ދުނިޔޭގައި ކަށިކެޔޮ ހެދެނީ އީކުއޭޓަރއާ ކައިރީގައިވާ ގައުމުތަކުގައެވެ. މިގޮތުން އޭޝިއާއި އެފްރިކާ ބައްރުގެ ގައުމުތަކުގައި ކަށިކެޔޮ ހެދެއެވެ.
ދިވެހި ރާއްޖޭގައި އާންމުކޮށް މި ފެންނަނީ ތިންބާވަތެއްގެ ކަށިކޭލެވެ. އެއީ ބޯކަށިކޭލާއި، މެދުކަށިކޭލާއި މާކަށި ކޭލެވެ. މިގޮތުން ވައްތައް އެންމެ ކުދިކޮށް އަދި ކަށިކެޔޮގަނޑު ވެސް ކުޑަކޮށް މި ހުންނަނީ ބޯކަށިކޭލެވެ. މި ކަށިކެޔޮ ކެއުމުން އަނގަ ކަހާނެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުން ކުރާ ވައްތަރެއްނޫނެވެ. ނަމަވެސް މި ބާވަތުގެ ކަށިކޭލުގެ މައު މީދަލާއި ހިކަނދި ފަދަ ތަކެތި ވަންނަ ތަންތާގައި ބޭއްވުމުން އެ އެއްޗިހީގެ ކިބައިން ސަލާމަތް ވާކަމަށް ކާބަފައިން ބުނެއެވެ. އަދި އެގޮތަށް އަމަލުވެސް ކުރެއެވެ.
މެދުކަށިކޭލަކީ ވެސް އާންމުކޮށް ދިވެހިން ކާ ބާވަތެއް ނޫނެވެ. މެދުކަށިކޭލުގެ ވައްތައް މާކަށިކޭލަށްވުރެ ކުދި ވާނެއެވެ. އަދި ކަށިކެޔޮ ގަނޑުވެސް ކުޑަވާނެއެވެ. މެދުކަށިކެޔޮ ދޮންވުމުން ވަރަށް ބޮޑަށް ފާހަގަ ކުރެވޭނެއެވެ. އެއީ އޭގެ ވައްތަކުގެ ފުލަށް ވެސް ރަތްކުލަ އަރާނެއެވެ.
މިހާރު ރާއްޖޭގެ މާރުކޭޓް ތަކުގައި މެދުކަށިކެޔޮވެސް ވިއްކައެވެ. އަދި މީހުން ގަނެވެސް ހަދައެވެ. ނަމަވެސް މާކަށިކޭލުގައި ދޭ މީރު ރަހައެއް މިއަކު ނުދޭނެއެވެ.
އެހެންނަމަވެސް ޒަމާނުއްސުރެ ދިވެހިން ކައިއުޅޭ މާ ކަށިކޭލަކީ ރަހަ މީރު ތަފާތު ބާވަތްތަކުގެ ކާނާ ތައްޔާރުކުރާ އެއްޗެކެވެ. އަދި ހަށިގަނޑަށްވެސް ފައިދާ ހުރި އެއްޗެކެވެ. މި ތިން ބާވަތުގެ އިތުރަށް މިހާރު ރާއްޖޭގައި މެލޭޝިޔާ ކަށިކޭލެކޭ ކިޔާ ވައްތަރެއް ވެސް ހައްދައި އުޅެއެވެ. މި ބާވަތުގެ ކަށިކެޔޮ ދޮންވުމުން ހުންނަނީ ރީނދޫ ކުލައިގައެވެ. މިއީ ވަރަށް ފޮނިރަހަ ގަދަ ކަށިކޭލެކެވެ. ނަމަވެސް ގިނަ ދިވެހިން ބުނާ ގޮތުގައި ދިވެހި ކަށިކޭލުގައި ހުންނަ މީރު ރަހައެއް މި ބާވަތުގެ ކަށިކޭލަކު ނުހުރެއެވެ.
ކަށިކޭލަކީ ދިވެހި ރާއްޖޭގައި ހެދޭ ބާވަތަކަށް ވިޔަސް ރާއްޖޭގެ ހުރިހާ ރަށެއްގައި ކަށިކޭލެއް ނުހެއްދެއެވެ. ކަށިކެޔޮ ގިނައިން ހެދެނީ ފާ ނުވަތަ ކުޅި ފަދަ ތަންތާނގައެވެ. އެހެންނަމަވެސް މަދުމަދުން ގޭގޭގެ ގޯތިތެރޭގައިވެސް ކަށިކެޔޮ ހައްދައި އުޅެއެވެ.
ކަށިކޭލެކޭ އެއްގޮތަށް އޭގެ ފަތަކީވެސް ބޭނުންތެރި އެއްޗެކެވެ. ކުނާ ސާންތި ފަދަ ތަކެތި ވިޔުމަށް ކަށިކޭލުގެ ފަތް ބޭނުން ކުރެއެވެ. ކުނާ ވިއުމަށްޓަކައި ކަށިކެޔޮ ފަތް ވީދުމަށްފަހު ހިއްކައި އެއިން ހައި ހަދައެވެ. ސާންތި ވިއުމަށް ވެސް މިގޮތަށް ހައި ހަދައެވެ.
ކަށިކޭލުން ލިބޭ ފައިދާ ތަކުގެ ތެރޭގައި ރާއްޖެ ބައްޔަށް ( އާތްރައިޓްސް) ފަރުވާ ކުރުން، ގައިގެ ހަން ފޮޅުމާއި ހަމުގެ އެކި ބަލިތަކަށް ފަރުވާ ކުރުން ހިމެނެއެވެ. މީގެ އިތުރަށް ލޭމައްޗަށް ދާ މީހުނަށް ފަރުވާ އަކަށްވެސް ކަށިކެޔޮ ފެން ދެއެވެ. އަދި ގަދަ އަށް ހުންއަންނަ ނަމަ ހުންމަޑު ކުރުމަށްވެސް ކަށިކެޔޮ ފެން ނުވަތަ ފަނި ދެއެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ މާބަނޑު ދުވަސްވަރު އަންހެނުން ދުޅަވުމުން ކަށިކެޔޮ ފަނި ބޮއިގެން އެ ދުޅަ ތިރި ކޮށްދޭކަމެވެ.