ދުންފިނި – 8

0

މިވާހަކައިގައިގެ ބައިތައް ކޮންމެ ހޯމަ ދުވަހަކު ގެނެސްދެވޭނެ 

“މިގޭ ރައްކާތެރިކަން ދަރިފުޅުވެސް ބޭނުންވާނެއެއްނު. އެހެންވީމާ ކިޔަވާލިޔަސް އޯކޭ ވާނެ” ސަކީނާ ރިޝްފާއަށް ނަސޭހަތް ދިނެވެ.

ރިޝްފާވެސް މަންމަގެ ބަސް ގަބޫލު ކުރިއެެވެ. އަދި މިވީ ހިސާބަށް މަންމަގެ ބަސް އަހައިގެން ވީ ދެރައެއް ނެތެވެ. މައިންބަފައިން ގޯސް ނަސޭހަތެއް ދަރިންނަކަށް ނުދޭނެއެވެ.

Advertisements

ރަށުގެ ގިނަ ފިރިހެނުންތަކެއްގެ އެއްބާރުލުމާއި އެކު ސަކީނާގެ ގޯތިތެރެވަނީ ވަރަށް ފުރިހަމައަށް ވަނީ ތައްޔާރު ކޮއްފައެވެ. މުޅި ގޯތިތެރެއަށް ވަނީ ދޮންވެލިލައިފައެވެ. ނުރައްކަލެއް ދިމާވެއްޖެއްޔާ ކުރިމަތަިލާނެ ހަށިގަނޑުގެ ބާރު ހުރި ފިރިހެނުންތަކެއް އެކަމަށް ވަނީ ޓްރެއިނިންގ ކުރުވާފައެވެ.

އިރުއޮއްސެންގާތްވި ވަރަކަށް އަކްރަމްގެ ނުރުހުން ފާޅުވަމުން ދިޔައެވެ. ރުޅިވެރިކަން ފާޅުކުރަމުން ދިޔައެވެ. އަދި ރިޝްފާ އާއި ދެމީހުންގެ ގުޅުން ކެނޑިދާނެ ކަމުގެ އިންޒާރުތައް ދެމުން ދިޔައެވެ.

“ބަލަ ކޮން މޮޔަކަމެއް ތި ކުރަނީ” އަކްރަމް ރިޝްފާ އާއި ދިމާލަށް ބުނެލިއެވެ.

“މިއުޅެނީ އަކްރަމަށް ވެސް ހެޔޮއެދިގެންނޭ” ރިޝްފާގެ ޖަވާބު ކުރެވެ.

“އޯހް. އަހަރެން ދުނިޔޭގައި ހުރީތީ އުދަގޫވީދޯ” އަކްރަމް ހުރީ އިންތިހާއަށް ހިތްހަމަ ނުޖެހިފައެވެ.

“ބަލަ ރިޝްފާގެ މަންމަ މިހުރިހާ ނުބައެއް މިހަދަނީ” އަކްރަމް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“އޭ މަންމަ ބޮލުގައި ހާދަ ބޮޑު ބަދުނާމެއް ތިއަޅުވަނީ” ރިޝްފާވެސް ރުޅިގަދަވިއެވެ.

