ޒިވާ ( ހަތަރުވަނަބައި )

0

= މިވާހަކައިގެ ބައިތައް އަންގާރަ އަދި ބުރާސްފަތި ދުވަހު ގެނެސްދެވޭނެ =

ޑޮކްޓަރ ރޫމަށް ދަރިފުޅު އުރާލައިގެން ވަން އަރޫމާ ސަލާމް ގޮވާލުމަށްފަހު ދަރިފުޅު ބިންމަތީ ބެހެއްޓިއެވެ. އަދި ދެން  ދޮރު ލައްޕައިލިއެވެ. ދެންވެސް ސަމާލުކަން ދިނީ ދަރިފުޅު ޒިވާއަށެވެ.  ދަރިފުޅުގެ އިނގިލީގައި ހިފާލަމުން އެނބުރިލިވަގުތު، ޑޮކުޓަރ ގޮނޑީގައި އިށީނދެއިން ޒީވް ފެނުމުން އަރޫމާ ދިޔައީ ސިއްސައިގެންނެވެ. އަލުން ވަންދޮރުން ނިކުމެގެން ހިނަގައިދާނަމޭ ވެސް ކިތަންމެ ފަހަރަކު އަރޫމާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ދާންޖެހޭ އެއްވެސް ސަބަބެއް އެބައޮތްތޯ އެވަގުތު ވެސް ހިތާ ހިތާ ސުވާލުކުރެވުނެވެ.

” އެއީ އަހަރެން ދަންނަ މީހެއްނޫން. އަހަންނާ އެއް އިރެއްގައި ވެސް އެއްވެސް ގުޅުމެއް އޮތް މީހެއްނޫން. ދެން ކީއްވެ!.. ކީއްވެ!”

އަމިއްލަ ނަފުސަށް ވިސްނައިދެވޭތޯ އަރޫމާ ވަރަށް މަސައްކަތް ކުރިއެވެ.

އާދައިގެ މަތިން ޒީވް އިނީ މިއަދު ވެސް ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެންނެވެ. އަރޫމާއާ ދިމާއަށް ޒީވް އެނބުރުނީ އަރޫމާ ގޮނޑިގައި އިށީނދެ، ދަރިފުޅު އުނގުގައި ބޭންދި ފަހުންނެވެ.

“އަރޫ!!!”

އަރޫމާއަށް ޒީވްގެ މިޒާޖަށް އައި ބަދަލު  ފާހަގަ ކުރެވުނީ ޒީވް  މަޑުމަޑުން އަރޫމާގެ ނަމުން ގޮވާލުމުންނެވެ. އަދި އަރޫމާގެ ލޯ ޒީވްގެ ލޮލާ ބައްދަލުވި ވަގުތު ޒީވްގެ ލޮލުގެ ވިދުން އެތައް ގުނައަކަށް ގަދަވެގެން ދިޔަކަން ވެސް  އަރޫމާއަށް ފާހަގަކުރެވުނެވެ. އެއީ މި ގޮތަށް ނޭނގި ހުއްޓާ ދިމާވުމުން ވީ ގޮތެއްކަމަށް އަރޫމާއަށް ޔަގީން ކުރެވުނެވެ. އެ މޫނުމަތިން އަރޫމާއަށް ފެނުނީ އިންތިހާ ދަރަޖައިގެ ޙައިރާން ކަމާއެކު ވެސް އެ މޫނު އުފަލުން ފޮޅުނުތަނެވެ.

އަދި އެވަގުތު ޒީވްގެ ރޫމްގައި މަސައްކަތް ކުރާ އެހީތެރިޔާ ގާތު ފެންތައްޓެއް ލިބިދާނެތޯ ޒީވް އެހިއެވެ.

“ބަލި މީހާ އައުމުންތަ ފެން ބޯން ހަނދާންވީ!”

ހިތަށް އެރި ވާހަކަ އަރޫމާ ދުލާ ހަމައަކަށް ނުގެނެއެވެ.

“އަނެއްކާ މިއުޅެނީ ކީއްކުރަންބާ!”

އަރުމާގެ ހިތަށް ބިރުވެރިކަމާ ހާސްކަން ވެރި ވިއެވެ.

