އާސެނަލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރާނެ ކަމުގެ އިޝާރާތެއް އެ ކްލަބުގެ ހުނަރުވެރި ޑިފެންޑަރު ވިލިއަމް ސަލީބާ ދީފިއެވެ.

ފްރާންސްގެ ސަލީބާ މީޑިއާއަކަށް ދިން ބަސްދީގަތުމެއްގައި ވާހަކަދައްކަމުން ވަނީ އޭނާ އާސެނަލްގައި މަޑުކުރަން ބޭނުންވާކަން ހާމަކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ, އާސެނަލްއަށް ކާމިޔާބީ ހޯދައިދިނުމަށް ތައްޔާރަށް ހުރިކަން ހާމަކޮށްފައެވެ.

"އަހަރެންގެ ކޮންޓްރެކްޓުގައި އަދި ވަރަށް ގިނަ އަހަރު އެބައޮތް އެހެންވީމަ އަދި އާ ކުރުމުގެ ވިސްނުމަކާ ހިސާބަކަށް ނުދެވެ. އެކަމަކު އަހަރެން ވަރަށް އުފަލުގަ މި ކްލަބުގަ މި ހުރީ. ބޭނުންވަނީ ވީހާ ވެސް ގިނަ ދުވަހު މި ކްލަބަށް ކުޅެދީ ގިނަ ތަށިތަކެއް ކާމިޔާބު ކުރުން." އޭނާގެ ކޮންޓްރެކްޓާ ބެހޭ ގޮތުން ވާހަކަދައްކަމުން ސަލީބާ ބުންޏެވެ.

އާސެނަލްގެ ވަރުގަދަ ޑިފެންސްލައިނުގެ މައި ތަނބު ކަމުގައިވާ ސަލީބާ ވަނީ ފަހަަކަށް އައިސް ދުނިޔޭގެ އެންމެ ހުނަރުވެރި ޑިފެންޑަރުންގެ ތެރޭގައި އޭނާގެ ނަން ފަވާލައިފައެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ބައި ކޮޅަށް އެންމެ މަދުން ލަނޑު ވަދެފައިވާ ޓީމަކީ ވެސް ސަލީބާގެ އާސެނަލްއެވެ.

ސަލީބާގެ ހުނަރުވެރި ކުޅުމުގެ ސަބަބުން ޔޫރަޕުގެ އެންމެ ބޮޑެތި ކްލަބު ތަކުން އަންނަނީ އޭނާއަށް ފާރަލުމުންނެވެ. އޭގެ ތެރޭގައި ސްޕެއިންގެ ގަދަ ބާރު ކަމުގައިވާ ރެއާލް މެޑްރިޑް ވެސް ހިމެނެއެވެ. ނަމަވެސް ސަލީބާ އެންމެ ފަހުން ދިން ބަސްދީގަތުމުގައި ދެއްކި ވާހަކަތަކުން ގިނަ ފަރާތްތަކުން ލަފާ ކުރަނީ އޭނާ އެހެން ކްލަބަކަށް ނުގޮސް އާސެނަލްގައި މަޑު ކުރާނެ ކަމަށެވެ.