ހައްދުފަހަނަޅައި ދިއުން އާންމު ވެއްޖެނަމަ ހިތިނަތީޖާ މުޖުތަމައުން އަބަދުވެސް ފެންނާނެ

0
ޕާކިސްތާންގެ އެންމެ މިހާރުގެ ބަތަލް ޚާލިދު ޚާން

ޚާލިދު ޚާން އޭނާގެ ފިސްތޯލަ ޝަރީއަތުގެ މަޖިލީހަށް ވެއްދުމަށް ފަހު ގާޒީގެ ކުރިމަތީގައި މުއްތަހަމް މަރާލިއެވެ. ޚާލިދު ޚާން އޭނާގެ ފިސްތޯލައިން ހަ ވަޒަން ފޮނުވާލި އެވެ. މިދުވަސްވަރު ޕާކިސްތާންގައި އެންމެ މަގްބޫލު މީހަކީ ޚާލިދު ޚާނެވެ.

ޚާލިދު ޚާންގެ ހަމަލާގެ އަމާޒަކަށް ވީ، ނަސީމް އަޙްމަދުއެވެ. އެއީ އެމެރިކާގެ ރައްޔިތެކެވެ. އޭނާ އަކީ ކުރިން ގާދިޔާނީ މަޒްހަބު ގަބޫލުކޮށްގެން ހުރި މީހެއްކަމަށް ބުނެވެއެވެ. އަދި ބުއްދި ހަމަ ނުޖެހޭ މީހެއް ކަމަށްވެސް ބުނެވެއެވެ.

ދީނީ މަދަރުސާއެއްގެ ދަރިވަރަކާ ޒުވާބު ކުރުމަށްފަހު ނަސީމް އަހްމަދު ބުނީ އޭނާއަކީ އެންމެ ފަހުގެ ރަސޫލާ ކަމުގައެވެ. އެއަށްފަހު ދީނަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ޕާކިސްތާންގައި ފާސްކޮށްފައިވާ ގާނޫނުގެ ދަށުން ނަސީމް އަހްމަދު ހައްޔަރު ކުރެވުނެވެ.

Advertisements

މިހާރު ޕާކިސްތާންގެ މީސްމީޑިއާގައި ޚާލިދު ސިފަކޮށްފައިވަނީ އިސްލާމް ދީން ހިމާޔަތް ކުރާ ސިންގާއެއްގެ ގޮތުގައެވެ. އޭނާގެ ފޮޓޯ އާންމު ކުރެވެނީ ސިންގާއެއް ފަސްމަންޒަރަށް ލުމަށްފަހުއެވެ. މީހުން ސިފަކުރާ ގޮތުގައި އޭނާއަކީ ގައުމީ ބަތަލެކެވެ.

ނަސީމް އަހްމަދު ސިފަކޮށްފައިވަނީ “ލޭ ހުއްދަ ކުރެވިފައިވާ” “އިސްލާމް ދީނުގެ ދުޝްމަނެއް”ގެ ގޮތުގައެވެ.

ވެރިކަން ކުރާ ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީގެ ލީޑަރު ހަލީމް އާދިލް ޝެއިޚް ވަނީ އޭނާގެ އެފްބީ ޑީޕީގައި ޚާލިދުގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. މި ފޮޓޯގައި ޚާލިދުގެ ފަސްމަންޒަރުގައި ފިނިގެންމާ ފިޔަތަކެއް ވެރޭ، ފިލްޓަރުން ސިފަ ޖައްސާފައި ވެއެވެ. ފަހުން ޓުއިޓާގައި ޝެއިޚް ބުނެފައިވަނީ އޭނާގެ އެފްބީ އަކީ އަމިއްލަ ކޮންޓްރޯލްގައި އޮންނަ އެކައުންޓެއް ނޫންކަމާއި މި ފޮޓޯ ޖަހާފައިވަނީ އޭނާއަށް އެނގުމަކާ ނުލައި ކަމަށެވެ.

މިކަހަލަ ސިންގާއިން ޕާކިސްތާނުން ފެންނަލެއް މަދެއް ނޫނެވެ. ޕާކިސްތާން އުފެދުމުގެ ކުރިންވެސް މިހިސާބުން މިކަހަލަ ކަަމެއް ފެނިފައި ވެއެވެ.