ޑޮކްޓަރ ޒީވްއަށް ފެން ބަލާދާން އެ ރޫމުގައި އިން ކުއްޖާ ކޮޓަރީގެ ދޮރުން ހަމަ ނިކުތުމާއެކު ޒީވްގެ ސުވާލްތައް އަރޫމާއަށް ރައްދުވިއެވެ.

”ކީއްވެ އަހަންނަށް ފިލައިގެން ދިޔައީ! ކީއްވެ އަހަރެން ގާތު މިދަނީ ރަށަށޭ ނުބުނީ! ”

ޒީވްގެ ސުވާލުތަކުން އަރޫމާއަށް ލިބުނީ ހައިރާންކަމެކެވެ. އޮޅުން ބޮޅުމެވެ. އަދި އެކުރި ސުވާލުތައް ކުރަން ޖެހުނު ސަބަބާމެދު މާބޮޑަށް ހައިރާންވިއެވެ. އެހެން ނަމަވެސް ޖަވާބު ދިނުމުގެ ބަދަލުގައި އަރޫމާ ދެއްކީ ޒިވާގެ ބަލީގެ ވާހަކައެވެ.

ތަފާތު ވާހަކައެއް ފެށުމުން އަނެއްކާ ވެސް ޒީވްގެ މޫނުމަތިން ޝަކުވާގެ އަސަރު އަރޫމާއަށް ފެނުނެވެ. އެހެން ނަމަވެސް އެވަގުތު ނަސީބު ރަނގަޅުކަމުން އެހީތެރިޔާ ފެންތަށި ހިފައިގެން އައިސް ރޫމަށް ވަދެއްޖެއެވެ. އެހެންކަމުން އެހިސާބުން ޒީވްއަށް ވެސް މަޖުބޫރުވީ އެ ވާހަކަ ހުއްޓާލާށެވެ.

ޒީވް ވަރަށް ރަނގަޅަށް ޒިވާ ބެލުމަށްފަހު ބޭސް ލިޔެދިނެވެ. އެއީ މާބޮޑު މައްސަލައެއް ނޫންކަމަށް ބުނެ އަރޫމާ ހިތް ހަމަޖައްސައިދިނެވެ. އަދި ވަރަށް ލޯބިން ޒިވާއާ ވާހަކަދައްކާ ސަމާސާކޮށް ވެސް ހެދިއެވެ. އެވަގުތުކޮޅު އެތައްގަޑިއަކަށް ދެމިގެން ދިއުމަށް ޒީވް ކިތަންމެ ބޭނުންވިއަސް އެހެން އެކަން ނުވާނެކަން ވެސް އެނގެއެވެ. އެހެން ބަލި މީހުންނެކޭ އެއްފަދައިން ޒިވާއަކީ ވެސް އެ ރޫމަށް ހިނދުކޮޅަކަށް ވަން މެހްމާނެކެވެ.

އަރޫމާ އިނީ ޑޮކުޓަރ، ޒިވާ އަތުން ދޫކޮށްލާނެ އިރަކަށް ބަލަ ބަލައެވެ . ހަމަ ދޫކޮށްލުމުން ” ދަރިފުޅާ! އަވަހަށް ގެއަށްހިނގާ! އޭރުނެއްނު ބޭސްބޮވޭނީ ދޯ!” ބުނެ ޒިވާ  އުރާލައިގެން ހިނގައިގަތެވެ. އެހީތެރިއަކަށް އިންކުއްޖާ ވެސް ތެދުވެ ޒިވާގެ ފުށްގަނޑެއްކަހަލަ ލޯބި ލޯބި ކޮލުގައި ހިފާލާފަ ކުޑަކޮށް ސަމާސާ ކޮށްލަމުން އަރޫމާއާ އެކު ބޭރަށް ނިކުތެވެ.

“އެއީ ކޮން އިރަކު އައި ޑޮކްޓަރެއްތަ! ރަނގަޅު މީހެއްތަ އަނެއްކާ!”

އަރުމާ ސުވާލު ކުރީ އެކުގައި ނުކުތް ކުއްޖާ އާއިއެވެ.

