ޒިވާ ( ތިންވަނަބައި )

0

      

= މިވާހަކައިގެ ބައިތައް އަންގާރަ އަދި ބުރާސްފަތި ދުވަހު ގެނެސްދެވޭނެ =

“މަމީ އަރާކާ އެއްޗަކީތަ! ތިހެން ތިއުޅެނީ!”

ޒީވްގެ ޖުމުލަ އަޑު އިވުމުން ވެސް އަރޫމާ އެއަށް ޖަވާބު ދޭކަށް ނޫޅުނެވެ. ހަމަ ހުރީއެވެ. ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެންނެވެ. އަރޫމާގެ ޖަވާބެއް ނުލިބުމުން ޒީވް އުޅުނީ އަރޫމާއާ ގާތަށް ދިއުމަށެވެ.

” ކައިރި ނުވާތި މަށާ! އަތް ނުލާތި މަގޭ ގައިގަ!”  އަރޫމާ ޝަހާދަތް އިނގިލި ހިއްލާލާ ޒީވްއަށް ދިނީ އިންޒާރެކެވެ. ނަމަވެސް އަޑުގައިވަނީ ތުރުތުރު ލުމެކެވެ.

” އަތް ލައިފިއްޔާޔޯ! .. ނުކުރެވޭނެ އެއްކަމެއް ވެސް! ”

އަރޫމާގެ އަޑު އިވުމުން ޒީވްއަށް ވީ މަޖާ ކަމަކަށެވެ. އަދި މަޑު މަޑުން އަރޫމާއާ ގާތަށް ޖެހެން ފެށިއެވެ. އެ ހުރިތަނުން މޭޒުގެ ދަށުން ދެމިގެން ނޫނީ އަރޫމާއަށް ސަލާމަތް ވެވޭނެ ގޮތެއް ނެތެވެ. ފުރަގަހުގައި ހުރީ ފާރެވެ. އަނެއް އަރިމަތީގައި ހުރީ ފްރިޖާ ކަނބަޑު ބަރިއެވެ. ވިސްނައިލުމުން އަރޫމާއަށް އެނގުނީ އޭނާ އެހެރީ ރަނގަޅަށް ވެސް ދަލެއްގައި ޖެހި ހައްޔަރުވެފައި ކަމެވެ.

އަރޫމާ ބަލަހައްޓައިގެން ހުއްޓާ އަރޫމާއާ ގާތްވަމުން އައި ޒީވް އައިސް ހުއްޓުނީ އަރޫމާއާ ވަރަށް ކައިރީގައެވެ. އޭރު އަރޫމާގެ ދެއަތް މުށްކެވި ދެލޯ ފެންކަޅިވެ މޫނު އެއްފަރާތަކަށް އަނބުރައި ލެވިއްޖެއެވެ.

ވަރަށް ގާތުން އަރޫމާގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ޒީވް ހުއްޓެވެ. ބައެއް ފަހަރު ޒީވްގެ ނޭވާގެ ހޫނުކަން ވެސް އަރޫމާއަށް އިޙުސާސް ވާހެން ވެސް ހީވެއެވެ. އެ ހިސާބުން އަރޫމާ ދެލޯ މަރާ ބާރުކޮށްލިއެވެ.

އިރުކޮޅަކުން އަރޫމާއަށް އިވުނީ ބަދިގޭގެ ދޮރު ލެއްޕުނު އަޑެވެ. އެކަމަކު ދެން ވެސް އަރޫމާ ހުރީއެވެ. އެއްވެސް އަޑެއް ބަޑެއް ހިލަމެއް ނުވުމުން މަޑު މަޑުން ދެލޯ ހުޅުވައިލިއެވެ. އެކި ދިމަދިމާއަށް ނަޒަރު ހިންގަން ފެށީ ހީކުރި ގޮތާ ޚިލާފަށް ޒީވް ނުފެނުމުންނެވެ.

