ބޭލް ބާކީ ކުރީ މެން.ސިޓީއާ ދެކޮޅަށް ކުޅެން އޭނާ ބޭނުން ނުވާތީ – ޒިދާން

0

ޔުއެފާ ޗެމްޕިއަންސް ލީގް ގަދަ ސޯޅައިގެ ދެވަނަ ލެގުގައި މިރޭ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނެގި ސްކޮޑުން ގެރަތު ބޭލް ބާކީ ކުރީ މެން.ސިޓީއާ ދެކޮޅަށް  ކުޅެން އޭނާ ބޭނުން ނުވާކަމަށް ބުނުމުން ކަމަށް ރެއާލް މެޑްރިޑުގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ޒިދާން ބުނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ސްކޮޑް އެކުލަވާލިއިރު ކުޅުންތެރިންނާ ހާއްސަ މަޝްވަރާއެއް ކުރެވުނު ކަމަށާއި އެގޮތުން ބޭލްއާއެކުވެސް މަޝްވަރާ ކުރިކަމަށެވެ. “ބޭލްއަށް ސްކޮޑުން ޖާގަ ނުދިނީ މެން.ސިޓީއާ ދެކޮޅަށް ކުޅެން ބޭނުން ނުވާކަމަށް ބޭލް ބުނުމުން. ބޭލްއާއެކު ދެކެވުނު ހުރިހާ ވާހަކަތަކެއް މީޑިއަށް ތިލަކުރާކަށް އަހަރެން ނެތިން” ޖެހިޖެހިގެން ތިންފަހަރު ރެއާލްއަށް ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދީފައިވާ ޒިދާން ބުންޏެވެ.

ޒިދާންގެ އިރުޝާދުގެ ދަށުން 2016،2017،18 ވަނަ އަހަރު ޗެމްޕިއަންސް ލީގް ތަށި ރެއާލްއިން ކާމިޔާބު ކުރިއިރު ބޭލް ވަނީ މުހިއްމު މެޗުތަކުގައި ލަނޑު ޖަހައިދީފައެވެ. ހާއްސަކޮށް އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ 2018 ވަނަ އަހަރުގެ ފައިނަލުގައި ލިވަޕޫލް އަތުން 3-1 އިން މޮޅުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތައި ކުޅެން ނިކުމެ ކާމިޔާބު ކުރި ހިތްގައިމު ދެލަނޑެވެ.

Advertisements

ޗެމްޕިއަންސް ލީގުގައި މެން.ސިޓީއާ ދެކޮޅަށް ކުޅެން ބޭލް ދެކޮޅު ހަދާފައި މިވަނީ ނިމިގެންދިޔަ ސީޒަނުގައި ރެއާލްއިން ސްޕެނިޝް ލަލީގާ ކާމިޔާބު ކުރިއިރު މަދު މެޗެއްގައި ނޫނީ އޭނާއަށް ކުޅުމުގެ ފުރުސަތު ދީފައި ނުވަނިކޮށެވެ. އޭރު ޒިދާން ބުނެފައިވަނީ ސްޕެނިޝް ލަލީގާގައި ބޭލްއަށް ފުރުސަތު ނުދެނީ “ޓެކްނިކަލް” ކަމެއްގެ ސަބަބުންކަމަށާއި އެކަމާ އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާކަމަށެވެ.

މިރޭ މެން.ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުން ބޭލްގެ އިތުރުން ކޮލަމްބިއާގެ އެޓޭކިންގ މިޑްފީލްޑަރު ހެމްސް ރޮޑްރިގޭޒަށްވެސް ޒިދާން ފުރުސަތު ދީފައެއް ނުވެއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ބޭލް އާއި ރޮޑްރިގޭޒް ވިއްކާލުމުގެ މަސައްކަތް ރެއާލްއިން މިހާރު ވަނީ ފަށާފައެވެ.

މެން.ސިޓީއާ ދެކޮޅަށް މިރޭ ރެއާލް ނުކުންނައިރު ފުރަތަމަ ލެގް ރެއާލްގެ ދަނޑުގައި 2-1 އިން ކާމިޔާބު ކޮށްފައި ވަނީ މެން.ސިޓީއެވެ. މިރޭގެ މެޗް ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުވެ.

Advertisements