“އަދި ނުވެޔޭ މާގިނަ ދުވަހެއް!  މަސައްކަތަށް ނިކުންނަން ފެށިތާ އަދި މިވީ ދެ ދުވަހެއް ވަރު! އެހެންވީމަކަ ނޭނގޭނެ ނު! ހީވަނީ ވަރަށް ރަނގަޅު މީހެއް ހެން!”

އެ ކުއްޖާ ހީނލަމުން އަނެއްކާވެސް ޒިވާގެ ކޮލުގައި ހިފައިލިއެވެ. އަދި އެނބުރި ވަންނަން ހިނގައިގަތެވެ.

އަދި ޑޮކުޓަރ ރޫމަށް ވަނުމުން މޭޒުމަތީ އޮތް އަރޫމާގެ ފޯނު ފެނިގެން ފޯނު ހިފައިގެން ގޮސް އަރޫމާ އަތަށް ދިނެވެ. ހާސްވެފައި ހުރިވަރުން އަތުގައި އޮތް ފޯނާ ނުލާ ނިކުމެވުނު ކަމެއް ވެސް އަރޫމާއަކަށް ނޭނގުނެވެ. އެކަމާ އަމިއްލާ ނަފުސާ އަޑުލިއެވެ.

ބޭސް ހިފައިގެން އައިސް ބޭސް ދޭން ފެށުމުން ޒިވާގެ ހުން ވިހެލައިފިއެވެ. ކެއްސުން ވެސް ވަރަށް ބޮޑުތަން ރަނގަޅެވެ. ހައްޓަށް ލިބުނު ލުއިގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އިރު އޮއްސުނުތަނާ އަރޫމާ ކާން ދިނުމުން ޒިވާ އޮތީ އަރާމުކޮށް ނިދާލާފައެވެ.

ދަރިފުޅު ނިދިފައި އޮތުމުން އަރޫމާ ވެސް ބޭނުންވީ ކުރީ ރޭވެސް ރަނގަޅަށް ނުނިދޭތީ އަވަހަށް ނިދާލާށެވެ.

މެރެމުންދިޔަ އަރޫމާގެ ލޯ ހުޅުވާލަން މަޖުބޫރުވީ ފޯނުގެ ސްކްރީން ދިއްލި ވައިބަރއިން މެސެޖެއް އައި އަޑު އިވުމުންނެވެ. ގޭގައި ވައިފައި ހުންނާތީ ގޭގަ ހުންނައިރު އަބަދުވެސް ފޯން އޮންނާނީ ވައިފައި ޖައްސާފައެވެ. އެހެންނަމަވެސް ނިދުމުގެ ކުރިން އަބަދުވެސް ވައިފައި އޮފް ކުރާނެއެވެ.

މެސެޖް އަޔަސް ނިދަން ބޭނުންވާތީ ވައި ފައި އޮފް ކޮށްލުމަށްފަހު ފޯނު އެއްފަރާތުގައި ބޭއްވީއެވެ. އަދި ލޯމަރައިލީ އަވަހަށް ނިދީގެ ފޮނިކަން ލިބިގަތުމަށެވެ.

ނިދީގެ ފޮނިކަން ރަނގަޅަށް ނުލިބެނީސް ދެން އިވުނީ ފޯނު ރިންގްވާ އަޑެވެ. ފޯނުގެ ރިންގް އޮފްކޮށް ނުލެވުނީތީ އަރޫމާ އަމިއްލަ މޮޔަކަން ހިތަށް އެރިއެވެ. ގުޅަނީ ކާކުތޯ ބެލިއިރު ނުދަންނަ ނަމްބަރެކެވެ. ކޮންމެވެސް ބޭނުމަކު ގުޅާ މިހަކަށް ވެދާނެއޭ ހިތަށް އެރުމުން ފޯނު ނަގާފަ ސަލާމް ގޮވައިލިއެވެ.

