“އަޙްސަން އުޅެނީ މި ތާނގައި ކަމެއް އަހަރެން ނުދެނަހުރިން.” އޭނާ ގާތް ރާގަކަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު އަޙްސަންގެ މޫނުމަތީގައި ފެންނާން ހުރި ހަރުކަށިކަން ފެނުނީމާ އޭނާ ބޭނުންވާ ރާގަކަށް ވާހަކަ ދައްކާކަށް ނުކެރުނެވެ.
“ޒާރާ ތިޔަ އައީ ކާކާ ބައްދަލުކުރަން.”
“ވަކި މީހަކާ ބައްދަލުކުރާކަށް ނޫން.”
“އެހެންވެއްޖެއްޔާ ކީއްކުރަން؟”
“އަހަރެން މިއައީ ޝެހެރޫޒް ވީއްލުވަން. ޒަމާނަތުގެ ގޮތުގައި ބަހައްޓަން ބޭނުންވާ ފައިސާ ހިފައިގެން.” އޭނާ ބުނެލިއެވެ. އަޙްޞަން ޖަވާބެއް ނުދެއެވެ. ދޮރާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ.
“އަޙްސަން އަހަންނަށް ހީވަނީ މި ވާހަކަ ރަނގަޅުވާނީ ގޭގައި ދެއްކިއްޔާހެން. ދެ މީހުން ގޭގައި މި ވާހަކަ ދައްކާނީ…”
“ޒާރާ އަޙްމަދު. އަހަރެން އޮފީހުގެ މައްސަލަތައް ގެއަކަށް ނުގެންދަން.” އޭނާ ހަރުކަށި ރާގަކަށް ބުނެލިއެވެ.
“ޝެހެރޫޒް އަހްމަދާ ބެހޭގޮތުން ދައްކަން ބޭނުންވާ ވާހަކައެއް މިހާރު ދައްކާ. އަހަންނަކަށް މާގިނަ ވަގުތެއް ނެތް.”
“އަހަރެން ބޭނުންވަނީ މި މައްސަލަ މި ހިސާބުން ނިންމާލަން. އަޙްސަން ބޭނުމިއްޔާ ނިންމައި ލެވިދާނެ.”
“އެއީ ކިހިނެއް؟”
“މިހެން.” އޭނާ ދަބަސް ހުޅުވައި އަޙްސަނަށް ދައްކައިލިއެވެ.
އަޙްސަން ޙައިރާންވެފައި އޭނާގެ ކުރިމަތީގައި ހުރި ނޫޓުތަކާ ދިމާއަށް ބަލައިލިއެވެ. ދެން އޭނާ ބަލައިލީ ޒާރާގެ މޫނަށެވެ.
“މަދިއްޔާ ބުނޭ.”
“ޒާރާ އަޙްމަދު.” އަޙްސަން މޭޒުމަތީގައި ގޮށްމުށުން ޖެހުމަށްފަހު ރުޅި އައިސް ރަތްވެފައި ބުންޏެވެ.
“ރިޝްވަތު ދޭން އުޅުނު ކަމުގެ ކުށުގައި އަހަންނަށް ޒާރާ ހައްޔަރު ކުރެވިދާނެ.”
“އެހެންތަ؟” އޭނާގެ މޫނުމަތީން ހާސްވުމުގެ އަސަރެއް ނުފެނެއެވެ.
“ތިޔަ އެއްޗެހި މިތަނުން ނަގާ.”
“ވިސްނައިލާ! ލިބޭ ރިޒުގެއްގައި ކޮޅުފައިން ޖަހާކަށް ނުވާނެ.”
“އަހަރެން ޒާރާ މިތަނުން ނެރެލުމުގެ ކުރިން ނުކުމެގެންދޭ.”
