ކީރިތި ޤުރުއާނުގެ ޢިލްމީ އިޢުޖާޒު

0

ގަސްގަހާގެހި

ނަންގަނެވިދިޔައީ، ހޫނު މޫސުމު ގައި ރޯދަހިފާ މަޚުލޫޤެއްގެ މިސާލެވެ. އެއާ ޚިލާފަށް، ފިނި މޫސުމް އައުމުން ރޯދަހިފާ ކާއިނާތްތައް ވެސް ވެއެވެ. އޭގެ ތެރެއިން އެކައްޗަކީ، ގަސްގަހާގެއްސެވެ. އެހެނިހެން ކާއިނާތްތަކެކޭ އެއްފަދައިން ގަސްގަހާގެހި ވެސް ރޯދަ ހިފައި، މާތް الله ގެ ޙަޟްރަތަށް ތަސްބީޙު ކިޔާކަން މިޒަމާނުގެ ޢިލްމީ ދިރާސާތަކުން ވަނީ ސާބިތުވެފައެވެ.

Advertisements

ޚަރީފު މޫސުމް އައިސް، ފިނި މޫސުމް ގާތްވެއްޖެކަން އިޢުލާންކުރާ ހިނދު، ދުނިޔޭގެ އުތުރުބިތުގެ ސަރަޙައްދުތަކުގައިވާ ފެން، ގަނޑުވާން ފަށައެވެ. އެއާއެކު، ގަސްގަހާގެހި އޭގެ ޙަޔަވީ މަސައްކަތްތައް ލުއިކޮށް ރޯދައަށް ތައްޔާރުވެއެވެ. އެގޮތުން ގަސްގަހާގެހީގައިވާ ފެހި ފަތްތައް ފައިބައި، ހިކިފައިވާ އެއްޗެއްގެ ސިފައިގައި ގޮފިތައް މަޑުމޮޅިވެލައެވެ. ފިނި މޫސުމް އައުމުން، ކެއިން ބުއިމާއި ދިރުން ތަމްސީލުކޮށްދޭ ޙަރަކާތްތައް ގަސްގަހާގެހީގެ ކިބައިން ނެތިދެއެވެ. އެގޮތުގެ މަތިން، ފިނި މޫސުމް ވެފައިވަނީ، ގަސްގަހާގެހި ރޯދައަށް ތިބޭ މޫސުމެއް ކަމުގައެވެ.

ފިނި މޫސުމްގެ ދުވަސްތައް ނިމި، ބަހާރު މޫސުމް އައުމުން، ގަސްގަހާގެހި، ބިމާއި ޖައްވުން ބޯފެނާއި ކާނާ ލިބިގަންނަން ފަށައެވެ. އެއާއެކު، ކުރިތައް ފަޅައި، ދިރުން ތަމްސީލުކޮށްދޭ އެންމެހައި ކަންކަމެއް ގަސްގަހާގެއްސަށް އަލުން އިޢާދަވެދެއެވެ. ކުލަކުލައިގެ މާތައް އަޅައި، އެއިން ވަސްމީރުކަން ފެތުރިދެއެވެ. އެއަށްފަހު، ގޮފިތަކުގައި ރަހަމީރު މޭވާތައް އަޅައި ދޮންވެ ފައްކާވެދެއެވެ. ފިނި މޫސުމުގައި ހިފި ރޯދައިގެ ބަރަކާތްތެރިކަން ފާޅުވެ، މުއުމިނުންގެ ހިތްތަކަށް އެއިން އީމާންތެރިކަން އިތުރުކޮށް ދެމުންނެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.

(وَالنَّجْمُ وَالشَّجَرُ يَسْجُدَانِ)[1]

މާނައީ، “އަދި ފަތްޕިލާވެއްޔާއި، (ނުވަތަ ތަރިތަކާއި) ގަސްގަހާގެހި އެކަލާނގެއަށް ކިޔަމަންވެ ސަޖިދަކުރެއެވެ.”[2]

ފައިދިގުމަކުނު

ފައިދިގުމަކުނަށް ޢަރަބި ބަހުން ކިޔަނީ “ޢަންކަބޫތު” (العنكبوت) އެވެ. އެއީ ފަނިފަކުސާއާ ގާތްކުރާ ބާވަތެއްގެ ޖަނަވާރެކެވެ. އެ ތަޞްނީފު ކުރެވިފައި ވަނީ، ފައިގައި ހުޅު ލައްވާފައިވާ މަޚުލޫޤުންގެ ތެރޭގައެއެވެ. ހުޅު ހިމެނޭ ފައިގެ ހަތަރު ޖޯޑު އޭގައި ވެއެވެ. ފަނިފަކުސާއާއި އެއާ ތަފާތުވާ އެއްސިފައަކީ، އޭގެ ހަށިގަނޑު ދެބަޔަކަށް ބެހިފައިވާ ކަމެވެ.

ފައިދިގުމަކުނުގެ ނަމުން ނަން ދެއްވާފައިވާ ސޫރަތެއް ކީރިތި ޤުރުއާނުގައި ވެއެވެ. އެއީ އަލްޢަންކަބޫތު ސޫރަތެވެ. އެ ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.

