ކީރިތި ޤުރުއާނުގެ ޢިލްމީ އިޢުޖާޒު

0

ފިނިހައް

ފިނިހަކަކީ އެސޮރުމެންގެ ޢާއިލާގެ އަފުރާދުން ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިފައިވާ މަޝްހޫރު ސޫތްޕެކެވެ. އެއްގަމުގައި ދިރިއުޅޭ ފިނިހަކުގެ އިތުރަށް، މީރުފެނާއި ލޮނުފެނުގައި ދިރިއުޅޭ ފިނިހަކުގެ ބާވަތްތައް ވެއެވެ. ނުރައްކަލަކާ ކުރިމަތިވާ ހިނދު، އޭގެ ތޮށިގަނޑުގެ ތެރެއަށް ވަންނަ މި މަޚުލޫޤު ދިރިއުޅެނީ ތެތް ބިންތަކުގައެވެ. ދުވާލުގައި ފިނިހައް ދިރިއުޅޭހިތްވަނީ، ބިމުގައި ވަޅުލެވިގެންނެވެ. ރޭގަނޑު އައުމުން، ތިމާވެށްޓަށް ނުކުމެ ކައިބޮއި، ދިރިއުޅުމުގެ ޙަރަކާތްތަކުގައި ހީވާގިވެއެވެ. އެގޮތަށް ކަންކުރަނީ، ދުވާލުގެ އަލިކަމާއި ހޫނުކަމުން ސަލާމަތްވުމަށްޓަކައެވެ.

Advertisements

ފިނިހަކަކީ، ގިނައިން ކައިއުޅޭ މަޚުލޫޤެކެވެ. އެހެންކަމުން، އޭގެ ހަށިގަނޑުގައި ސަރުބީ ޖަހައެވެ. ކެއުމުގައި މަޝްޣޫލުވެގެން އުޅޭއިރު، ހޫނު މޫސުމް އައުމުން، ނުރައްކާ ކުރިމަތިވެއްޖެކަން ފިނިހަކަށް އިޙުސާސްކުރެވެއެވެ. ދެން އެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ޚަރީފު މޫސުމް އަންނަންދެން، ރޯދަހިފައިގެން އޮވެއެވެ. އެކަމުގައި ފިރިހެން ފިނިހަކާއި އަންހެން ފިނިހައް، ޢަމަލުކުރަނީ އެއްގޮތަކަށެވެ.

ފިނިހަކަކީ، ހޫނު މޫސުމުގައި ރޯދަހިފާ މަޚުލޫޤެކެވެ.

ދިގުމުއްދަތަކަށް ރޯދަހިފުމަކީ، ފިނިހަކުގެ ނަސްލު ދުނިޔެއިން ނެތިދިއުމަށް މެދުވެރިވެދާނެ ސަބަބެކެވެ. އެހެނީ، އެ މަޚުލޫޤަކީ، ވަރަށް ގިނަ ސޫފި ތަކުގެ ކާނާއެކެވެ. އެހެންކަމުން، މާތް الله ވަނީ، ރޯދައަށް ތިބޭއިރު، ސަލާމަތްވާނެ ގޮތެއް އެއަށް މިންވަރުކުރައްވާފައެވެ. އެ ގޮތަކީ، އެއީ ރަހަ ނުބައި އެއްޗެއް ކަމަށް ގަބޫލުކުރެވޭނެފަދަ ލޮންޖަކުން އޭގެ ހަށިގަނޑުގެ ބޭރުފުށުގައި ތޮށިގަނޑެއް ލުމެވެ. އެ ތޮށިގަނޑުގެ ސަބަބުން، ހަމައެކަނި، އެހެން މަޚުލޫޤުންނަށް އޭގެ މަސް ނުބައިވަނީއެއްނޫނެވެ. އެއާއެކު، އޭގެ އެތެރެހަށިގައިވާ ފެން ބޭރުވެގެން ދިޔަނުދީ ހިފަހައްޓައެވެ. ފިނިހަކުގެ މަސްކާ އޭގެ ދުޝްމިނުންގެ ތެރޭގައި، ބޮކާއި މީދަލާއި އެއްގަމުގައި ދިރިއުޅޭ ދޫނިތައް ހިމެނެއެވެ. އެތަކެތި އެންމެ ގިނައިން ފިނިހައް ސިކާރަކުރަނީ، ފަތިހުގައެވެ. އަދި ގިނައިން ވާރޭ ވެހުމަށްފަހުގައްޔާއި، ޚާއްޞަކޮށް ވާރޭވެހުމަށްފަހު ތިމާވެށި ތެތްވުމުންނެވެ.

