ޗައިނާއިން ދުނިޔެ ބައްޓަން ކުރާނެ ސާސްކަފަކަށް ޝީ ޖިންޕިން

0

ޗައިނާގެ ބާނީ، މާއޯ ސެތޯންގ އަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ދެކޭ ގޮތުގައި ފުރަތަމަ ސާސްކަފްގެ ލީޑަރެވެ. އެޕާޓީން ދެކޭ ގޮތުގައި ދެވަނަ ސާސްކަފަށް ޗައިނާ ފައްކާކުރާނެ ލީޑަރަކީ ޝީ ޖިންޕިންގ އެވެ. މިހާރުގެ ރައީސެވެ.

ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް 19 ގެ ވަބާއިން ޗައިނާގެ ސުޕްރީމް ލީޑަރަކީ ޝީ ކަމަށް ވަނީ ވެގެން ގޮސްފައެވެ. މިކަންކަމުން ސާފުކޮށް ފެންނާން އޮތީ ޖުލައި މަހުގެ 15 ވަނަ ދުވަހު، ކޮމިއުނިސްޓް ޕާޓީގެ މަޖައްލާ ޗީޝީގެ އެޑިޓޯރިއަލްގައި ލިޔެފައިވަނީ، “ޗައިނާގެ ހުރިހައި ރައްޔިތުންގެ އެންމެ އިސް ޒިންމާއަކީ، ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޝީ ޖިންޕިންގގެ މަގާމު އެގޮތުގައި ދެމެހެެއްޓުމަށް މަސައްކަތް ކުރުމެވެ.” އަދި ބުނެފައި ވެއެވެ. “އޭގެ މާނައަކީ ޕާޓީގެ ޖެނެރަލް ސެކެޓްރީ އަކީ ޝީ ޖިންޕިންގ ފިޔަވައި ދެވަނަ އެހެން މީހެއްކަމުގައި ނުހެދުމެވެ.” ޗައިނާގެ ވެރިކަމުގެ ނިޒާމުގެ ހުރިހައި ބާރެއް އެންމެ މީހެއްގެ އަތް މަތީގައި އޮތްކަމުގެ ސާފު ސީދާ ހެއްކެކެވެ.

Advertisements

ކޮމިއުނިސްޓް ޕާޓީ ބިނާކޮށް ދެމެހެއްޓުމުގައި މާއޯ ގެ ދުވަސްވަރު އޭނާއަށް ލައްކަ ގޮންޖެހުންތަކާ ކުރިމަތިވިއެވެ. އޭނާގެ ވިސްނުމާއި ސިޔާސަތު ޚުދު އޭނާއަށް ވެސް އެކި ފަހަރުމަތިން ޕާޓީގެ އިސްވެރިންނަށް ވިއްކަން ޖެހުނެވެ. އަދި އެތައް ފަހަރެއްގެ މަތިން ޕާޓީގެ ޒައާމަތު އެތައް ބަޔަކާ ހިއްސާކުރަން ޖެހުނެވެ. އޭގެ ތެރޭގައި ލިއު ޝާއޮކީއާއި ޝޫ އެންލައިއާއި ޗޫޑީ ފަދަ ބޮޑެތި ބޭބޭފުޅުން ހިމެނިވަޑއިގަންނަވައެވެ.

މިއާ ޚިލާފަށް ޝީއަށް ކޮމިއުނިސްޓް ޕާޓީގެ އެންމެ އިސްމަގާމާއި ޗައިނާގެ ދެބަސްވުމެއް ނެތް ހަމައެކަނި އެމްޕަރާގެ މަގާމު ހޯއްދެވުމަށް ނެގީ އެންމެ ހަ އަހަރެވެ. 2013 އިންފެށިގެންނެވެ. އަދި ކޮރޯނާ ވައިރަސް ވެގެން ދިޔައީ އޭނާގެ މަގާމު އިތުރަށް ހަރުދަނާކޮށް ދަހަނާ އެޅުއްވުމަށް ލިބިވަޑައިގަތް ރަނުގެ ފުރުސަތަކަށެވެ.

މުސްލިމުން ގިނަ ޝިންޖިއާންގެ ރަށްފުށުގައި ބައްޕައާއެކު ކޮމިއުނިސްޓް ވެރިކަން ކުރުމަށާއި ލީޑާޝިޕްގެ އަޖުމަ ބެލުމަށް ލިބިގެން ދިޔަ ފުރުސަތާއި ފަގީރުކަމާއި އަތްމަތި  ދަތިކަމުން ޝީއަށް ގިނަ ކަންތައްތަކެއް ވަނީ ދަސްކޮށްދީފައެވެ.

