ޒިވާ ދެވަނަބައި

1

= މިވާހަކައިގެ ބައިތައް އަންގާރަ އަދި ބުރާސްފަތި ދުވަހު ގެނެސްދެވޭނެ =

ފިޔަވަޅުގެ އަޑު އިވުމުން އެދިމާއަށް ބަލާލި ރާމިޝްއަށް އަރޫމާފެނުމުން ޒީވް އަތުން ފޮތް އަތުލައިގެން އަރޫމާގާތަށް ހިނގައްޖެއެވެ. އަރޫމާ ވެސް މަޑު މަޑުން އެ ފޮތް އަތުލައިގެން ކުރިއަށް ހިނގައިގަތެވެ. އަދި އިސްދަށަށްޖަހާލައިގެން ގޮސް ކުދިން ކިޔަވަންތިބޭ މޭޒު ކައިރީ ހުރި ގޮނޑީގައި އށީނދެ ފިލާވަޅު ބުނެދޭން ފަށައިފިއެވެ.

އިންސާނާގެ ހަވަނަ ޙިއްސަކީ ވެސް ކިހާ ބާރުގަދަ ޙިއްސެއްހެއްޔެވެ!

އަރޫމާއަށް މާހައުލުގެ ތަފާތުކަމެއް އިހުސާސްވެ ވަށައިގެން ނަޒަރު ހިންގައިލެވުނީ ކުއްލިއަކަށެވެ. އެވަގުތަކީ ފަހަތުގައި ހުރި ސޯފާގައި އިށީނދެ އިން ޒީވްއާ އަރޫމާގެ ލޯ ފުރަތަމަ ފަހަރަށް ބައްދަލުވެ، އެ ނަޒރު ހިނދުކޮޅަކަށް ދިގު ދެމިގެންދިޔަ ވަގުތުކޮޅަށް ވެގެންދިޔައެވެ.

ޒީވް ގެ ލޮލުގައި ހުރި ފުންކަމާ އެ ބެލުމުގައި ހުރި އަސަރު އެ ވަގުތު އަރޫމާގެ ހިތުގައި ކޮއްޓާނުލި ނަމަވެސް ޙިއްސުތަކަށް ގޮތްތަކެއްވިއެވެ. އަދި އެ ނަޒަރުން އުނދަގޫތަކެއް ވެގެން ކުއްލިއަކަށް ތެޅިގެންފައި މޫނު އަނބުރައިލިއެވެ. ދެން އަނެއްކާ ވެސް ކުރިމަތީ އޮތް ފޮތަށް ވިސްނުން ދޫކޮށްލެވޭތޯ އަރޫމާ މަސައްކަތް ކުރަން ފެށިއެވެ. އަދި މައްސުނި ވިސްނުން ތަކެއް ސިކުނޑީގައި އެނބުރެން ފެށިއެވެ. ރާމިޝްއަށް ފިލާވަޅު ވެސް ރަނގަޅަށް ބުނެ ނުދެވި އުޅެނިކޮށް ޒީވް އެތަނުން ދިޔަކަން އެނގުނެވެ. ހަމަ ޖެހުމުގެ ނޭވާއެއް ލެވި ކުރަން އިން މަސައްކަތާއިގެން ކުރިއަށް ދެވުނީ އެހިސާބުންނެވެ.

އަރޫމާ އަކީ އިސްކޮޅުން އާންމު ދިވެހި އަންހެނުންނަށްވުރެ ދިގު ކުއްޖެކެވެ. ރަށު ހުރިހާ ޒުވާން ފިރިހެންކުދިންގެ ތެރޭ އަރޫމާ މަޝްހޫރީ “ބިއުޓީ” ގެ ނަމުންނެވެ. އެއީ ހަންގަނޑުގެ ސާފުކަމާ އޮމާންކަމާ ހުންނަ ދޮންކަމުގެ ސަބަބުންނެވެ. ލޮލުގެ އެސްފިޔަ ތަކުގެ ދިގުކަމުން ފިރިހެންކުދިން ފިދާވާ ފަދަ ރީތިކަމެއް ލިބިފައި ވިޔަސް ދުވަހަކު ވެސް ފިރިހެނަކު ދެކެ ލޯބީގެ ނަޒަރަކުން މިހާތަނަށް ބެލިފައެއް ނެތެވެ. އަރޫމާއަކީ ފިރިހެނުންގެ ޝިކާރައަކަށް ވާފަދަ ސިފަތަކެއް ހުރި ކުއްޖެއްކަން އަރޫމާގެ މަންމައަށް އެނގޭތީ ގްރޭޑް ދިހައެއް ނިމުމުން ކަޅު، ދޫހެދުން ލާން ވިސްނައިދިނެވެ. އަންހެން ކުދިންނަކީ ކިހާ ނިވައިވެގެން އުޅެންޖެހޭ ބައެއްކަމާ ކިހާ ޢިއްފަތްތެރިވާންޖެހޭ ބައެއްކަން އަރޫމާގެ މަންމަ އަބަދު ވެސް ހަނދާން ކޮށްދެއެވެ. އެހެންކަމުން ކަޅު ދޫ ހެދުމުގައި، ޝޯލް އަޅައިގެން އުޅޭތީ އަރޫމާއަށް މާލޭ މަގުމަތީ ހިނގަން ވެސް ވަރަށް ފަސޭހައެވެ.

