ކީރިތި ޤުރުއާނުގެ ޢިލްމީ އިޢުޖާޒު

0

ކަހަނބު

ކަހަނބަކީ، ބިންމަތީގައި ބަނޑުލައިދެމެމުންދާ މަޚުލޫޤުންގެ ތެރޭގައި ހިމެނޭ ކާއިނެކެވެ. ކަހަނބުގެ ބާވަތްތައް ވަރަށް ގިނައެވެ. އޭގެތެރޭގައި، އެއްގަމުގައި ދިރިއުޅޭ ބާވަތްތަކާއި، ކަނޑުގައި ދިރިއުޅޭ ބާވަތްތަކާއި، ކޯރާއި މީރު ފެނުގައި ދިރިއުޅޭ ބާވަތްތައް ހިމެނެއެވެ. ކަހަނބާ ބެހޭގޮތުން ކުރެވިފައިވާ ދިރާސާތަކުން އެނގުނު އެންމެ މުހިންމު އެއް ޙަޤީޤަތަކީ، ކަހަނބު ރޯދަހިފާކަމެވެ. ކެއުމެއް ބުއިމެއް ނެތި އެތައް މަސްދުވަހެއް ވަންދެން ރޯދަހިފުމުގ ކުޅަދާނަކަން އެއަށް ލިބިފައިވެއެވެ.

Advertisements

ކަހަނބުގެ ބާވަތްތައް ރޯދަހިފާއިރު ތިބެނީ ޚާއްޞަ ތަންތާނގައެވެ. ކަނޑާއި ކޯރުގައި ދިރިއުޅޭ ކަހަނބުގެ ބާވަތްތައް ތިބެނީ، އެތަކެތި ދިރިއުޅޭ ތަނުގެ އަޑިން އެތަކެތި ފާހަގަކުރާ ޚާއްޞަ ތަންތަނެއްގައެވެ. އެގޮތަށް ތިބޭއިރު ފީނުމާއި ޙަރާކާތް ކުރުމަކީ އެތަކެތި ކުރާ ކަމެއް ނޫނެވެ. މާތް الله ގެ ޙަޟްރަތަށް ކުށްތަންވެ ޚުޝޫޢަތްތެރިކަމާއެކު ތަސްބީޙު ކިއުންމަތީގައި އެތަކެތި ދެމިތިބޭ ކަހަލައެވެ.

އެއްގަމުގައި ދިރިއުޅޭ ކަހަނބުގެ ބާވަތްތައް، ރޯދައަށް ތިބޭއިރު ތިބެނީ، ވިނަ ހެދިފައި ހުންނަ ތެތް ބިންތަކުގައެވެ. ރޯދަހިފަން ބޭނުންވެއްޖެނަމަ، އެފަދަ ބިމަކަށް އެތަކެތި ދެއެވެ. ދެން އެ ބިމުގައި ނުވަތަ އެ ބިމުގައިވާ ކުނިތަކުގެ ތެރޭގައި އެތަކެތީގެ ހަށިގަނޑު ވަޅުލައިގެން ތިބެ ރޯދަހިފައެވެ. އެގޮތުގައި އެތައް މަސްތަކެއް ހޭދަކުރުމަށްފަހު، ރޯދަވީއްލައެވެ.

މިއީ، ކަހަނބުގެ އެތެރެހަށީގެ ބައެއް ބައިތައް ދައްކައިދޭ ކުރެހުމެކެވެ.

އެއްގަމުގައި ދިރިއުޅޭ ކަހަނބުގެ ދިރިއުޅުމަށް ތެތްކަން ބޭނުންވާތީ، މާތް الله ގެ ރަޙުމަތްފުޅުން އެތަކެތީގެ އެތެރެހަށީގައިވަނީ، ފެން ޓޭންކުތަކެއް ލައްވާފައެވެ. ފެނަށް ބޭނުންވާ ހިނދު، އެ ޓޭންކުތަކުން އެތަކެތި ފެން ލިބިގަނެއެވެ. ޚާއްޞަކޮށް، ރޯދައަށް ތިބޭ މުއްދަތު ނިމިގެންދާއިރު، އެ ޓޭންކުތަކުގައިވާ ފެން އެތަކެތީގެ އެތެރެހަށީގެ މަސައްކަތްތަކުގައި ބޭނުންކުރެވެއެވެ. މިއިން ހާމަވެގެންދަނީ، މާތް ﷲ، ޚަލްޤުކުރައްވާފައިވާ ތަކެތި، ޚަލްޤުކުރައްވާފައިވާ ގޮތުގެ ފުރިހަމަކަމާއި، މޮޅުކަމެވެ. އޭގައި ލައްވާފައިވާ އިޢުޖާޒުގެ މަތިވެރިކަމެވެ. އެއިން އިންސާނުން ޢިބްރަތް ލިބިގަންނަންޖެހޭ ކަމެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.

