ލިއޯން ބަލިކުރަން ޔުވެންޓަސް އޮތީ ތައްޔާރަށް – ސައްރީ

0

ޔުއެފާ ޗެމްޕިއަންސް ލީގް ގަދަ ސޯޅައިގެ ދެވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ފްރާންސްގެ ލިއޯން ބަލިކޮށް ކުއާޓާފައިނަލުން ޖާގަ ހޯދުމަށް ޔުވެންޓަސް އޮތީ ތައްޔާރުވެފައިކަމަށް ކޯޗް މައުރީޒިއޯ ސައްރީ ބުނެފިއެވެ.

ފުރަތަމަ ލެގް ލިއޯންގެ ދަނޑުގައި 1-0 އިން ޔުވެންޓަސް ބަލިވެފައިވާއިރު ޔުވެންޓަސްއަށް ފައިނަލަށް ދެވެން އޮތީ ދެލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ. ޔުވެންޓަސް ވަނީ މިދިޔަ ސީޒަނުގައި އެތުލެޓިކޯ މެޑްރިޑުގެ ދަނޑުގައި ފުރަތަމަ ލެގް 2-0 އިން ބަލިވެފައި ވަނިކޮށް ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ހެޓްރިކުން މޮޅުވެ ކުއާޓާފައިނަލަށް ދަތުރު ކޮށްފައެވެ. ސައްރީއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރޮނާލްޑޯ މިރޭގެ މެޗަށް ފިޓްކޮށް ހުރުމެވެ.

“ލިއޯން އަހަރެމެންނަށް ޕްރެޝަރެއް ނެތް. އެކަމަކު ލިއޯން ބަލިކުރަން އަހަރެމެން މިއޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި. ރޮނާލްޑޯވެސް ހުރީ ފިޓްކޮށް. ރޮނާލްޑޯ ވަނީ އެންމެފަހުގެ ފަރިތަކުރުންތަކުގައި ބައިވެރިވެ މޮޅު ލަނޑެއްވެސް ކާމިޔާބުކޮށްފައި. ލީގުގެ ފަހު މެޗުގައި ރޮނާލްޑޯއަށް އަހަރެން ރެސްޓްކުރަން ފުރުސަތު ދިނީވެސް އޭނާގެ މުހިއްމުކަން ޗެމްޕިއަންސްލީގަށް ބޮޑުކަމުން. ލީގުގައި ކައިރިކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ލިބުނު ވަރުބަލިކަމުން ރޮނާލްޑޯ މިހާރު ހުރީ ސަލާމަތްވެފައި” ސައްރީ ބުންޏެވެ.

Advertisements

ފާއިތުވެދިޔަ 9 ސީޒަނުގައި އިޓަލީގެ ޗެމްޕިއަންކަން ޔުވެންޓަސް ހޯދިނަމަވެސް ޗެމްޕިއަންސް ލީގް އެޓީމަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ޔުވެންޓަސްގެ ވެރިން އެންމެ ބޮޑު ޑިމާންޑަކީވެސް ޗެމްޕިއަންސް ލީގް އެޓީމުން ކާމިޔާބު ކުރުމެވެ. މީގެ ދެއަހަރުން ރޮނާލްޑޯ އެކްލަބަށް ގެނައުމުގެ މައިގަނޑު މަގްސަދަކީވެސް އެއީއެވެ. ކޯޗް ސައްރީ ބުނީ މިކަންތައްތައް މިހެން ހުރިނަމަވެސް ލިއޯން އަތުން ބަލިވިނަމަވެސް އޭނާގެ މަގާމް ގެއްލޭނެކަމަށް ނުބަލާށެވެ.

ޔުވެންޓަސްގެ ދަނޑުގައި މިރޭ މެޗް ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.

Advertisements