ހުރިހާ އެންމެންވެސް ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ބޭނުންވެ އެވެ. ނަމަވެސް މޫނުގައި އުނގުޅަން ހުންނަ ކްރީމްތައް އަގުބޮޑުވުމާއި އޭގައި ކެމިކަލް އެކުލެވޭތީ ބައެއް މީހުން މިފަދަ ކްރީމްތައް ބޭނުންކުރަން ޖެހިލުން ވެއެވެ. ނަމަވެސް ވަރަށް ފަސޭހައިން ގެއިން ވެސް ލިބެން ހުންނަ މާމުޔަކީ މަޝްހޫރު ތަރިންވެސް ހަންގަޑު ރީތިކޮށް ބެހެއްޓުމަށް އާންމުކޮށް ބޭނުން ކުރާ އެކައްޗެވެ.
ބޮލީވުޑްގެ އެންމެ ވިދާ އެއްތަރި ކަމަށްވާ ކަރީނާ ކާޕޫރު އިންޓަވިއުއެއްގައި ހާމަކުރި ގޮތުގައި އޭނާ އެހާ ގިނައިން ފޭޝަލް އެއް ނަހަދައެވެ. މޫނުގައި ތުނިތުނިކޮށް މާމުއި އުނގުޅުމަށްފަހު މަސާޖު ކޮށްލަނީއެވެ. އެއަށްފަހު ފެންފޮދަކުން ދޮވެލުމުން މޫނުގެ ހަންގަޑު މަޑުވެފައި ސާފު ވެއެވެ. އަލަށް އަރަމުން އަންނަ ބޮލީވުޑްގެ ޒުވާން ތަރި އަނަނިޔާ ޕާންޑޭ ވެސް އިންސްޓަގްރާމުގައި ލިޔެފައިވަނީ އޭނާ ބޭނުން ކުރާ "ފޭސް ޕެކް" ތައްޔާރުކުރަނީ މާމުޔާއި ޔޯގަޓާއި ރީނދުލުންނެވެ.
ތިރީގައި މިވަނީ މާމުއިން ހަންގަނޑަށް ލިބޭ ބައެއް ފައިދާއެވެ.
ހަންގަނޑު ހިކުމުން ދުރުކޮށްދޭ
މާމުއިގައި ހިމެނޭ ގުދުރަތީ މިނަރަލްސާއި ޕްރޮޓީންސް ގެސަބަބުން ހަންގަޑު ހިކުނަނުދީ ގިނަ އިރު ހިފަހައްޓައިދެއެވެ. ހަންގަނޑުގައި އާންމު ކޮށް މާމުއި އުނގުޅާނަމަ، ބޭރުގައި އޫޅޭއިރުވެސް ހަންގަނޑުގެ ތެއްކަން ދަމަހައްޓައި ދެއެވެ.
ހަންގަނޑު ރީތި ކޮށްދޭ
މާމުއި ފޭޝަލް އެއްގެ ގޮތުގައި ބޭނުންކުރާނަމަ މޫނު ސާފުކޮށްދީ ރީތި ކޮށްދެއެވެ. އަދި މޫނުގައި ހުންނަ ކަޅު ލައްތައް ފިލުވައިދެއެވެ.
ޒުވާންކަން ދަމަހައްޓައިދޭ
މާމުއި ގައި ހުންނަ ގުދުރަތީ އެންޓިއޮކްސިޑެންޓްގެ ސަބަބުން ހަންގަޑަށް ރޫ ޖެހުމުން ދުރުކޮށްދެއެވެ. އަދި ހަންގަޑުގައި ހުންނަ ކުދި ރޫތައް ފިލުވައިދެއެވެ. އާންމުގޮތެއްގައި މާމުއި ފޭޝަލް އެއްގެ ގޮތުގައި ބޭނުން ކުރާނަމަ ހަންގަނަޑު ތާޒާކޮށްދީ އުމުރަށްވުރެ ޅަ ކަމަށް ދައްކާނެއެވެ
ހަން ގަނޑު އޮމާންވެ ދޮންވޭ
މާމުޔަކީ ހަންގަނޑުގެ ކުލަ އަލިކޮށްދީ އޮމާން ކަން ދަމަހައްޓައިދޭ އެއްޗެކެވެ. މޫނުގެ ހަންގަޑު އޮމާންކޮށް، ތާޒާ ކޮށް ބަހައްޓަން ބޭނުންނަމަ ހަފުތާއަކު 1 ދުވަހު މާމުއި ފޭޝަލް އެއް އުގުޅާށެވެ.