މިއަހަރުގެ ފުރަތަމަ ދެމަހު ޗައިނާގެ ދެ ލައްކައަށް ވުރެން ގިނަ ކުންފުނިތައް ބަނގްރޫޓް ވެއްޖެ

0

މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ޗައިނާގެ 240 ހާސް ކުންފުނި ބަނގްރޫޓް ވެއްޖެއެވެ. ކޯވިޑް 19 އާ ގުޅިގެން ޗައިނާގެ ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިތަކަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރިއެވެ. ރެސްޓޯރެންޓްތަކާއި ފެކްޓްރީތަކުގައި މަސައްކަތް ކުރާ ވަގުތު މަދުކޮށް އަދި ބައެއް ހާލަތްތަކުގައި އެއްކޮށް ބަންދުކުރަން ޖެހުނެވެ.

ޗައިނާގެ އިގްތިސާދަށް ކޯވިޑް 19 އާ ގުޅިގެން ދިމާވެފައިވާ ހީނަރުކަމުގެ މުޅި މަންޒަރު އަދި ސާފެއް ނުވެއެވެ. ނަމަވެސް ވިޔަފާރީގެ ކަންތައްތަކާ ގުޅިގެން ރިޕޯޓްތައް ލިޔުއްވާ ވޫ ޝިއާއޯބޯ ލިޔުއްވާ ގޮތުގައި 247 ހާސް ކުންްފުންޏެއް ވަނީ ފުރަތަމަ ދެމަސް ތެރޭ ބަންގްރޫޓް ވެފައެވެ.

Advertisements

ވޫ ޝިއާއޯބޯގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ގުއާންގޑޮންގ އޭރިއާ އަށެވެ. އެތާގައި ޖެނުއަރީއާއި ފެބްރުއަރީގައި 30 ހާސް ކުންފުނި ބަންގްރޫޓްވެފައި ވެއެވެ. ދެން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ތަންތަނަކީ، ޝާންޑޮންގއާއި ޖިއާންގސޫއާއި ސީޗުއާންއާއި ޒީޖިއާންގ ޕްރޮވިންސްތަކެވެ.

ޓިންގހުއާ ޔުނިވަރސިޓީންވެސް ކޮރޯނާއާ ގުޅިގެން އިގްތިސާދާއި ވިޔަފާރިއަށް އަންނާނެ ބަދަލާ މެދު ދިރާސާއެއް ހެއްޖެވެ. މިއިންވެސް ދައްކައި ދެނީ 36 އިންސައްތަ ކުންފުނިތައް ކާރިސާއިން ސަލާމަތެއް ނުވާނެ ކަމުގައެވެ.

އަދިޝާންޑޮންގ ގައި ކޮށްފައިިވާ ދިރާސާގައި 60 އިންސައްތަ ކުންފުނި ބުނެފައިވަނީ އެމީހުންނަށް ކޮވިޑް 19 ގެ ތެރޭގައި އެންމެ ގިނަ ދުވަހަށްވެސް ހިފެހެއްޓޭނީ ތިން މަަސްދުވަހަށް ކަމަށެވެ.

ވޫ ވިދާޅުވާ ގޮތުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އަލަށް އުފެއްދި ކުންފުނިތަކަށެވެ. ޖެނުއަރީ އަދި ފެބްރުއަރީގައި ބަނގްރޫޓްވި 55 އިންސައްތަ ކުންފުނިތަކަކީ، އަލަށް ފަށައިގެން އުޅުނު ކުންފުނިތަކެވެ.

ކޮރޯނާ ވަބާގައި ގެއްލުން ލިބުނު ފަރާތްތަކުގެ ތެރޭގައި ތަކެތި ކުއްޔަށްދޭ ތަންތަނާއި ކޮންސްޓްރަކްޝަންއާއި ދަނޑުވެރިކަމުގެ ފަރާތްތައް ހިމެނެއެވެ.

އަދި ފައިދާ ހޯދާފައިވާ ފަރާތްތަކަކީ ސއްހީ ފަރުވާއާ ގުޅޭ ޚިދުމަތާއި ސާމާނު އުފެއްދި ފަރާތްތަކެވެ. ވޫގެ ދިރާސާއިން ދައްކާ ގޮތުން ފެބްރުއަރީގަައި އެކަނިވެސް 28 ހާސް ކުންފުނި ވަނީ ބޭސްފަރުވާގެ ސާމާނާއި ތާމޯމީޓަރާއި މާސްކްފަދަ ތަކެތި އުފައްދައިގެން ފައިދާ ހޯދާފައެވެ.

އަދި އިންޓަރނެޓްގެ ޚިދުމަތުގެ ދާއިރާގައި އުޅޭ ކުންްފުނިތަކުންވެސް ވަނީ ފައިިދާ ހޯދާފައި ކަމަށް ދައްކައެވެ.

 

 

Advertisements