މާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައެވެ.

ފުލުހުން ބުނީ މާލޭގައި ކާރޫބާރު ބޮޑު ހަ މަގެއްގައި އާންމު ދަތުރުފަތުރަށާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އަދި އެއީ ބޮޑުތަކުރުފާނު މަގާއި އަމީނީ މަގާއި މަޖީދީ މަގާއި އޯކިޑް މަގާއި އަމީރު އަހުމަދު މަގުގެ އިތުރުން ސޯސަން މަގުގައި ހުރި އުޅަނދުތައްކަމަށް ފުލުހުން ބުނެފައިވެއެެވެ.

ފުލުހުން ވަނީ މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް ރައްޔިތުންދޭ އެއްބާރުލުމަށް ޝުކުރުއަދާކޮށްފައެވެ.

މީގެ ކުރިން ވެސް ނުގަވައިދުން މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރި އެވެ. އެހެން ނަމަވެސް އެފަދަ އުޅަނދުތައް ޓޯކުރުން ހުއްޓާލައިފައި އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.