ކުރިއަށް މިއޮތް އަހަރުތަކުގައި ދުނިޔޭގެ ގައުމުތަކުން މުއާމަލާތު ކުރަން ޖެހޭނެ ޝަޚްސިއްޔަތަކީ ޗައިނާގެ ޝީއެވެ. އަދި ކިތަންމެ ވަރަކަށް މީހުން ދިރާސާތަކެއް ކުރިނަމަވެސް ޝީއަކީ މީހުންނަށް ވިސްނޭނެ، ދަސްކުރެވޭނެ ޝަޚުސިއްޔަތެއް ނޫނެވެ.

ވާދަވެރިކަމާއެކު ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިސްމަގާމު ޝީ ހޯއްދަވާފައިވަނީ އެގޮތަށެވެ. މީހުންނަށް އޭނާގެ ޝަޚުސިއްޔަތު ނޭގުމެއްގެ ތެރޭންނެވެ. މައިކް ޕޮމްޕިއޯ ދާދިފަހުން ވިދާޅުވިފަދައިން ދައްކާ ދަޅައަކުން ނެގޭ މާނައަށްވުރެން ފޮރުވިފައިވާ މާނައެއް ހޯދުމަކީ ޗައިނާއާ މުއާމަލާތު ކުރާ އިރު މުހިންމު ކަމެކެވެ. އެއީ ޝީ ޖިންޕިންގ ގެ ޝަޚުސިއްޔަތެވެ.

އޯގަސްޓް 2000 ވަނަ އަހަރު ޝީ ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ، އޭނާގެ ތިން ސިފައެއް ހުންނަ ކަމުގައެވެ. ކަމެއް ކުރަން އުޅޭނަމަ އެކަމެއް ކުރެވޭނެކަމަށް ބަލައިގެން އެކަމުގަައި ދެމިހުރުމެވެ. އަދި ދެވަނަ ސިފައަކަށް ކެތްތެރިކަމުގެ ސިފައެވެ. ތިން ވަނަ ސިފައަކަށް އަމިއްލަ ނަފްސާމެދު ޔަގީންކަން ބެހެއްޓުމެވެ.

ޝީ ވިދާޅުވީ ސިޔާސަތަކީ، އޭގެ ޒާތުގައި ނުރައްކަލުން ފުރިގެންވާ ކަމެކެވެ. ސީޔާސީ މަސައްކަތަށް މީހާ ވަނުން ޝީ މިއިންޓަރއިވުގައި ސިފަ ކޮށްދެއްވީ މިފަދައިންނެވެ. “އެއް ފަހަރުވެސް ސިޔާސީ މަސައްކަތަށް މީހާ ބައިވެރިވެއްޖެނަމަ، އެއީ ކޯރެއްގައި ފެތުން ފަދަ ކަމެކެވެ. ފަސް އެނބުރި ދެވޭނެ ގޮތެއް ނޯންނާނެ އެވެ. ދާން ޖެހޭނީ ހަމަ ކުރިއަށެވެ.” ތެދުފުޅެކެވެ! ޝީ ހަމަ ވަޑައިގަންނަވަނީ އަދި ހަމަ ކުރިއަށެވެ.

ނަންތަކެއް މިތާގައި ލިޔުމަކީ ކިޔުންތެރިންނަށް އެއިން މަންފާއެއް ކުރާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް ސާފުވާން ޖެހޭކަމަކީ، ޝީގެ ސިޔާސީ މަގުގައި ހުރަސް ކުރިމަތި ކުރި ކޮންމެ މީހަކުވެސް މިއަދާހަމައަށް ވަނީ އެކަހެރިކޮށްލެވިފައި ކަމަށެވެ. އެއީ ހައްޔަރުކޮށްގެންނާއި، ޝަރީއަތް ހިންގައިގެންނާއި ކޮރަޕްޝަންގެ ތުހުމަތުގައި ބެއްދުމުންނެވެ. ކުރީގެ ދެ ވެރިންނަށް ވަފާތެރިކަން ދައްކައިގެން ކޮމިއުނިސްޓް ޕާޓީއާއި ސަރުކާރުގެ އިސްމަގާމުތައް ފުރަމުންދިޔަ އެތައް ސަތޭކަ މީހުން (ޝީ ގެ ވައުދުގައި ސިފަ ކުރައްވިފަދައިން) މެހިމާބުރާއި ސިގާއިންތައް މަގުން އެއްކިބާ ކުރެވިގެން ދިޔައެވެ.

މާޗް މަހު 2018 ގައި ޗައިނާގެ ގާނޫނުއަސާސީއަށް ގެނައި ބަދަލާއެކު ރައީސްއަކަށް ހުންނަ މީހަކަށް ކަނޑައަޅާފައި އޮންނަ ދެ ދައުރު ޝީއަށްޓަކައި ވަނީ އުވާލެވިފައެވެ. މާޗް 2023 ގެ ފަހުންވެސް ޗައިނާގެ ކޮމިއުނސިްޓް ޕާޓީގެ ތަޚްތުގައި ވެޑުވިވަޑައިގެން އިންނަވާނީ ހަމަ ޝީި ޖިންޕިންގ އެވެ!