“އަޙްސަން… އަޙްސަންގެ ކުރިމަތީގައި އަހަރެން އިސްޖަހައި ރޮއި އާދޭސް ކުރާނޭކަމަށް ހީނުކުރާތި.” އޭނާ ދަބަސް ލައްޕައިލަމުން ބުނެލިއެވެ. “އަޙްސަން ނޫނިއްޔާ އެހެން މީހަކު ހުންނާނެ. ގަނެލެވޭނެ މީހުން މަދެއް ނޫން. ގަނެލުމުގެ ބާރު މިހާރު އަހަންނަށް ލިބިފައި އެބައޮތް.” އޭނާގެ ރާގުގައި އެކުލެވިފައި ވަނީ ބޮޑާކަމެވެ.
“ޝެހެރޫޒާ ބައްދަލު ކުރެވިދާނެތަ؟” އޭނާ ތެދުވަމުން އަހައިލިއެވެ.
“ނުކުރެވޭނެ.” އަޙްސަން ހަރުކަށި ކަމާއެކު ބުންޏެވެ.
“އެންމެ ރަނގަޅު.” ފަރުވާކުޑަ ރާގަކަށް މިހެން ބުނެފައި އޭނާ އެ ކޮޓަރިން ނުކުމެއްޖެއެވެ.
އޭނާގެ ހުރިހައި ހިތްހަމަޖެހުމެއް ގުޅިފައި ވަނީ ފައިސާޔާއެވެ. ފައިސާގެ ބޭނުންކޮށްގެން ކިތަންމެ ބޮޑު މައްސަލައެއްވެސް ހައްލު ކުރެވިދާނޭކަމަށް އޭނާ މިހާރުވެސް ގަބޫލުކުރެއެވެ.
މަންމަގެ ގެއަށް ދިއުމުގެ ކުރިން އެނާ ޚާވަރްގެ ގެއަށް ފޯނުކުރިއެވެ. އެހެންނަމަވެސް އޭނާ ގެއަކު ނޫޅެއެވެ. އެހެންވީމާ ޒާރާ ގަސްތުކުރީ ހަވީރު ޚާވަރްގެ ގެއަށް ދާށެވެ. ޚާވަރް މެދުވެރިވެގެން ޝެހެރޫޒް ދޫކޮށްލެވޭނޭ ގޮތެއް ހަމަޖައްސާނީއެވެ.
“ތިޔަ އައީ ކޮން ތަނަކުން؟” އޭނާ ފެނުމާއެކު މަންމަ އަހައިލިއެވެ.
“ކުޑަ މަސައްކަތަކު ތަނަކަށް ދިޔައީ.”
“ކޮންކަހަލަ މަސައްކަތެއް؟”
“އެއީ ޝެހެރޫޒްގެ ކަމެއް. އޭނާ ފޯނުކޮށްފައި އޮފީހުގެ ކަމެއްގެ ވާހަކަ ބުނީމާ މިއައީ އެކަމާ ގޮސްފައި.” މިހެން ބުނެފައި އޭނާ މަވްޟޫޢު ބަދަލުކޮށްލިއެވެ. “ކުޑަމީހާ ބޮޑާ ހޭކިތަ؟”
“ނޫނޭ. އޭނާ އަދިވެސް އޮތީ ނިދާފައި.”
“އެހެންތަ؟” އޭނާ އެތެރެއަށް ވަދެ ދަރިފުޅާ ދިމާއަށް ބަލައިލިއެވެ. އެސޮރު ނިދައިފައި އޮތްއިރު ހީވަނީ ހަމަ ޝެހެރޫޒްހެންނެވެ. ދަރިފުޅާ ދިމާއަށް ބަލަހައްޓައިގެން ހުރި ނަމަވެސް އޭނާގެ ސިކުނޑި ވަނީ އެކި ކަހަލަ ޚިޔާލުތަކުން ފުރިފައެވެ.
“މަންމާ. އަހަރެން މިދަނީ ސެހެރާ ބައްދަލުކޮށްލަން.” އޭނާ މަންމަޔާ ދިމާއަށް ބަލައިލާފައި ބުންޏެވެ.
