އަވަށްޓެރިއެއްގެ މުސީބާތް ހިއްސާކޮށްލުމެއް

0

އޭޝިއާގެ ގައުމުތަކުގެ ބޮޑުބާރު، ޗައިނާއަށް މި ރަބީއު މޫސުމަކީ އެހާމެ އުފާވެރި މޫސުމެއް ނޫނެވެ. ދުނިޔޭގެ ގިނަ ގައުމުތައްވެސް ހަމަ އެފަދައެވެ. ކޮރޯނާ ވަބާގެ ޝިކާރައަކަށް މިލިއަނުން މީހުން ވެފައިވާއިރު ޗައިނާގެ ބައެއް ހިސާބުތަކުން ކޮރޯނާގެ ބިރުވެރިކަން ވަނީ އެއްކޮށް ފިލައިގެން ގޮސްފައެވެ. ނަމަވެސް އިގްތިސާދުގެ ދަތިކަމުގެ ބިރު މިތަންތާނގައި ބޮޑެވެ. ވަޒީފާތައް ގެއްލުމާއި، އަތްމަތި ދަތިކަމުގެ ސަބަބުން ދެކޮޅު ޖެއްސުމަކީ މިފަދަ މީހުންގެ އެންމެ ބޮޑު ނުތަނަވަސްކަމެވެ. ކޮރޯނާ ވަބާ ވަނީ މުޅި ދުނިޔޭ އާބާދީގެ 1.6 ބިލިއަން މީހުންނަށް ނުރައްލަކަށް ވެފައެވެ.

ކޮރޯނާ އުފަންވެގެން އައި ޗައިނާއަށްވެސް ބޮޑެތި ގެއްލުންތަކާއި ނުތަނަވަސްކަން މި ވަބާއާ ހެދި ކުރިމަތިވެފައި ވެއެވެ. ކުއްލިއަކަށް އެގައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ވަނީ ދަށްވެފައެވެ. ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ.

Advertisements

ބޭރު ގައުުތަކުގައި ގަނޑުކޮށް ވަޒީފާ ގެއްލުމުން މުޒާހަރާ ކުރާ މީހުންވެސް ތިބޭނެއެވެ. ނަމަވެސް ޗައިނާއަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެވިފައިވާ ތަނެއް ނޫންކަމުން ދައުލަތަށް ނިސްބަތްވާފަދަ ގޮތަކަށް ނުރުހުން ފާޅުކުރުމަކީ އެދެވިގެންވާކަމެއް ނޫނެވެ.

ޗައިނާގެ ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި އެގައުމުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތަކީ 6 އިންސައްތައެވެ. މީގެތެރޭގައި ރަށްފުށުގެ ހިސާބުތަކުގައި ވަޒީފާ ނެތް މީހުންގެ އަދަދެއް ނުހިމެނެއެވެ. އަދި ރަށްފުށުން ސިޓީތަކަށް ވަޒީފާއަށް އައިސްތިބި މީހުންގެ ވަޒީފާތައް ގެއްލުންފަދަ ކަންކަން އަންދާސާކޮށްފިނަމަ، ވިހި އިންސައްތައަށް އެ އަދަދު އަރާނެކަމަށް ލަފާ ކުރެވެއެވެ.

ޗައިނާގެ އެންމެބޮޑު ބިރަކީ އެމެރިކާ ނުވަތަ ދުނިޔޭގެ ދުރުތިބީންނެއް ނޫނެވެ. ޗައިނާގެ އެންމެ ބޮޑު ބިރަކީ ޗައިނާގެ ރައްޔިތުންނެވެ. ޗައިނާގެ މުޅި ތާރީޚްގައިވެސް މިހާ ތިޔާގި ދުވަަސްވަރެއް ޗަައިނާއިން ދެކެފައެއް ނުވެއެވެ. ނަމަވެސް ކޮންމެ 300 އަހަރަކުން އެއްފަހަރު ޗައިނާއަށް ކާރިސާތަކާ ކުރިމަތިލާން ޖެހުނުކަން ތާރީޚުން ދައްކައެވެ. މިއީ ތާރީޚު އޭގެ ބުރު ޗައިނާއަށް ހަަމަ ކުރާ މުއްދަތެވެ. ޗައިނާގެ ތާރީޚާބެހޭ މީހުން ބުނެފައިވަނީ އެގައުމުގެ ވެރިކަމަކީ އިލާހީ ނިންމުމެކެވެ. ނަމަވެސް ވެރިން އަނިޔާވެރިވުމުން ދެން ޗައިނާއަށް ކާރިސާތަކާ ކުރިމަތިލާން ޖެހޭ ބުރެއް އައިސް ހަމަކުރަނީ ކަމަށްވެސްބުނެއެވެ.