ފަހުދުވަހުގެ ޑިއުޓީ ފެށުމުގެ ދިހަވަރަކަށް މިނިޓް ކުރިން އަރޫމާ ހުރީ ޑިއުޓީ ކުރަން ހަމަޖެހިފައިވާ ވޯޑްގައެވެ. ޢާންމު ދުވަހެކޭ އެދުވަހާ ހުރި ތަފާތަކީ އިރުއިރުކޮޅާ އަރޫމާގެ ސިކުނޑިއަށް ނަގައިގަނެވޭ ރޭގެ ހާދިސާއެވެ. އެކަންތައް ފިލްމެއް ހެން އަރޫމާގެ ސިކުނޑީގައި އެތުރެމުން ދިޔައެވެ. އެމަންޒަރު ސިކުނޑީގައި އެނބުރެމުން ދިޔަވަރަކަށް ޒީވްގެ ދިގު އިސްކޮޅާ ހެދި ހުރި ހަށިގަނޑު،  އެ ފުންފުން ބެލުން، އެ ހަށިގަނޑުގެ މީރުވަސް އައިސް އޭނަގެ ހިތުގެ ކޮންމެވެސް ކަނެއްގައި ޖެހި ފުރި ބާރުވަމުން ދިޔައެވެ.

ކުރީ ރޭ އޭނަގެ ބޮލުގައި ޖަހާލެވިފައިވާ ހުޅީގެ ތިރިން ކަނދުރާމަތީ އެޅިއަތުގައި ފަޅާފައިވާ އިސްތަށިތަކުގެ އިޙުސާސް ވެސް ކުރެވުނީ އެވަގުތުއެވެ. އަނގަމަތީ އެޅިއަތުގެ އަތްތިލާގައި ކުރަކިކަމެއް ނެތްކަމާ އެ އަތުގެ މަޑުކަމާ ހޫނުކަން ވެސް އިޙުސާސް ވާން ފެށީ އެވަގުތުއެވެ. އަރޫމާގެ މޫނާ އިންޗިއެއްހާ ކައިރީއަށް ކައިރި ކުރި ޒީވްގެ މޫނުން އެ މޫނަށް އެޅުނު ހޫނު ނޭވާގެ މީރު ވަސް ސިކުޑީގައި ވަކިއަޅަން ފެށީ ވެސް އެވަގުތުއެވެ. ރޭގެ އެ ހޫނު ނޭވާގެ އަސަރު އަދިވެސް މޫނުގައި ފިރުމަމުން ދިޔަކަހަލައެވެ. ކުޑަދޮރުކައިރީ ހުރެފައި އެނބުރިލެވުނު ވަގުތު އެ  ފުޅާ މޭމަތީގައި ތަތްވެލެވުނުމުން ހަށިގަނޑަށް އަރާމެއް އިޙުސާސްވީ ވެސް އެ ވަގުތު ފާއިތުވެ ދިޔަފަހުންނެވެ.

ޑިއުޓީ ނިމެން ފަނަރަވަރަކަށް މިނިޓަށް ވެފައި ހުއްޓާ ފޯނަށް މެސެޖެއް އައިކަން އެނގުނެވެ. އެހެންނަމަވެސް ފޯނު ހުޅުވާލާނެ  ވަގުތެއް ނުލިބި ހުރެ ޑިއުޓީ ނިންމާލީއެވެ.

އާދައިގެ މަތިން ޑިއުޓީ ނިމުމުން ފޯނު ހުޅުވާ ބަލައިލިއެވެ. ފުރަތަމަ ވެސް ލޮލުގައި އަޅާއިގަތީ އަޒިއްތަ ފޮނުވާފައިވާ މެސެޖެކެވެ.