ދެތިން ދުވަސް ފާއިތުވެގެން ދިޔައީ ޒީވްގެ އެއްވެސް ޚަބަރެއް ނެތިއެވެ. ކުރީ ދުވަހު ހިނގި ކަންތައް ވެސް މަޑުމަޑުން ހަނދާން ނެތެމުން ދިޔައެވެ. އެހެންކަމުން އަރޫމާ ވެސް އާދައިގެ މަތިން ގޭތެރޭގައި އުޅެން ލިބޭ މަދު ވަގުތުކޮޅު ތެރޭ ކިޔެވުމާއިގެން އުޅެމުން ދެއެވެ.

އެރެއަކީ ޑިއުޓީ ނެތް ރެއަކަށް ވުމުން އެސައިންމެންޓެއްގެ މަސައްކަތް ކުރަން އިނދެފައި ބަދިގެއަށް ދާން ނިކުތީ ނިދިއަންނާތީ ކޮފީއެއް ބޯލުމުގެ ނިޔަތުގައެވެ.

ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ސިޓިންގރޫމުގައި ދިއްލާފައި ހުރި ރީނދޫކުލައިގެ ބޮކީގެ ފަނޑުއަލި ފިޔަވާ ދެން ފެންނަންހުރީ މަގުމަތީ ހުރި މަގުބައްތިތަކުގެ އަލި އެކަންޏެވެ. އުޑުމަތި ސާފު ރެއަކަށްވުމުން ހަނދުފޮއި ރެއަކަށް ނުވިއަސް އުޑުމަތީގައި ރަސްކަން ކުރަމުން ދިޔަ ތަރިތަކުން ރޭގެ ހިތްގައިމުކަން ހިތަށް ފިނިކަން ގެނެސްދެއެވެ.

ރޭގެ ހިތްގައިމުކަމުން އުފާ ލިބިގަންނަން އަރޫމާ ސިޓިންރޫމުގެ ކުޑަދޮރުން ބޭރު ބަލާލަން އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު ބަދިގެއަށް ވަދެ ކޮފީހަދައިގެން ނިކުންނަމުން ކޮފީމަގުގައި ތުންޖަހާ ރަހަ ބަލާލިއެވެ. ކޮފީގެ މީރު ކަމުން ސިކުނޑިއަށް ލިބުނު ތާޒާކަމާ ހަމަޖެހުން އިހުސާސްކުރަމުން ކުރިއަށް ހިނގައިގަތެވެ. އެ ވަގުތު ބަދިގޭގެ ދޮރުމައްޗަށް އެރި ޒީވް ފެނުމުން ބިރުން ހަޅެއްލަވައި ގަނެވުނެވެ.

ކޮފީތަށީގެ ޚިޔާލު ނޫން ޚިޔާލެއް ނެތި ހިނގައިގަތް ވަގުތު ކުއްލިއަކަށް މީހަކު ފެނުމުން އަރޫމާ މާ ބޮޑަށް ސިހޭ ގޮތްވީއެވެ. ޒީވް ވަގުތުން އަރޫމާގެ އަނގަމަތީ އެއް އަތް އެޅާ އަނެއް އަތް ގެންގޮސް އަރޫމާގެ ކަނދުރާމަތީ  ހިފަހެއްޓިއެވެ. އެއީ އެ ހަޅޭކުގެ އަޑަށް ގޭގެ މީހަކަށް ހޭލެވިގެން އެކަން ބޮޑު ކަމަކަށް ވެދާނެ ކަމުގެ ބިރަށްޓަކައެވެ. އިތުރު ނިޔަތެއް ނެތެވެ.