(صُنْعَ اللَّهِ الَّذِي أَتْقَنَ كُلَّ شَيْءٍ إِنَّهُ خَبِيرٌ بِمَا تَفْعَلُونَ)[1]

މާނައީ، “(އެއީ) ﷲ ގެ ހެއްދެވުމެވެ. އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި ރަސްކަލާނގެއެވެ.”

ނިދާމީދާ

ނިދާމީދަލަކީ، މަންމަލިޖަނަވާރުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ޖޯޑުޖޯޑަށް ދިރިއުޅޭ މި މަޚުލޫޤަކީ އިޖުތިމާޢީ މަޚުލޫގެކެވެ. ދަރިން ތަރުބިއްޔަތުކޮށް ބަލަހައްޓަނީ މީގެ އަންހެން މީދަލެވެ. ޔޫރަޕާއި އެފްރިކާއާއި އޭޝިއާގައި މި ބާވަތުގެ މީދާ ދިރިއުޅެއެވެ. މި ބާވަތުގެ މީދާތައް، ހީވާގިވެ ޙަރަކާތްތެރިވާ މޫސުމުގައި ދިރިއުޅެނީ، ގަސްގަހާގެހީގައެވެ. ދިރިއުޅޭ ހާލި ހަދަނީ ގޮފިތަކުގައެވެ.

ނިދާ މީދަލަކީ، ދުވާލުގެ ވަގުތުތަކުގައި ނިދައި، ރޭގަނޑުގެ ވަގުތުތަކުގައި މަސައްކަތްކުރާ މަޚުލޫޤެކެވެ. އެސޮރުމެން ކަނީ މޭވާއާއި ގަސްގަހާގެހީގައި އަޅާ އޮށްތަކެވެ. ނިދާމީދަލުގެ ބައެއް ބާވަތްތައް، ފަނިފަކުސައާއި ބިހާއި ކުދިދޫނިތައް ކައިއުޅެއެވެ.

ފިނިމޫސުމުގެ ޢަލާމާތްތައް ފެންނަން ފެށުމުން، ނިދާމީދަލުގެ ޖަމާޢަތްތައް ރޯދަހިފުމަށް ނިޔަތްގަނެ، ގަސްގަހާގެހިން ފައިބައެވެ. ދެން ގަސްގަހާގެހީގެ މޫތަކުގެ ތެރެއަށް ވަދެ އެތަންތަނުގައި ނުކައި ނުބޮއި ތިބެއެވެ. ފިނި މޫސުމް ނިމެންދެން އެތަކެތި އެގޮތަށް ތިބޭއިރު ހީވަނީ ހޭނެތިފައި ތިބޭހެންނެވެ. އަދި އެތަކެތީގެ ވަށައިގެން ހިނގާ ކަންކަން އެތަކެއްޗަށް އިޙުސާސްކުރެވެނީ ހަމަ ކިރިޔަކިރިޔާއެވެ. ފިނި މޫސުމް ނިމުމުން އެތަކެތި ރޯދަވީއްލައެވެ. ދުނިޔެއަށް ލޯހުޅުވައި އެތަކެތީގެ ދިރިއުޅުމާއިގެން ކުރިޔަށް ދެއެވެ. ރޯދަހިފުމުގެ ސަބަބުން އެތަކެއްޗަށް އައު ހިތްވަރަކާއި އައު ބާރެއް ލިބިފައިވާކަން ދައްކަމުންނެވެ.

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ.

(الصِّيَامُ جُنَّةٌ)[2]

މާނައީ، “ރޯދައަކީ އައްޑަނައެކެވެ.”

Advertisements