ޒަމާންގަނޑަކަށް ފަހު އިންޑިއާއާއި ޕާކިސްތާނުން ވަނީ 22 ފެބްރުއަރީގައި ގުޅިފައިވާ ބަޔާނަކުން ދެ ފަރާތް ދެމެދު ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަން ޢިއްލާން ކޮށްފައެވެ. މި ވާހަކަ ހާމަވެގެން ދިޔައީ ކުއްލިއަކަށެވެ. މިފަދަ އެއްބަސްވުމަކީ ހުރިހައި ފަރާތަކުން އެދިއެދި އޮތް ކަމެކެވެ. ދެ ގައުމުގެ މި ނިންމުމުގައި ނިޔަތް ތަފާތުވި ނަމަވެސް، މިލިޓަރީ އޮޕަރޭޝަންގެ ޑިރެކްޓަރ ޖެނެރަލުންގެ މިއިޢްލާނަކީ އިޚުލާސްތެރި ނިންމުމެއްކަން ބަލައި ގަނެވެއެވެ.
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން މަސްރަހު އޮތީ އިންތިހާއަށް ބަނަކޮށެވެ. މާހައުލު އޮތް ގޮތުން ހީވެފައި އޮތީ، ވާހަކަދެއްކުން ކީއްތޯއެވެ؟ އެއްބަސްވުމަކަށް ދެފަރާތުން ދިއުމަކީވެސް މުއްތަހީލު ކަމެއް ކަމުގައެވެ. އެހެންވެ، މިފަދަ ނިންމުމަކަށް ދެފަރާތުން ހިނގައިދާނެ ކަމަށް މުހައްލިލުންވެސް ދެކެފައެއް ނުވެއެވެ.
މިފަދަ ނާޒުކު މާހައުލެއްގައި ހުނަރުވެރި ނެގޯޝިއޭޓަރުންނަކަށް ނޫނީ، މިފަދަ ޖާދޫގެ އުކުޅެއް ނުދެއްކޭނެކަން ކަށަވަރެވެ. އިންޑިއާ ޕާކިސްތާނުގައި އިތުބާރަކީ ނިކަން ތަދު އެއްޗެކެވެ.
"ޔަގީނުންވެސް، ފަރުދާގެ ފުރަގަހުން ކޮންމެވެސް ބަޔަކު ތިބީ މަސައްކަތުގައެވެ. އެކަމަކު އެއީ ކޮންބައެއް ބާވައެވެ؟ އެކި މަސްދަރުތައް ބުނާ ގޮތުން މި ކަމުގައި އުޅުނީ ދެގައުމުގެ ޖާސޫސީ އިދާރާގެ ފަރާތްތަކެވެ." ޕާކިސްތާންގެ ޑޯން ނޫހުން، ހައިރާން ކަމާއެކު ދެ ގައުމުގެ ހަނގުރފާމަ ހުއްޓުމުގެ އިޢްލާނާމެދު ސުއާލުކޮށްފައި ވަނީ މިފަދައިންނެވެ.
ޔަގީނުންވެސް ތަޖުރިބާކާރު ޓީމެއް ނިއުދިއްލީއާއި، ޕާކިސްތާންގެ ސިފައިންގެ ފަރާތުން މިކަމުގައި ބައިވެރިވެފައި ނުވާނަމަ މިފަދަ ކަމެއް ހާސިލު ނުކުރެވުނީހެވެ. އަޅުގަނޑުމެންގެ ހަނދާން ތާޒާކޮށްލާއިރު، ބުނެވޭނީ، 22 ފެބްރުއަރީގެ ހަނގުރާމަ ހުއްޓާލުމުގެ އިޢްލާނަކީ، މުޅީން އާ ވާހަކައެއް ނޫނެވެ. 2003 ގައިވެސް މިފަދަ އެއްބަސްވުމެއް ދެފަރާތުން ވެފައި ވެއެވެ. 2003 ގައި އެއްބަސްވި އެއްބަސްވުމުން ދެ ގައުމުގެ ފާހަގަ ޖެހިފައި ނުވާ ސަރަހައްދީ ރޮނގު، ލައިން އޮފް ކޮންޓްރޯލްގައި، 2003 ން 2006 އަށް އެންމެ އުންޑައެއްވެސް ބަޑިއަކުން ބޭރުވެފައެއް ނުވެއެވެ. ކަންކަން ގޯސް ވެގެން ދިޔައީ އޭގެ ފަހުންނެވެ.
