އެމެރިކާގައި މަސްތުވާ މާއްދާ ފެންޓަނައިލް ބާރަށް ފެތުރުމުގައި ޗައިނާގެ ބައިވެރިވުން ހައްލުކުރުމަށް ފަރުމާކޮށްފައިވާ ތިން ބިލެއް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގްރޫޕުން ހުށަހަޅައިފި އެވެ.

ދެ ޕާޓީގެ މެމްބަރުން ގުޅިގެން ހުށަހަޅާފައިވާ ގާނޫނުގައި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް އެމެރިކާގެ ޚާއްސަ ޓާސްކް ފޯހެއް އުފެއްދުމާއި ޗައިނާގެ ޖަމާއަތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅޭނެ މާއްދާތައް އެކުލަވާލުން ހިމަނާފައި ވެއެވެ. ވޮއިސް އޮފް އެމެރިކާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ގާނޫނުގެ މަގުސަދަކީ ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ ޒިންމާދާރު ކުރުވައި މަސްތުވާ މާއްދާ އުފައްދާ ފަރާތްތަކަށް ސަބްސިޑީ ދީގެން ފެންޓަނައިލް ކްރައިސިސްއަށް އެފަރާތުގެ ސީދާ ޙިއްޞާ އޮންނަ ގޮތް ހަދައި ޒިންމާ އުފުލުމުގެ ދާއިރާ ހަރުކަށި ކުރުމެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ތޔހުމަތު ކުރާ ގޮތުގައި މެކްސިކޯގެ މަސްތުވާ ތަކެތީގެ ކާޓޭލްތަކުން ފެންޓަނައިލް އުފެއްދުމަށް ބޭނުންކުރާ ކެމިކަލްގެ އަސާސީ މަސްދަރަކީ ޗައިނާ އެވެ. އަދި ޗައިނާގެ މަނީ ލޯންޑަރުން ވަނީ ދުނިޔޭގެ މަސްތުވާތަކެތީގެ ވިޔަފާރީގައި މުހިންމު ފަރާތްތަކަކަށް ވެފައިވާ ކަމަށް އެފަރާތުން ބުނެއެވެ.

ވީއޯއޭ އިން ބުނާ ގޮތުގައި ކޮންގްރެސްއަށް ވައްދާފައިވާ އެއް ބިލަކީ، ޑިމޮކްރެޓިކް ރެޕްރެޒެންޓޭޓިވް ޖޭކް އޮޗިންކްލޯސް ހުށަހެޅުއްވި "ސީސީޕީ ފެންޓަނައިލް ސަންކްޝަންސް އެކްޓް" ގެ ބިލެވެ. އެ ބިލުން ޗައިނާގެ ކުންފުނިތަކަށް އެމެރިކާގެ ބޭންކިން ނިޒާމަށް ވަނުން ހުއްޓުވުމުގެ ގާނޫނީ ބާރު އެމެރިކާއަށް ލިބިގެންދާނެ އެވެ. މީގެ ތެރޭގައި "އެނގިހުރެ ނުވަތަ ފަރުވާކުޑަކޮށް" ގަވާއިދާ ހިލާފަށް ސިންތެޓިކް މަސްތުވާތަކެތި ޝިޕްމަންޓް އުފުލާ އުޅަނދުފަހަރާއި ބަނދަރުތަކާއި އޮންލައިން ޕްލެޓްފޯމްތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ބާރު ލިބިދެއެވެ.

އޮޗިންކްލޯސް ވިދާޅުވީ، "މިއީ އެމެރިކާގެ ރައްޔިތުންނަށް ގައުމެއްގެ ސަރުކާރަކުން ސްޕޮންސަރ ކޮށްގެން ވިހަ ދިނުމެއް ކަމަށާއި އެކަމަކީ ޗައިނާ ސަރުކާރުން ކުރާ ކަމެއް" ކަމަށެވެ.

ދެ ޕާޓީގެ މެމްބަރުންގެ ކޮމިޓީން ބުނެފައި ވަނީ މަސްތުވާތަކެތީގެ ޓްރެފިކިން ނެޓްވޯކްތަކަށް ބުރޫއެރުމަށް އަމާޒުކޮށްގެން ޖޮއިންޓް އޮޕަރޭޝަންތައް ހިންގުމަށް އެމެރިކާގެ އިދާރާތަކުގެ ޓާސްކް ފޯހެއް އުފައްދާ އިތުރު ދެ ބިލެއް ވެސް އެ ސެޓްގައި ހިމެނޭނެ ކަމަށެވެ. އަދި މި ބިލްތަކުގެ ސަބަބުން އެމެރިކާއަށް ކެމިކަލް މާއްދާ ފޮނުވާއިރު ރަސްމީ އެންޓްރީ ރޫޓްތައް ރަނގަޅަށް އިއުލާން ނުކުރާ ނުވަތަ ބޭނުން ނުކުރާ ޗައިނާގެ ފަރާތްތަކަށް މަދަނީ ގތުން އަދަބު ދިނުމުގެ ފުރުސަތު ވެސް ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ލިބިގެންދާނެ އެވެ.