“ތިޔަ އައީ ދެންމެއެއްނު؟ އަނެއްކާ ދަނީ؟”
“ކޮންމެ ދުވަހަކު ބޭރަކަށް ނުނުކުމެވެއެއްނު؟ އެހެންވީމާ ނުކުމެވުނު ދުވަހު އޭނާޔާވެސް ބައްދަލުކޮށްލަން ބޭނުންވީ.”
“ކުޑައިރުކޮޅަކު މަޑުކޮށްލާ. ކާލައިގެން ދާނީ.”
“އަހަރެން މި ވަގުތަކު ބަނޑުހައެއް ނުވޭ. ފަހުން ކާނީ.” މިހެން ބުނެފައި އަސްމާ ގާތު ދަރިފުޅު ބަލާށޭ ބުނެފައި އޭނާ ބޭރަށް ނުކުމެއްޖެއެވެ.
“ދައްތާ މާ ނުތަންވަޅަކު އަނެއްކާ ކިހިނެއްވީ؟” ސެހެރަށް އޭނާ ފެނުނީމާ އަހައިލިއެވެ.
“ސެހެރާ ބާއްދަލުކުރާ ހިތްވީމާ އައީ.”
“ދަރިފުޅު ކޮބާ؟”
“މަންމަގެ ގޭގައި.”
“އާދޭ… އިށީނދޭ.”
ޒާރާ އެގޭގެ އެކި ތަންތަނަށް ބަލަމުން ގޮސް އިށީނދެއްޖެއެވެ.
“މިއީ ރީތި، ރަގަނޅު ގެއެއް.” އޭނާ ބުނެލިއެވެ. “އެކަމަކު ސަރުކާރުގެ ގެއެއް. ސެހެރް މި ގެ ޒީނަތްތެރި ކޮށްފައި މިހިރީ ވަރަށް ރީތިކޮށް. އަމިއްލަ ގެއެއް ހުންނާނެ ނަމައޭ ސެހެރްގެ ހިތަށް އަރާނެކަން ގައިމު.”
“ތިޔަ ކަހަލަ ޚިޔާލެއް އަހަރެން ނުކުރަން.” ސެހެރް ފަރުވާކުޑަ ރާގަކަށް ބުނެލިއެވެ.
“މޮޔަ ކުއްޖާގަނޑާ. މިހާރު ނުކޮށް އެ ކަހަލަ ޚިޔާލު ކުރާނީ ކޮންއިރަކު؟”
“އަދި ދުވަސް އެބަ އޮތެއްނު؟” ސެހެރް އެ ވާހަކަ ހުއްޓުވޭތޯ މަސައްކަތް ކުރުމުގެ ގޮތުން ބުނެލިއެވެ.
“ވަގުތު ފާއިތުވެގެން ދާނީ ނުވެސް އެނގި. އަޙްސަން ރިޓަޔަރ ކުރުމުގެ ކުރިން ގެއެއް ހޯދިއްޔާ ރަނގަޅުވާނެ.”
“ތިޔަ ކަމާ ވިސްނާނީ އަޙްސަން.”
“ފިރިހެނުން ނުއެއް ވިސްނާނެ. އެ މީހުން ވިސްނާނީ އަންހެނުން މަޖުބޫރުކުރުވީމާ. އެނގިއްޖެތަ؟” ޒާރާ ކުޑައިރުކޮޅަކު ހިމޭނުން އިނުމަށްފަހު ބުންޏެވެ. “ގެއެއް ބޭނުން ވާހަކަ ދޭތެރެދޭތެރެއިން އަޙްސަން ގާތު ބުނަން ވާނެ.”
ސެހެރް ޖަވާބެއް ނުދިނެވެ.
“ބުނަންތަ؟” ސެހެރް އަނގައިން ނުބުނީމާ އޭނާ ބުންޏެވެ. “އަހަރެން ސެހެރަށް އެހީވެދީފާނަން. ބިމެއް ގަންނަން އެހީއެއް ބޭނުންތަ؟ ލައްކައެއް ނޫނީ ދޮޅު ލައްކައެއްހައި ރުފިޔާ ދިނުމަކީ އަހަންނަކަށް އެއްވެސް ކަމެއް ނޫން…”
ސެހެރް ޖަވާބެއް ދިނުމުގެ ކުރީން ދޮރު ހުޅުވައިލާފައި އެ ވަނީ އަޙްސަނެވެ.