”މިހާރު އަރޫގެ ހުރިހާ އެއްޗެއް ހުންނާނީ އަޒިއްތަގެ ރަޙުމަތްތެރި އެއްކަލަ ފަރީދާމެންގެ ގެއަށްލާފަ! އަރޫ މާލޭގައި ހުންނަން ބޭނުންހާ ދުވަހަކު އެގޭގައި ހުރެވޭނެ ގޮތް އަޒިއްތަ އޮންނާނީ ހަދާދީފައި! މިގޭގައި އުޅުނުހާ ފަސޭހަކޮށް ނޫންނަމަވެސް ރައްކާތެރިކަމާއެކު އެގޭގައި އަރޫއަށް ހުރެވޭނެ! .. މިހެންކަންތައް ކުރަން ޖެހުނީ މިއީ މިވަގުތަށް އޮތް އެންމެ ރަނގަޅުގޮތްކަމަށް ވާތީ! .. ރަނގަޅީ މިވާހަކަ އަރޫ މަންމައަށް އަދި ނޭންގުން ..! އަޒިއްތަ އަމިއްލައިން އަރޫ މަންމައަށް ގުޅާފަ މިހެން މިކަން ކުރިކަން އަންގަފާނަން! .. އަރޫމާ ދެކެ އަޒިއްތަ ވަރަށް ލޯބިވޭ! އަރޫ މިގޭގައި ބަހައްޓައިދިނީ ވެސް އަރޫ މަންމައާ އަޒިއްތައާ ދެމެދު އޮތް ގާތްކަމުގެ ބޮޑުކަމުން! .. އުންމީދު ކުރަން އަރޫ ރަނގަޅަށް ކިޔަވާނެކަމަށް!”

މި ލިބުނު މެސެޖް ކިޔާލެވުނީ ކިތައްފަހަރުކަމެއް ވެސް ނޭނގި އަރޫމާ އިނެވެ. އެންމެ ފަހުން ލޮލުން ފޭބި ކަރުނުން ކޯތާފަތް ތެމެމުންދިޔައެވެ. މިހެންހަދަން ޖެހުނީ ކީއްވެތޯ އަރޫމާގެ ކުށަކީ ކޮބައިތޯ އަހަން އަޒީޒާއަށް ގުޅަން ކިތަންމެ ފަހަރަކު އެނަމްބަރަށް ޖެހިއެވެ. ފޯނު އޮތީ ނިންވާލާފައެވެ. އެހެންކަމުން އިތުރަށް އެއްވެސް މީހަކަށް ގުޅުމުގެ ހިތްވަރެއް އަރޫމާއަކަށް ނުލިބުނެވެ. ހިތަށް ވަރަށް ތަދުވެ ޝަކުވާއިން ހިތް ފުރުނެވެ. އެކަމަކު އެ ޝަކުވާ ކުރާނެ ފަރާތެއް އޭނާއަކަށް ނޭނގެއެވެ. ހިތުގައި ވިކަމުން ދިޔައީ އެންމެ ސުވާލެކެވެ!

“ކީއްވެ! .. ކީއްވެ!”

އަރޫމާ ކޯސް ނިންމާފައި ރަށު ހޮސްޕިޓަލުގެ ނަރުހެއްގެ ވަޒީފާ އަދާކުރަމުން އަނެއްކާ ވެސް ނާރސިންގެ ޑިގްރީއަށް ކިޔަވަން ފެށިއެވެ. އެ ދުވަސްކޮޅާ ދިމާކޮށް މަންމަ މާބޮޑަށް ބަލިވެއްޖެއެވެ. ކަން ދިމާކުރި ގޮތުން އެދުވަސްކޮޅަކީ އަރޫމާ މީހަކާ ނީނދެގެން ވެސް މަންމަ ވަރަށްބޮޑަށް ޕްރެޝަރ ކުރަމުން ދިޔަ ދުވަސްކޮޅެކެވެ. އިންނާނެ މީހަކު ލިބޭނީ މީހަކާ ރައްޓެހި ވެގެން އެމީހަކު ދަސް ވެސް ކޮށްގެންނެވެ. އޭނަގެ ހިތުގައި ޚާއްސަ އެއްވެސް ފިރިހެނަކު ނުވެޔޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެއީ ލޯބި ހުށަހެޅި އެއްވެސް ފިރިހެނަކު ދެކެ އޭނަ ލޯބިވެފައި ނުވާތީއެވެ.

