އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އުއްމީދު އަދި ނުގެއްލޭކަމަށް އާސެނަލްގެ ކޯޗް މިކޭލް އާޓެޓާ ބުނެފިއެވެ.

އާޓެޓާ މިހެން ބުނީ ލީގުގައި ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅެ 1-1 އިން ރޭ އެއްވަރުވި މެޗަށްފަހުއެވެ. މިމެޗް އެއްވަރުވުމުން، ލީގުގެ އެއްވަނައިގައި 70 ޕޮއިންޓާއެކު އޮތް ލިވަޕޫލާއި އާސެނަލްއާ ދެމެދު އޮތް ފަރަގު 15 ޕޮއިންޓަށް ވަނީ ފުޅާވެފައެވެ.

"ލީގް ހޯދުމުގެ އުއްމީދު ގެއްލިއްޖެކަމަށް އެއްބަސްވާކަށް އަހަރެން ނެތިން. އެކަމަކު މެންޗެސްޓަރ ޔުނައިޓެޑް އަތުން މޮޅު ނުވެވުމަކީ ވަރަށް ބޮޑު ހިތްހަމަަ ނުޖެހުމެއް. އަހަރެމެންނަށް އެނގޭ ލިވަޕޫލާ އަރައި ހަމަކުރަން ބޭނުންނަމަ ކޮންމެ މެޗަކުންވެސް އަހަރެމެން ތިން ޕޮއިންޓް ހޯދަން ޖެހޭކަން. ލިވަޕޫލުން އެދަނީ މުޅި ސީޒަނުގައި އެއްފެންވަރުގައި ހިފަހައްޓަމުން" މީގެ ހައެއްކަ އަހަރު ކުރިން އާސެނަލްއާ ހަވާލުވި ކޯޗް އާޓެޓާ ބުންޏެވެ.

އާސެނަލްއަށް އެންމެފަހުން އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދިފައި ވަނީ މީގެ 2003/04 ސީޒަނުގައެވެ.