“ސެހެރް… ކޮޓަރިއަށް ދޭ.” އޭނާގެ އަޑުގައި ހުރި އަމުރުވެރި ރާގެއްގެ ސަބަބުން ސެހެރް ކޮޅަށް ތެދުވެއްޖެއެވެ. އެހެންނަމަވެސް ހިނގައެއް ނުގަނެއެވެ.
“ދޭ!” އަޙްސަންގެ ރުޅިވެރި އަޑު ކޮޓަރި ތެރޭގައި ގުގުމައިލިއެވެ.
ސެހެރް އަވަސްއަވަހަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
“ޒާރާ އަޙްމަދު. ކަލޭ ތިޔަހައި ލަދުކުޑަ ކަމެއް ކޮށްފާނެއެކޭ އަހަރެންގެ ހިތަކަށްވެސް ނާރާ.”
“އަޙްސަން ކަމާލް! ތަންކޮޅެއް ރީތިކޮށް ވާހަކަދައްކާ! ތިޔަހެން އަހަންނާ ވާހަކަދެއްކުމުގެ ހައްގެއް ކަލެއަކަށް ނޯންނާނެ.”
“އަހަރެންގެ ގެއަށް އައިސް އަހަރެންގެ އަނބިމީހާ މަގު ފުރައްދާން އުޅުމުގެ ހައްގު ކަލެއަށް ދިނީ ކާކު؟”
“އަހަރެން އޭނާ މަގު ފުރައްދާކަށް ނޫޅެން. އެއީ ހަމައެކަނި ކަލޭގެ އަނބިމީހާއެއް ނޫން…”
“އެއީ ހަމައެކަނި އަހަރެންގެ އަނބިމީހާ. އަހަރެން ބޭނުމިއްޔާ މި ވަގުތުން ފެށިގެން ކަލެޔާއި ބައްދަލު ނުވެވޭނެގޮތް ހަދައިފާނަން.”
“ކަލޭ ކަހަލަ އަނިޔާވެރިއަކަށް ތިޔަ ނޫން ކަމެއް ނުވެސް ކުރެވޭނެ.”
“އެހެން ކިތަންމެ ކަމެއް އަހަރެންނަށް ކުރެވިދާނެ.”
“އަހަންނަށް އެނގޭ.” ޒާރާ ތެދުވެއްޖެއެވެ. އަދި ހަމަލައަށް ފަހިވެލިއެވެ. “ކަލޭ ކުރާ ކަމެއް ކުރާނީ ވަޒީފާގެ ވާޖިބު އަދާކުރުމުގެ ގޮތުން ނޫންކަންވެސް އަހަރެންނަށް އެނގޭ. އަހަރެން ކަލެޔާ ގުޅެން ދެކޮޅު ހެދީމާ ބަދަލު ހިފުމުގެ ގޮތުން ކަންވެސް އެނގޭ. ވާޖިބު އަދާކުރުމުގެ ނަމުގައި ބަދަލުހިފަން މިއަށްވުރެ ރަނގަޅު ދަނޑިވަޅެއް ކަލެއަކަށް ނުވެސް ލިބޭނެ.”
“އަހަންނާ ބެހޭ ގޮތުން ފެށުނީއްސުރެ ކަލޭގެ ޚިޔާލު ހުންނަނީ ނުބައިކޮށް. އަހަރެންގެ ވާހަކަ އިހަށް ބާއްވާ. އަމިއްލަ ނަފްސަށް ނިކަން ބަލާލަބަލަ… ކަލެއަކީކާކު؟” އަހްސަންގެ ރުޅި މަޑުވާގޮތެއް ނުވިއެވެ.