ޗައިނާ ސިފައިންވެސް ވަނީ ސީދާ ޝީގެ ބާރުގެ ދަށަށް ގެންނަވާފައެވެ. އެންމެ އިސްކޮށް ތިއްބެވި ދެ ޖެނަރަލުން ވަނީ 2017 ގައި ދުރުކޮށްލެވިފައެވެ. ޕީޕަލްސް ލިބަރޭޝަން އާމީގެ ކޮމާންޑާ އިން ޖެނެރަލް އަކީ ޝީ އެވެ. މިއީ މާއޯއަށްވެސް ލިބިވަޑައިގެންނެވި މަގާމެއް ނޫނެވެ.

ޝީއަށް ދުސްތޫރީ ހައިސިއްޔަތެއް ދިނުމަށްޓަކައި، 2017 އާއި 2018ގައި ޕާޓީގެ ލިޔުންތަކަށް “ޝީ ޖިންޕިންގ ގެ ތަސައްވުރު” ގެ ނަމުގައި ޝީގެ ފަލްސަފާ ވަނީ ވެއްދިފައެވެ. މިއީ މާއޯއަށްފަހު ފުރަތަމަ ފަހަރަށް ޗައިނާގެ ލީޑަރަކަށް މިފަދަ ފުރުސަތެއް ލިބުނު ދެވަނަ ފަހަރެވެ. ޗައިނާގެ އިގްތިސާދު ހުޅުވުމާއި އެއް ޗައިނާ ދެ ނިޒާމުފަދަ ސިޔާސަތުތައް ތަޢާރަފް ކުރެއްވި ޑެން ޝިއާއޯޕިންގެ ތަސައްވުރު ކޮމިއުނިސްޓް ޕާޓީއަށް އިތުރު ކޮށްފައިވަނީ އޭނާ އަވަހާރަވި ފަހުންނެވެ.

ކުރިއަށް އޮތް ތާނގައި ޗައިނާއަކީ ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ކޮންމެ ވެރިއަކުވެސް ކޮންމެ ދުވަހެއްގެ ނޭޝަނަލް ސެކިއުރިޓީ ބްރީފިންގއާއި ސިޔާސަތު ވިލަރެސް ކުރާ ކޮންމެ ބައެއްގެ ކޮންމެ ދުވަހަކުވެސް ވާހަކަ ދައްކަން ޖެހޭނެ މައުޟޫއެކެވެ. ޗަައިނާއާ ނުލައި އަދި ޗައިނާގެ ނަން ނުކިޔައި، އެއްވެސް ގައުމަކަށް ނޯވެވޭނެއެވެ. އަދި އެއްވެސް އިންތިޚާބެއް ނިމިގެނެއް ނުދާނެއެވެ.

ކޮވިޑް 19 އިން ޝީއަށް ލިބިވަޑައިގަތް ފުރުސަތު އޭނާ ވަނީ އެންމެ ފުރިހަމައަށް ބޭނުން ކުރައްވާފައެވެ. ޝީގެ ވިސްނުންފުޅު އަންނަނިވި ވާހަކައިން ޚުލާސާވެގެން ދެއެވެ.

“ތިބާ ޖެނަރަލަކަށް ވާން ބޭނުން ނަމަ ތިބާއަކީ ހަނގުރާމައިގައި މޮޅުވާނެ މީހެއްކަމުގައި ވާން ޖެހޭނެއެވެ. ހަނގުރާމައިގައި މޮޅުވުމުގެ ކުޅަދާނަކަން ލިބިގެންވީނަމަވެސް، ހަނގުރާމަ ތަކަކީ ކޮންމެ ދުވަހަކު ލައިގަންނަ ހާލަތްތަކެއް ނޫނެވެ. ވަކިން ޚާއްސަކޮށް ސުލްހައިގެ މިފަދަ ޒަމާނެއްގައެވެ. ހަނގުރާމައިގެ ހާލަތްތަކެއް އުޅޭނަމަ އެއީ ފުރުސަތުތަކެކެވެ. ފުރުސަތެއް ލިބޭނަމަ، ވަގުތުން އެފުރުސަތުގެ ބޭނުން ހިފަންވާނެއެވެ. އެއިރުން މޮޅު ލިބޭނެއެވެ!” އޮގަސްޓް 2000 ގައި ޝީ ދެއްވި އިންޓަރވިއުގައި ވިދާޅުވިއެވެ.

Advertisements