ގުޅި މީހާގެ އަޑެއް ނީވި އިރުކޮޅެއް ވުމުން ތިންވަނަ ފަހަރަކު ހަލޯއޭ ގޮވައިލެވުނީ ވެސް ތަންކޮޅެއް ބާރަށެވެ. އެ ހިސާބުން އެކޮޅުން ވަރަށް މަޑު މަޑުން ހަލޯއޭ ބުނި އަޑު ކިރިޔާ އިވުނީއެވެ. އިވުނު އަޑާ މެދު އަރޫމާ ފުރަތަމަ ވިސްނައިލިއެވެ. ކާކުކަން ދެނެގަންނަން ނެގި މަދު ސިކުންތުކޮޅަކަށްފަހު އަރޫމާގެ ހިތް ތެޅިލިއެވެ. ހިތުގެ ހިނގުން އަވަސް ވެގެން އައެވެ. އިވުނީ މިދުނިޔެމަތިން މިގޮތަށް އިވޭނެ ކަމަށް ދުވަހަކު ވެސް އުންމީދުކުރި އަޑެއްނޫނެވެ.

“ޒީވް! ..” އަރުމާއަށް އެނަން ތަކުރާރުކޮށް ކިޔައިލެވުނެވެ.

”ކީއްވެ އަހަރެން ކުރި ސުވާލަށް ޖަވާބު ނުދިނީ!.. ބުނެބަލަ ދޭނެ ޖަވާބެއް ނެތީތަ! ”

ވާހަކަ ދައްކަނީ ޒީވްކަން އެނގޭއިރު ވެސް އަރޫމާ ހުރީ ހައިރާންވެ ބަސް ހުއްޓިފައެވެ. ޒީވް އެކުރަނީ އެއީ މިއަދު މެންދުރު ދެކެވުނު ވާހަކައާ ގުޅުންހުރި ސުވާލުތަކެކެވެ. ހަދާނެ ގޮތް ހުސްވެ ވާހަކަ ދައްކާނީތޯ ވިސްނަ ވިސްނާ އޮވެފަ އެންމެފަހުން އަހާލެވުނީ އޭނަގެ ފޯނުނަމްބަރ ލިބުނު ގޮތަކާބެހޭ ގޮތުންނެވެ.

”ތީއަހަރެންގެ ސުވާލަށް ޖަވާބު ނުދޭންވެގެން ކުރި ސުވާލެއްތަ!”

ޒީވް ދެއްކީ ޒީވް ދައްކަން ބޭނުންވި ވާހަކައެވެ.

”ނޫން!.. އެހެނެއް ނޫން! އަޅުގަނޑުގެ ނަންބަރަކީ އެހާ ގިނަބަޔަކަށް އެނގޭނެ ނަމްބަރަކަށްނުވާތީ އަހާލީ!”

އަރޫމާ ހާމަ ކުރީ ހަގީގަތަށެވެ. އެކަން ޒީވްއަށް ވެސް ގަބޫލުކުރެވުނެވެ. ޒީވްއަށް އަރޫމާ ހަނދާން ނައްތާ ނުލެވުނީ ވެސް އަރޫމާގެ ފަރާތުން ފެނުނު މިފަދަ ސާދާ ސީދާ ސިފަ ތަކުގެ ސަބަބުންނެވެ.

”ހަނދާނެއް ނެތްތަ މިއަދު އަހަރެންގެ މޭޒުމަތީ ފޯނު ބާއްވާފަ ނިކުމެވުނު ހަނދާނެއް!”

ޒީވް ގަސްދުކުރީ ހަގީގަތް ފާޅުކުރުމަށެވެ. އެހެންކަމުން  އެފޯނުން ޒީވްގެ ފޯނަށް މިސްކޯލެއްދީގެން ނަމްބަރ ނެގި ވާހަކަ ސާފުކޮށްބުންޏެވެ. ބޭނުންވަނީ ޒީވްގެ ހިތުގައި ޖަވާބު ނުލިބި ހުރި މުހިންމު ސުވާލުތަކަކަށް ޖަވާބު ހޯދުން ކަމަށް ވެސް ބުންޏެވެ. އެއީ ނުރުހޭ ކަމެއް ކަމަށްވަންޏާ މޢާފުކުރުމަށް ވެސް އެދުނެވެ. އެ ވާހަކަ ބުނި އިރު އެ އަޑުގައިވަނީ މޮޅިވެރިކަމެވެ.