“ކޮންމެ ކަހަލަ މީހަކަށް ވިޔަސް އަހަރެން މިއީ ކަލޭ ކަހަލަ ދެ ފުށް ކެހެރިއެއް ނޫން. އަހަރެންގެ ބޭރު ފުށުން ފެންނާނީ އަހަރެންގެ ހަގީގީ ގޮތް. އޮޅުވާލުން އެއީ އަހަރެން ކުރާ ކަމެއް ނޫން. އަހަރެން މިއީ ކޮން ކަހަލަ މީހެއްކަން އެންމެންނަށްވެސް އެނގޭނެ.”
“ބޭނުންވާ އެއްޗެއް ހޯދަން ކަލޭ ތިޔަ ޚިޔާރުކުރި މަގަކީ ވަރަށް ނުބައި މަގެއް.” އަޙްސަން މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އެހެންނަމަވެސް އެ މަލާމާތަކުން ޒާރާއަކަށް އެއްވެސް އަސަރެއް ނުކުރިއެވެ.
އޭނާ އަވަސް އަވަހަށް ބުނެލިއެވެ.
“މަގަކީ ކޮން ކަހަލަ މަގެއްތޯ އަހަރެން ނުބަލަން. އަހަރެން ބަލަނީ އަހަރެންގެ މަގުސަދު ހާސިލު ކުރެވޭތޯ.”
އަޙްސަން ކުޑައިރުކޮޅެއް ވާންދެން އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މީގެ ކުރިއެކޭ އެއްފަދައިން މިފަހަރުވެސް އަމިއްލަ ކުށް އޭނާގެ ހިތަށް ވައްދައިދެވޭތޯ އަހްސަން ކުރި މަސައްކަތް ނާކާމިޔާބުވީއެވެ.
“ޒާރާ… އިށީނދޭ! މީއީ ޒާރާގެ ބޮޑުބޭބެގެ ދަރިއެއްގެ ގެ.”
އަޙްސަން އޭނާގެ އަތުގައި ހިފައި ގޮނޑިއެއްގައި ބޭންދިއެވެ.
“ޒާރާއާ ވާހަކަ ދައްކައިގެން ކުރި ނުލިބޭނެކަން އަހަންނަށް އެނގޭ. އެކަމަކު އަހަރެންގެ މަޝްވަރާ އަޑުއަހައިލާ. ފަހަރެއްގައި ފަހުން އޭގެ ބޭނުން ހިފަން ޖެހިދާނެ.”
އޭނާ ސުވާލުގެ ނަޒަރަކުން އަޙްސަންގެ މޫނަށް ބަލައިލިއެވެ.
“ޝެހެރޫޒް ސަލާމަތްކުރަން ޒާރާ ތިޔަ ޚިޔާރުކުރި މަގަކީ ނުބައި މަގެއް. އެންމެ ރަނގަޅު ވާނީ މޮޅު ވަކީލަކާ ވާހަކަ ދެއްކިއްޔާ. ޒަމާނަތަށް އޭނާ ދޫކުރެވޭތޯ މަސައްކަތް ކުރޭ. މައްސަލަ ހިނގާނެ. އޭނާއަށް އަދަބުވެސް ލިބޭނެ. އެއީ ކަށަވަރު ކަމެއް. އެއީ…” އޭނާ ބުނަން އުޅުނު ވާހަކަ ނުބުނެ ހުއްޓައިލިއެވެ.
“އެއީ އަޙްސަން ބޭނުންވާ ގޮތަކީ އެއީ ކަމަށްވާތީ.”
“ނުބައިކޮށް ނުވިސްނާ.” އަޙްސަންގެ އަޑުގައި ވަނީ ނަސޭހަތުގެ އަސަރެވެ.
