ދުނިޔޭގައި ޑައިނަސޯ ( ސާރު ) އުޅުނު ޒަމާނުގައި ދިރިއުޅުނު މިޔަރެއްގެ ކަށިތަކެއް ސައިންޓިސްޓުން ހޯދައިފިއެވެ. ސައިންޓިސްޓުންނަށް މި ފެނުނު ކަށިތަކަކީ އެހެން މިޔަރުތަކާ ޚިލާފު ގޮތެއްހުރި މިޔަރެކެވެ. މިއީ ނޮދަން އީސްޓް މެކްސިކޯގެ މޫދުން (އާކްޓިކް އޯޝަން) އިން ފެނުނު ކަށި ތަކެކެވެ.
ސައިންޓިސްޓުން ހާމަކުރާ ގޮތުގައި މީގެ އާދަޔާ ޚިލާފު ކަމަކީ މީގެ އުރަހަ (ފިން) ގެ ދިގުކަމެވެ. އެ އުރަހައިގެ ދިގުމިނުގައި 1.9 މީޓަރު ހުއްޓެވެ.
ފެންނަ ފެނުމަށް މިއީ އާދައިގެ މިޔަރާ އެންބޯ މަޑިއާ ( މަންޓާރޭ) އާ ދެމެދުގެ ވައްތަރެކެވެ. އެއީ މި ދެބާވަތުގެ ސިފަތައް މީގައި އެކުލެވޭ ތީއެވެ. ނަމަވެސް އެހެން މިޔަރުތަކާ އަޅާ ބަލާއިރު މި މިޔަރުގެ އަނގަ ބޮޑެވެ. އެހެނަސް ހަމަ މީގެ ބޯ އެހެން މިޔަރުތަކާ އެއްވަރެވެ. ނިގޫވެސް ހަމަ އެއްގޮތެވެ. އެހެނަސް ސައިންސް ވެރިން ހާމަކުރާގޮތުގައި އެހެން ބާވަތްތަކުގެ މިޔަރަށްވުރެ މި ބާވަތުގެ މިޔަރުގެ ދުވެލި މަޑެވެ.
މިބާވަތުގެ މިޔަރު ކައި އުޅެނީ ފަނިވަރެވެ. (PLANKTON) ދިރާސާތަކުން ދައްކާ ގޮތުގައި މިއީ މީގެ 93 މިލިޔަން އަހަރު ކުރިން ކަނޑުގައި ދިރި އުޅުނު ބާވަތެކެވެ.
މިވައްތަރުގެ މިޔަރު ދުނިޔެއިން ނެތި ދިޔަ އަސްލު ސަބަބު އެނގިފައެއް ނުވެއެވެ. ނަމަވެސް "ކްރިޓޭޝިއަސް" ޒަމާން ނިމުމަކަށް ގެނައި، 6 މޭލު ބޮޑު ގިނި ހިލަ ( އެސްޓްރޮއިޑް) ދުނިޔެއަށް ވެއްޓުނު ކާރިސާއަކީ އެ ބާވަތުގެ މިޔަރު ދުނިޔެއިން ނެތިދާވަރުގެ ބޮޑު ގެއްލުމެއް ލިބުނު ކާރިސާއެކެވެ.
ސައިންޓިސްޓުން ހާމަކުރާ ގޮތުގައި ކުރިއަށްއޮތް ތާނގައި މެކްސިކޯގެ "މިލާކު" މިއުޒިއަމުން މި މިޔަރުގެ ކަށިތައް ފެންނަން ހުންނާނެއެވެ.