އަންހެނުންނަށް ކެގެލް އެކްސަސައިޒް

0

ޕެލްވިކް ފްލޯރ މަސްލްސް އަކީ އަންހެނުންގެ ރަހިމު، މަސާނާ އަދި ހިމަ ގޮހޮރާއި ބޮޑު ގޮހޮރުގެ ބައެއް ހިފަހައްޓާ ސަޕޯޓް ކޮށްދޭ ހާއްސަ މަސްތަކެއް ހިމެނޭ ގޮތަށް ހެދިފައިވާ ފަށަލައެކެވެ. މި މަސް ފަށަލަ އަދާ ކުރާ ރޯލުގެ މުހިންމުކަން ދޭހަވަނީ ކޮންމެވެސް ސަބަބަކާ ހުރެ އޭގެ މަސައްކަތައް ބުރޫއެއް އެރުމުންނެވެ. މިސާލަކަށް ދަންނަވަނީނަމަ، އުމުރުން ދުވަސްވުމާ ގުޅިގެން މި މަސްތަކުގެ ބާރު ދެރަވެ އެކި ސިއްހީ މައްސަލަތައް މެދު ވެރިކުރުވައެވެ. އޭގެ ތެރޭގައި: ހިފެހެއްޓުމެއްނެތި ކުޑަ ކަމު އަދި ބޮޑު ކަމުދެވުން ހިމެނެއެވެ. ވީމާ ޕެލްވިކް ފްލޯރ ގެ މަސްތަކުގެ ބާރު ދެރަވުމުން ރައްކާތެރިކޮށް ދިނުމަށް ކެގެލް ކަސްރަތުތައްކުރުން އެދެވިގެންވެއެވެ. އެހެނީ ކެގެލް ކަސްރަތަކީ ޕެލްވިކް ފްލޯރ ގެ މަސްލްސްތައް ވަރުގަދަކުރުމަށް އެހީތެރިވެދޭނެ ހާއްސަ ކަސްރަތުތަކެކެވެ.

  1. ޕެލްވިކް ފްލޯރ މަސްލްސް އަކީ ކޮބާ؟

ޕެލްވިކް ފްލޯރ މަސްލްސްއަކީ އަންހެނުންގެ ރަހިމު، މަސާނާ އަދި ހިމަ ގޮހޮރާއި ބޮޑު ގޮހޮރުގެ ބައެއް ހިފަހައްޓާ ސަޕޯޓް ކޮށްދިނުމަށް މައި ގުނަވަންތަކުގެ ދަށުގައި އެޅިފައިވާ ސާލެއް ފަދަ ހާއްސަ މަސްތަކަކާއި އެއާ ގުޅިފައިވާ ކަނެކްޓިވް ޓިޝޫތަކެވެ.

Advertisements

  1. ޕެލްވިކް ފްލޯރ މަސްލްތަކުގެ ވަރު ދެރަވެއްޖެނަމަ ވާނީ ކިހިނެއް؟

ޕެލްވިކް ފްލޯގެ ވަރު ދެރަވުމުގެ ސަބަބުން ގިނަ ސިއްހީ މައްސަލަތަކެއް މެދުވެރިވުން ގާތެވެ. އޭގެ ތެރޭގައި:

އާޖް އިންކޮންޓިނެންސް: އާޖް އިންކޮންޓިނެންސް އަކީ ކުޑަ ކަމުދާން ޖެހުމުން، ފާހަނައަށް ދެވެންދެން ހިފެހެއްޓުމުގެ ގާބިލްކަން ގެއްލުމެވެ. ނުވަތަ ކޮންޓްރޯލްނުކުރެވުމެވެ.

ސްޓްރެސް އިންކޮންޓިނެންސް: ސްޓްރެސް އިންކޮންޓިނެންސްއަކީ މަސާނާއަށް ބާރު ކުރުމުގެ ސަބަބުން ކުޑަކަމުދިއުމެވެ. މިސާލަކަށް ކިބިހިއެޅުމުން، ކެއްސާލުމުން ނުވަތަ ބަރު އެއްޗެއް އުފުލުމުން ތިކި ޖަހާހެން ކުޑަކަމު ދެވުމެވެ.