ޒީވްގެ މި ޙަރަކާތުގެ ސަބަބުން އަރޫމާއަށް ލިބުނު ސިހުން މާ ބޮޑެވެ. އެހެން ކަމުން ބިރުން ތެޅިގަނެވުނެވެ. ފިރިހެނަކު މިފަދަ ގޮތަކަށް ނަމަވެސް ދުވަހަކު ވެސް އޭނަ ގައިގާ ބީހިފައި ނުވާތީ އަރޫމާ ވަރަށް ބޮޑަށް ހާސްވެއްޖެއެވެ. އަދި ކޮފީ މަގުގައި ހިފަހައްޓައިގެން ހުރި އަތް ނޫން އަނެއް އަތުން ދޫކޮށްލާށޭ ބުނާފަދަ ޙަރަކާތެއް ކުރަމުން ދިޔައިރު އެ ރީތި ދިގު އެސްފިޔަތައް ދަށުން ނީރާލައިގެ ކަރުނަ އޮހެން ތައްޔާރުވަމުން ދިޔަތަން ވެސް ޒީވްއަށް ފެނުނެވެ. އެހެންކަމުން އަރޫމާ ކަންބޮޑުވީ އަދި ބިރުގަތީ ކިހާވަރަކަށް ކަން ޒީވްއަށް ވިސްނި އަނގަމަތީ އެޅި އަތް ނަގަމުން “ކޫލް” އޭ ބުނެލިއެވެ.  އަދި ސޮރީ އޭ ބުނެލީ ވައި އަޑަކުންނެވެ.

އަރޫމާ އަތުގައި ހުރި ކޮފީތަށި އެނބުރިލާފަ މޭޒުމަތީ ބެހެއްޓުމަށްފަހު ކޮޓަރިއާ ދިމާލަށް ދުއްވައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. ކޮޓަރިއަށް ވަދެ ކޮޓަރީގެ ދޮރުފަތުގައި ބުރަކަށި ޖެއްސުނު އިރު އޭނަގެ ލޮލުން ކަރުނަ އޮހެނީއެވެ. ބިރުންނެވެ. އޭނަގެ ހުއްދައަކާ ނުލައި ފިރިހެނަކު އޭނަގެ ގައިގާ އަތްލީތީއެވެ. މި ހިނގި ކުޑަކުޑަ ކަމުގެ ސަބަބުން އަރޫމާ ވަރަށް ބޮޑަށް ހާސްވާގޮތް ވެއްޖެއެވެ. މިހާތަނަށް މިގެއަކީ އޭނައަށްޓަކައި ކިހާ އަމާން ރައްކާތެރި ތަނެއްހެއްޔެވެ! އެއްވެސް ޚިޔާލެއް ފިކުރެއްނެތި އަމިއްލަ ގޭގައި އަމިއްލަ މައިންބަފައިން ގާތު އުޅުމެކޭ އެއްވެސް ފަރަގެއް ނެތި އުޅެވުނު ދުވަސް ފާއިތުވެ ދިޔައީ ކަމުގައި ހިތް ބުނަންފެށިއެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖެހިއަޑު އިވުމުން އަދި ވަކިން ހާސްވެ ހަދާނެގޮތް ހުސްވެއްޖެއެވެ. މިގަޑީގައި އެއްވެސް މީހަކު އޭނަގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހަން ޖެހޭ ސަބަބެއް ނޯންނާނެއެވެ. އެހެން ނަމަވެސް ދެވަނަ ފަހަރު ޓަކީގެ އަޑާއެކު ޒީވްގެ އަޑު އިވުން ހައިރާންކަމާ ބިރުވެރިކަން އިތުރުވެގެން ދިޔައެވެ. ޒީވްގެ މަގުސަދާ މެދު ފުންކޮށް ވިސްނާލެވުނެވެ. ކިޔަވަން މާލެ ފައިބާ ތިބޭ ގޭގޭގައި އުޅުނު ބައެއް ރައްޓެހިންނަށް ދިމާވެފައިވާކަމަށް އެމީހުން ކިޔައިދީފައިވާ ހާދިސާތައް އެކި ގޮތްގޮތަށް އަރޫމާގެ ހަނދާނަށް އަންނަން ފެށިއެވެ. އޭނައަށް އެފަދަ ގޮތަކަށް ދިމާ ނުވުން އެދި  ދުޢާ ކުރެވެން ފެށިއެވެ.  ހިތަށް އެރި އެތައް އެއްޗަކުން ބިރުން ގޮސް ދާހިއްލާ ފޯވެއްޖެއެވެ.

“އަން! މިހިރީ ކޮފީ މަގު!”

