ގޯދާރު ޕޯޓްގެ އެއްބަސްވުން ޕާކިސްތާންގެ ގާނޫނު ހަދާ މަޖިލީހާ ހިއްސާ ނުކުރެވޭނެ

0
ޕާކިސްތާންގެ ބަލޯޗިސްތާންގެ ގޯދާރް ޕޯޓް

ޕާކިސްތާންގެ ގޯދާރު ޕޯޓް ޑިވެލޮޕްކުރުމަށް ހަދާފައިވާ އެއްބަސްވުމަކީ ސިއްރު އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުން ޕާކިސްތާންގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓާ ހިއްސާ ނުކުރެވޭނެ ކަމަށް ބުނެފިއެވެ. ޕާކިސްތާންގެ ބަޖެތްގެ ބަހުސްގައި، ގޯދާރް ޕޯޓްގެ ޓެކްސް މައާފްކުރުމުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާފައިވުމުން، ސެނެޓުގެ ކޮމިޓީއަކުން ވަނީ މި އެއްބަސްވުން ބަލާލަން ބޭނުންވާކަމަށް ބުނެފައެވެ.

ޕާކިސްތާނުގެ ދުވަހު ނޫސް ޑޯން އިން ރިޕޯޓް ކުރިގޮތުގައި، މެރިޓައިމް އެފެއާރޒް ސެކެރެޓްރީ، ރިޒްވާން އަހުމަދު ސެނެޓްގެ ފައިނޭންސް ކޮމިޓީގައި ވިދާޅުވެފައިވަނީ ޗައިނާއާއި ޕާކިސްތާންއާ ދެމެދު ގޯދާރް ޕޯޓް ޑިވެލޮޕް ކުރުމަށް ހަދާފައިވާ އެއްބަސްވުމަކީ ސިއްރު އެއްޗެއް ކަމުން އެ މަޢްލޫމާތު ހާމަ ނުކުރެވޭނެ ކަމަށެވެ.

މި މައްސަލާގައިި ހޫނުވެގެން ދިޔަ ބައްދަލުވުމުގައި ސެނެޓަރުން ކަން ކުރަންވީ ގޮތް މެރިޓައިމް ސެކެރެޓްރީއަށް ކިޔައި ނުދެވޭނެ ކަމަށް މެންބަރުން ވިދާޅުވުމުން، އަހްމަދު ވިދާޅުވީ އޭނާ މަޢްލޫމާތު ދެއްވަނީ، ކޮމިޓީގެ ރިއާސަތަށް ކަމަށެވެ.

Advertisements

މީގެ އިތުރުން ފައިނޭންސް ކޮމިޓީން ވަނީ ގޯދާރް ޕޯޓްގެ ކޮންޓްރެކްޓަރުންނާއި ސަބް ކޮންޓްރެކްޓަރުންގެ މަޢްލޫމާތުވެސް ސާފުކުރައްވަން އެދިވަޑައިގެންފައެވެ. ނަމަވެސް މި މަޢްލޫމާތަކީ، އޭނާގެ އަތްޕުޅުގައި ހުރި މަޢްލޫމާތެއް ނޫންކަމަށާއި ކަމާ ބެހޭ ފަރާތްތަކުން ކޮންޓްރެކްޓަރުންނާއި ސަބްކޮންޓްރެކްޓަރުންގެ މަޢްލޫމާތު ހޯއްދެވުމަށްފަހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ޕާކިސްތާންގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ގޯދާރް ޕޯޓާއި އެޕޯޓާ ގުޅިފައިވާ، ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯއަކީ، ޕާކިސްތާން ސިފައިންނަށް އެއިން ފައިދާވާ ބައި އެޅޭ މަޝްރޫއުތަކެކެވެ.

ގޯދާރް ޕޯޓަކީ ޗައިނާ އިން ތަރައްގީ ކުރާ އަދި ޗައިނާގެ ކަނޑުގެ ދަތުރުފަތުރަށް މުހިންމު ބަނދަރެކެވެ. މި ބަނދަރުން ދާ ހައިވޭއިން ލައިގެން ޗައިނާގެ މުސްލިމުންގެ ބައި ގިނަ ޝިންޖިއާންގ ޕްރޮވިންސަށް ހައިވޭ ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ފޯބްސް މަޖައްލާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ޗައިނާއިން ދަނީ ގޯދާރް ޕޯޓްގައި ސިއްރު އަސްކަރީ މަރުކަޒެއް ހަދަމުންނެވެ. ސެޓެލައިޓް އިމޭޖްތަކާ ހަވާލާދީ ފޯބްސްއިން ބުނެފައިވަނީ، ގޯދާރްގައި ޗައިނާއިން އަލަށް އެތައް އިމާރާތެއް ހަދާފައިިވާ ކަމަށެވެ. އަދި މިއީ އެފްރިކާގެ ޖިބޫޓީގައި އޮންނަ ޗައިނާގެ ކަނޑުގެ ސިފައިންގެ އަސްކަރީ މަރުކަޒާއި އިންޑިއާ ކަނޑު ގުޅުވާލުމުގެ މުހިންމު މަސައްކަތެއް ކަމުގައެވެ.

2018 ވަނައަހަރުގެ ޖެނުއަރީ މަހު ޗައިނާއިން ރިޕޯޓް ކޮށްފަިއވަނީ ގޯދާރްގައި ކަނޑުގެ ސިފައިންގެ މަރުކަޒެއް ހަދާނެ ކަމަށެވެ.

Advertisements