މިކްސް އާޖެންސީ: މިއީ ކުރިން ފާހަގަކޮށްލެވުނު ދެ ވައްތަރު ކަމަށްވާ އާޖް އިންކޮންޓިނެންސް އަދި ސްޓްރެސް އިންކޮންޓިނެންސް އެއްފަހަރާ މެދުވެރިވުމެވެ.

-ގެލްވިކް އޯރގަން ޕްރޮލެޕްސް: މިއީ ދަށްބަނޑު ސަރަހައްދުގައި ހިމެނޭ އެތެރެހަށީގެ ގުނަވަންތައް، މިސާލަކަށް ރަހިމު ހުންނަން ޖެހޭ ތަނުން ގުޑުމެވެ. އެހެނީ ބައެއް އަންހެންގެ ޕެލްވިކް ފްލޯރ ބަލިކަށިވުމުގެ ސަބަބުން ރަހިމު ކުރިމަތީ ފަރާތުން ބޭރަށް ނިކުތުމަށްވެސް މެދުވެރިވެފައި އެބަހުއްޓެވެ.

  1. ކެގްލްސް ކަސްރަތު ކުރާނީ ކިހިނެތް؟

މި ކަސްރަތު ރަނގަޅަށް ކުރަން ދަސްކުރުން ވަރަށް މުހިންމުވާނެއެވެ. އެގޮތުން ޑޮކްޓަރެއް ނުވަތަ ފިސިއޮތެރަޕިސްޓްއެއްގެ ލަފަޔާ އިރުޝާދުތަކާ އެއްގޮތައް ކަސްރަތު ކުރުން ބުއްދިވެރިވާނެއެވެ.

ބުރަކަށި ސީދަލަށް ބަހައްޓައިގެން އަދި ދެ ކަކުލާއި ދެފައި ފޭކޮށްލައިގެން ގޮނޑިއެއްގައި އިށިންނާށެވެ. ނުވަތަ އޮށޯވެލައިގެން ކަކޫ ލަންބާލައިގެން ފައި ފޭކޮށްލައިގެންވެސް އޮވެވިދާނެއެވެ. އާންމުކޮށް ނޭވާލާ ގޮތަށް ނޭވާލަމުން ގެންދަންވާނެއެވެ. އަދި ވީހާވެސް ބޮޑަށް  ބަނޑުގެ މަސްތައް، ފައިގެ މަސްތަކާއި ފުރަގަސް ފަރާތުގެ މަސްތަކަށް ވާގިނުލާ ދޫ ދީފައި ރިލެކްސްކޮށް ބަހައްޓާށެވެ. އެއަށްފަހު ފުރަގަސް ފަރާތުގެ ދޮރު ވަށައުގެންވާ މަސްތަކާއި ކުރިމަތި ފަރާތު ދޮރު ވަށައިގެންވާ މަސްތަކަށް ބާރުލާށެވެ. އެހެނީ ފުރަގަސް ފަރާތުން ވައި ބޭރުވިޔަ ނުދިނުމަށް މަސައްކަތްކުރާހެން އަދި ކުޑަކަމު ނުދިޔުމަށް މަސައްކަތް ކުރާހެނެވެ. މިގޮތަށް ކަސްރަތު ކުރާއިރު ކުޑަކަމުދާ ތަކެތި ބޭރުވާނަމަ ނުވަރަ ފުރަގަސް ފަރާތުން ވައި ބޭރުވާނަމަ އެއީ ކަސްރަތު ކުރަންވާ ގޮތަށް ނުކުރެވޭ ކަމުގެ ހެއްކަކަށް ވެދާނެއެވެ.

  1. މި ކަސްރަތު ކުރަން ޖެހެނީ ކިހާ ގިނައަކުން؟

މި ކަސްރަތުގެ ދެ ވައްތަރެއް ހުރެއެވެ.

