ޒިވާ ( ފަސްވަނަބައި )

0

”އަރޫ ގަބޫލުކުރިއަސް ނުކުރިއަސް އަހަރެން އަރޫ ދެކެ ވަރަށް ވަރަށް ލޯބިވޭ!  މިވާހަކަ ބުނުމުގެ ހިތްވަރު އަހަންނަށް ނުލިބުނީ! ވެދާނެ އަހަރެން ފިނޑީކަމަށް ވެސް! ނުވަތަ ހާލަތު ތަން ނުދޭތީ ކަމަށްވެސް! އެނގޭ ކަމަކީ އަހަންނަށް އަރޫއާ  ނުލާ ދިރިއުޅުން ފުރިހަމަ ނުކުރެވުނުކަން! އަރޫ އަހަންނާ ދުރަށް ފިލައިގެން ދިޔުމުން އަރޫ ހަނދާން ނައްތާލެވޭތޯ އަހަރެން ހާދަ މަސައްކަތެއް ކުރީމޭ! .. ނަމަވެސް މިރަށަށް އަހަރެން .. އަރޫ! .. މި ފިޔަވަޅު ނާޅާވޭތޯ ނުވަތަ ކެތްކުރެވޭތޯ ވަރަށް މަސައްކަތް ކުރިން!”

މިހިސާބުން ޒީވް ވާހަކަ ހުއްޓައިލީއެވެ. ނުވަތަ އަރޫމާގެ ޖަވާބަކަށް އިންތިޒާރު ކުރަނީއެވެ.

”ޒީވް!”

ޒީވްގެ އަޑުއަހަން އޮތް އަރޫމާއަށް މަޑުމަޑުން ޒީވް ގެ ނަމުން ގޮވައިލެވުނެވެ. އެވާހަކަތަކުން އަރޫމާއަށް ލައްކަ ގިނަ އެއްޗެހި ނަގައިގަނެވުނެވެ.

ދެން ދިޔައީ އެކަކަށް ވެސް ވާހަކަ ނުދެކެވި ދިޔަ މަދު ސިކުންތު ކޮޅެކެވެ. ނުވަތަ ވާހަކަ ކުރިއަށް ގެންދަންވީ ގޮތެއް ނޭނގި ވިސްނަން ތިބެވުނު ވަގުތު ކޮޅެކެވެ. ކޮންމެ މީހަކަށްވެސް އަނެކެއްގެ ހިތުގެ ހާލު އެނގޭކަހަލައެވެ. ނުވަތަ ކުއްލިއަކަށް ދުނިޔެ އެމީހުނާ އެއްކޮޅަށް އެރީތީ އެކަން ގަބޫލުނުކުރެވުނު ފަދައެވެ.

ހަމަ ހިމޭންކަމުގެ ބަސްމޮށުމުގެ ވަގުތުކޮޅަކަށްފަހު އެ ހިމޭންކަން ދުއްވާލަމުން ޒީވް ވާހަކަ ދައްކަން ފެށިއެވެ.

”ދެން ދީބަލަ ޖަވާބު! ކީއްވެ ބުނެވެސް ނުލާރަށަށް އައީ! ”

ހީވަނީ ޒީވް ބޭނުންވާ އެންމެ މުހިންމު ސުވާލަކީ އެއީ ހެންނެވެ.

”އަޅުގަނޑެއް ނާންނަމޭ ރަށަކަށް! ” ވަރަށް އުނދަގުލުން އަރޫމާ ޖަވާބުދިނެވެ.

އަރޫމާ ބުނި އެއްޗަކުން ޒީވް ވިސްނައިލިއެވެ. ވާހަކަ ކުރިއަށް ގެންދަންވީ ގޮތެއް ނޭނގި ވިސްނުމުގައި ދެމީހުންވެސް ތިބެވުނު ވަގުތު ކޮޅެކެވެ. ކޮންމެ މީހަކަށްވެސް އަނެކެއްގެ ހިތުގެ ހާލު އެނގޭކަހަލައެވެ. ނުވަތަ ކުއްލިއަކަށް ދުނިޔެ އެމީހުނާ އެއްކޮޅަށް އެރީތީ އެކަން ގަބޫލުނުކުރެވުނު ފަދައެވެ.

ހަމަ ހިމޭންކަމުގެ ބަސްމޮށުމުގެ ވަގުތުކޮޅަކަށްފަހު ހިމޭންކަން ދުއްވާލަމުން ޒީވް ވާހަކަ ދައްކަން ފެށިއެވެ.

”ނާންނަމޭ! ދެން ކޮންތާކަށް ދިޔައީ! ގައިމު މަންމަ ބުނި ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިގެން އަރޫ ކިޔެވުން ހުއްޓާލާފައި ރަށަށް ހިނގައްޖެއޭ! ”

ޒީވްގެ ރާގުން އެވާހަކަ ގަބޫކުރަން ދަތިވިކަން އެނގުނެވެ. އަދި މަންމަގެ ވާހަކައަށް ޒީވް ބަރޯސާވެފައި ހުރި ވަރުވެސް އަޑުން އެނގުނެވެ.

ޒީވް މި ބުނި އެއްޗަކުން އަރޫމާއަށް ޝައްކުތަކެއްވިއެވެ. ކަން ހިނގި ގޮތުންނެވެ. ހަޤީގަތަކީ ކޮބައިކަން މިހާރު ދެން ޒީވްއަށް އެނގެން ޖެހޭނެކަމަށް އަރޫމާއަށް ގަބޫލުކުރެވުނެވެ. އެހެންނަމަވެސް އަޒިއްތަ އެ ދުވަހު އެ ގޮތަށް ކަންތައް ކުރިޔަސް އޭގެ ކުރިން އަރޫމާއަށް ކިހާ ރަނގަޅުކަން ހިތަށް އެރުމުން ކަންހިނގި ގޮތް ކިޔައިދޭން ފަސްޖެހެވުނު ވެސް މެއެވެ.