ޚަރީފު މޫސުމްގެ އަލާމާތްތައް ފެންނަން ފެށުމާއެކު، ރޯދަވީއްލައިފިކަން އިޢުލާންކުރަމުން، ފިނިހަކުގެ ޖަމާޢަތްތައް ދުންޔަވީ ޙަޔާތުގެ ދިރިއުޅުމުގެ މައިދާނަށް ނިކުމެއެވެ. ރޯދަ ވީއްލާއިރު، އޭގެ ހަށިގަނޑުގެ ސަރުބީތައް ވާނީ ވިރިފައެވެ. އެހެން ކަމުން، ވަރުބަލިވުމެއްނެތި އަނެއްކާވެސް، ހަށިގަނޑަށް ކާނާ އެތެރެކުރުމުގައި މަޝްޣޫލުވެއެވެ. ދެން އަންނަ ހޫނު މޫސުމުގެ ޢަލާމާތްތައް ފާޅުވަންދެން އެގޮތުގައި ދިރިއުޅެއެވެ. ކެއުމާއި ރޯދަހިފުމުގައި ދިރިއުޅުން ވޭތުކުރާ ފިނިހަކަކީ، އިލާހީ ދަރުސް ތަކުގެ ތެރެއިން ޢިބްރަތްތެރި ދަރުސެކެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.

(وَاللَّهُ خَلَقَ كُلَّ دَابَّةٍ مِّن مَّاءٍ ۖ فَمِنْهُم مَّن يَمْشِي عَلَىٰ بَطْنِهِ وَمِنْهُم مَّن يَمْشِي عَلَىٰ رِجْلَيْنِ وَمِنْهُم مَّن يَمْشِي عَلَىٰ أَرْبَعٍ ۚ يَخْلُقُ اللَّهُ مَا يَشَاءُ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ)[1]

މާނައީ، “އަދި ދިރޭ ކޮންމެ އެއްޗެއް، ﷲ، ފެނުން ހައްދަވާފައި ވެއެވެ. ފަހެ، ބަނޑުލައިލޫދެމުން ހިނގާ ތަކެތި އޭގެތެރެއިން ވެއެވެ. އަދި ދެފައިން ހިނގާ ތަކެތި ވެސް އޭގެތެރެއިން ވެއެވެ. އަދި ހަތަރެސްފައިން ހިނގާ ތަކެތި ވެސް އޭގެތެރެއިން ވެއެވެ. ﷲ، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. ހަމަކަށަވަރުން، ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ.”

މުގޮށިމީދާ

މުގޮށިމީދަލަކީ، މީދަލާ ވައްތަރު އެއްޗެކެވެ. އެހެނަސް އެއީ މީދަލަށްވުރެ ބިޔަ، ބުރިކަށިމަތި އުސް، ހަތަރެސްފައި ކުރު، ނިގޫ މާ ފަލަ އެއްޗެކެވެ. މުގޮށިމީދާ ކައިއުޅެނީ ގަސްގަހާގެހީގެ އެއްސިއްސެވެ. އެއްގަމުގައި ދިރިއުޅޭ މުގޮށިމީދަލަކީ އާދަޔާ ޚިލާފަށް ގިނައިން ކައިއުޅޭ މަޚުލޫގެކެވެ. ޚާއްޞަކޮށް ޚަރީފު މޫސުމުގައި ގިނައިން ކައެވެ. އެހެންކަމުން އެ މޫސުމުގައި އޭގެ ހަށިގަނޑު އާދަޔާ ޚިލާފަށް ފަލަވެގެންދެއެވެ.

ފިނިމޫސުމް އައުމުން، މުގޮށިމީދާ ކެއިންބުއިން ހުއްޓާލުމަށްފަހު، ރޯދަހިފައެވެ. އެކަން ކުރުމަށްޓަކައި މުގޮށިމީދާ ވަންނަނީ ހޮރުތަކަށާއި ހޮއިހެދިފައި ހުންނަ ލަކުޑީގެތެރެއަށެވެ. ދެން އޭގެ ހަށިގަނޑު ވަށްބޯޅައެއްހެން ގުޅަކޮށްގެން އޮވެ، ރޯދައިގެ ދުވަސްތައް ހޭދަކުރެއެވެ. ބަލާބެލުމަށް ހީވާނީ ފުން ނިދީގައި ނިދާފައިވާ ހެންނެވެ. ނުވަތަ މަރުވެފައިވާ ހެންނެވެ.

ރޯދަ ހިފައިގެން އޮންނައިރު، މުގޮށިމީދާ އޮންނަ ޙާލަތަކީ، އާދައިގެ ނިދީގެ ޙާލަތެއް ނޫނެވެ. އެހެނީ، ކިތަންމެ ބާރު އަޑެއް އިވުނަސް އަދި ކިތަންމެ ވަރަކަށް ތެޅުވިޔަސް އެއަކަށް ނުހޭލެވެއެވެ. އެގޮތަށް އޮންނައިރު، އެސޮރު ނޭވާލާނީ ލަސްލަހުންނެވެ. ދެލޯވާނީ މެރިފައެވެ. ހަށިގަނޑަށް ކާނާ އެތެރެ ނުކުރާތީ، މައިދާއާއި ގޮހޮރު އަރާމުކުރަމުން ގެންދާނެއެވެ. ހަށިގަނޑުގެ ޙަޔަވީ މަސައްކަތްތައް ހިނގަމުންދާނީ މަޑުމަޑުންނެވެ. އަދި އެސޮރުގެ ހަށިގަނޑުގައިވާ ސަރުބީތައް ވިރުމުންދާނެއެވެ. މިކަންކަމުގެ ސަބަބުން އެސޮރުގެ ހަށިގަނޑު ލޫޅާފަތިވެ، ލުއިވަމުންދެއެވެ.