ކުރިންފާހަގަކޮށް ލެވުނުގޮތަށް ދެދޮރު ވަށައިގެންވާ މަސްތަކަށް ބާރުލާއިރު ފަލަމަސްގަނޑުގެ މަސްތައް އަދި ފުރަގަސްފަރާތުގެ މަސްތައް ބޭނުންކޮށްގެން ނުވާނެއެވެ. މިގޮތަށް މަސްތަކަށް ބާރުލާ 5 ސިކުންތުވަންދެން ހިފަހަށްޓާލާށެވެ. އަދި އެއަށްވުރެން ގިނަ އިރު ހިފަހައްޓާލެވޭނަމަ، 10 ސިކުންތުވަންދެން ހިފަހައްޓާލާށެވެ. އެއަށްފަހު ހަމަ ހިފަހައްޓާލި މިންވަރަށް ދޫކޮށްލައިން ހުރުމަށްފަހު އަނެއްކާވެސް ދެދޮރު ވަށައިގެންވާ މަސްތަކަށް ބާރުލާށެވެ. މިގޮތަށް 8 މިނެޓާއި 10 މިނެޓާ ދެމެދުގެ ވަގުތުކޮޅަކަށް މި ކަސްރަތުކޮށްލާށެވެ. މިގޮތަށް ކަސްރަތުކުރުމަށް ކިޔަނީ ސަސްޓެއިންޑް ކޮންޓްރެކްޝަންސްއެވެ. މިޔަށް ފަހު ދެން އަވަސް އަވަހަށް ބާރުލާފަ ދޫކޮށްލާށެވެ. އަދި 2 ސިކުންތުވަރު ރެސްޓް ކޮށްލާފައި އަނެއްކާވެސަ ހިފާލާފައި ދޫކޮށްލާށެވެ. މިއީ ކުއިކް ކޮންޓްރެކްޝަންސްއެވެ. މި ކަސްރަތުތައް ދުވާލަކު 3 ފަހަރު 6 މަސް ދުވަސް ވަންދެން ކުރުމަށް ލަފާ ދެވިފައިވެއެވެ.

  1. މި ކަސްރަތު ކުރާއިރު ސަމާލުވާންވީ ކޮންކަންތައްތަކަކަށް؟

ތެރަޕިސްޓްއެއްގެ ލަފާ ހޯދުން.

ކެއްސާއިރު، ކިނބިހި އަޅާއިރު، ފުމޭއިރު އަދި އެއްޗިހި އުފުލާއިރު ޕެލްވިކް ފްލޯރގެ މަސްތަކަށް ބާރުލުން.

ބަރުދަން އެދެވޭ މިނެއްގައި ހިފެހެއްޓުން.

ކެގެލްސް ކަސްރަތު މާ ގިނައިން ނުކުރުން. ޑޮކްޓަރެއްގެ ނުވަތަ ތެރަޕިސްޓެއްގެ ލަފަޔާއެއްގޮތަށް ކަސްރަތު ކުރުން.

ބަނޑުގެ މަސްތަކަށް ނުވަތަ ބުރަކަށްޓަށް ތަދުވާނަމަ އޭގެ މާނައަކީ ކަސްރަތު ކުރަންވާގޮތަށް ރަނގަޅަށް ނުކުރެވޭކަމެވެ. ވީމާ ކަސްރަތު ކުރާއިރު ބުރަކަށި، ފުރަގަސްފަރާތް، ބަނޑު އަދި ފަލަމަސްގަނޑުގެ މަސްތައް ހުންނަންވާނީ ވަރުނުލާ ރިލޭކްސްކޮށްލާފައެވެ.

ކަސްރަތުކުރާއިރު އެއްވެސްތަނަކަށް ތަދުވާނަމަ ކަސްރަތު އިތުރަށް ނުކޮށް ޑޮކްޓަރަކަށް ދައްކާ ލަފާހޯދަންވާނެއެވެ.

Advertisements