އެއިވުނީ އަނެއްކާ ވެސް ޒީވްގެ އަޑެވެ. ހަދާނެ ގޮތެއް ނިންމަން ނެގި ސިކުންތުކޮޅަކަށްފަހު އަރޫމާއަށް ދޮރުގެ ތަޅުގައި ހިފައި އަނބުރައި ލެވިއްޖެއެވެ. މަޑުމަޑުން ހުޅުވުނު ދޮރުން ބޯދިއްކޮށްލުމުގެ ކުރިން، ދޮރުން އެތެރެއަށް ދިއްކޮށްލި  ކޮފީ މަގުގައި ހިފައިލެވިއްޖެއެވެ.

“މަށާ ހެދި ކޮފީ ނުބޮއެ އިންނާނެ ކަމެއްނެތް!”

މި ފަހަރު ޒީވްގެ އަޑު ކުރިއާ ހާސްބައި ތަފާތެވެ. އެ އަޑުގައި މިފަހަރުވަނީ އޯގާތެރި ކަމެވެ. އަރޫމާ ކޮފީ މަގުގައި ހިފުމުން ދޮރުގެ ތަޅުގައި ހިފައި ދޮރުފަތް ކައިރިކޮށްލާފައި ޒީވް ދިޔައީއެވެ.

އަރޫމާ ފުރަތަމަ ހީކުރީ ޒީވް އެ އުޅެނީ އެދޮރުން އެތެރެއަށް ވަންނާނެ ބަހަނާއެއް ނުފެނިގެންކަމަށެވެ. އެހެންނަމަވެސް ފުންނަޒަރަކުން އަރޫމާއަށް ބަލައިލުން ފިޔަވާ އިތުރުކަމެއް ނުކޮށް ޒީވް ދިއުމުން ހެއްދެވި ފަރާތަށް ޝުކުރުކޮށް މަޑު މަޑު އާހް އެއްގެ އަޑު ބޭރުކޮށްލެވުނީ ހަމަޖެހުމުގެ ނޭޥާއެއް ދޫކޮށްލަމުންނެވެ.

މިރޭ މިހިނގި ކަންތައްތަކަކީ އަރޫމާގެ ހަޔާތަށް އަންނަން އުޅޭ ކިހާވަރެއްގެ ލޮޅުމެއްކަމެއް އަރޫމާއަކަށް ނޭނގެއެވެ. ދެތިން ފަހަރެއްގެ މަތިން ޒީވްގެ ފަރާތުން މި ފެނުނު ތަފާތު ސިފަތަކާމެދު ފުންކޮށް ވިސްނެންފެށިއެވެ. ފުރަތަމަ ދުވަހުގެ ފަރުވާ ކުޑަކަމާ ދެވަނަ ދުވަހުގެ މާނައިން ފުރިގެންވާ ބެލުމާ ތިންވަނަ ފަހަރުގެ މިއަޅާލުމާ މިއީ ކޮންކަހަލަ މާނައެއް ނަގަންވީ ކަންތައްތަކެއް ހެއްޔެވެ!

އަނެއްކާ ވެސް ދިޔައީ ޒީވް ލޮލަށް ވެސް ފެނި ނުލި ފަސްވަރަކަށް ދުވަހެވެ. އެކަމަކުން އަރޫމާގެ ހިތަށް ކުރި އެއްވެސް އަސަރެއް ނެތެވެ. އަރުމާއަށް ރަނގަޅީ ވެސް ޒީވް އަރޫމާގެ ލޮލަށް ނުފެނުމެވެ. އެއީ އަރޫމާގެ ނަޒަރުގައި ބޮޑާ ކިބުރުވެރި އެކެވެ. ގޮތް ދޫނުކުރާ އެހެން މީހުންގެ އިޙުސާސްތަކަށް ނުވިސްނާ މީހެކެވެ. އެގޭގައި އަރޫމާއަށް އޮތް މިނިވަންކަމާ ހަމަޖެހުން ގެއްލިގެން ދިޔަ ސަބަބެވެ.