އެ ވަގުތު އަރޫމާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. ޒީވްގެ ސުވާލުތަކަށް ޖަވާބު ދިނުމަކީ އަރޫމާއަށް ކިހާ އުނދަގޫ ކަމެއްކަން ޒީވްއަށް އެނގޭނެނަމައޭ ހިތަށްއެރިއެވެ.

”އަޅުގަނޑު ތި ސުވާލުތަކުގެ ޖަވާބުދޭން އުޒުރުވެރިވަމޭ ނަންގެންފިއްޔާޔޯ!”

ޖެހިލުންވެ ހުރެ އަރޫމާ އެދޭގޮތް ހާމަކުރިއެވެ.

”ނޫން! މިއީ އަހަރެންގެ ފަހަރު! އަރޫމާ ޖެހޭނީ މި ސުވާލު ތަކުގެ ޖަވާބު ދީ އޮޅުން ފިލުވައިދޭން! ވަރިހަމަ ކިތަންމެ ބޮޑުއަގެއްދީގެން ވިޔަސް އަހަރެން މިސުވާލު ތަކުގެ ޖަވާބު ހޯދާނަން!”

ޒީވްގެ ޖުމްލަ ނުނިމެނީސް ހިތްހަމަ ނުޖެހޭ އަޑަކުން އަރޫމާ ވާހަކަ ދައްކަން ފެށިއެވެ.

”ކޮން ހައިސިއްޔަތަކުންތޯ އަޅުގަނޑަށް މަޖުބޫރުވާނީ! .. ޖަވާބު ދިނުން ނުދިނުން އެއީ އަޅުގަނޑުގެ އަމިއްލަ ކަމެއް!”

އަރޫމާ ހުރީ އަރޫމާގެ ގޮތުގައެވެ. ޒީވްއަށް ދޫދީގެން ހިތުގެ އަޑުއަހާކަށް އަރޫމާ ބޭނުމެއް ނޫނެވެ.

ދެން ދިޔައީ އަނެއްކާވެސް ޒީވްގެ އަޑު ނީވި ދިޔަ ވަގުތު ކޮޅެކެވެ.

”އުހުނ! އެ ނުވާނެ އަރޫގެ އެކަނި އަމިއްލަކަމަކަށް! އެއީ މީހެއްގެ މުޅި ދިރިއުޅުމާ ގުޅުންހުރިކަމެއް! އެއީ މީހެއްގެ އެތައް ރެއެއްގެ ހަމަ ޖެހުމާ، އެތައް ރެއެއްގެ ނިންޖާ، އެތައް ދުވަހަކު ހިތުގައި އެޅި ވޭނާ ގުޅުން ހުރިކަމެއް! ދެން ކީއްވެ އެކަމަކީ އަރޫގެ އެކަނި ކަމެކޭ ތިބުނީ! ”

ދައްކަން އުޅުނު ވާހަކަ މިހިސާބަށް ދިޔައިރު އެ ފިރިހެންވަންތަ އަޑު ބެދި ވާހަކަ ދައްކަން އުނދަގޫވެއްޖެހެން އަރޫމާއަށް ވެސް ހީވެއްޖެއެވެ. އަދި މަޑުމަޑުން ” އަޅުގަނޑަކަށް ނުވިސްނުނު ” އޭ ބުނެލިއެވެ.

ދެން އިވުނީ މަޑު މަޑު އާހެއްގެ އަޑެވެ. އެއީ ޒީވްގެ އަނގައިން ބޭ އިޚުތިޔާރުގައި ނުކުތް ހިތާމަވެރި އާހް އެއްގެ އަޑެވެ. ޙާސިލުކުރަން އެންމެ އެދުނު ލޯބިވެރިޔާ ގާތު އެންމެ ކުޑަމިނުން ލޯބިވާ ވާހަކަ ނުބުނެވި އެތައް އަހަރެއް ހޭދަވީތީ އެ އަނގައިންނިކުތް އާހް އެކެވެ.

”އަރޫ!”

