ކްރޯނާ ވައިރަހަކީ އާލަމީ ވަބާ އެއްކަމުގައި ޑަބުލިޔުއެޗްއޯ އިން ކަނޑައެޅިތާ އެއްހަރު ފުރުނީއެވެ. ޑަބުލިޔުއެޗްއޯ އިން މިގޮތަށް ކަނޑައެޅުމުގެ ކުރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ އާންމު ދިރިއުޅުން ވަނީ ބަދަލުވާން ފަށާފައެވެ.
މިގޮތުން ބަލީގެ ކުރީކޮޅުގައި ލަފާކުރި ލަފާކުރުންތައް ވަރަށް ގިނައެވެ. މީގެ ތެރެއިން ބައެއް ކަންތައްތަކަކީ ސައިންސްގެ ހޯދުންތަކަށް ބިނާކޮށް ލަފާކޮށްފައިވާ ކަންތައްތަކެވެ. އަނެއްބައި ކަންތައްތަކަކީ ސިޔާސީ މަގުޞަދު ތަކަށް ބިނާކޮށް ފާޅުކޮށްފައިވާ ޚިޔާލުތަކެވެ. އަދި މީގެ އިތުރުން ރަނގަޅު މައުލޫމާތު ނުލިބުމުގެ ސަބަބުން ފެތުރިފައިވާ ވާހަކަތައްވެސް ހިމެނެއެވެ.
މޫސުމީ ރޯގާއަކަށް ނުވި
އާންމުކޮށް ފެތުރޭ ރޯގާތަކަކީ ފިނި މޫސުމަށް ގިނަވެ ހޫނު މޫސުމަށް މަދުވާ ރޯގާ ތަކެކެވެ. ނަމަވެސް ކްރޯނާ ވައިރަސް މިފަދަ މޫސުމީ ރޯގާ އަކަށް ނުވިއެވެ. ކްރޯނާ ވައިރަސްގެ ސަބަބުން މާސްކު އެޅުމާއި ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއެކު އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމުން ބަލިތައް ޖެހުން މަދުވިއެވެ.
މާސްކު ނާޅައެއް ނުވި
މާސްކު ލިބުން ދަތިވުމުން މާސްކު އެޅުމަކީ ކޮންމެހެން މުހިއްމު ކަމެއް ނޫންކަމަށް އެމެރިކާގެ "ސެންޓަރފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންސް" އިން ހާމަ ކުރިއެވެ. އެގޮތުން ސިއްޙަތު ރަނގަޅު މީހުން ކޮންމެހެން މާސްކު އަޅަން ނުޖެހޭނެކަން އެންގިއެވެ. ނަމަވެސް މިއީ ރަނގަޅު އެންގުމެއް ކަމަކަށް ނުވިއެވެ. އެއީ މާސްކު ނޭޅުމުގެ ސަބަބުން އެމެރިކާގައި ބަލިޖެހޭ މީހުންގެ އަދަދު ގިނަވެ ހާލަތު ދަށަށް ދާން ފެށިއެވެ. މިހެންވުމުން ކްރޯނާ ވައިރަސް އަކީ ވައިގެ ޒަރިއްޔާއިން ނޭވާލާ ނިޒާމުގެ ތެރެއަށް ވަންނަ ވައިރަސް އެއްކަން އެނގުނެވެ. އެހެންކަމުން އިންސާނުންނަށް ވިސްނުނީ މާސްކު އެޅުމަކީ ބަލިން ރައްކާތެރިވުމަށް އޮތް ރަނގަޅު ގޮތެއް ކަމުގައެވެ.
ގެވެށި އަނިޔާ އިތުރުވި
ޗައިނާގެ ވުހާން ގައި މި ބަލި ފެތުރުމާއެކު ފުރަބަންދު އިއުލާނު ކުރުމާ ގުޅިގެން ގެވެށި އަނިޔާ އިތުރުވާނެކަމަށް އިންސާނީ ހައްޤުތަކަށް އަޑުއުފުލާ ފަރާތްތަކުން ބުނަންފެށިއެވެ. މިގޮތުން ގޭގައި ބަންދުވެފައި ތިބެންޖެހުމުން އަތްމަތި ދަތިވެ އާއިލާގައި މައްސަލަތައް ދިމާވެ ގެވެށި އަނިޔާ އިތުރުވާން ފެށިއެވެ.
މިނޫނަސް މި ބަލި ފެތުރެން ފެށި ފުރަތަމަ ދުވަސްކޮޅު ދެކެވުނު ހަގީގީ ވާހަކަތަކާއި ހަގީގަތާ ޚިލާފު ވާހަކަތައް ވަރަށް ގިނައެވެ.