(ދެން އެ ހަނދުވަރުން ލިބޭނެ އުފަލެއް ނެތެވެ.)

ނިރު، ޝާހީން މުޙައްމަދު

ފަސްވަނަ ބައި

ޝައިބާގެ ދޮންބައްޕަގެ އަތުގައި ސައިކަލެއް ހުންނާތީ ޝަނޫންއާ އަޔާޒު ތަންތަނަށް ދަނީ އެ ސައިކަލުގައެވެ. އިފާއަކަށް އަދި ޝައިބާއަކަށް ވެސް ސައިކަލު ދުއްވާކަށް ނޭނގެއެވެ. އެހެންކަމުން ދެވަނަ ސައިކަލެއް ލިބެން ދެ ދުވަސް ވަރު ވީއިރު ދެ އަންހެނުން ތިބެން ޖެހުނީ ގޭތެރޭގައެވެ.

އެއީ ޖުމާދަލްއޫލާމަހެއްގެ ދިހައެއް ހިސާބެވެ. ދުވަސްވަރަކީ ވައިރޯޅި ގަދަކޮށް އޮތަސް އުޑުމަތި ސާފު ދުވަސްވަރެކެވެ. މަންމަމެންގެ ރަށަށް އައީއްސުރެ އަދި ގޭތެރެއިން ނުނިކުމެވޭތީ ޝައިބާ ހުރީ ހިތްހަމަ ނުޖެހިފައެވެ. ޝަނޫން ވެސް އަދި ޝައިބާ ވެސް ނެގި އެއް ހަފުތާގެ ޗުއްޓީ މަޖާކޮށްލުމެއް ނެތި ދުއްވާލާކަށް ޝައިބާ ބޭނުމެއް ނޫނެވެ. އަމުދުން އިފާއާ އެކު މިހެން އައިސް ގޭގައި ކައްކައިގެން ކާލަކާލާ ހުންނާކަށް ޝައިބާ ނޭނދެއެވެ. ބޭނުންވަނީ މި ދަތުރު މިއީ ރަޙުމަތްތެރިޔާއަށް އުފާވެރި ފޫހި ފިލާ އަދި ހަނދާނުން ފޮހެ ނުލެވޭފަދަ ޗުއްޓީއަކަށް ހެދުމެވެ.

"އަޅެ، ޝަނޫން! ނެތްތަ ރައްޓެއްސެއް ވެސް ސައިކެއް ދޭނެ! .... ހާދަ ފޫއްސޭ! އިފާ ގޮވައިގެން އައިސް ގެއިން ނުނިކުމެ ތަ އުޅެންވީ .......!"

ޝައިބާ ޝަކުވާ ކުރީ ކާން ހަދަން މަންމަ ކައިރީ ބަދިގޭގައި ހުއްޓާ ބަދިގެއަށް އައިސް ވަން ޝަނޫންއާ އެވެ.

"މި ދެމީހުންނަށް ބޭބެގެ ސައިކު އެބަހުއްޓެންނު!"

މޫނު ހަދާލަމުން ޝައިބާ އިތުރުކޮށްލީ ގަސްދުގައި ޝަނޫން ރުޅިއެރުވުމަށެވެ.

"ފޫހި ވެގެން މަރުވަނީ ހުވާ!"

ޝަނޫން އެއްޗެއް ނުބުނެ ގޮނޑިއެއް ދަމާލަމުން އިށީނީމާ ހިތްހަމަ ނުޖެހުމުގެ ރާގެއްގައި ދެން ވެސް ޝައިބާ އިތުރުކޮށްލިއެވެ.

"ދަރިފުޅާ! ބޭބެ ގާތު ބުނަންތަ ބޭބެގެ ދޮށީ މީހާ، އަހުމަދުގެ ސައިކަލް ހޯދަދޭށޭ!"

ހައްވަ އެ ދެއްކީ ހައްވަގެ ދޮންދަރި އަހުމަދުގެ ވާހަކަ ކަން އެނގުމުން ޝައިބާއަށް ޝައުގުވެރިވެވުނެވެ.

