ކީރިތި ޤުރުއާނުގެ ޢިލްމީ އިޢުޖާޒު

0

ޕެންގުއިން

ޕެންގުއިންއަކީ، ދުނިޔޭގެ ފިނި ހިސާބުތަކުގައި ދިރިއުޅޭ ދޫންޏެކެވެ. ދުނިޔޭގެ އުތުރު ޕޯލްގައި ދިރިއުޅެނީ މި ދޫނީގެ ނަސްލުގެ އެއްވައްތަރެވެ. އެހެން ވައްތަރުތައް ދިރިއުޅެނީ ދުނިޔޭގެ ދެކުނު ޕޯލްގައެވެ. ޕެންގުއިންގެ ބައެއް ބާވަތްތައް ގޮދޮރު އަޅައިގެން ދިރިއުޅެއެވެ. އެ ގޮތަށް ދިރިއުޅޭ ބާވަތްތަކުގެ އަންހެން ދޫނި، ބިސް އެޅުމަށްފަހު، ބިސް ފީކުރުން ފިރިހެން ދޫންޏާ ޙަވާލުކުރެއެވެ. ދެން އަންހެން ދޫނި ދަނީ ކަނޑަށް ފީނައިގެން ރިޒުޤު ހޯދުމަށެވެ. ބިސްފީކުރާ މުއްދަތުގައި، ފިރިހެން ދޫނި ރޯދަހިފައެވެ. ބިސްތަކުން ކުދި ދޫނިތައް ނުކުތުމުން، ފިރިހެން ދޫނި މޫދަށް ގޮސް ފެންވަފައި ރޯދަ ވީއްލައެވެ. ދެން އަންހެން ދޫނި، ކުދި ދޫނިތަކަށް ކާންދީ ހަދައެވެ.

Advertisements

ގެދޮރު ނާޅާ ދިރިއުޅޭ ޕެންގުއިންގެ އަންހެން ދޫނި ބިސްއަޅަނީ ގަނޑުފެނުގެ މައްޗަކަށެއް ނޫނެވެ. އެކަމަކު އޭގެ ދެފައިތިލައިގެ މައްޗަށެވެ. ބައެއްފަހަރު، ފިރިހެން ދޫނި އޭގެ ފައިތިލަމަތީގައި ބިސް އުފުލައެވެ. އަންހެން ދޫންޏަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުންނާއި އެނޫން ބޭނުންތަކުގައެވެ. ފިނި މޫސުމް ނިމެންދެން ބިސް ފީކުރުމުގެ މަސައްކަތުގައި އަންހެން ދޫންޏާއި ފިރިހެން ދޫނި ވަގުތު ހޭދަކުރެއެވެ. އެ މުއްދަތުގެ ތެރޭގައި އެ ދެ ދޫނި ތިބެނީ ރޯދައަށެވެ. އެއީ، ބިސް ފީކުރުމަށާއި، ނަސްލު ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ރޯދައެކެވެ. ފިނި މޫސުމް ނިމި، ބަހާރު މޫސުމް އައިސް ގަނޑުފެންތައް ގިރެން ފަށާއިރު، ކުދި ދޫނިތައް އުފަންވެއެވެ.

ޕެންގުއިންގެ ކުދި ދޫނިތައް ވެސް ރޯދަހިފައެވެ. އެ ދޫނިތައް ފުރާފުރިހަމަ ވެއްޖެނަމަ، އޭގެ ހަށިގަނޑުގައިވާ ފަތްތައް ފައިބަންދެން އެއްވެސް ކާއެއްޗެއް ނުކައި ރޯދައަށް ތިބެއެވެ. ކިރުބުއިފަތްތައް ފައިބައި، އައު ފަތްތައް ފެޅުމުން ފެންވަރައި އަދި ފެންބޮއި ރޯދަ ވީއްލައެވެ. ޕެންގުއިންގެ ބޮޑެތި ދޫނިތައް ވެސް، އޭގެ ހަށިގަނޑުން ފަތްތައް ފައިބައި އައު ފަތްތައް ފަޅާ މޫސުމުގައި ރޯދަ ހިފައެވެ. އައު ފަތްތައް ފެޅުމުން މޫދަށް ގޮސް ފެންވަރައި އުފާކޮށް އުޅެއެވެ. މާރޯދަ ޢީދެއްގައި އިންސާނުން އުފާފާޅުކޮށް އުޅޭ ފަދައިންނެވެ. މިކަންކަން މޭރުންވާހިނދު، ހަނދާނަށް އަންނަނީ، ކީރިތި ޤުރުއާނުގެ މޫރިތި އާޔަތެކެވެ.

(ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ)[1]

“އެކަމަކީ، ޢިއްޒަތްތެރިވަންތަ، ދެނެވޮޑިގަތުން ތަނަވަސްވެގެންވާ ކަލާނގެ ތަޤުދީރުފުޅެވެ.”

މިއީ، ޕެންގުއިން ދޫނި ބިސް ގެންގުޅޭ ގޮތް ދައްކައިދޭ ތަޞްވީރެކެވެ. އެސޮރުމެން ބިސް ގެންގުޅުމުގައި ބަހައްޓާ ފަރުވާތެރިކަމުގެ ބޮޑުކަން މި ތަޞްވީރުން އެބަ ހާމަވެއެވެ.

ފަށުއިފުރާ ފަނި

ފަށުއި ފުރާ ފަންޏަކީ ފަނިފަކުސައިގެ ދުނިޔޭގައި ރޯދަހިފާ މަޚުލޫޤުންގެ ރިވެތި މިސާލެކެވެ. ފަށުއިފަނި ރޯދަ ހިފުމުގެ ސަބަބުން އޭގެ ހަށިގަނޑަށް ނިކަމެތިކަމެއް ނާދެއެވެ. ކިއެއްތޯއެވެ. ރޯދައިގެ ސަބަބުން އޭގެ ހަށިގަނޑު ރީތިވެ، އިތުރު ފުރިހަމަކަށް އެއަށް ލިބިގެންދެއެވެ.

ފަށުއިފުރާ ފަނި ބިހުގެ ތެރެއިން ނިކުންނަނީ ބަހާރު މޫސުމުގެ ކުރީކޮޅުގައެވެ. ބިހުން ނިކުތުމަށްފަހު، ފަށުއިފަނިތައް، ތޫތުގަހުގެ ފަތްތައް، ފަސްދުވަސްވަންދެން ކައެވެ. އެ މުއްދަތުގެ ތެރޭގައި އޭގެ ހަށިގަނޑު ހެދިބޮޑުވެއެވެ. ނަތީޖާއަކަށްވަނީ، އޭގެ ހަށިގަނޑުގެ ބޭރުފުށުގައި ލެވިފައިވާ ދުލީގެ ތެރޭގައި ނޯވެވޭނެވަރުވެ، ދުލި ބޭލުމެވެ. މިކަން ކުރުމަށް ޓަކައި ދެ ދުވަހުގެ މުއްދަތަށް ފަށުއިފަނި ރޯދަހިފައެވެ. ތިރީސް ދުވަހުގެ ތެރޭގައި ފަސްފަހަރު، އެ ފަނި ދުލި ބާލައެވެ. ދުލިބާލާ ކޮންމެ ފަހަރަކުމެ ރޯދަހިފައެވެ.

މިއީ، ފަށުއިފަނީގެ ޙަޔާތުގެ ދައުރު ދައްކައިދޭ ކުރެހުމެކެވެ.

ފަށުއިފުރާ ފަނީގެ ހަށިގަނޑު ހެދިބޮޑުވެ ފުރިހަމަވާއިރު، އަނެއްކާވެސް ރޯފަހިފަން ޖެހެއެވެ. މިފަހަރު ރޯދަހިފަންޖެހެނީ، ހަދުވަހުގެ މުއްދަތަށެވެ. ރޯދަހިފުމަށްޓަކައި، ހަމަހިމޭންތަނަކަށް ގޮސް ފަށުއި ރޮދިން ކޮތަޅެއް ހަދައެވެ. އެ ކޮތަޅު ހެދުމަށްޓަކައި ފުރާ ފަށުއިރޮދީގެ ދިގުމިނުގައި 400 މީޓަރާއި 1200 މީޓަރާ ދެމެދުގެ ދިގުމިނެއް ހުރެއެވެ.

މިއީ، ފަށުއިފަންޏަކާއި، އޭގެ ކޮތަޅުތައް ދައްކައިދޭ ފޮޓޯއެކެވެ.