އިންޑިއާގެ ދިފާއީ ވުޒާރާއިން މިދިޔަ މަހު ޕާލަމެންޓްގައި ވާހަދައްކަމުން އިއްވި ރިޕޯޓަށް ބަލާއިރު، ލައިން އޮފް ކޮންޓްރޯލްގައި ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމާ ޚިލާފް ވުމުމުގެ 5133 ހާދިސާ، ހަމައެކަނިވެސް 2020 ގައި ހިނގާފައި ވެއެވެ. މި ކަންކަން ހިނގާފައި ވަނީ ޖައްމޫ ކަޝްމީރުގައެވެ. އަދި މިއާއެކު 46 މީހުންގެ ފުރާނަނ ގެއްލިފައި ވެއެވެ.
ޕާކިސްތާންގެ މަސްއޫލު ފަރާތްތަކާ ޙަވާލާ ދީ ޑޯން ނޫހުން ބުނެފައިވާ ގޮތުގައި ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމާ ޚިލާފް ވުމުގެ 3000 އަމަލު ހިނގާފައި ވެއެވެ. އަދި 28 މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ.
ދެ ފަރާތުން 22 ފެބްރުއަރީގެ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން އިޢްލާން ކޮށްފައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަންސްގެ ދެމެދު ހޮޓްލައިން މެދުވެރިކޮށް ވާހަކަ ދެއްކިފަހުންނެވެ. މިއީ އާދަވެގެން ޖޫނިއާ އޮފިސަރުން އޮޕަރޭޓް ކުރާ ހޮޓްލައިނެވެ. މި ހޮޓްލައިން ގާއިމް ވެފައި ހުންނަތާވެސް އެތައް އަހަރެއް ވެއްޖެއެވެ. މިއީ ޔަގީނުންވެސް އުންމީދުވެރި ނިންމުމެކެވެ. އަދި މީގެ ސަބަބުން އިތުރު މަޝްވަރާއަށް، އެހެން ސްޓްރެޓެޖިކް ދޮރުތައް ހުޅުވިގެން ދިއުމަކީވެސް އޮތް ކަމެކެވެ.
މިދިޔަ ތަނުގައި އިންޑިއާއިން ވަނީ ޕާކިސްތާނާއެކު ސީދާ މަޝްވަރާއަށް ދިއުމަށް ދެކޮޅު ހަދާފައެވެ. އިންޑިއާއިން ހުށަހަޅާފައިވާ ޝަތުރަކީ އެއްވެސް ވާހަކައެއް ދެއްކުމުގެ ކުރިން، ސަރަހައްދު ހުރަސްކޮށް ޕާކިސްތާނާ ވީފަޅިން އަންނަ ޓެރަރިސްޓް ހަމަލާތައް ޕާކިސްތާނުން ހުއްޓުމެވެ. ޕާކިސްތާނުންވެސް ޝަރުތުރުކޮށްފައި ވަނީ 5 އޮގަސްޓް 2019ގެ ހާލަތަށް ޖައްމޫ ކަޝްމީރު ރުޖޫއަ ނުކުރާހާ ހިނދަކު ޕާކިސްތާނުން އިންޑިއާއެކު މަޝްވަރާއެއް ނުބާއްވާނެ ކަމަށެވެ. ދެ ގައުމުން ކުރެ އެއްވެސް ގައުމަކުން އެފަރާތުން ގެންގުޅުނު ގޮތް ދުލެއް ނުކުރިއެވެ.
ހަނގުރާމަ ހުއްޓުމަށް އިޢްލާން ކުރިނަމަވެސް ހާލަތު މިގޮތަށް އޮވެއްޖެނަމަ، ޕާކިސްތާނާ ވީ ފަޅިން އަންނަ ކޮންމެ ޓެރަރިސްޓް ހަމަލާއަކަށް އިންޑިއާއިން މުނާސިބު ރައްދެއް ދޭނެކަން ޔަގީނެވެ. އަދި ޖައްމޫ ކަޝްމިރު މައްސަލަ ޕާކިސްތާނުންވެސް ދުލެއް ނުދީ ހުރިހައި މަހްފިލެއްގައިވެސް ކުރިއަށް ގެންދާނެ ކަން ޔަގީނެވެ.