"ބޭބެ ބުނީމަ ލިބޭނެތަ އެ ސައިކް!"

ޝައިބާގެ ސުވާލަށް ހައްވަ ބޯ ޖަހައިލީ ހިނތުންވަމުންނެވެ.

"އެކުދިން ވެސް މަންމަ ދެކެ ވަރަށް ލޯބިވާނެ! އަންނާނެ މިގެއަށް ވެސް ވަރަށް ގިނައިން! މަންމަ ވެސް އެކުދިންނާ ދޭތެރޭ ދެކެނީ މަންމަގެ އަމިއްލަ ކުދިން ކަމަށް!"

ހައްވަގެ ދޮންދަރިންނާ ހައްވައާ ދެމެދު އޮންނަ ގުޅުން ރަނގަޅުކަން ޝައިބާއަށް ވެސް އެނގެއެވެ. އެހެންނަމަވެސް ސައިކެއް އެމީހުން އަތުން ހޯދަން އިސްވެ ބުނަން ޝައިބާ ބޭނުން ނުވީއެވެ.

"މިރެއަށް ސައިކް ލިބޭނެތަ! "

ޝަނޫން ވެސް މައިދައިތައާ ސުވާލުކުރީ މިރެއިން މިރެއަށް ވެސް ސައިކަލް ބޭނުންވާތީއެވެ. އަމިއްލަ އަނބިމީހާއާއެކު ދުއްވާލަން ދިއުމަކީ ކިހާ ހިތް އުފާވާކަމެއްކަން އެދެމީހުން ވަނީ މީގެ ކުރިން މާލޭގައި އުޅުނު ދުވަސްކޮޅު ވެސް ތަޖުރިބާކޮށްފައެވެ.

ޝަނޫން ސުވާލު ކުރުމުން ހައްވަ އެބަ އަންނަމޭ ބުނެފައި ނިކުމެގެން ދިޔައީއެވެ.

"ހެއި ޝައި! އެބައޮތޭ ސުވާލެއް! ދެމީހުން އެއް ސައިކަލަށް އެރީމާ އިފާޔޯ! "

ލާނެއް ހިނިތުންވުމަކާއެކު ޝަނޫން ސުވާލުކުރިއެވެ.

"ތިއްތިބެ އެހެރީނު!"

މައުސޫމުގޮތަކަށް ޝައިބާ ޖަވާބު ދިނީ ކުޑަކުއްޖަކު ފަދައިންނެވެ.

"އަޔާ ދާނެތަ!"

"ކީއްވެ މަ ނުދާންވީ! މަވެސް ދާނަން!"

ޝަނޫން ބުނި އެއްޗެއްގެ އަޑު އިވުނީ އަޔާޒު އައިސް ބަދިގެއަށް ވަންތަނުންނެވެ. ވާހަކައިގެ ކުރީ ބައި އެނގުން އެއީ އަޔާޒާށް މުހިންމު ކަމެއް ނޫނެވެ.

"ޝައިބާ! އެހެރީ ސައިކަލް. ބޭރަށް ދާނީ ކައިގެން! ކޮބާތަ އިފާ މިރޭ!"

ބޭރުން އައިސް މެދު ގޯތި ތެރެއަށް ވަން ހައްވަ އެ އައީ ސައިކަލުގެ ކަންތައް ހަމަޖައްސައިގެންނެވެ. އެންމެންނަށް އެއްފަހަރާ ބޯދިއްކޮށްގެން ބެލުނީ ބޭރުގައި ހުރި ޖީއެން ރަތްކުލައިގެ ސައިކަލާދިމާއަށެވެ.

ލިބުނު ޙައިރާންކަމުގައި ސައިކަލަށް ބަލަން ހުރުމަށްފަހު އަޔާޒު ނިތުން އިޝާރާތް ކުރީ އޮޅުން ފިލުވަން ޝަނޫންއާ ދިމާއަށެވެ.