ހިތުގެ ކަނެއްގައި މުޅި ދުނިޔެއަށް ވެސް ސިއްރުން ރަސްކަން ކުރަމުން މީހަކު ހުރުން އެއީ އަދި އެހެންކަމެކެވެ. އެ ފަރާތާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ކީއްކުރަން އެމީހާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން ވެސް އެނގެނީކީ ނޫނެވެ. އެމީހާގެ ސޫރައިން ކުރަހާލި ރޮނގަށްވުރެ ދިގު ރޮނގެއް ޒަވާޖީ ހަޔާތެއްފަށަން އެ ހިތުގައި ކުރެހެން އެބަ ޖެހެއެވެ. ހަމަ ހުރެލާފައި މީހަކާ އިންނައިރު އެއީ ކުޅޭ ކުޅިވަރެއްނޫނެވެ. އަރޫމާގެ ހުރިހާ އެއްޗެއް މުޅި އުމުރަށް އެއްބަސްވެވޭ ފަރާތަކަށް ވަގުފުކޮށްދެނީއެވެ. އެ ވަގުފުކޮށްދޭ މީހާއަކީ އަރޫމާ ވެސް އެފަރާތަކާ ރުހި ގަބޫލުވާ ސިފަތަކެއް ހުރި މީހަކަށް ވާންޖެހޭނެއެވެ. އެހެންނަމަވެސް އަރޫމާ އަކީ މަންމަގެ ހުރި ހަމައެކަނި އަންހެން ދަރިއަށްވެފައި އެއްވެސް އިރެއްގައި މަންމަގެ މޫނުމަތީ ބަސްބުނި ކުއްޖަކަށް ނުވާތީއާ އެކު  އުމުރު ގޮސްފައިވާ ހިސާބުން މިއީ ކުރަންޖެހޭ ކަމެއްކަމަށް އަރޫމާ ވެސް ގަބޫލުކުރެއެވެ. ހިތް ނޭދުނަސްއެވެ. އެހެންކަމުން ހިތާ ހަށި ޖެހޭނީ ފުރަތަމަ އެކަމާ ރުއްސާށެވެ!

ފަރުހާދު އަކީ މަންމަ ވަރަށް ގަޔާވި ރަނގަޅު ކުއްޖެކެވެ. އޭނައާ ބެހޭ ގޮތުން އަހާ އޮޅުންފިލުވި އެއްވެސް މީހަކު އޭނަ އެއީ ގޯސް ކުއްޖެކޭ ނުބުނާނެއެވެ. ބަލާލަން ރީއްޗެވެ . ސްމާޓެވެ. ރަނގަޅު ޢާއިލާއަކުން އައިސްފައިވާ ތަޢުލީމީ ޒުވާނެކެވެ. އަދާ ކުރަނީ ރަނގަޅު ވަޒީފާއެކެވެ. އަންހެންކުއްޖަކު ބޭނުންވާނީ ވެސް ހަޔާތުގެ ފިރިއަކަށް ދެން އިތުރު ކޮންކަމެއްހެއްޔެވެ! މިއީ މަންމަގެ ވިސްނުމެވެ.

