"މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446" ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި ވަނީ، ޔުނިވަރސިޓީގެ ތިން ދަރިވަރަކާއި، މިޞްރުގެ ޤާރީއެއްގެ ޤުރުއާން ކިޔެވުން ހުށަހަޅައިދީފައެވެ. މީގެ އިތުރުން، ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ޒާހިރު އާއި، ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާގެ ލެކްޗަރަރ އައްޝައިޚް ޢަބްދުލްޢަޒީޒު ޙުސައިން އަދި ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސްގެ ޑީން އައްޝައިހު ނިމާލް މުޙައްމަދު، ކިޔެވި ދިޔަ ބައެއް އާޔަތްތަކާއި ގުޅުންހުރި މައުޟޫއުތަކަށް ވާހަކަފުޅު ދައްކަވާފައިވެއެވެ.

ރޭގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ، މި އަހަރުގެ މަހުރަޖާނުގެ ހުށަހަޅުންތެރީންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

"މަހުރަޖާނުލް ގުރުއާނިލްކަރީމް 1446" ޕްރޮގްރާމަކީ 2006 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާގެ އިސްނެގުމުގެ މަތިން، ކޮންމެ އަހަރެއްގެ ރަމަޟާން މަހު ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ. މި މަހްރަޖާނަކީ ރީތި ރާގުތަކަށް ކީރިތި ގުރުއާން ކިޔަވައި، ކީރިތި ގުރުއާނުގެ ޢިލްމު ފެތުރުމުގެ މާތް މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.