މިދިޔަ 18 އަހަރުގެ ތެރޭގައިވެސް އިންޑިއާ ޕާކިސްތާންގެ ލައިން އޮފް ކޮންޓްރޯލަށް މިފަދަ ހިމޭން ވަގުތެއް ނާދެއެވެ.
"މި އީ ދެކުނު އޭޝިއާގައި ފެނިގެން ދިޔަ ނިކަން އުންމީދުވެރި ފިޔަވަޅެއް. އިންޑިއާއާއި ޕާކިސްތާންގެ ގުޅުން އޮތީ ހަނގުރާމައަކަށް ހުޅުފަލައިގެން ދިއުމާ ގާތުގައި. އެހާލަތުން ރުޖޫއަ ވުމަކީ ވަރަށް ބޮޑަށް ހައިރާން ވާން ޖެހޭފަދަ ކަމެއް." ސްޓެންފޯރޑް ޔުނިވަރސިޓީގެ ސެންޓަރ ފޯރ އިންޓަރނޭޝަނަލް ސެކިއުރިޓީ އެންޑް ކޯޕަރޭޝަންގެ ފެލޯ، އަސްފަންދިޔާރު މީރު ވިދާޅުވިއެވެ.
ލައި އޮފް ކޮންޓްރޯލަށް ދެ ފޮތް ލިޔުއްވި ޖަވާހަރްލާލް ނެހްރޫ ޔުނިވަރސިޓީގެ ޕްރޮފެސަރ، ހެޕީމޮމް ޖޭކޮބް ވިދާޅުވާ ގޮތުގައި މިއީ ދެ ގައުމަށް ސުލްހައަށް ހުޅުވިގެން ދިޔަ މަގެކެވެ. ހަނގުރާމަ ހުއްޓުމަށް ނިންމި ނިންމުން ދެފަރާތަށް އިތުރު ކާމިޔާބު ފިޔަވަޅުތަކަށް ތަރުޖަމާ ނުވާހާ ހިނދެއްގައި ހަމަ ކުރިން އޮތް ހާލަތަށް ދެފަރާތް ވެއްޓިގެން ދިއުމަކީ އަދިވެސް ހަމަ ކުރިމަތިވާން އޮތް ކަމެކެވެ.
މި އެއްބަސްވުމާ ގުޅިގެން އިންޑިއާގެ ވިސްނުން ސަރުކާރު ތަރުޖަމާނަކު ޚުލާސާ ކޮށްދެއްވީ މިފަދައިންނެވެ.
"އިންޑިއާއިން އަބަދުވެސް ބޭނުންވީ، ޕާކިސްތާނާއެކު އަވަށްޓެރިކަމުގެ ގުޅުމެއް ބޭއްވުމަށް. އަދި މައްސަލައެއް އުޅޭނަމަ އެކަމަކާ މެދު ސުލްހަވެރިކަމާއެކު ވާހަކަ ދެއްކުމަށް ތައްޔާރަށް އޮތް ކަމަށް އަބަދުވެސް އަޅުގަނޑުމެން ވާނީ ބުނެފަ."
އޭނާ ވިދާޅުވިގޮތުގައި އިންޑިއާގެ މައިގަނޑު ސިޔާސަތަށް ބަދަލެއް އައިސްފައެއް ނުވެއެވެ.
ޕާކިސްތާންގެ ޚާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރެއިޝީގެ ފަރާތްޕުޅުންވެސް މިފަދަ ވާހަކަފުޅެއް އިވިގެން ދިޔައެވެ.
"ޕާކިސްތާނުން ބޭނުން ވަނީ އަވަށްޓެރިންނާއެކު ސުލްޙަވެރި ގުޅުމެއް. އަދި މިއީ މުސްތަގްބަލަށް ރަނގަޅު ފެށުމެއް ކަމުގައި ވެދާނެ" އޭނާ ވިދާޅުވިއެވެ.