"މިރެއަކީ ބޮޑުރެއެއް! ހިނގާ އަވަހަށް ކައިގެން ނައްޓާލަމާ! " ސަމާސާ ރާގުގައި ޝަނޫން ވާހަކަ ދައްކަން ފެށުމުން ޝައިބާ ތެދުވެގެން ހިނގައިގަތީ ބޭރަށް، އިފާއަށް ކާން ގޮވުމަށެވެ.

އިފާ ކާން ފޮނުވާލާފަ ޝައިބާ އުޅުނީ އިއްޒާ ނިންދެވުމުގައެވެ. ކައި ނިމިގެން އިފާ އައިސް ކޮޓަރިއަށް ވަންއިރު ޝައިބާ ރީތިވަނީއެވެ.

"އިފާ، ދޭ އަވަހަށް ޗޭންޖްކޮށްގެން އަންނަން! ބޭރަށްދާން މި އުޅެނީ! ..ދުއްވާލަން ދާން! .......ރަނގަޅަށް ރަށު ތެރެ ނުވެސް ބެލޭނު އަދި!"

ޝައިބާ ބުނި އެއްޗަކާމެދު އިފާ ރަނގަޅަށް ވިސްނައިލިއެވެ. ދުއްވާލަން އިފާއަށް ދެވޭނީ ކިހިނެއްހެއްޔެވެ! އިފާއަކަށް ސައިކަލް ދުއްވާކަށް ނޭނގެއެވެ. ޝައިބާއަކަށް ވެސް ނޭނގެއެވެ. ދެން ކިހިނެއްހެއްޔެވެ!

"ކޮންބައެއް ދަނީ! އަހަންނަކަށް ނޭނގެ ސައިކު ދުއްވާކަށް!"

އިފާ ކުރީ ހިތުގައި އެންމެ ބޮޑަށް އުފެދުނު ސުވާލެވެ.

"ދެމިހުން ތިބޭނީ ކޮންމެވެސް އެކެއްގެ ފަހަތުގަނު! ދުއްވަން ނޭނގޭ މީހުން ހޯދާނީ ލިފްޓެންނު! އެހެން ނޫނަސް މާފަސޭހަތާ!"

ހެމުންހެމުން ޝައިބާ ބުނިއެއްޗެއްގެ އަޑުއެހުމަށްފަހު އިފާ ދިޔައީ އޭނަ އުޅޭ ކޮޓަރިއަށެވެ.

ޝައިބާ ގުޅުމުން ރިންގް ވަމުން ދިޔަ ފޯނު އަތުން ހިފައިގެން ނިކުތް އިފާގެ ފުރިހަމަ ސޫރައަށް ޝަނޫންއަށް ވެސް ބަލާލެވުނެވެ. ދިވެހި ޢާންމު ގިނަ އަންހެންކުދިންނަށް ވުރެ އިފާ ތަންކޮޅެއް ދިގުވާނެއެވެ. ހަންގަނޑު އޮމާން، ކުލަ ދޮން ކުއްޖަކަށް އިފާ ވާނެއެވެ. މިޒަމާނުގެ ގިނަ ކުދިން އުޅޭހެން މާވަރަކަށް މޭކަޕު ކޮށްފަކާ ނެތެވެ. އެހެން ވިޔަސް އިފާއަކީ ފިރިހެނުން ފިދާވާ ފަދަ ތޫނު ކަޅިރަވައެއް ޤުދުރަތުން ދެއްވާފައިވާ އަންހެންކުއްޖެކެވެ.

ޝަނޫން އިށީނދެގެން އިން ސައިކަލުގެ ފަހަތަށް އަރަމުން ޝައިބާ އިޝާރާތްކުރީ އަޔާޒު އާ ދިމާއަށެވެ. ބޮލުންނެވެ. އޭރު އަޔާޒު ސައިކަލުގެ ތަޅުގައި ތަޅުދަނޑި ޖަހާ އަނބުރާލަނީއެވެ. އިފާއަށް އަޔާޒުގެ ބުނުމަކާ ނުލާ ގޮސް އެ ސައިކަލަށް އަރާ އިށީންނާކަށް ނުކެރުނެވެ.