ޗައިނާގެ ރައްޔިތުން ހިމޭންކަންމަތީ ބޭތިއްބުމުގެ ހަމައެކަނި ފޯމިއުލާއަކީ އެގައުމުގެ އިގްތިސާދު އަބަދުވެސް އަސްދަނޑީގައި އޮތުމެވެ. މި ދުވަސްވަރަކީ، ކަލްޗަރަލް ރެވަލޫޝަންއަށްފަހު ޗައިނާގެ އިގްތިސާދު އެންމެ ބޮޑަށް ހީނަރުވެފައިވާ ދުވަސްވަރެވެ.

ބެއިޖިންގގައި ވެރިކަމުގެ ކިއްލާގައި އެންމެ ބޮޑު ބަހުސަކީ، ޗައިނާގެ އިގްތިސާދު ރަނގަޅުކުރުމަށް އަޅާނެ ފިޔަވަޅުތަކާމެދު ކުރެވޭ ބަހުސެވެ. ނިއްކީ އޭޝިއަން ރިވިއުގެ ކޮމެންޓްރީއެއްގައި ބުނާ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި ބޮޑު ވަޒީރު ލީ ކޭޝިއާން އަށް އިގްތިސާދު ރަނގަޅު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާމެދު އެއްބަސްވެ ވަޑައެއް ނުގެންނެވެއެވެ. މިއީ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓިއަށް ނުތަނަވަސްކަމެކެވެ.

މިފަރާތްތަކުން ދައްކާ ވާހަކަތަކާ ހަވާލާ ދެނީ ޗައިނާގެ ކޮންގްރެސްގައި 22 މެއި ގައި ލީ ދެއްވި ތަގްރީރުންނެވެ. ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވުމާއި، އިގްތިސާދީ ދުވެއްޔަށް މިއަހަރަށް ލަނޑުދަނޑިއެއް ކަނޑައެޅިފައި ނުވުމަކީ ލީގެ ތަގްރީރުގައި އޭނާ ފާހަގަ ކުރެއްވި ނުތަނަވަސް ކަންތައްތަކެވެ.

ޗައިނާގެ ކަންތައްތައް މޮނީޓަރކުރާ ފަރާތްތަކުން ކޮމިއުނިސްޓް ޕާޓީއާ ހަވާލާދީ ބުނާ ގޮތުން ރައީސް ޝީ ބޭނުންފުޅުވީ ލީގެ ތަގްރީރުގައި ކޮރޯނާގެ މައްޗަށް ހޯދި ކާމިޔާބީފަދަ އުންމީދީ ވާހަކަތަކެއް ދައްކަވާށެވެ. ނަމަވެސް ލީ ވަނީ މިއިން ވާހަކައެއް ވިދާޅުނުވެ، ކުރިމަތިވާން އޮތް ބިރުވެރިކަމުގެ ވާހަކަ ދައްކަވާފައެވެ. ލީއަކީ މަގާމުގެ ހައިސިއްޔަތުން އިގްތިސާދީ ތަރައްގީގެ މަސްއޫލިއްޔަތު އޮންނަ ފަރާތެވެ.

ވަރލްޑް ބޭންކުން ބުނެފައިވާ ވާހަކަތަކާވެސް މިއާ ދިމާވެއެވެ. ވަރލްޑް ބޭންކްގެ ލަފައަކީ، ޗައިނާގެ އިގްތިސާދު ކުރި އަރާނީ އެންމެ އިންސައްތައިގައެވެ. މިއަށް ބާރު ލިބޭ އެހެން ހެކިތަކެއްވެސް ވެއެވެ. މި ލިޔުން ލިޔުމުގެ ތެރޭގައި ޗައިނާގެ ތަފާސްހިސާބާ ބެހޭ ރަސްމީ ލިޔެކިޔުންތައް ބަލާލުމުންވެސް ކުރެހިގެން ދަނީ ވަރަށްވެސް ނާމާން މަންޒަރެކެވެ.

