ސަޕޯޓަރުންގެ ތަރުހީބާއެކު ތަފާތު ރޫހެއްގައި ކުޅެ 4-1 އިން ހއ.ދިއްދޫ ބަލިކޮށް ގޯލްޑް ކަޕުގެ ކުއާޓާފައިނަލުން މަޝްހޫރު އޭދަފުށި މިއަދު ހަވީރު ޖާގަ ހޯދުމުން އޭދަފުއްޓާއި ހޮނިހިރު ބަތްޕެނުގެ ލޯތްބައް ބޮޅެއް އިތުވެއްޖެއެވެ.

ގްރޫޕް ސްޓޭޖް ދެވަނަ ފޭސްގައި ކުޅުނު ފުރަތަމަ މެޗުގައި މާފުށި އަތުން 2-0 އިން ބަލިވެފައި އޮތުމުން މިއަދު ދިއްދޫ އަތުން 3 ލަނޑުގެ ތަފާތަކުން މޮޅުވަން އޭދަފުއްޓަށް އޮތީ މަޖުބޫރުވެފައެވެ. މިއާއެކު މިއަދު ޓީމަށް ހިތްވަރާއި ވަރުގަދަ ތަރުހީބެއް ދިނުމަށް އޭދަފުށީ ސަޕޯޓަރުން މާލެ އަރާނެ ކަމުގެ ޚަބަރުތައް އޮތީ ފެތުރިފައެވެ.

އޭދަފުށީ ސަޕޯޓަރަކު ޓީމަށް ތަރުހީބު ދެނީ. ފޮޓޯ: ސިޑިބަރި

ޓްރާންސްފާ ފީ އަށް އީގަލްސްއަށް 75،000 ރުފިޔާ ދިނުމަށްފަހު ނިޝާމް މުހައްމަދު ރަޝީދު (ޕޮގް) މެދުތެރޭގެ އާރުކާޓީއަކަށް ލައިގެން ފެށި މިމެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް އޭދަފުށިން ދިޔައީ ލަނޑެއް ޖެހުމަށް މަސައްކަތް ކުރަމުންނެވެ. ނަސީބު އަތުގައި ހިފީ މެޗުގެ 21 ވަނަ މިނެޓުގައި އަލީ ނަސީމް (ދިއްލި) ލަނޑެއް ޖަހުމުންނެވެ. ފުރަތަމަ ހާފުގައި ލަނޑުޖަހަން އިތުރު ފުރުސަތުތައް ލިބުނުނަމަވެސް އޭދަފުއްޓަށް ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ. ފުރަތަމަ ހާފުގައި އޭދަފުށީގެ ކީޕަރު ޓެސްޓް ކޮށްލެވޭވަރުގެ އެންމެ ހަމަލާއެއްވެސް ދިއްދޫއަށް އުފެއްދިފައެއް ނުވެއެވެ.

އޭދަފުށީ ސަޕޯޓަރަކު ޓީމަށް ތަރުހީބު ދެނީ. ފޮޓޯ: ސިޑިބަރި

ދެވަނަ ހާފް ފަށައިގެން ލަނޑެއް ނުޖެހި ގިނައިރުވުމުން ކޮންމެވެސް ވަރަކަށް އޭދަފުށި ޕްރެޝަރަށް ވެއްޓުނެވެ. އޭދަފުށިން ދަނޑު ކައްކުވާލީ، ތަޖުރިބާކާރު ކުޅުންތެރިޔާ އިޝާން އިބްރާހިމް (ސައްޓު) ދިއްދޫގެ އޭރިއާގެ އަރިމަތިން ވަދެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ނިކުތްވަގުތު ޒުވާން ވިންގަރ ޖައުޝަން މުހައްމަދު (ޖައު) ގޯލްގެ ތެރެއަށް ވައްދާލުމުންނެވެ. މިއާއެކު އޭދަފުށީ ސަޕޯޓަރުން ވަރަށް ބޮޑަށް އުފާފާޅު ކުރިއެވެ.

ދަތުރު ހަދައިގެން ޓީމަށް ވަރުގަދަ ތަރުހީބެއް ދިނުމަށް އައިސްތިބި ސަޕޯޓަރުން އުފަލުން ރޮއްވާލީ މުހައްމަދު ފާސިރު (ފާޓޭ) ދިއްދޫ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ޖެހި ލަނޑާއެކު 3-0 އަކަށް ނަތީޖާ ބަދަލުކޮށްލުމުންނެވެ. މި ލަނޑަށްފަހު އޭދަފުށީ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ. އަދި ސަޕޯޓަރުންގެ ޖޯޝާއި ފޯރިވެސް ފެނުނީ މިފަހުން ގަލޮޅު ދަނޑުން ފެނުނު އެންމެ ވަރުގަދަ ރޫހުގައެވެ. އޭދަފުށީގެ ހަތަރުވަނަ ލަނޑު ފާއްޓޭ ޖެހީ މެޗު ނިމެން 5 މިނެެޓަށް ވެފައި ވަނިކޮށެވެ.

ފާއްޓޭ ލަނޑުޖެހުމަށްފަހު. ފޮޓޯ: ސިޑިބަރި

ސައްޓު ދަނޑު މައްޗަށް ވެއްޓިފައި ވަނިކޮށް، ރެފްރީ ކުޅުން ފެށުމުން އޭދަފުށީ ކުޅުންތެރިޔަކު ދިއްދޫ ކުޅުންތެރިޔަކަށް ފައުލް ކުރުމުން އުފެދުނު ހަމަނުޖެހުންތަކުގައި 10 ވަރަކަށް މިނެޓަށް މެޗުގެ ކުޅުން ހުއްޓާލަން ޖެހުނެވެ. މި ހަމަނުޖެހުމާއި ގުޅިގެން އޭދަފުށީ ބެންޗުގައި އިން ކުޅުންތެރިޔަކަށާއި ދިއްދޫ ބެންޗުގައި އިން ކުޅުންތެރިޔަކަށް ރަތްކާޑް ދެއްކިއެވެ.

ދިއްދޫއިން ލަނޑު ޖެހީ އަލުން ކުޅުންފެށިތަނާ ކަހަލަ ގޮތަކަށެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ހުސައިން ޒިމްޔާން އެވެ. އިތުރު ލަނޑެއް ޖެހުމަށްވެސް ދިއްދޫއަށް ރަނގަޅު ދެ ފުރުސަތު ލިބުނެވެ. އެކަމަކު މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.

މުބާރާތުގެ ފެވަރީޓުން ގޮތުގައި އޮތް އޭދަފުށިން މިއަދު ހޯދި މޮޅުގައި އެންމެ ކުރިއަށް ކުޅުނު ސައްޓު އާއި ފާއްޓޭ، އެކުޅުންތެރިންގެ ތަޖުރިބާގެ ބޭނުން ވަރަށް ބޮޑަށް ހިފިތަން ފެނިގެންދިޔައެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގައި އޭދަފުށި ހާއްސަ ވަނީ ކީއްވެކަން މިއަދު އޭދަފުށީ ސަޕޯޓަރުން ވަނީ ވަރަށް ފުރިހަމައަށް ދައްކުވައި ދީފައެވެ.