“އަހަރެން މި ވިސްނަނީ ނުބައިކޮށެއް ނޫން.” އޭނާ އަނެއްކާވެސް ތެދުވެއްޖެއެވެ. “އަޙްސަންގެ މަޝްވަރާގެ މައްޗަށް އަމަލުކޮށްފިއްޔާ ތިޔަ ބުނާ ޒަމާނަތެއްގެ ކަންތައް ހަމަޖެހެންދެން ޝެހެރޫޒަށް ޖެހޭނީ ޖަލުގައި އޮންނަން. އެއީ އަހަރެން ބޭނުން ގޮތެއް ނޫން. އަޙްސަން… ބުނަންތަ؟ އަހަރެންގެ އަތުގައި ހުރިހައި ފައިސާއެއް ޚަރަދުކޮށްގެންވެސް އަހަރެން އޭނާ ޖަލުން ނެރޭނަން.”
“މިކަމުގައި ފައިސާގެ ބޭނުމެއް ކުރެވޭކަށް ނޯންނާނެ.”
“ކޮންމެ އެއްޗެކޭ ބުންޏަސް ފައިސާގައި ވަރު ހުންނާނެ.” އެއީ އޭނާ އަބަދުވެސް ގަބޫލުކުރާ ގޮތެވެ. އަޙްސަނާ ދިމާއަށް އެތައް ފަހަރަކު އެހެން ބުނެފިއެވެ.
“އެންމެ ރަނގަޅު. އަހަރެން ޒާރާގެ ވާހަކަ ގަބޫލުކޮށްފާނަން. ފައިސާގައި ވަރަށް ވަރު ހުންނާނެ. އެކަމަކު ފައިސާއިން ނުކުރެވޭނެ ވަރުގެ ކަންތައްވެސް ހުރޭ.”
“ތިޔައީ ރަނގަޅު ވާހަކައެއްނޫން. ފައިސާގެ ބާރެއް ދުވަހަކުވެސް ނުކެނޑޭނެ.”
“އެންމެ ރަނގަޅު. އަމިއްލައަށް އަޖުމަ ބަލައިލާ. ފައިސާގައި ބާރު ހުންނަ ވަރެއް އެނގިދާނެތާ.”
“އާނ. ބަލަން ހުންނާތި! ފައިސާގެ ބާރުގައި އަހަރެން ޝެހެރޫޒް ސަލާމަތްކުރާނަން.” މިހެން ބުނެފައި ވަރަށް ބާރަށް ބުންޏެވެ. “ސެހެރް އަހަރެން ދަނީ.”
“މަޑުކޮށްލާ. އަހަރެން ޒާރާ ގެއަށް ލައި ދޭނަން.”
“އެއީ ކޮން ގުޅުމެއް އޮވެގެން.”
“ތިން ގުޅުމެއް މިހާރުވެސް އެބަ އޮތް. ﷲ އިރާދަ ކުރައްވައިފިއްޔާ ހަތަރުވަނަ ގުޅުމެއްވެސް އުފެދިދާނެ.”
“މިއަދުން ފެށިގެން އެންމެ ގުޅުމެއް ހަނދާން ބަހައްޓާ. ތިޔައީ އެސްޕީ އަޙްސަން ޚާން. އަހަރެން މިއީ ޖަލުގައި ބަންދުކޮށްފައި އޮތް ކުށްވެރިއެއްގެ އަނބިމިހާ.”
“އަހަންނަކީ ކުށްވެރިންގެ އަނބިންނާ މެދުވެސް ވަރަށް ރަނގަޅަށް ކަންތައްތައް ކުރާ މީހަކީން. އަދި އަމުދުން ޒަރާ ކަހަލަ އަނތްބެއް ކަމަށް ވަންޏާ ޚާއްސަ ގޮތެއް ބަހައްޓަން.” އަޙްސަން ހިނިތުންވެލީމާ ޒާރާގެ ގާތަށް އައި ރުޅި ވަކީން ގަދަވިއެވެ.
“ކަލެއަކީ ވަރަށް ގޮތް ކުޑަ މީހެއް.” އޭނާ ދެތިން ހުތުރު އެއްޗެއް ބުނެލުމަށްފަހު ބާރަށް ހިނގާފައި ގޮސް އެ ގެއިން ނުކުމެއްޖެއެވެ.
(ނުނިމޭ)