މުގޮށިމީދާ ރޯދަހިފަނީ ފިނި މޫސުމުގައެވެ.

ފިނި މޫސުމް ނިމި، ހޫނުކަން ދުނިޔެއަށް ވެރިވާން ފެށުމުން، މުގޮށިމީދާ ރޯދައިގެ އަޅުކަން އަދާކުރުމަށް ވަދެ އޮތް، އެސޮރުގެ ޚަލްވަތުން ނިކުމެއެވެ. ޙަރަކާތްތެރި، މުރާލި، ހީވާގި، ރިވެތި ހަށިގަނޑަކާއިގެންނެވެ. ދެންފަހެ، ރޯދަވީއްލައި، މާރޯދަ ޢީދެއްގައި އުފާފާޅުކޮށް ކައިބޮއި އުޅޭހެން ދިރިއުޅުން ކުރިއަށް ގެންދެއެވެ. މިފަދަ މަޚުލޫޤުންގެ ރޯދަ ހިފުމަކީ، އިންސާނުން އެއިން ޢިބްރަތް ލިބިގަންނަންޖެހޭ އިލާހީ ދަރުސްތަކެވެ. ނަމަވެސް އިލާހީ ދަރުސްތަކުން އިބްރަތް ޙާޞިލުވާނީ، އެއާމެދު ވިސްނުން ހިންގާ އިޚުލާޞްތެރި މުއުމިނުންނަށެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.

(إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ)[2]

މާނައީ، “ހަމަކަށަވަރުން، އެކަމުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއް ވާކަން ކަށަވަރެވެ.”

ޚިތާމް

މިބައިގައި ފުރަތަމަ އަލިއަޅުވައިލީ، ރޯދަހިފުމުން އިންސާނާގެ ހަށިގަނޑުގައިވާ މުހިންމު ގުނަވަންތަކަކަށް ލިއްބައިދޭ ފައިދާއެވެ. އެއަށްފަހު އަލިއަޅުވައިލީ، އިންސާނުން ފިޔަވައި އެހެން މަޚުލޫޤުން ވެސް ރޯދަހިފާކަން ބަޔާންކޮށްދޭ ބައެއް މިސާލުތަކަށެވެ. ބައެއް މީހުން ހީކުރަނީ، އިންސާނުން ފިޔަވައި އެހެން މަޚުލޫޤުން ހިފާ ރޯދައަކީ ރޯދައެއް ނޫން ކަމަށެވެ. އެއީ، މާތް ﷲ އިންސާނުންނަށް ދެއްވާފައިވާފަދަ އަމިއްލަ އިޚްތިޔާރެއް އެސޮރުމެންނަށް ދެއްވާފައިނުވާތީއެވެ. އެހެންކަމުން، ބައެއް މީހުން ހީކުރަނީ، އިންސާނުން ފިޔަވައި އެހެން މަޚުލޫޤުން ހިފާ ރޯދައަކީ، ފިޠުރަތީ ގޮތުންނާއި ޙާލަތު ނިޔާކުރާ ގޮތުގެމަތިން އެސޮރުމެން ކުރާކަމެއް ކަމަށެވެ. އެހެނަސް މިއީ ކުށް ހީއެކެވެ.

އެހެނިހެން މަޚުލޫޤުންނެކޭ އެއްފަދައިން، މާތް الله އިންސާނުން ޚަލްޤުކުރައްވާފައިވަނީ ރޯދަހިފަންޖެހޭ ގޮތަށެވެ. އެހެން މަޚުލޫޤުންނާއި އިންސާނުންނާ ދެމެދުގައިވާ ތަފާތެއް ވަނީ، ހަމައެކަނި ރޯދަ ހިފުމުގައެއް ނޫނެވެ. ޚަލްޤުކުރައްވާފައިވާ ގޮތާއި ފިޠުރަތީ ތަފާތުތައް ހުރިހައި ކަމެއްގައިމެ، އިންސާނުންނާއި އެހެން މަޚުލޫޤުންނާ ދެމެދުގައި މާތް ﷲ ވަނީ ލައްވާފައެވެ. އެހެން މަޚުލޫޤުން ރޯދަ ހިފަނީ، އެސޮރުމެން ރޯދަ ހިފުމަށް އެކަލާނގެ މިންވަރުކުރައްވާފައިވާ ގޮތަށެވެ. އިންސާނުންނަށް އެކަލާނގެ މިންވަރުކުރައްވާފައިވަނީ، އަމިއްލަ އިޚުތިޔާރުގައި ރޯދަހިފުމަށެވެ.

Advertisements