ފަރުދީ އަދި ޖަމާއީ މިނިވަންކަން ޗައިނާ ރައްޔިތުން ގުރުބާން ކޮށްފައިވަނީ ދިރިއުޅުމުގެ ފެންވަރު މަތިވުމާއި ގައުމުގެ އިގްތިސާދީ ތަރައްގީން އެމީހުންނަށް ލިއްބައިދިން ތިޔާގިކަމަށެވެ. ނަމަވެސް އިގްތިސާދު ވަޅުޖެހި، ވަޒީފާ ނުލިބުމުން، ޗައިނާ މީހުން ކޮމިއުނިސްޓް ޕާޓީގެ ވެރިކަމާމެދު މީސްމީޑިއާގައި އެއްޗެއް ނުބުނެ ތިބެދާނެކަމާމެދު ޝައްކު އުފެދެއެވެ. ޗައިނާ މީހުންނަކީ ހުރިހައި ކަމެއްގައި ޚިޔާލުފާޅުކުރާ، އެމީހުންގެ އަމިއްލަ މީސްމީޑިއާގައި ބަސްބުނަން ޖެހިލުން ނުވާ ބައެކެވެ. އެމީހުންގެ ކޮންޓްރޯލަކީ އެމީހުންގެ ދިރިއުޅުމުގެ ފެންވަރެވެ.

ރޫސީވިލާތްވެސް ވުޖޫދުގައި ވޭތިކުރީ އެންމެ 74 އަހަރެވެ. ރައީސް ޝީގެ ނުތަނަވަސްކަން އިޙުސާސް ކުރެވެއެވެ. 2012 ވަނަ އަހަރުގައި ޗަައިނާގެ އިސްމަގާމާ ޙަވާލުވެ ވަޑައިގެން މަސްއޫލުވެރިންނާ ޝީ ހަވާލުކުރެއްވި ފުރަތަމަ މަސައްކަތަކީ، ކުރީގެ ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިޔަގޮތް ދައްކައިދޭ ޑޮކިއުމެންޓްރީއެއް ބެލުމުގެ މަސައްކަތެވެ. އެފަދަ ތަަޖުރިބާއެއް ޗައިނާއިން ކުރާކަށް ޝީ ބޭނުންފުޅެއް ނުވެއެވެ.

އެމެރިކާގެ ރައީސް ޖޯޖް ބުޝްގެ ވެރިކަމުގައި ޗައިނާއާ ބެހޭ ޕޮލިސީ ބައްޓަން ކުރެއްވި ރޮބަރޓް ޒޮލިކް މެއި 19 ގައި އޮތް ފޯރަމެއްގައި ވިދާޅުވެފައިވަނީ ކޮރޯނާއިން ކޮމިއުނިސްޓް ޕާޓީގެ ވެރިކަމަށް ނުތަނަވަސްކަން ކުރިމަތިކޮށްދީފައިވާ ކަމުގައެވެ.

މިއާއެކު ކުރިމަތިވާ ސުއާލަކީ އެތެރޭގެ ހަމަޖެހުމަށް ޗައިނާއިން ދެން ކަންކުރާނީ ކިހިނެއް ހެއްޔެވެ؟ މުހައްލިލުން ކުރިމަތި ކުރަނީ ތިން ހާލަތެކެވެ.

އެއް ގޮތަކީ، ޗައިނާއިން ޚާރިޖީ ގުޅުމުގެ ދާއިރާގައި ބައެއް ގައުމުތަކާ މެދު ވަރަށް ހަރުކަށި ގޮތްތަކެއް ގެންގުޅެފާނެއެވެ.

ދެވަނަ ގޮތަކީ، ޗައިނާގެ ވެރިން އަދިވެސް ބާރުގައި ތިބިކަން ޔަގީން ކޮށްދިނުމުގެ ގޮތުން އަވަށްޓެރިންގެ ބަޔަކާ އެކު ތޮޅެލުމެވެ.

ތިން ވަނަ ގޮތަކީ މި ދެ ގޮތް ނޫން އެހެން ގޮތެއް އިޚްތިޔާރުކުރުމެވެ.

ކޮރޯނާ ވަބާއާއެކު ޗައިނާގެ ސުލޫކު ފެނިގެން ގޮސްފައިވަނީ ފުރަތަމަ ސިނާރިއޯއާ އެއްގޮތަށެވެ. ރޫސީވިލާތުގައި ކޮމިއުނިސްޓް ޕާޓީ ފޭލިވެގެން ދިޔައީ ގާނޫނުގެ ބާރު ނެގެހެއްޓުމަށް ޕާޓީގެ ވެރިން ނުކުޅެދުމުންނެވެ.

Advertisements