ކީރިތި ޤުރުއާނުގެ ޢިލްމީ އިޢުޖާޒު

0

ރަމަޟާން މަހުގެ ރޯދައަކީ، މާތްވެގެންވާ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެއީ ނުހަނު މޮޅުއިތުރު އަޅުކަމެކެވެ.

އެ އަޅުކަން އަދާކުރުމަކީ، ދުނިޔެއާއި އާޚިރަތުގައި ނުހަނު މަތިވެރި ޘަވާބާއި ދަރުމަ ޙާޞިލުވާނެ ކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.

Advertisements

(وَأَن تَصُومُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ)[1]

މާނައީ، “އަދި ތިޔަބައިމީހުން ރޯދައަށް ތިބުން، ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.”

މި މަޒުމޫނުގައި އަލިއަޅުވާލާނީ، ރޯދަ ހިފުމުން، ހަށިގަނޑުގެ ބައެއް ބައިތަކަށް ލިބޭ ފައިދާތަކުގެ މައްޗަށެވެ.

ސިކުނޑި

ހަށިގަނޑުގައި ޚަޒާނާ ކުރެވިފައިވާ ސަރުބީގެ ތެރެއިން މިންވަރެއް. ރޯދަވެރިޔާގެ ހަށިގަނޑުން ވިރިގެން ދެއެވެ. މިކަމުގެ ސަބަބުން، ލޭގައިވާ ކޮލެސްޓްރޯލްގެ ނިސްބަތް ދަށްވެއެވެ. ލޭގައިވާ ކޮލެސްޓްރޯލަކީ، ސިކުނޑި ހުއްޓުވާ ބަލީގެ ފުރަތަމަ ސަބަބެވެ. ރަމަޟާންމަހު ރޯދަހިފަން އާދަކޮށްފައިވާ ރޯދަވެރިއެއްގެ ސިކުނޑި ހުއްޓުމަކީ، ވަރަށް ނާދިރު ކަމެކެވެ.

މިއީ، އިންސާނާގެ ސިކުނޑީގެ ބައިތައް ދައްކައިދޭ ތަޞްވީރެކެވެ.

ހަން

ރޯދައަށް ހުންނައިރު، ހަމުގައި ހުންނަ ފެނުގެ ނިސްބަތް ދަށަށް ދެއެވެ. މިކަމުގެ ސަބަބުން ހަމުގެ ދިފާޢީ ބާރު ވަރުގަދަވެ، ހަމުގެ ޒަރީއާއިން ޖެހޭ ބަލިތަކުން ހަށިގަނޑު ސަލާމަތްވެއެވެ. އަދި ހަމަށް ޖެހޭ ބައެއް ބަލިތަކުން ޙިމާޔަތްވެ ބައެއް ބަލިތައް ފެތުރުން ކޮންޓްރޯލްވެއެވެ. ބިއްސާއި މުލޮއި ފަދަ ތަކެތި ނެގުމަށް މެދުވެރިވާ އެއްސަބަބަކީ، ގޮހޮރުގައިވާ ވިހަތައް ހަމުގެ ޒަރީއާއިން ބޭރުވުމެވެ. ރޯދަވެރިއާގެ ގޮހޮރުން ބޭރުކުރާ ވިހަތައް މަދުވުމާއެކު، އޭނާގެ ގައިން ބިއްސާއި މުލޮހިފަދަ އެއްޗެހި ނެގުން މަދުވެގެން ދެއެވެ.

ހިތް

ހިތުން ބޭރުކުރާ ލޭގެ 10 އިންސައްތަ ދަނީ، ހަޖަމްކުރާ ޖިހާޒަށެވެ. ނަމަވެސް ރޯދައަށް ހުންނައިރު، ލޭގެ އެ ނިސްބަތް ވަރަށް ބޮޑަށް ދަށްވެގެން ދެއެވެ. އެހެންކަމުން، ހިތް އުފުލަންޖެހޭ ބުރަތަކުގެ ތެރެއިން ބަޔެއް ލުއިވެ، ހިތަށް އަރާމު ލިބެއެވެ. ރޯދަވެރިޔާގެ ހަށިގަނޑުގައިވާ ސަރުބީތައް ވިރިގެންދާތީ، ލޭގައިވާ ކޮލެސްޓްރޯލްގެ މިންވަރު ދަށްވެއެވެ.

މިއީ، އިންސާނާގެ ހިތުގެ ބައިތައް ދައްކައިދޭ ކުރެހުމެކެވެ.

ލޭ

ރޯދަވެރިޔާގެ ލޭގެ ސެލްތަކުގެ ބޮޑުމިނަކަށް ބަދަލެއް ނާދެއެވެ. އަދި އޭނާގެ ލޭގައިވާ ހިމަގްލޯބިން އާއި ޕްރޮޓީންގެ ނިސްބަތް ދަށަށް ނުދެއެވެ. މީހަކު ރޯދައަށް ހުންނައިރު، އޭނާގެ ހަށިގަނޑުގެ ޙަޔަވީ މަސައްކަތްތައް ހުއްޓުމަކަށް ނައިސް ދެމިހުންނަނީ މިހެންވެގެންނެވެ. ރޯދައަށް ހުންނައިރު، ފެން ނުބޯތީ ލޭގައިވާ ފެނުގެ ނިސްބަތް ދަށަށް ދެއެވެ. މިކަމުގެ ސަބަބުން، ހިމަހިމަ ލޭނާރުތަކަށް ވަންނަ ލޭގެ ރަތް ސެލްތަކުގެ ޢަދަދު އިތުރުވެގެން ދެއެވެ. އެއާއެކު އެ ނާރުތައް ހީވާގިކުރުވާ މާއްދާއެއް އުފައްދައެވެ. އެ މާއްދާއިން، ގޮހޮރުގެ ފާރުތައް ހިއްކައިދެއެވެ. އަދި މާބަނޑު އަންހެނުންނަށް ވިހެއުން ލުއިފަސޭހަކޮށްދެއެވެ.