އަރޫމާ މަންމަގެ އެދުމުގެ މަތިން  ފަރުހާދުގެ އިސްނެގުމާ އެ ޢާއިލާގެ ވެސް އެދުމުގެ މަތިން ފަރުހާދުއާ ބައްދަލުކޮށް ވާހަކަ ދެއްކީ ކައިވެއްޏެކީ ކުރަން ޖެހިފައިވާ ކަމަކަށްވާތީ އަރޫމާގެ ހިތް ރުއްސޭތޯއެވެ. ފަރުހާދުއާ ބައްދަލުވި އެއްވެސް ފަހަރަކު ފަރުހާދުގެ ފަރާތުން ހިތް ނުރުހޭ އެއްވެސް ސިފައެއް ނުފެނުމުން އަރޫމާ އެ ކައިވެއްޏަށް އެއްބަސްވީއެވެ. ކައިވެނީގެ ތާރީޚު ކަނޑައެޅި ކައިވެނި ކުރެވުނީ ވެސް އެސްފިޔަ ޖަހާ ހުޅުވާލާހާ އަވަސްމިނެއްގައެވެ. ހީވީ ފެނުނު ހުވަފެނެއް ހެންނެވެ.

ފަރުހާދުއާ އަރޫމާއަށް ކައިވެނި ކުރެވުމުން ފަރުހާދުގެ ފަރާތުން ކުރިން އުންމީދު ކުރިވަރަށްވުރެ އިތުރަށް ވެސް ލޯތްބާ އަޅާލުމާ އޯގާތެރިކަން ދެވޭތޯ ފަރުހާދު މަސައްކަތް ކުރަމުން ދިޔައެވެ. އަނެއްކޮޅުން ފަރުހާދުގެ ރަނގަޅުކަމުން ފަރުހާދުދެކެ ލޯބިވެވޭތޯ އަރޫމާ ވެސް ގަދަ އަޅާ މަސައްކަތް ކުރަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން އަރޫމާގެ ހިތުގައި ކުރިން އެޅިފައިވާ ރޮނގު މަޑުމަޑުން ފަނޑުވަމުން ދިޔައިރު އެ ޖިސްމު ތެރޭ އެހެންފުރާނައެއް ވެސް ހެދި ބޮޑުވަމުން ދިޔައެވެ. މިކަންވީ ފަރުހާދުގެ ފަރާތުން ލިބެމުން އައި އަޅާލުމާ ލޯބި އެތައް ގުނައަކަށް އިތުރުވެގެން ދިޔަ ކަމަކަށެވެ.

ތުއްތު ތުއްތު ޒިވާ ދުނިޔެއަށް ނޭވާލީ އެތައްބައެއްގެ ލޯތްބާ ކުލުނުގެ ތެރެއިން އުފެދުނު އުންމީދީ ހުޅުކޮޅެއްގެ ގޮތުގައެވެ. ކުޑަމިނުން ދަރިފުޅަށް ކިޔާނެ ނަންވެސް ޑޮކުޓަރ ދަރިފުޅުގެ ޖިންސް  ބުނިދުވަހު އޮތީ ހޯދާ ނިންމާފައެވެ.

”ޒިވާ! ” މިނަން ފުރަތަމަ އަޑު އިވުނު ދުވަހު އަރޫމާ ސިއްސައިގެން ގޮސް ނަމާ ބެހޭ ގޮތުން ސުވާލު ވެސް ކުރިމެއެވެ. އެއީ ފަރުހާދުއަށް މާކުރިން ވެސް ވަރަށް ރީތި ނަމެއް ކަމަށްބުންޏެވެ. އެހިސާބުން އަރޫމާ ހިމޭންވީއެވެ.

ޒިވާ ވިހޭތާ ހަތަރުމަސް ފަހުން ވިޔަފާރި ދަތުރެއްގައި ފަރުހާދު ރާއްޖެއިން ބޭރަށް ދިޔައެވެ. އެ ދަތުރަކީ ތާއަބަދަށް ލޯބިވާ ދަރިފުޅާ އަދި އެންމެ ލޯބިވާ އަންހެނުންނާ އަދި އާއިލާއާ އުމުރަށް، ތާއަބަދަށް ވަކިވުމަށް މެދުވެރިވި ދަތުރެއްކަން ކުރިން އެނގުނުނަމަ އެކަކު ވެސް އެދަތުރު ފަރުހާދު ފުރާކަށް އެއްބަހެއް ނުވީސްކަން ކަށަވަރެވެ. ކޮންމެ ގޮތެއްވިޔަސް ތަޤުދީރު ކުރަހާލި މި މަންޒަރުން އަރޫމާގެ މުޅި ދިރިއުޅުން އެ ފުށް މިފުށަށް ޖެހިގެން ދިޔައެވެ.