ޝަނޫން ސައިކަލް ދުއްވައިލިއިރު ވެސް އިފާ ހުރި ތަނުގައި ފުރަގަހަށް ދެ އަތް ލައިގެން ކޮޅަށް ހުއްޓެވެ. ކުޑަވެ ހިމަ ވެގެންނެވެ. ހަދާނެ ގޮތެއް އެއްވެސް މީހަކު ނުބުނާތީއެވެ.

ޝަނޫން ފަހަތުން އަޔާޒު ވެސް ސައިކަލް ދުއްވައިލިއެވެ. އެ މަންޒަރު ބަލަން ހުރި އިފާގެ ނަޒަރު އަޔާޒު ގޮސް ގެއްލެންދެން ވެސް ހުރީ އަޔާޒާ ދިމާއަށެވެ. ހިތުގައި ޖެހުނު ވަރުން އިފާގެ ދެލޮލުން ކަރުނަ ފޭދިގެން އައިކަމެއް ވެސް އިފާއަކަށް ނޭނގުނެވެ. އަޔާޒު ދިޔަ ފަހުން ވެސް އެ ހުރިތާގައި އިފާ އިރުކޮޅަކު ހުއްޓެވެ. ހުއްޓުން އަރާފައެވެ. ދެން މަޑުމަޑުން ހިނގާލާފަ އިފާ ނިކުތީ ބޭރު މަގަށެވެ.

ވަކި މިސްރާބެއް ނެތި ހިނގާލާފަ ކުރިއަށް ދިޔަ އިފާގެ ހިނގުމަށް ހުއްޓުމެއް އައީ ފަހަތުން އައި ބަޔަކު ވާހަކަދައްކަން ފެށުމުންނެވެ.

ނުދަންނަ ބީރައްޓެހި ރަށަކަށްވާތީ ފަސްއެނބުރި ބަލާލާކަށް އިފާއަކަށް ނުކެރުނެވެ. އެހެންނަމަވެސް އެމީހުންގެ ފިޔަވަޅުގެ އަޑު ކައިރިވަމުން އަންނާތީ އިފާ ހުރީ ބިރުން ހަދާނެ ގޮތެއް ނޭނގިފައެވެ. ދައްކާ ވާހަކައިގެ ގޮތުން އެއީ ޒުވާން ފުރައިގެ ދެތިން ފިރިހެނުންކަން އެނގެއެވެ. އެންމެ ފަހުން އެމީހުންގެ ހިނގުން އިފާއާ އަރާހަމަ ކުރުމުން ހުރި ގޮތަށް ހުރެފައި އިފާ އެނބުރި ދުއްވައިގަތެވެ. އައިކޮޅަށެވެ. އެހެންނަމަވެސް މާދުރަކަށް އިފާއަކަށް ނުދެވުނެވެ. އިފާ ފަހަތުން އައި އެކަކު އިފާ އަތުގައި އޮތް ފޯނު އަތުލަންވެގެން އިފާގެ މެދުހަށީގައި ހިފެހެއްޓިއެވެ. އަނެކަކު އިފާއަތުން ފޯނު ފިރުކަން އުޅެގަތެވެ.

ބާރަކަށް ދުއްވާފައި އައި ސައިކަލް އިފާ ގައިގާ ހިފައިގެން ތިބި މީހުންގެ އަރިމަތިން ކަހާލާއިގެން ގޮސްފައި އަނބުރައިލިކަން އެނގެއެވެ. އިފާ އާއި ދިމާކޮށްގެން ތިބި ދެމީހުން އިފާގައިން ދޫކޮށްލުމަށްފަހު މަގުގެ އަނެއްފަރާތުގައި އޮތް ރުއްވަލަށް ވަނދެގެން ދުވެ ހިނގައްޖެއެވެ.