(مَثَلُ الَّذِينَ اتَّخَذُوا مِن دُونِ اللَّهِ أَوْلِيَاءَ كَمَثَلِ الْعَنكَبُوتِ اتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ الْبُيُوتِ لَبَيْتُ الْعَنكَبُوتِ ۖ لَوْ كَانُوا يَعْلَمُونَ)[3]

މާނައީ، “الله ފިޔަވައި، ނަސްރުދޭނެ ފަރާތްތައް ހޯދި މީހުންގެ މިސާލަކީ، ފައިދިގުމަކުނު ގެއެއް ހޯދައިގަތުމުގެ މިސާލެވެ. އަދި ހަމަކަށަވަރުން، އެންމެ ނިކަމެތި ގެތަކުގެ ތެރެއިން، ފައިދިގުމަކުނުގެ ގެ ހިމެނެއެވެ. އެކަން ދަންނަ ބަޔަކު ކަމުގައި އެއުރެން ވީނަމައެވެ.”

މިއީ، ވާފުރައިގެން އޮތް ފައިދިގުމަކުނުގެ ތަޞްވީރެކެވެ.

ފައިދިގުމަކުނާބެހޭ ކަންތައްތައް ދިރާސާކުރުމަށް މި އާޔަތުން އިރުޝާދު ލިބެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، މަދީނާއަށް ކުރެއްވި ހިޖުރައިގައި، އިތުރު އެކަލޭގެފާނާއި އަބޫބަކުރުގެފާނު ނިވާކުރެއްވުމުގައި ބައިވެރިވުމުގެ ޝަރަފު ފައިދިގުމަކުނަށް ލިބިފައިވެއެވެ. އެ ދެބޭކަލުން، ޙިރާ ފަރުބަދައިގެ ހޮހަޅައަށް ވެންނެވުމުން، ފައިދިގުމަކުނު އެ ހޮހަޅައިގެ ދޮރުމަތީގައި ވާފުރާލިއެވެ. މިކަމުގެ ސަބަބުން، އެ ހޮހަޅައިގެ ތެރެއަށް ބަޔަކު ވަދެފައި ނުވާކަމަށް ކާފިރުން ޤަބޫލުކުރިއެވެ. އެ ހޮޅައިގެ ދޮރުމަތީގައި ފައިދިގު މަކުނު ވާފުރައިގެން ހާލިހަދައިގެން އޮތް މަންޒަރު، އެމީހުންނަށް ފެނުމުން ބުނެފައި ވެއެވެ.

“މިއޮތް ފައިދިގުމަކުނު، މިތަނުގައި ވާފުރައި ހާލިހަދައިގެން މިއޮތީ، މުޙައްމަދުގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ވެސް މާކުރިންނެވެ.”

އެމީހުން ހީކުރީ، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އާއި އަބޫބަކުރުގެފާނު އެ ހޮހަޅައަށް ވެންނެވިނަމަ، ހޮހަޅައިގެ ދޮރުމަތީގައި ފައިދިގުމަކުރު ފުރާފައިވާ ވާތައް ކެނޑި ހަލާކުވެގެންދާނެ ކަމަށެވެ.

ފައިދިގުމަކުނުގެ ބައެއް ބާވަތްތައް، އެއްވެސް ކަހަލަ ކާއެއްޗެއް ނުކައި ރޯދަ ހިފާކަން މިޒަމާނުގެ ސައިންސްގެ ހޯދުންތަކުން ވަނީ ކަށަވަރުވެފައެވެ. އެގޮތުން އެތަކެތި ރޯދަހިފަނީ، އެތަކެތި ބިސް އަޅައި، ބިސް ފީކުރާ ދުވަސްވަރުގައެވެ. ބިސްއަޅާ ފޮށި ހަދައި އެއަށް ބިސް އެޅުމަށްފަހު، ބިސް ފީކޮށް ނިމެންދެން، އެއްވެސް ތަނަކަށް ނުގޮސް އޭގެ ކައިރީގައި އަންހެން ފައިދިގުމަކުނު އޮވެއެވެ. އެގޮތަށް އޮންނަ ދުވަސްވަރު، އެއްވެސް ބާވަތެއްގެ ކާއެއްޗެއް ނުކައެވެ. މިކަމުގެ ސަބަބުން، އޭގެ ހަށިގަނޑު ނިކަމެތިވެގެންދާކަން ފާހަގަ ކުރެވެއެވެ.

ފައިދިގުމަކުނުގެ ރޯދައަށް ސައިންސްގެ އަހުލުވެރިން ކިޔަނީ، ފަންކްޝަނަލް ރޯދައެވެ. ނުވަތަ ވަޒީފާއަދާކުރަނިވި ރޯދައެވެ. މިހެނީ، އެ ރޯދައިން އަދާކުރެވޭ ވަޒީފާތަކެއް ވެއެވެ. އެއިން އެއްކަމަކީ، ފައިދިގުމަކުނުގެ ދަރިންނަށް އަމިއްލައަށް ކައިބޮއި އުޅެވޭވަރު ވަންދެން، ދޭނެ ކާނާ އުފެއްދުމެވެ. ދަރިންނަށް، ތިމާވެށިން ކައިބޮއި އުޅެވޭ ވަރުވުމުން، ފައިދިގު މަކުނު ރޯދަ ވީއްލައެވެ. އެއަށްފަހު، އޭގެ އާދައިގެ ދިރިއުޅުމަށް އެނބުރި ރުޖުޢޫވެ، ކާން ފަށައެވެ.

Advertisements