ފަރުހާދުގެ ކުއްލި ވަކިވުމުގެ ސަބަބުން އަރޫމާއަށް ވަރަށްބޮޑަށް އަސަރުކުރިއެވެ. އެހެންނަމަވެސް ފަރުހާދު ދުނިޔެއަށް އައިކަމުގެ ހަމަ އެކަނި ނިޝާން ކަމުގައިވާ ލޯބި ލޯބި ޒިވާގެ ހައްގުގައި އަލުން އަތުކުރި އޮޅާލައި ދިރިއުޅުމާއިގެން އަރޫމާ ކުރިއަށްދާތާ މިހާރު މިއީ ތިންވަނަ އަހަރެވެ.

މި ދުވަސްކޮޅަކީ އަރޫމާ ޗުއްޓީގައި ގޭގައި އުޅޭ ދުވަސްކޮޅެކެވެ. އަހަރީ ޗުއްޓީ ނެގީ ދަރިފުޅު ގޮވައިގެން ރައްޓެއްސެއްގެ ކައިވެނިޕާޓީއަށް އެރަށަށް ދާން ވެގެންނެވެ. އެކަންތައް ނިންމާލާފައި ރަށަށް އައިތާ ވެސް ވިއްސަކަށް ދުވަސްވެއްޖެއެވެ.

މިއަދު ހޮސްޕިޓަލަށް އަރޫމާ ދިޔައީ ދަރިފުޅު ކުޑަކޮށް ހުންވައްތަރުވެ ކެއްސާތީވެއެވެ. ނަސީބު ދިމާކުރިގޮތުން އެދުވަހަކީ ހޮސްޕިޓަލަށް ކުޑަކުދިންގެ ޑޮކުޓަރެއް އައިތާ ދެވަނައަށް ވީދުވަހެވެ. އެހެންކަމުން އަރޫމާ ބޭނުންވީ ޒިވާ އެ ޑޮކުޓަރަށް ދައްކާށެވެ.

“ކުޑަކުދިންގެ ޑޮކްޓަރަށް!”

ކައުންޓަރުގައި އިންކުއްޖާ ގާތު އަރޫމާ ދައްކާން ބޭނުން ޑޮކްޓަރ ބުނެފައި އެނބުރިލީ ދަރިފުޅު ކެއްސައި ގަތުމުންނެވެ.

ޑޮކްޓަރ ރޫމަށް ދަރިފުޅު އުރާލައިގެން ވަން އަރޫމާ ސަލާމް ގޮވާލަމުން ދަރިފުޅު ބިންމަތީ ބަހައްޓަމުން ދޮރު ލައްޕާލިއެވެ. އަދި ދަރިފުޅު ގޮވައިގެން އެނބުރިލިވަގުތު، ޑޮކުޓަރ ގޮނޑީގައި އިށީނދެ އިން ޒީވް ފެނުމުން އަރޫމާ ދިޔައީ ސިއްސައިގެންނެވެ. އަލުން ވަންދޮރުން ނިކުމެގެން ހިނަގައިދާނަމޭ ވެސް ކިތަންމެ ފަހަރަކު އަރޫމާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ދާންޖެހޭ އެއްވެސް ސަބަބެއް އެބައޮތްތޯ ވެސް ހިތާ ހިތާ ސުވާލުކުރެވުނެވެ.

(  ނުނިމޭ )

Advertisements