މިޔަންމާ ފުލުހުންގެ 19 މީހަކު އިންޑިއާގެ ހިމާޔަތަށް އެދިއްޖެއެވެ.

އެމީހުން އިންޑިއާގެ ހިމާޔަތަށް އެދުނީ، މިޔަންމާގެ އަސްކަރީން މަދަނީ ސަރުކާރު ވައްޓާލައި ބަޣާވާތްކޮށްގެން ތިބިއިރު، އެމީހުން ކުރާ އަމުރަށް ކިޔަމަންވާން ބޭނުން ނުވެގެންނެވެ.

ބަޣާވާތާ ދެކޮޅަށް މިޔަންމާގެ އާންމުން މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރާން ފެށުމުން، ސިފައިން ފަހަތުގައި ތިބެގެން ފުލުހުން ކުރިއަށްނެރެ އާންމުންގެ ގަޔަށް ބަޑިޖަހުވައި މިހާތަނަށް އެތައްބަޔަކު މަރާލާފައި ވެއެވެ. އަދި އެތައްސަތޭކަ ބަޔަކު ޒަޚަމްވެފައިވެސް ވެއެވެ.

އިންޑިއާގެ ނަން ހާމަކޮށްފައި ނުވާ ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ، އަސްކަރީންގެ ޣައިރުގާނޫނީ އަމުރުތަކަށް ކިޔަމަންވާން ބޭނުން ނުވާތީ، އިންޑިއާގެ ހިމާޔަތަށް އެދުނު ފުލުހުންގެ 19 މީހުންނަކީ، އިންޑިއާގެ އުތުރުއިރުމަތީ މިޒޮރާން ސްޓޭޓުން މިޔަންމާއާއި އިންޑިއާ ބޯޑަރުން ގުޅޭ ޗަމްޕްފައި އަދި ސެރްޗިޕް ސަރަހައްދުން އިންޑިއާގެ ތެރެއަށް އައި މީހުން ކަމަށެވެ.

އިންޑިއާ ފުލުހުންގެ އޮފިޝަލް ވިދާޅުވީ، ބޯޑަރު ހުރަސްކޮށް އިންޑިއާއަށް އައި ފުލުހުންނަކީ ދަށް ރޭންކްތަކުގެ ފުލުހުން ކަމަށެވެ.

އަދި އެމީހުން އައިއިރު، އެމީހުންގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތްކަމަށްވެސް އިންޑިއާ ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

ހަމަ އެއާއެކު، މިޔަންމާ ފުލުހުންގެ އިތުރު މީހުން އަދިވެސް އިންޑިއާގެ ހިމާޔަތަށް އެދިގެން އަންނާނެ ކަމަށް، ޖާސޫސީ މައުލޫމާތުތަކާ ހަވާލާދީ އިންޑިއާ ފުލުހުންގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އަސްކަރީ ބަޣާވާތާ ދެކޮޅަށް މިޔަންމާގެ އާންމުން ކުރަމުންދާ ވަރުގަދަ މުޒާހަރާތަކާއި އަދި މަދަނީ ބަސް ނޭހުމުގެ ހަރަކާތުގައި އެތައް ފުލުހުންނެއް ގުޅެމުންދާ ކަމުގެ ރިޕޯޓްތައްވެސް ފެތުރިފައި ވެއެވެ.

މިކަމާ ގުޅިގެން އަސްކަރީ ވެރިންގެ އަމުރަށް އެފަދަ ބައެއް ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ފެތުރިފައި ވެއެވެ.

ނަމަވެސް، މިއީ މިޔަންމާއިން ފިލައިގެން އެހެން ގައުމެއްގެ ހިމާޔަތަށް އެދިގެން ފުލުހުންގެ ބަޔަކު ދިޔަކަމަށް ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ.

މުޒާހަރާތައް ނުހުއްޓުވިގެން މިޔަންމާ ފުލުހުންނާއި ސިފައިންގެ ހަމަލާތަކުގައި އާންމުންގެ އެތައްބަޔަކު މަރުވަމުންދާއިރު، އާންމުން މެރުން ހުއްޓާލަން އދއިންވަނީ އަސްކަރީންނަށް އިންޒާރުކޮށްފައެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރަށް ދަތިކޮށް، ދުނިޔޭގެ އެތައް ގައުމަކުން ފިޔަވަޅުތައް އަޅަމުން ގެންދާއިރު، މުޒާހަރާތައް ނުހުއްޓުވިގެން އަސްކަރީންވެސް މިހާރު ގޮތް ހުސްވަމުންދާ ކަމަށް ވެއެވެ.

ބަޣާވާތްކޮށް ވެރިކަމަށް އަތްގަދަ ކުރުމުން، އާންމުންގެ ފަރާތުން މިފަދަ ބޮޑު ދެކޮޅުވެރިކަމެއް ކުރިމަތި ވެދާނެކަމަށް އަސްކަރީ ވެރިން ހީނުކުރާ ކަމަށް ރިޕޯޓްތައް ބުނެއެވެ.