1929 ގައި އިލްމުއްދީން ނަމަކަށް ކިޔާ ފުރާވަރަށް އަރާ ކުއްޖަކު ވަނީ، ކީރިތި ރަސޫލާގެ ހަޔާތްޕުޅަށް ލިޔެފައިވާ ފޮތެއް ޝާއިއުކުރުމުން ޕަބްލިޝާ މަހޭޝް ރާޖްޕާލް މަރާލާފައެވެ. އިލްމުއްދީން އަކީ ލިޔަންކިޔަން ދަންނަ ކުއްޖެއް ނޫނެވެ. މި ފޮތް ކިޔުމުގެ ނަސީބެއްވެސް އޭނާއަށް ނުލިބެއެވެ.

އިލްމުއްދީންގެ ދިފާއުގައި ވަކާލާތު ކުރެއްވީ (ފަހުން ޕާކިސްތާންގެ ބާނީ) މުހައްމަދު އަލީ ޖިނާހް އެވެ. ޙުކުމާއެއް ގޮތަށް އިލްމުއްދީިން ދަންޖައްސާ މަރާލެވުނެވެ. ލައްކައެއްހާ މީހުން ނިކުމެ، އޭނާ ވަޅުލި ދުވަހު އައްލާމާ އިޤްބާލް ވިދާޅުވީ، ކިޔަވައިގެން ތިބި މީހުންނަށް އެއްވެސް ކަމެއް ނުކުރެވޭ ހިނދު މާވަޑީގެ ދަރި މިއޮތީ ކާމިޔާބު ކޮށްފައެވެ.

ލާހޯރުގައި މިއަދު އިލްމުއްދީންގެ މަހާނައަކީ ޒިޔާރަތެކެވެ. އޭނާއަކީ ޣާޒީއާއި ޝަހީދެއްގެ ދަރަޖަަ ދީފައިވާ “ވަލީ ވެރިއެކެވެ.

ދެން އޮތީ މާދުރު ނޫން ތާރީޚެއްގައި ހިނގާފައިވާ ކަމެކެވެ. ޕަންޖާބްގެ ގަވަރުނަރު ސަލްމާން ތާސީރްގެ ބޮޑީގާޑް ސަލްމާން އަވަހާރަކޮށްލީ ޕާކިސްތާނުން ފާސްކޮށްފައިވާ ދީނަށް ފުރައްސާރަ ކުރުމާ ދެކޮޅު ގާނޫނަށް އޭނާ ފާޑުވިދާޅުވުމުންނެވެ.

ސަލްމާން އަވަހާރަކޮށްލި މުޖުރިމު މުމްތާޒް ގާދިރީ 2016 ދަން ޖެއްސުނެވެ. ރާވަލްޕިންޑީގައި މިހާރު އޭނާގެ މަހާނައަކީވެސް މީހުން ނަދުރު ބުނެއުޅޭ ޒިޔާރަތެކެވެ.

މީހަކަށްވާން ބޭނުން ކޮންްމެ މީހަކު ޕާކިސްތާންގައި ނިކުންނަންވީ އިސްލާމް ދީނު ހިމާޔަތް ކުރުމަށެވެ. 1987 އާއި 2017 އާ ދެމެދު ޕާކިސިްތާންގައި ދީނަށް ފުރައްސާރަ ކުރުމުގެ ތުހުމަތުގައި 75 މީހަކު ވަނީ އަނިޔާވެރިގޮތަށް މަރާލާފައެވެ. މީގެ ތެރޭގައި 2014 ވަނަ އަހަރު ދިރި ތިއްބާ އަންދާލި ކްރިސްޓިއަން ދެމަފިރިން ހިމެނެއެވެ. އަދި ކޮލެޖް ކެމްޕަސްގައި ކަރުބުރިކޮށްގެން މަރާލި ޕުޝްތޫ ދަރިކޮޅުގެ މިޝްޢަލް ޚާން ވެސް ހިމެނެއެވެ.

މީހަކު ހިމޭން ކޮށްލަންވެސް މި ގާނޫނަކީ މޮޅު ހަތިޔާރަކެވެ. މިސާލަކަށް ސިންްދު ޕްރޮވިންސްގެ ޕްރޮފެސަރ އަފްރާނާ މައްލާ އަށް ބިރު ދައްކާފައިވަނީ ހިމޭނުން ނުހުރެއްޖެނަމަ، ދީނަށް ފުރައްސާރަ ކުރުމާ ދެކޮޅު ގާނޫނުގެ ދަށުން ފިޔަވަޅު އެޅިދާނެ ކަމަށެވެ. އޭނާގެ ކުށަކީ، އެހެން ޕްރޮފެސަރެއްކަމަށްވާ ސާޖިދު ސޫމްރޯގެ ދިފާއުގައި ވާހަކަ ދެއްކުމެވެ. ސޫމްރޯ ހުރީ މި ބިރުވެރި ގާނޫނުގެ ދަށުން ތަފާތު ޚިޔާލެއް ފާޅުކޮށްގެން ބަންދުކޮށްފައެވެ.