ސައިކަލުގެ ހަރު ޖެއްސުމަށްފަހު އަޔާޒުއަށް އިފާއާއި ދިމާއަށް އާދެވުނީ ދުވެފައެވެ. އޭރު އިފާ ހުރެގެން މާނޭވާލަނީއެވެ. ބިރުން އެ މައުސޫމު މޫނު ހީވަނީ ހުދުވެފައި އޮތް ކަރުދާސްގަނޑެއް ހެންނެވެ.

"އިފާ!"

އަޔާޒު ދުވެފައި އައިސް ހިފީ އިފާގެ އަތުގައެވެ. އެއީ އަޔާޒުކަން އެނގުމުން ހިމާޔަތާ ރައްކާތެރިކަމަށް ނިހާޔަތަށް ބޭނުންވެފައި ބިރުން ހުރި އިފާ އަޔާޒުގެ މޭމަތީ މޫނު ފޮރުވައިގެން ދެއަތުން އަޔާޒުގެ ހަށިގަނޑުގައި ބާރަކަށް ބައްދައި ގަތެވެ. އަޔާޒަށް އިފާ ބިރުން ހުރިވަރު އެންމެ ބޮޑަށް އެނގުނީ އިފާގެ ނޭވާގެ ބާރުމިނުންނެވެ. ހިތުގެ ތެޅުމުގެ އަވަސް މިނުންނެވެ. ގިސްލަ ގިސްލާ ރުއި ރުއިމުންނެވެ.

"އިފާ ! ހާދަވަރަކަށޭ ތި ބިރު ގަތީ! އަހަރެން މިހިރީނު! ދެން ނުކެރޭނެ އެކަކަށް ވެސް އިފާއާ ކައިރި ވާކަށް ! ނުރޮއެ ހުއްޓާލާ!"

އިފާ އަޔާޒުގެ ގަޔާ ދުރުކޮށްލަން މަސައްކަތް ކުރަމުން އަޔާޒު އިފާ ހަމައަކަށް އެޅުވޭތޯ އުޅުނެވެ. ހިތްވަރު ދެމުންނެވެ. އެހެންނަމަވެސް އިފާ ރޯނެ ވަރަކަށް ރުއިމަށްފަހު އަޔާޒު ދުރައްކޮއްޕައިލިއެވެ. ދެން ބާރު ބާރަށް ހިނގާފައި ކުރިއަށް ދިޔައެވެ. އެކަމަކު ވެސް އަނެއްކާ ވެސް އިފާގެ ކުރިމަތިން ވާގޮތަށް އޮތް ގޯޅިއަކުން ދެ ފިރިހެން ކުއްޖަކު ނިކުތްތަން ފެނުމުން އަނބުރާލާފަ އަޔާޒުކޮބައިތޯ ބަލައިލީ ކަންބޮޑުވެފައި ހުރެގެންނެވެ. އަޔާޒު ހުރިތާ ސައިކަލަށް ލެނގިލައިގެން ހުރިތަން ފެނުމުން އެއްފަހަރު ގޯޅިން ނިކުތް ކުދިންނަށް އަނެއްފަހަރު އަޔާޒަށް ބަލާލުމަށްފަހު އަވަހަކަށް އައިސް އަޔާޒުގެ ފަހަތަށް ސައިކަލަށް އަރާ އިށީނދެއްޖެއެވެ.

އިފާ އުޅޭގޮތް ފެނުމުން އަޔާޒު ގާތަށް ހިނިވެސް އައެވެ. އެހެންނަމަވެސް ދެނަހުރިކަމަކަށް ނަހަދާ ސައިކަލް އަނބުރާލާފަ ދުއްވައިލިއެވެ.

"ކޮންތާކަށް އަހަރެމެން މިދަނީ !"

އަޔާޒު ދާ ވަކިތަނެއް ނޭގޭތީ އިރުކޮޅަކު އަނގައިން ނުބުނަން އިނުމަށްފަހު ނީދެވިގެން އެންމެ ފަހުން އިފާ ސުވާލުކުރިއެވެ.

"ދުއްވާލާކަށްނު!" އަޔާޒު ދިނީ ކުރު ޖަވާބެކެވެ.