ޒީވް ފުރީކަމަށް ނިންމާ ހިތަށް ހަމަ ޖެހުން ގެންނަމުން ކިޔަވަން ފޮތްތަކާ ފައިލްތައް ހުޅުވައިގެން ކޮޓަރީގައި އިން އަރޫމާ މިރޭ ވެސް ނިކުތީ ކޮފީއެއް ހެދުމަށެވެ. އާދައިގެ މަތިން ސިޓިން ރޫމު އޮތީ ފަޅުކޮށެވެ. ދިއްލާފައި ހުރީ ޢާންމުކޮށް ވެސް ގޭމީހުން ނިދުމުން ދިއްލާ ނިދާ ބޮއްކެވެ. ކުރީ ރޭގޮތަށް މިރެއަކު ހަނދުގެ ހަނދުވަރުން ދުނިޔެއަށް އަލިކަން ދީފައެއް ނެތެވެ. ކަޅުފޮއެ މޫސުމަށް އެޅުނީއެވެ. އެހެންނަމަވެސް އަރޫމާ ގޮސް ކުޑަދޮރު ހުޅުވައިލުމަށްފަހު ބޭރަށް ބޯދިއްކޮށްލިއެވެ. އެވަގުތު ހުޅުވައިލި ކުޑަދޮރުން ވަދެގެން އައި މެންދަމުގެ ފިނިކަން އެކުލެވިފައިވާ ފިނިފިނި ވައިރޯޅި ސިކުނޑިއަށް ލިބިފައިވާ ވަރުބަލިކަމަށް ޝިފާއަކަށް ވެގެން ދިޔައެވެ.

އަރޫމާއަށް ދެލޯ މަރާ ބާރުކޮށްލެވުނީ އެ ރޯޅީގެ ފިނިކަމުން އިތުރަށް އަރާމު ލިބި ގަތުމަށެވެ. ދެން ކުޑަދޮރު ލައްޕާ ތަންޑު އެޅުވުމަށްފަހު ބަދިގެއާ ދިމާއަށް ހިނގައިގަންނަން ވެގެން އެނބުރުނެވެ. އެހެންނަމަވެސް އަރޫމާ ގޮސް ތަތްވީ މީހެއްގެ ގައިގައެވެ. ކުރީ ރެއެކޭ އެއްގޮތަށް އަރޫމާއަށް ހަޅެއްލަވައި ގަނެވުނީއެވެ. އަދި ހަމަ އެ ސިކުންތުގައި ޢާންމުކޮށް ޒީވްގެ ގައިން ދުވާ ސެންޓްގެ ވަސް ނޭފަތުގެ ތެރެއަށް ފުރޭނިގެން ދިއުމުން މިރޭ ވެސް މިއީ ޒީވްކަން އަރޫމާއަށް ނަގައިގަނެވުނެވެ.

އައި ރުޅިން ޒީވްގެމޭމަތީ އަތްއަޅައި ކޮއްޕާލެވުނީ ހަށިގަނޑުގައި ހުރި ހުރިހާ ހަކަތެއް ބޭރުކޮށްގެންނެވެ. ޒީވް ހުރީ ވިސްނާ ނުލައި ކަމުން އަރޫމާގެ ގައިން ދޫވެ ފަހަތަށް ފަހަތަށް ޒީވް ވެއްޓެން ދިޔަ ވަގުތު އަރޫމާ ދުވެ ގޮސް ވަނީ ބަދިގެއަށެވެ.

އެހެންނަމަވެސް ބަދިގޭގެ ދޮރު ލެއްޕުމުގެ ކުރިން ޒީވް އެ ދޮރުން އެތެރެއަށް ދެމިގަތެވެ.

ފަހަތުންގޮސް ބަދިގެއަށް ވަން ޒީވްގެ ނިޔަތް ރަނގަޅު ނޫންކަން ކަށަވަރު ވުމުން އަރޫމާ ދުވެގޮސް ހުއްޓުނީ ކާމޭޒުގެ ޒީވް އާ ވީ ފަރާތް ނޫން އަނެއް ފަރާތުގައެވެ.

” މަމީ އަރާކާ އެއްޗަކީތަ! ތިހެން ތިއުޅެނީ!”

ޒީވްގެ ޖުމުލަ އަޑު އިވުމުން ވެސް އަރޫމާ އެއަށް ޖަވާބު ދޭކަށް ނޫޅުނެވެ. ހަމަ ހުރީއެވެ. ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެންނެވެ. އަރޫމާގެ ޖަވާބެއް ނުލިބުމުން ޒީވް އުޅުނީ އަރޫމާއާ ގާތަށް ދިއުމަށެވެ.

” ކައިރި ނުވާތި މަށާ! އަތް ނުލާތި މަގޭ ގައިގަ!”  އަރޫމާ ޝަހާދަތް އިނގިލި ހިއްލާލާ ޒީވްއަށް ދިނީ އިންޒާރެކެވެ.

” އަތް ލައިފިއްޔާ ޔޯ! .. ނުކުރެވޭނެ އެއްކަމެއް ވެސް! ”

(  ނުނިމޭ )

Advertisements

1 COMMENT

Comments are closed.