ހަޖަމްކުރުމާބެހޭ ނިޒާމު

ރޯދައަށް ހުންނައިރު، މައިދާއިން ބޭރުކުރާ ދިޔަތައް ބޭރުކުރާ މިންވަރު މަދުވެގެން ދެއެވެ. އެހެނީ، އެ ދިޔަތައް ބޭރުކުރުން ބިނާވެފައި ވަނީ، ކާބޯތަކެތި އެތެރެކުރާ މިންވަރެއްގެ މައްޗަށެވެ. ރޯދަވެރިޔާގެ މައިދާއަށް ކާބޯތަކެތި އެތެރެ ނުކުރާތީ، މަޢިދާއާއި ގޮހޮރަށް އަރާމު ލިބެއެވެ. އަދި މަޢިދާގައި ހުތްކަން އިތުރުވެފައިވާނަމަ، އެކަން ހަމަޔަކަށް އެޅެއެވެ. މަޢިދާގައި އިތުރުވާ ހުތްކަމުގެ ސަބަބުން ގޮހޮރު ފާރުވެއެވެ. މިކަމަށް އޮތް އެއްފަރުވާ އަކީ ރޯދަ ހިފުމެވެ.

މިއީ، އިންސާނާގެ ހަށިގަނޑުގައިވާ ހަޖަމުކުރުމާބެހޭ ނިޒާމު ދައްކައިދޭ ކުރެހުމެކެވެ.

ޗިސްމޭ

ހަކުރަކީ، ހަށިގަނޑުގެ ޓިޝޫތަކަށް ފައިދާހުރި އެއްޗަކަށް ހަދައިދޭ އެންސުލިން އުފައްދަނީ ޗިސްމެއިންނެވެ. އެއިން އުފައްދާ އެންސުލިނަށްވުރެ، މައިދާއަށް އެތެރެކުރެވޭ ކާތަކެތީގެ މިންވަރު، އިތުރުވެއްޖެނަމަ، އެ ލޮޑުވެ ވަރުބަލި ވެއެވެ. އެއާއެކު އޭގެ ވަޒީފާ ކަމުގައިވާ އެންސޫލިން އުފެއްދުމަށް ނުކުޅެދެއެވެ. ނަތީޖާއަކަށްވަނީ، ލޭގައި ހަކުރުގެ ނިސްބަތް ހުންނަންވާވަރަށްވުރެ އިތުރުވެ، ހަކުރުބަލި ޖެހުމެވެ. ރޯދައަށް ހުންނައިރު، ޗިސްމެއަށް އަރާމުކުރުމުގެ ފުރުޞަތު ލިބި އޭގެ ޤާބިލުކަން އިތުރުވެގެންދެއެވެ.

މިއީ، އެތެރެހަށީގެ ގުނަވަންތަކުގެ ތެރެއިން މެއާއި، ޗިސްމޭ ފެންނަ ތަޞްވީރެކެވެ.

މޭ

ރޯދައަށް ހުންނައިރު، މޭގެ މަސައްކަތްތައް ހީވާގިވެގެންދެއެވެ. މިހެނީ، ރޯދައަށް ހުންނައިރު، ހަށިގަނޑުގައި ޚަޒާނާވެފައިވާ ސަރުބީގެ ބޮޑުބަޔެއް ވިރުވާލުމުގެ މަސައްކަތް މެއިން ކުރަމުން ގެންދެއެވެ. އެ ސަރުބީގައިވާ ވިހަކަން ފިލުވާލައި އެއަށް އޮކްސިޖަން އިތުރުކޮށް އެއީ ހަށިގަނޑަށް ފައިދާހުރި އެއްޗަކަށް ހަދައިދެނީ މެއިންނެވެ. މީހަކު ރޯދައަށް ހުންނައިރު، އޭނާގެ ހަށިގަނޑުގައި ސަރުބީ ޚަޒާނާކުރެވޭ ވަރަށްވުރެ ބޮޑަށް، ހަށިގަނޑުގައިވާ ސަރުބީ ވިރިގެން ދެއެވެ. މިކަމާބެހޭ މަސައްކަތްތައް މެއިން ކުރަމުން ގެންދާއިރު، މޭގެ ސެލްތަކުގެ ހީވާގިކަން އިތުރު ވެގެން ދެއެވެ.

ގުރުދާ

ރޯދައަށް ހުންނައިރު، ހަށިގަނޑުގައި ސޯޑިއަމް އާއި ޕޮޓޭސިއަމް ގެ ނިސްބަތް އިތުރުވެއެވެ. ނަމަވެސް ކެލްސިއަމްގެ ނިސްބަތް ދަށްވެއެވެ. މިކަމުގެ ސަބަބަކީ، ސަރުބީތައް ވިރިގެން ދިއުމެވެ. ހަށިގަނޑުގައި ހުންނަންވާވަރަށް ވުރެ އިތުރުވެފައިވާ ކެލްސިއަމްގެ ނިސްބަތް ދަށްވުމަކީ ގުރުދާ ނުވަތަ ކިޑްނީއަށް ފައިދާހުރި ކަމެކެވެ. މިހެނީ އެކަމުގެ ސަބަބުން، ގުރުދާގައި ހިލައުފެދުން މަނާވެއެވެ.

މިއީ، އިންސާނާގެ ހަށިގަނޑުގައި ގުރުދާ އޮންނަ ތަނާއި، ގުރުދާގެ އެތެރެ ދައްކައިދޭ ކުރެހުމެކެވެ.

Advertisements