"ވަކި މިސްރާބެއް ނެތްތަ!" އަޔާޒުގެ ޖަވާބުން އިފާ ގާތަށް ރުޅިއަންނަ ގޮތްވިއެވެ.

"ރަށް ވަށާ ބުރެއް ޖަހާލުމަށްފަހު ގެއަށް! އޭރަށް ހުންނާނީ ބުރު ޖަހާހިތް ކެނޑިފަ!"

އަޔާޒުގެ ވާހަކައިން އިފާއަށް ދޭހަވީ ޖެއްސުންކުރުމުގެ މާނައެކެވެ. އިފާ ގޮވައިގެން ދާންޖެހޭތީ ޖެއްސުމެއް ކޮށްލަނީއެވެ. އަޔާޒުގެ މިހުންނަ ސިއްރުވެރި ރައްޓެހި ނޫން ގޮތަކުން އިފާ ހިތުގައި ޖެހެއެވެ. ދެރަވެއެވެ. އިފާއަށް އަޔާޒު ޤަދަރުނުކުރާކަމުގެ އިހުސާސްކުރެވެއެވެ. މި ފަހަރު ވެސް އިފާއަށް ކުރެވުނީ އެކަހަލަ އިހުސާސެކެވެ. އެހެންކަމުން ދެން އިތުރަށް އިފާ ވާހަކައެއް ނުދައްކައެވެ.

ރޭގެ ފިނިފިނި މާހައުލުން އިފާއަށް ލިބުނު ހަމަޖެހުމެއް ނެތެވެ. ދީފައި އޮތް ނަލަ ހަނދުވަރުން ލޯބިވެރިންގެ ހިތް ފުރިގެން އަންނާނެއެވެ. އެ ފުރުސަތު ނެތީ އިފާއަށެވެ. އެއީ އިފާގެ ލޯބިވެރިއަކު ނެތުމުންނެވެ. ޖެހެމުން ދިޔަ އާދައިގެ ވައިރޯޅިން ރޫޙީއުފަލެއް އިހުސާސްވަމުން ދިޔައީ ރޭގަނޑުގެ ފިނިކަމާ އެކުވުމުންނެވެ. ގެއާ ހަމައަށް އަޔާޒު އައިސް ސައިކަލް މަޑުކުރުމުން އިފާ ފައިބައިގެން ހިނގައިގަތް އިރު ވެސް އިފާ އެއްވެސް ވާހަކައެއް ނުދައްކައެވެ. އަޔާޒު ވެސް ނުދައްކާތީއެވެ.

ގޭތެރެއަށް ވަނުމުގެކުރިން އިފާ އަޔާޒުއާ ވީފަރާތަށް އެނބުރިލީ އަޔާޒަށް ޝުކުރު އަދާކުރުމަށެވެ. އެހެންނަމަވެސް އަޔާޒު ފެންނަން ނެތުމުން އިފާ ވެސް ދެން އަޅާނުލާ ގޮސްވަނީ ކޮޓަރިއަށެވެ. އޭރު ވެސް އަދި ޝައިބާމެން ނާދެއެވެ.

ރަށުގެ އެތަންމިތާ ދުއްވާނެ ވަރަކަށްދުއްވާ މަޖާކުރުމަށްފަހު ޝައިބާގެ ދެމަފިރިން އައީ އުފަލުން ފޮޅެމުންނެވެ. ގެއަށް އައިސް ވަން ޝައިބާއަށް އަހުމަދުގެ ސައިކަލް ގޭގައި ހުރިތަން ފެނުމުން ތިއްތިބެ އިފާ ގޮވައިގެން ދުއްވާލަން ގޮސްފައި އަތުވެއްޖެކަން އެނގުނެވެ. އެހެންކަމުން ޝައިބާ ވެސް ވަނީ އެހިސާބުން ކޮޓަރިއަށެވެ. ޝަނޫން ޝައިބާގެ އިންތިޒާރުގައި ހުންނާނެކަން އެނގޭތީއެވެ.

( ނުނިމޭ)