ކޮތަޅުގެ ތެރޭގައި އޮވެގެން، ފަށުއިފުރާ ފަނީ އޭގެ ޙަޔާތުގެ އައު މަރުޙަލާއެއް ފަށައެވެ. އެއީ އޭގެ ސިފަ އެހެން ސިފައަކަށް ބަދަލުވުމުގެ މަރުޙަލާއެވެ. އެއީ ހެދިބޮޑުވުމާއި ނިދުމުގެ މަރުޙަލާއެއް ނޫނެވެ. ހަދުވަހުގެ މުއްދަތަށް ދިގުދެމިގެންދާ އެ މަރުޙަލާގައި އަވަސް އަވަހަށް، އޭގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަމުންދެއެވެ. އެ މަރުޙަލާގައި ފަށުއިފަނި އޮންނަނީ ރޯދަހިފައިގެންނެވެ. އަދި އެ މަރުޙަލާ ނިންމުމަށްފަހު ކޮކާލެއްގެ ސިފައިގައި، ކޮތަޅުގެ ތެރެއިން ނުކުމެއެވެ. އެއަށްފަހު، ކޮކާލެއްގެ ސިފައިގައި ފަސް ދުވަހުގެ މުއްދަތެއް ހޭދަކުރެއެވެ. އެ މުއްދަތުގައި ދިރިއުޅެނީ ރޯދަހިފައިގެންނެވެ. އެއަށްފަހު، އެ ސޮރު މަރުވަނީ، އެސޮރުގެ ބިސްތައް ދުނިޔެއަށް ދުކޮށްލުމާއެކުގައެވެ. އެ ބިސްތަކުން އައު ފަށުއިފުރާ ފަނިތައް އުފަންވާނީ ދެންއަންނަ ބަހާރުމޫސުމެއްގައެވެ. މިގޮތުގެމަތިން، ފަށުއިފުރާ ފަނީގެ ޙަޔާތުގެ ދެމިއޮތުން ލެއްވީ ކަށަކުޅަދުންވަންތަ މާތް الله އެވެ. އެކަލާނގެ ޚަލްޤުކުރެއްވުމުގައިވާ، އިބުދާޢުކުރެއްވުމާއި އީޖާދުކުރެއްވުމުގެ މޮޅުކަމާއެވެ!

މާތް ﷲ ވަނީ، ކީރިތި ޤުރުއާނުގައި ފަނިފަކުސައިގެ މުހިންމުކަން އިންސާނުންގެ ސަމާލުކަމަށް ގެނެސްދެއްވާފައެވެ. އެއީ ސަލާމްލެއްވި ސުލައިމާނުގެފާނުގެ ވާހަކަ ބަޔާންކުރައްވާފައިވާ އާޔަތެއްގައެވެ. އެ އާޔަތުގައި، އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ.

(فَلَمَّا قَضَيْنَا عَلَيْهِ الْمَوْتَ مَا دَلَّهُمْ عَلَىٰ مَوْتِهِ إِلَّا دَابَّةُ الْأَرْضِ تَأْكُلُ مِنسَأَتَهُ ۖ فَلَمَّا خَرَّ تَبَيَّنَتِ الْجِنُّ أَن لَّوْ كَانُوا يَعْلَمُونَ الْغَيْبَ مَا لَبِثُوا فِي الْعَذَابِ الْمُهِينِ)[2]

މާނައީ، “ދެންފަހެ، އެކަލޭގެފާނު އަވަހާރަވުމަށް ތިމަންރަސްކަލާނގެ ނިޔާކުރެއްވި ހިނދު، ކަތުރުފަނި ނޫން އެއްޗެއް އެއުރެންނަށް އެކަލޭގެފާނު އަވަހާރަވެއްޖެކަން އަންގައެއް ނުދިނެވެ. އެ ކަތުރުފަނި އެކަލޭގެފާނުގެ އަސާކޮޅު ކަމުން ގެންދިޔައެވެ. ދެންފަހެ، އެކަލޭގެފާނު ވެއްޓިވަޑައިގަތުމުން، ޖިންނީންނަށް އެނގިއްޖެއޫއެވެ. ހަމަކަށަވަރުން، އެއުރެންނަށް ޣައިބު އެނގޭނަމަ، އިހާނަތްތެރިކަން ދެނިވި ޢަޛާބުގައި (އެބަހީ: ގަދަ މަސައްކަތުގައި) އެއުރެން ނުތިބީހެވެ.”

Advertisements