ކިޔެވުން ފެށޭގަޑި ޖެހުނު އިރު ސަކީނާއާއި ރިޝްފާ ގޯތިތެރޭގައި ތިއްބެވެ. ސުލްތާނާއި އޭނަގެ އެކުވެރިން އައިސް އިށީނީ ގޯތިތެރޭގައި ހުރި މޭޒު ދޮށުގައެވެ. ސެކިއުރިޓީއަށް ތައްޔާރު ކުރި ފިރިހެންނުން އެމީހުންގެ ވާޖިބު އަދާކުރުމުގެ ގޮތުން ގޯތިތެރޭ އެކި ދިމަދިމާލުގައި އެތުރިއްޖެއެވެ. ކިޔެވުން ފަށައިގަތީ ސުލްތާނެއެވެ. ސުލްތާންގެ އޯޑަރަށް އެހެން އެންމެން ތަބާވަމުން ދިޔައެވެ. ކިޔެވުން ފަށައިގެން މާގިނައިރުތަކެއް ނުނެގިއެވެ. އަކްރަމް ގޭތެރެއިން ދުވެފައި އަންނަތަން ފެނުނެވެ. ހަށިގަނޑުން ވަރުބަލިކަން ފެނުނަސް ކޮންމެވެސް ކަހަލަ އުނދަގޫތަކެއް ވާހެން ހީވެއެވެ. އަކްރަމަށް ދުވެފައި އާދެވުނީ ވަކި ހިސާބަކަށެވެ. ހަބަރު ހުސްވީއެވެ. އެއްވެސް މީހަކު އަކްރަމްގެ ގައިގާ އަތް ނުލުމަތް ސުލްތާން ތަކުރާރުކޮށް އަންގަމުން ދިޔައެވެ. ނަމަވެސް ރިޝްފާ ދުއްވައިގަތީ އަކްރަމްގެ ގާތަށް ދާށެވެ. ސަކީނާ އެކަމަށް ހުރަސް އެޅުމުން ސަކީނާ ކޮއްޕާލުމަށްފަހު ގޮސް އަކްރަމްގެ ގާތުގައި އިނދެ ރޯންފެށިއެވެ.

“ބަލަ އަކްރަމް މި މަރުވަނީއޭ” ރިޝްފާ ރޯންފެށިއެވެ.

“ބަލަ ތިއީ ޖިންނިއެކޭ” ސުލްތާން ޖަވާބު ދިނެވެ.

“ހެވޭ ޖިންނިއަކަށް ވިޔަސް. މިއީ އަހަރެންގެ ފިރިމީހާއޭ” ރިޝްފާ އަކްރަމްގެ ގައިގައި އޮޅުލައިގަތެވެ.

“ދޭ ދެންވެސް ގޭތެރެއަށް” ސަކީނާ އައިސް ރިޝްފާގެ ގާތުގައި ބުނެލުމުން އަކްރަމް އާއި އެކީ ގޭތެރެއަށް ދާން ހިގައިގަތެވެ. އެއިރު އަކްރަމަށް ކޮންމެވެސް ވަރަކަށް ހޭވެރިކަން އަންނަމުން ދިޔައެވެ. ނަމަވެސް ސަކީނާ ގޭތެރެއަށް ދާކަށް ބޭނުމެއް ނުވިއެވެ. އަދި ސުލްތާންމެންވެސް ކިޔެވުން ނިންމާލާކަށް ގަސްދެއް ނުކުރެއެވެ. ކިޔެވުމާއިގެން އެމީހުން ދިޔައީ ކުރިއަށެވެ.

“އެދުއްވައިގަތީ ރިޝްފާ. ފާރުމަތިން ފުންމާލައިގެން” ސެކިއުރިޓީ ބަލަހައްޓަން ހުރި ފާއިޒް ހަރު އަޑުން ގޮވައިލިއެވެ.

ސަކީނާ ދުއްވައިގަތީ ގޭތެރެއަށެވެ. އެއީ ތެދު ޚަބަރެއްތޯ ބެލުމަށެވެ. ގޭތެރޭގެ އެއްވެސް ތާކު ރިޝްފާމެން ފެންނާކަށް ނެތެވެ. ސުލްތާންމެން ކިޔެވުން ދޫކޮއްލާފައި ރިޝްފާގެ ފަހަތުން ދުއްވައިގެންފިއެެވެ. ރިޝްފާގެ މިސްރާބު ހުރީ ރަށުގެ ތުނޑިއާއި ދިމާލަށެވެ. ލިބިފައިވާ އާދަޔާ ޚިލާފު ބާރެއްގެ ސަބަބުން ރިޝްފާ ހީވަނީ އުދުހިފައި ދާހެނެވެ. އެންމެފަހުން ރިޝްފާ ވެއްޓުނީ ތުނޑީކޮޅުގެ މޫދަށެެވެ. ރިޝްފާގެ ފަހަތުން ދުވެފައި ދިޔަމީހުންނަށް ރިޝްފާ އާއި ހަމައަށް ދެވުނުއިރު ރިޝްފާ އޮތީ ހަބަރު ހުސްވެފައެެވެ. ގައިގައި އެއްވެސް ބާރެއް ނެތެވެ. ކައިރީގައި އަކްރަމް ފެންނާކަށް ނެތެވެ. ރިޝްފާ ނަގައި ކޮނޑަށްލައިގެން ހިގައިގަތީ ސުލްތާނެވެ. ފަހަތުން ސަކިނާ އާއި އެހެން މީހުން އަޑުހަރުކޮށް ކިޔަވަމުން އާދެއެވެ. އެމީހުންގެ ކިޔެވުން ހުއްޓާލީ ސަކީނާމެންގެ ގެއަށް އާދެވުމުންނެވެ. ސަކީނާ ހާސްވެގެން ރޮނީއެެވެ.