ޒީވްއަށް މަޑު މަޑުން އަރޫމާގެ ނަމުން ގޮވައި ލެވުނެވެ.

“ވާހަކަ ދައްކަބަލަ! ޕްލީޒް!.. އަހަރެން ހާދަ ކެތްކޮށްފީމޭ! އެނގޭތަ އަހަރެން އަރޫއަށްޓަކައި ކިހާ ދުވަހެއް ހޭދަ ކޮށްފިކަން! ކިހާ އުނދަގުލަކާ ވޭނެއް ތަޙައްމަލުކޮށްފިކަން! އަންގާ ވެސް ނުލާ އެ ގޮތަށް ރަށަށް އައިމާ އަހަރެން ދެރަވާނެ ވަރު ނޭނގިދާނެ!  އެކަމަކު އަހަށްނަށް ނުވިސްނުނީ އެރޭގެ އެ ކުޑަ ކުޑަ ހާދިސާގެ ސަބަބުން އަރޫ އެތައް އަހަރަކު ދިރިއުޅުނު ގެ ދޫކޮށް އަހަރެން ދެކެ ރުޅިން ރަށަށް އަންނަން ޖެހުނު ސަބަބު!.. ބުނެބަލަ! އެހާވެސް އަހަރެން ދެކެ ނަފުރަތު ކުރާތީތަ! އަހަރެން ޚާއްސަ ނުވާތީތަ!”

ޒީވްގެ އަޑުގައިވަނީ ވޭނެވެ . ޝަކުވާއެވެ. އަދި އާދޭހެވެ.

”ތި ޝަކުވާތަކާ އަޅުގަނޑާ އޮތީ ކޮން ގުޅުމެއްތޯ !”

އަރޫމާ ވަރަށް ޙައިރާންވެ ހުރެ ސުވާލުކުރީ ޒީވް ދެއްކި ވާހަކަ މޭރުން ނުވެގެންނެވެ.

”އަޅެ! އެއްފަހަރު ވެސް ތި ހިތާ ސުވާލުކޮށްބަލަ!.. ތީ ވިންދު ނުޖަހާ ހިތަކީތަ! އިހުސާސޭ މިކިޔާ ބައި މަދު ކުއްޖަކީތަ!”

ވާހަކަ ދައްކަ ދައްކާ ހުރެފައި ޒީވް ހުއްޓާލީ ދެން ބުނަންވީ އެއްޗެއް ބުނާނެ ގޮތަކާ މެދުވިސްނާލުމަށެވެ! އަދި ވޭނާ ކެކުޅުން އެކުލެވޭ އަޑަކުން ވަރަށް މަޑުން ބުންޏެވެ.

”އަރޫ ގަބޫލުކުރިއަސް ނުކުރިއަސް އަހަރެން އަރޫ ދެކެ ވަރަށް ވަރަށް ލޯބިވޭ!  މިވާހަކަ ބުނުމުގެ ހިތްވަރު އަހަންނަށް ނުލިބުނީ! ވެދާނެ އަހަރެން ފިނޑީކަމަށް ވެސް! ނުވަތަ ހާލަތު ތަން ނުދޭތީ ކަމަށްވެސް! އެނގޭ ކަމަކީ އަހަންނަށް އަރޫއާ  ނުލާ ދިރިއުޅުން ފުރިހަމަ ނުކުރެވުނުކަން! އަރޫ އަހަންނާ ދުރަށް ފިލައިގެން ދިޔުމުން އަރޫ ހަނދާން ނައްތާލެވޭތޯ އަހަރެން ހާދަ މަސައްކަތެއް ކުރީމޭ! .. ނަމަވެސް މިރަށަށް އަހަރެން .. އަރޫ! .. މި ފިޔަވަޅު ނާޅާވޭތޯ ނުވަތަ ކެތްކުރެވޭތޯ ވަރަށް މަސައްކަތް ކުރިން!”

މިހިސާބުން ޒީވް ވާހަކަ ހުއްޓައިލީއެވެ. ނުވަތަ އަރޫމާގެ ޖަވާބަކަށް އިންތިޒާރު ކުރަނީއެވެ.

( ނުނިމޭ )

Advertisements