ކީރިތި ޤުރުއާނުގެ ޢިލްމީ އިޢުޖާޒު

0

ބިލެތްމާދުށިންދޫނި

ކެނެޑާގައި ދިރިއުޅޭ ބިލެތްމާދުށިންދޫނީގެ ޖަމާޢަތްތައް، ދިގު ދަތުރެއް ކޮށްފައި އެމެރިކާގެ ބައްރަށް ހިޖުރަކުރެއެވެ. އެ ދަތުރުގެ ދިގުމިނަކީ، ގާތްގަނޑަކަށް ތިންހާސް މޭލެވެ. އެ ދަތުރު ކުރެވެނީ، ޕެސިފިކް ކަނޑުގެ މަތިން އުދުހިފަ އެވެ. އިންސާނުން ކުރާ ދިގު ދަތުރުތަކުގައި މަޑުޖައްސާލައި އަރާމުކުރިޔަސް، އެ ދޫނިތައް ކުރާ ދިގު ދަތުރުގައި މަޑުޖައްސާލުމެއް އަރާމުކުރުމެއް ނެތެވެ. ސަބަބަކީ، މާސިންގާ ބިޔަ ކަނޑެއްގެ މަތީގައި ދަތުރުކުރަން ޖެހޭކަމެވެ. މަޑުޖައްސާލައިފިނަމަ، ކަނޑަށްވެއްޓި ޣަރަޤުވެދާނެއެވެ. އެހެންކަމުން، ބިލެތްމާދުށިންދޫނިތައް ހިޖުރަކުރުމުގެ ދަތުރު ފުރިހަމަކުރަން ޖެހެނީ، ރޯދައަށްތިބޭ ޙާލުގައެވެ. އެ ރޯދައަކީ، ދަތުރުގައި ހޭދަވާ ތޭރަ ދުވަހުގެ މުއްދަތުގައި ހިމެނޭ ރޭތަކާއި ދުވާލުތަކުގައި މެދުކެނޑުމެއްނެތި ހިފަންޖެހޭ ރޯދައެކެވެ. އެހައި ދިގު މުއްދަތަކަށް، ރޯދަހިފުމުގެ ކުޅަދާނަކަން މާތް الله ވަނީ، އެ ދޫނިތަކަށް ދެއްވާފައެވެ. އެ ކުޅަދާނަކަން އެކަލާނގެ އެސޮރުމެންނަށް ދެއްވާފައި ނުވާނަމަ، މި ޙަޔާތުގައި އެސޮރުމެންގެ ދައުރު އަދާނުކުރެވުނީހެވެ.

Advertisements

މިއީ، އުދުހިފައިދާ ބިލެތްމާދުށިން ދޫނީގެ އައިނެކެވެ. ފެސިފިކް ކަނޑު ހުރަސްކޮށް، 3000 މޭލުގެ ދިގު ދަތުރެއް ކުރުމަށްޓަކައި އެ ދޫނިތައް 13 ދުވަސް ވަންދެން ހުއްޓުމެއްނެތި އުދުހެއެވެ.

ދެންފަހެ، ބިލެތްމާދުށިންދޫނި އެމެރިކާގެ ބައްރަށް ހިޖުރަކުރުމަށްފަހު ކުޑަކޮށް އަރާމުކޮށްލައެވެ. އަދި ކޮންމެ ދުވަހަކު އެސޮރުމެންނަށް ބޭނުންވާވަރަށްވުރެ އިތުރަށް ކައިބޮއި ހަދައެވެ. އެކަމުގެ ބޭނުމަކީ، ހިޖުރައިގެ މޫސުމް ނިމި، އޭގެ ވަޒަނަށް އެނބުރި ރުޖޫޢުވުމަށްޓަކައި އުދުހެމުން ދިއުމަށް ތައްޔާރުވުމެވެ. ވައިގެ މަގުން ކުރަންޖެހޭ އެ ދަތުރުގައި ހިފަންޖެހޭ ދިގުރޯދައިގެ މުއްދަތުގައި ހަށިގަނޑަށް ބޭނުންވާނެ ބާރާއި ހަކަތަ، އެ ކާނާއިން ލިބިގަނެ، ހަށިގަނޑުގައި އެ ޚަޒާނާކުރުމެވެ. ކިއެއްތޯއެވެ. މާތް ﷲ ގެ ރަޙްމަތްފުޅާއި، އެކަލާނގެ ޙަޟުރަތުން ވާގިވެރިކަން ވެސް ލިބިގަތުމެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.

(أَلَمْ يَرَوْا إِلَى الطَّيْرِ مُسَخَّرَاتٍ فِي جَوِّ السَّمَاءِ مَا يُمْسِكُهُنَّ إِلَّا اللَّهُ ۗ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يُؤْمِنُونَ)[1]

މާނައީ، “އުޑުގެ ޖައްވުގައި ކިޔަމަންކުރައްވާފައިވާ ދޫނިތައް، އެއުރެން ނުދެކެނީ ހެއްޔެވެ؟ އެތަކެތި (އުދުހޭ ގޮތުގައި) ﷲ މެނުވީ ނުހިފަހައްޓަވައެވެ. އީމާންވާ ބަޔަކަށް، ހަމަކަށަވަރުން، އެކަމުގައި ހެކިތަކެއް ވާކަން ކަށަވަރެވެ.”