މިދިޔަ އަހަރު ޖުނައިދު ހާފިޒް ވަނީ ދީނަށް ފުރައްސާރަ ކުރުމުގެ ތުހުމަތުގައި މަރުގެ ނިޔާ އިއްވާފައެވެ. އޭނާއަކީ ޕްްރޮފެސަރެކެވެ.

މިވަރަކުންވެސް ނުފުދެއެވެ. އިސްލާމްއާބާދުގައި ފައްޅިއެއް އެޅުމަށް ހިންދީން އަމިއްލަ ބިމެއްގައި މަސައްކަތް ކުރުމުން އެކަމަށް ވަަނީ ދެކޮޅު ހަދާފައެވެ. މުސްލިމުގެ އަވަށެއްގައި ކްރިސްޓިއަނަކު ދިރިއުޅޭތީ ވަނީ ބަޑި ޖަހައި މަރާލާފައެވެ. ސިކުންގެ ގުރުދުވާރާ އެތައް ހާސްއަހަރަށް ހުރި ބިންތައް ވަނީ މުސްލިމުންގެ ބިންތައް ކަމަށް ބުނެ ފޭރިގެންފައެވެ.

މިހުރިހައި ކަމެއް މަލަމަތިން ފެންނާން އޮތް އިރުވެސް، ޕަންޖާބް ޕްރޮވިންސްގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ޚިޔާލު ތަފާތު ބިލެއް ފާސްކޮށްފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިނިވަން ޚިޔާލަށް ހުރަސް އެޅުން ނޫން ދެވަނަ މަގްސަދެއް މިއަކު ނެތެވެ.

ހަމަ އެފަދައެވެ! މެތެމެޓިކްސް މާއްދާގެ ފޮތެއްގައި މެތުސް ސުއާލެއްގައި އޫރުގެ ފޮޓޯއެއް ހުރުމުން އެތައް ސަތޭކަ ޓެކްސް ފޮތެއް ގެންގުޅުން ވަނީ މަނާ ކޮށްފައެވެ. ކަޝްމީރަކީ އިންޑިއާގެ ބައެއްކަމަށް ދައްކާ ޗާޓެއް ހުރުމުންނާއި މުހައްމަދު އަލީ ޖިނާހްއާއި އައްލާމާ އިގްބާލްގެ އުފަން ދުވަސް ނުބައި ތާރީޚެއްގައި ލިޔެފަައި އޮތުމުންވެސް އެތައް ސަތޭކަ ފޮތެއް ވަނީ މަނާކޮށްފައެވެ.

އަދިވެސް އިތުރު އެހެން ކަމަކެވެ! ޕަންޖާބްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ވަކާލާތު ކުރަމުން ދަނީ ފާޑުފާޑުގެ ފެޝަނަށް ތުބުޅި ބެހެއްޓުމަކީ ގާނޫނީ ގޮތުން މަނާ ކުރަން ޖެހޭނެ ކަމެއްކަމަށް ބުނެއެވެ.

ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީން އެއްދުވަސްވަރެއްގައި ބާރު އަޅާފައިވަނީ ޑޯރެމޮން ކާޓޫން މަނާ ކުރުމަށެވެ. ޕާކިސްތާންގެ ވެރިކަން ކުރާ ޕާޓީއާއި ޑޮރެމޮންއާ ދެމެދުގެ އަދާވާތްތެރިކަމަކީ ކޮބަައިކަން ސާފެއް ނޫނެވެ.

އައްލާމާ މައުދޫދީގެ އިސްލާމީ ޕާކިސްތާނަކީ މިއީ ބާވައެވެ! ނޫނީ އިސްލާމީ ޝަރީއާ ތަންފީޒުކުރުމަށް ޖެނެރަލް ޟިޔާއުލްހައްގު މަސައްކަތް ކުރެއްވީ މިލަނޑު ދަނޑިއަށް ބާވައެވެ؟

Advertisements