެނައީ. ދެން ދަނީ" އަޝްބާ ގޮވާލި އަޑު އިވުނު ނަމަވެސް އަޅާލުމެއްނެތި ބުނަން ބޭނުންވި އެއްޗެހި ބުނުމަށްފަހު އަޝަލް ހިނގައިގަތީއެވެ.
އެ ވަގުތު އެ ގަސްގަނޑު ތެރެއިން އެދެމީހުން ނިކުތް ތަން އަޅައިގަތީ ބަނދަރުމަތީހުރި މިސްކިތުން ނިކުތް އަޔާޝްއަށެވެ. އެ މިސްކިތަށް ޔޫހް އަދި ނާންނަ ވާހަކަ ބުނުމުން ގެއާ ދުރު ނަމަވެސް އަޔާޝް އެ ތަނަށް އައީ ޔޫހްއަށް މިސްކިތް ދައްކާލުމަށެވެ. އެއްގޮތަކަށް ވެސް އެފަދަ މަންޒަރެއް ފެނިދާނެ ކަމަކަށް ނޫނެވެ.
އިޝާ ނަމާދުކޮށްގެން ކޮޓަރިން ނިކުތް ޔުއާނާއަށް ގޭތެރެއަށް ވަދެގެން އައި އަޔާޝްއާއި ޔޫހް ފެނުމާއެކު ހުއްޓިލިއެވެ. އަޔާޝްގެ ކޮނޑުގައި ބޯ އަޅައިގެން އޮތް ޔޫހްގެ ލޯ މެރެނީއެވެ.
"އަދި ކިރިޔާތަ ތި އައީ؟" ހައިރާންކަމުގެ ނަޒަރެއް ދެމުން ޔުއާނާ އަހާލިއެވެ. "އާނ... އަންނަމުން ޔޫހް މާމަ ގެއަށް ވަދެލީ ދޯ ދަރިފުޅާ... އަނެއްކާ މިސްކިތުން މި އައީ. ނަމާދަށް ވެސް ނުހުރެވެ ނިދި އަންނަވަރުން" އަޝަލްގެ ވާހަކަ ނުނިމެނިސް ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ.
އަޅައިގެންހުރި ބުރުގާ ރީތިކުރަމުން ޔުއާނާ ގޮސް ދޮރު ހުޅުވާލީ ދޮރުމަތީގައި އަޝަލް ހުންނާނެ ކަމަކަށްނޫނެވެ. ސިހިފައި ޔުއާނާ ބީރަށްޓެހި ގޮތަކަށް ބަލަހައްޓައިގެން ހުރުމުން އަޝަލް ކަރުކެހިލިއެވެ.
"އަހަރެން އަންނަ ވާހަކަ މެސެޖުކުރިން. ނުބަލަންތަ ފޯނެއް؟" ޔުއާނާގެ މޫނަށް ބަލާލަމުން އަޝަލް އަހާލިއެވެ. އެ ވަގުތު ދުރުގައިހުރި އަޔާޝް އައިސް ޔުއާނާގެ އަތަށް ޔޫހް ލައިދެމުން ނިންދަވަން ދާން ބުނެލިއެވެ. އެއާއެކު ޔުއާނާ ގޮސް ކޮޓަރިއަށް ވަދެ އޮބާލައިފިއެވެ.
"ވަދޭ އަވަހަށް. ބޭބެއާ ވާހަކަ ދައްކާނުލާތާ ވަރަށް ގިނަ ދުވަސް ވެއްޖެއެއްނު." އަޝަލްގެ ފައިން ފެށިގެން ބޮލަށް ފަރުވާތެރިކަމާއެކު ބަލާލަމުން އަޔާޝް ބުނެލިއެވެ.
އެކުގައި އެއް ގެއެއްގައި ގިނަ ދުވަސްތަކެއް އަޝަލްއާއެކު ހޭދަކުރެވިފައިވާއިރު އެއް އިރަކުވެސް އޭނާއާއި މާ ގާތް ގުޅުމެއް އުފެދިފައެއް ނެތެވެ. އުފައްދަން މަސައްކަތް ކުރެވިފައި ވެސް ނެތީއެވެ. ނަމަވެސް އަބަދުވެސް އޭނާގެ ނަޒަރުގައި އަޝަލްއަކީ ހަރުދަނާ ޒުވާނެކެވެ. ދިރިއުޅުމެއްގެ ޚަރަދުބަރަދު ބެލެހެއްޓޭނެ ފެންވަރު ހުރި ހިންގުންތެރިއެކެވެ.
ދޮރު ލައްޕާޕައި އައިސް ދެ މީހުން ވެސް ޖައްސާލީ ސިޓިންރޫމުގެ ސޯފާތަކުގައެވެ. އައިސް އިށީނދެލުމާއެކު އަޔާޝް މަސައްކަތްކުރީ ދުރުދުރުން ވާހަކަ ގެންގޮސްގެން އަޝަލްއަށް އެއްޗެއް ބުނެދޭށެވެ. އޭނާއަށް ހީވެފައިވާ ހީވުމެއްގެ މައްޗަށް ބިނާވެހުރެ ތުހުމަތެއް ކުރަން އަޔާޝް ބޭނުމެއްނުވެއެވެ. އެހެނަސް އޭނާއަށް ވިސްނައިދެވިދާނެއެވެ.