“ކޮބާ އަހަރެން ބުނީމެއްނު އެ އަކްރަމަކީ ޖިންނިއެކޭ” ސުލްތާން ސަކީނާ އާއި މުހާތަބު ކޮށް ބުނެލިއެވެ.

“އާނ މިހާރު ގަބޫލު ކޮއްފިން. ދެން އަހަރެން ކިހިނެތް ހަދާނީ” ސަކީނާ ވެސް ކުރީ ސުވާލެކެވެ.

“ރިޝްފާއަށް ވަރަށް ބަލާތި. އަހަރެން ދޭނަން އެއްޗެއް ލިޔެފައި. އޭތި އުނަގަނޑުގައި އަޅުވާފައި ބާއްވާތި” ސުލްތާން ސަކީނާއަށް ހިތްވަރު ދިނުމުގެ ގޮތުން ބުނެލިއެވެ.

ސަކީނާވެސް ހުރީ ބިރުންނެވެ. ދެން ސަކީނާއަށް ކުރިމަތިވެދާނެ ނުރައްކަލަކާއި މެދު ވިސްނެނީއެވެ. ސަކީނާ ގޮސް ރިޝްފާ ގާތު ސިޓިންރޫމްގައި އިށީނީވެސް ބިރުން ހުރެއެވެ.

“ދަރިފުޅާ ނަސީބެއްނު ކުރިން މިކަން އެގުނުކަން” ސަކީނާ ރިޝްފާގެ ބޮލުގައި ފިރުމައިލިއެވެ

“ކޮން ވާހަކައެއް ތިދައްކަނީ” ރިޝްފާ ހުރީ އަދިވެސް ނުރުހުންވެފައެވެ.

“ވިސްނާލާ ޖިންނިއެއް ކިބައިން ސަލާމަތް ވިކަން” ސަކީނާ ރޯންފެށިއެވެ.

“ސަލާމަތޭ” ރިޝްފާ ޝައްކުގެ ނަޒަރަކުން މަންމަ އާއި ދިމާލަށް ބަލައިލިއެވެ.

“އަޑު އަހާ. އަހަރެމެން ތިބީ މިރޭ މަންމައަށް ސަޕްރައިޒެއް ދޭން. އެހެންވެ ކިޔެވެލި ކިޔެވުމަށް ވެސް އެއްބަސްވީ. މަންމަ ހިތްހަމަ ޖެއްސުމަށް” ރިޝްފާއަށް ރޮވެން ފެށުނެެވެ.

“އެއީ ކޮން ސަޕްރައިޒެއްތަ” ސަކީނާގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ.

“އަހަރެން ބަނޑުބޮޑު” ރިޝްފާ މަންމަގެ ގައިގައި އޮޅުލައިގަތެވެ.

“ދެން ކިހިނެތް ހަދާނީ” ސަކީނާ ހުރީ ހާސްވެފައެވެ. އަނެއްކާ ޖިންނި ކުއްޖެއްބާ ނޫނީ އިންސާނެއްބާއެވެ. ސަކީނާ ހުރީ ހަދާނެ ގޮތެއް ނޭގިފައެވެ.

( ނުނިމޭ )

Advertisements
Avatar
.މުޙައްމަދު އީމާން އަކީ އޮންލައިން ނޫސްތަކަށް ވާހަކަ ލިޔުމުގައި ދިގު މުއްދަތެއް ހޭދަކޮއްފައިވާ ލިޔުންތެރިއެކެވެ