ދެ ފަރާތުގެ މި އުންމީދުވެރި ވާހަކަތައް ބައިނަލްއަގްވާމީ އެހެން ފަރާތްތަކުގެ ބަޔާންތަކުންވެސް ހާމަވެގެން ދެއެވެ. ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ ތަރުޖަމާން މި މަސައްކަތަށް މަރުޙަބާ ވިދާޅުވަމުން ހާމަކުރެއްވީ، ދެ ފަރާތުގެ އިތުރު މަޝްވަރާއަކަށް ދޮރުހުޅިގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެމެރިކާއިން ވެސް ވަނީ ދެ ގައުމުގެ ނިންމުމަށް މަރުހަބާ ކިޔާފައެވެ. އަދި ވައިޓްހައުސްގެ ތަރުޖަމާން ޖެން ޕްސާކީ ވިދާޅުވީ، މި އީ ދެކުނު އޭޝިއާގެ ސުލްޙައަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަސައްކަތް ކާމިޔާބުކޮށް ދެމެހެއްޓުމަށް ދެފަރާތުން މަސައްކަތް ކުރުމަށްވެސް އޭނާ އެދިވަޑައި ގަތެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިންވެސް މި މަސައްކަތަށް މަރުޙަބާ ކިޔަމުން ވިދާޅުވީ، ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ޓެރަރިސްޓް ހަމަލާތައް ދިނުމަކީ އެމެރިކާއިން އަބަދުވެސް ކުށްވެރި ކުރާ އަމަލެއް ކަމުގައެވެ.
ވިލާތު އިއްތިހާދުގެ ފޮރިން އެފެއާޒް އެން ސެކިއުރިޓީ ޕޮލިސީ ތަރުޖަމާން ނަބީލާ މަސްރްއަލީ ވިދާޅުވީ، މިއީ ސަރަހައްދުގައި ސުލްޙަ ގާއިމް ކުރުމަށާއި އިތުރު މަޝްވަރާތަކަށް އެޅި މުހިންމު ފިޔަވަޅެއް ކަމުގައެވެ.
ޔުނައިޓެޑް އަރަބި އެމިރޭޓްސްއިންވެސް ވަނީ އިންޑިއާ ޕާކިސްތާނުން ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ނިންމި ނިންމުމަށް މަރުޙަބާ ކިޔާފައެވެ. އަދި މިއީ ސަރަހައްދީ ހަމަޖެހުމަށާއި ސުލްޙައަށް އެޅިގެން ދިޔަ ފިޔަވަޅެއް ކަމުގައި ސިފަ ކޮށްފައި ވެއެވެ.
ކަޝްމީރުގެ ރައްޔިތުންވެސް ވަނީ ޔޫނިއަން ޓެރިޓްރީގައި ހަމަޖެހުން ގާއިމް ވާނެކަމަށް ބަލައި މިފިޔަވަޅަށް މަރުޙަބާ ކިޔާފައެވެ. ލައިން އޮފް ކޮންޓރޯލާ ކައިރީގައި ދިރިއުޅޭ މީހުންނަށް މިއިން ވަގުތުން ފާއިދާތަކެއް ކުރާނެކަން ޔަގީނެވެ. މިމީހުންނަކީ ދެ ފަރާތުން ހަމަލާތައް ބަދަލު ކުރާއިރު އެމީހުންގެ ފުރާނައާއި މުދަލާއި ގެދޮރު ހަލާކުވާ މީހުންނެވެ.
2018 ގައި އިންޑިއާއިން 70 މީހުންނާއި 72 ސިފައިން މަރުވެފައި ވެއެވެ. ހަމަނުޖެހުން ބޮޑު ސަރަހައްދެއްގެ މިލިއަން މީހުންނަށް މި ހަނގުރާމަ ހުއްޓާލުމުގެ އިޢްލާނުން ކުރާނެ ފައިދާ ދުރުތިބީންނަށް އިޙުސާސެއް ނުކުރެވޭނެއެވެ. އެކަމަކު މިކަމުގެ ހިތި ކޮންމެ ދުވަހަކު ތަޖުރިބާކުރާ ކަޝްމީރު މީހުންނަށް މިއީ އުންމީދުން ފުރިގެންވާ ފުރުސަތެކެވެ.