ސެމަން މަސް

މާތް الله، މި ކާއިނާތުގައި ލައްވާފައިވާ ފިޠުރަތުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރޯދަހިފާ މަޚުލޫޤުން، ކޯރުތަކާއި ކަނޑުތަކުގައި ދިރިއުޅެއެވެ. އޭގެ ތެރެއިން އެއް މިސާލަކީ، ސެމަން މަހެވެ. އެ މަހަކީ، ކޯރުގައި އުފަންވާ މަސްމަހާމެހީގެ ބާވަތެކެވެ. ޅަޢުމުރުގެ ދުވަސްތައް ކޯރުގައި ހޭދަކުރުމަށްފަހު، އެ މަސްތައް ކޯރުން ނިކުމެ، ކަނޑުތަކަށް ހިޖުރަކުރެއެވެ. އެ މަސްތައް ކަނޑުގައި ދިރިއުޅެނީ، ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށެވެ. އެއަށްފަހު، ފުރާފުރިހަމަވެ، ޒަވާޖީ ޢުމުރަށް ވާސިލުވުމުން، އެތައް ހާސް ކިލޯމީޓަރެއްގެ ރާސްތާއެއް ކަޑައްތުކުރަންޖެހޭ ދިގު ދަތުރެއް ފަށައެވެ. ކަނޑުތަކުން ކޯރުތަކަށް ދިއުމަށްޓަކައެވެ.

މިއީ، އެތައް ހާސް ކިލޯމީޓަރެއް ހުރަސްކޮށް، ކަނޑުން ކޯރަށް ދަތުރުކުރާ ސެމަން މަހެވެ. މި ބާވަތުގެ މަސްތައް މިދުނިޔެއާ ވަކިވެގެންދަނީ، ރޯދައަށް ތިބޭ ޙާލުގައެވެ.

ކަނޑާއި ކޯރާ ގުޅޭ ހިސާބު ހުރަސްކޮށް، ކޯރުތަކުގައިވާ މިރުފެނުގެ ތެރެއަށް ވާސިލުވުމާއެކު، ސެމަން މަސް ރޯދަހިފައެވެ. އަދި ރޯދަހިފައިގެން ތިބެ، އެތައް މަސްދުވަސްތަކެއް ވަންދެން ކޯރުތެރޭގައި ފީނައެވެ. ބިސްއަޅަން އެކަށޭނަ ރަނގަޅު ތަނެއް ހޯދުމަށްޓަކައެވެ. އެފަދަ ތަނެއް ފެނުމުން، އެތަނުގައި ހޮރުކޮނެއެވެ. ދެން އަންހެން މަސްތައް، އެ ހޮރުތަކަށް ބިސްއަޅައެވެ. އަދި ފިރިހެން މަސްތައް އޭގެ ފިރިހެން ފެން، ބިސްތަކުގެ މައްޗަށް އޮހޮރާލައެވެ. އެ ފެނުގައިވާ ފިރިހެން ފަނިތަކުން ބިސްތައް މުޑުވައްކުރުމަށްޓަކައެވެ. ދެން އަންހެން މަސްތައް، ކޯރުގެ އަޑީގައިވާ ކިސަޑައިން، އެ ހޮރުތަކުގެ މަތި ބަންދުކުރެއެވެ. އެއަށްފަހު، އެ ހޮރުތަކުން ކުދި މަސްތައް ނުކުންނާނެ ދުވަހަކަށް އިންތިޒާރުކޮށްގެން ތިބެއެވެ. އެދުވަސް އައުމުން، އަންހެން މަސްތަކާއި ފިރިހެން މަސްތައް ރޯދަހިފައިގެން ތިބި ޙާލުގައި ތިބެ، ދުނިޔެ ދޫކޮށް ޚާލިޤުވަންތަ ރަސްކަލާނގެ ޙަޟްރަތަށް ދަތުރުކުރެއެވެ. އެތަކެތީގެ ނަސްލު ދަމަހައްޓާދޭނެ އައު ޖީލެއް ދުނިޔެއަށް އުފަންކުރުމަށްފަހުގައެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.

(إِنَّ فِي ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُ قَلْبٌ أَوْ أَلْقَى السَّمْعَ وَهُوَ شَهِيدٌ)[2]

މާނައީ، “ހަމަކަށަވަރުން އެކަންތައްތަކުގައި، ހިތެއްވާ މީހަކަށް ނުވަތަ އޭނާގެ ހިތާއެކު ޙާޟިރުވެ ހުންނަ ޙާލުގައި އަޑުއަހާ މީހަކަށް، ހަނދުމަކޮށްދިނުމެއް ވާކަން ކަށަވަރެވެ.”

Advertisements