ޗައިނާގެ ދިދަ ޖަހާފައިވާ ތެޔޮ ބޯޓެއް، މޮރިޝަސްގެ ފަރަކަށް އުރިއްޖެއެވެ.

މިއީ، އިންޑިއާ ކަނޑުގައި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މޮރިޝަސްގެ ފަރަކަށް ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި އެރި ދެވަނަ ތެޔޮ ބޯޓެވެ.

މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި މޮރިޝަސްގެ ފަރަކަށް ތެޔޮ ޓޭންކަރެއް އަރައި، 1،000 ޓަނުގެ ތެޔޮ ކަނޑައަށް ބޭރުވިއެވެ.

އެ ހާދިސާ ވެގެންދިޔައީ، މޮރިޝަސްގެ ތާރީޚްގައިވެސް އެގައުމަށް ކުރިމަތިވި ތިމާވެށީގެން އެންމެބޮޑު ކާރިޘާއަށެވެ.

ހޯމަދުވަހު ފަރަށްއެރި ބޯޓުގައި 130 ޓަނުގެ ތެޔޮ އެބަހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ބޯޓު ފަރަށް އެރުމާ ގުޅިގެން މޮރިޝަސް ސަރުކާރުން މިހާރުވަނީ ކޯސްޓްގާޑާއި ސިފައިން އެ ސަރަހައްދަށް ފޮނުވާފައެވެ.

މޮރިޝަސްގެ ފިޝަރީޒް މިނިސްޓަރ ސުދީރު މައުންދޫ ވިދާޅުވީ "ލުރޮންގް ޔުއާން ޔޫ" ނަމަކަށްކިޔާ، ޗައިނާގެ ދިދަޖެހި ތެޔޮ ބޯޓުގެ ކެޕްޓަން، އެ ބޯޓް ފަރަށް އަރައިގެން އެހީއަށް އެދުނީ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއް ކަމަށެވެ.

ބޯޓު އަރާފައިވަނީ ވެރިރަށް ޕޯޓް ލުއިސްއާ މާ ދުރުނޫން ހިސާބެއްގައި އޮންނަ ފަރަކަށް ކަމަށް ވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މޮރިޝަސްގެ ފިޝަރީޒް މިނިސްޓަރ ސުދީރު ވިދާޅުވީ، އެންމެ ފުރަތަމަ ކުރަން ޖެހިފައިވާ ކަމަކީ، ބޯޓުގައި ހުރި ހުރިހާ ތެލެއް، ޕަމްޕް ޖަހައިގެން އެހެން ބޯޓަކަށް ބަދަލުކުރުން ކަމަށެވެ.

ސުދީރު ވިދާޅުވީ، ބޯޓުގައި އެއްވެސް ކާގޯއެއް ނެތްކަމަށާއި، ހަމައެކަނި ހުރީ 130 ޓަނުގެ ތެލާއި، 5 ޓަނުގެ އަޑީތެޔޮ ކަމަށެވެ.

ބޯޓުން ތެޔޮތައް ކަނޑަށް ފައިބައި، ރަށުގެ ގޮނޑުދޮށާ ދިމާއަށް ގޮސްދާނެ ކަމަށް ބަލައި، ސިފައިންނާއި ކޯސްޓްގާޑުން ގޮސް، މިހާރުވަނީ ފަރަށް އަރާފައިވާ ބޯޓު ފަށައިގެން، ފެންމަތީގައި ހުންނަ އެކަމަށް ޚާއްސަ ހަންތައް އަތުރާފައެވެ.

މޮރިޝަސްގެ ފަރަކަށް މިދިޔަ އަހަރުގެ ޖުލައިމަހުގެ 25 ވަނަ ދުވަހު އަރާފައިވަނީ ޖަޕާނުގެ އެމްވީ ވަކަޝިއޯ ނަމަކަށްކިޔާ ތެޔޮ ޓޭންކަރެކެވެ. އެ ޓޭންކަރު ފަރަށް އެރިއިރު 4،000 ޓަނުގެ ތެޔޮ ހުއްޓެވެ.

އެ ޓޭންކަރު ފަރަށް އަރާފައި އޮންނަތާ ހަފްތާއެއް ވީއިރުވެސް ތެޔޮ ބޭރެއް ނުވެއެވެ.

އެހެން ނަމަވެސް، އެކަމުގައި މޮރިޝަސް ސަރުކާރުން ބައިނަލްއަގްވާމީ ކުއްލި އެހީއަށް އެދުނުއިރު، ބޯޓުން ތެޔޮ ލީކްވެ މޮރިޝަސްގެ ގޮނޑުދޮށްތަކާ ހަމައަށް ފޯރައިފިއެވެ. ކަނޑުފާތަކާއި، އެކޯސިސްޓަމާއި ފަރުތައް އޮތީ އޮލަ ތެޔޮތަކުގެ ސާލެއް ލެވިފައެވެ.