“އަރޫ! އަހަރެން ބޭނުން އަހަރެމެން ދެމީހުން ވާހަކަދައްކައިގެން މިކަމުގައި ފޮރުވިފައި ސިއްރުތަކެއް ހުއްޓަސް އެ އެކަމެއް ދަނެގަންނަން!”

“އަޒިއްތަ ކީއްވެތަ އަހަންނާ މެދު އެހާ ރަނގަޅަށް ކަންތައް ކުރަމުން އައިސް އައިސް ހުރެފައި ކުއްލިއަކަށް އެފަދަ ކަމެއް އެ ކުރީ! ކީއްވެތަ ޒީވް ކައިރީ ދޮގު އެ ހެދީ! ކީއްވެ އޮޅުވައިލައިގެން ވާހަކަ އެ ދެއްކީ!”

އަރޫމާގެ ހިތުގައިވަނީ ޖަވާބު ބޭނުން އެތައް ސުވާލެކެވެ. އަހަން ޖެހެނީ ޒީވްގެ މަންމަގެ ވާހަކަ ކަމަށްވާތީ އަރޫމާ އެއިން އެއްވެސް ސުވާލެއް ނުކުރެއެވެ. އެހެންނަމަވެސް އަޒިއްތަ އެ ދުވަހު ކަންތައް ކުރި ގޮތް ވަރަށް ތަފުޞީލްކޮށް ޒީވްއަށް ކިޔައިދިނެވެ.

އަރޫމާއާ ދޭތެރޭ ކަން ހިނގި ގޮތް ސާފުވުމުން އަރޫމާއާ ދޭތެރޭ އެގޮތަށް މަންމަ ކަންތައް ކުރީ ކީއްވެގެންކަން ޒީވްއަށް ވަރަށް ރަނގަޅަށް އެނގުނެވެ.  އެކި ދުވަހު އަރޫމާއާ ބެހޭގޮތުން ބުނެފައިހުރި ވާހަކަތަކާ އަދި ޒީވްގެ ކައިވެންޏާ ބެހޭ ގޮތުން މަންމަ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ނުވާނެކަން އެނގުނު ދުވަހު އެ ބުނެލި ދެތިން ޖުމުލައާ  ގުޅުވާލުމުން ޗޭނެއްގެ ބޮޅުތަކެއް ގުޅިގެން އަންނަހެން މިކަންތައް ގުޅިގެންއައިސް ސިކުނޑިއަށް ވާންވެގެން ދިޔައެވެ.

”އަރޫއަށް އެނގޭތަ! އެރޭ އަރޫގެ ކޮޓަރިއަށް އަހަރެން ކޮފީމަގު ގެންގޮސްދިން ތަން މަންމައަށް ފެނުނުކަން! އަހަންނާ އަރޫއާ ދެމެދު ބަދިގެ ތެރޭ އެރޭ އެ ހިނގި ކަންތައްތައް ވެސް މަންމައަށް އެނގުނު! ”

އަރޫމާއަށް އެނގޭތޯ ޒީވް ސުވާލުކޮށްލިއެވެ.

”ނޫން! އަޒިއްތައަށް ތިކަހަލަ އެއްވެސް އެއްޗެއް އެނގޭކަމެއް އަހަންނަކަށް ނޭނގެ! އަދި ދެއްކި މަދު ވާހަކައަކާ ތިޔަ ކަމަކާ ގުޅުވައެއްވެސް ނުލާ! އޭގެ ފަހު ދުވަހު ޑިއުޓީގަ ހުއްޓާ އަޒިއްތަ މެސެޖެއްކުރީ!  އޭގެ ފަހުން އަޒިއްތައަށް އަޅުގަނޑު ގުޅަން އުޅުމުން ނުވެސް ގުޅުނު! ފޯނު ނިއްވާލާފަ އޮންނަނީ! އެހެންވެ ފަހުން ނުކެރުނީ ގުޅަން ވެސް! އަޅުގަނޑު ކަންތައް ކުރީ އަޒިއްތަގެ މެސެޖްގައިވާ ގޮތަށް!”

އަރޫމާ ވަރަށް ދެރަވެފައި ކިޔައިދިނެވެ.

އެއްކޮޅުން މަންމަ ކަންތައްކުރިގޮތް އޮޅުން ފިލުމުން ޒީވްގެ ހިތުގައި ޖެހުނެވެ. އަރޫމާއާ ނުލާ ދިރިއުޅުން ކުރިއަށްގެންދެވޭތޯ ޒީވް ކުރަމުން ދިޔަ ހިތްވަރު އެންމެ ގާތުން ދުށްމީހަކީ ވެސް މަންމައެވެ. އެކަން ކާމިޔާބު ނުވެ އޭނަ އުޅުނު ހާލު މަންމައަށް ފެނުމުން ވެސް އެކަމާ ހަމްދަރުދީ ނުވުމުން މަންމައާ މެދު ހިނދުކޮޅަކަށް ނަމަވެސް އެހިތުގައި ޝަކުވާ އުފެދުނެވެ.

ޒީވްގެ ޙަޔާތަށް ކުރިމަތިވި ދިގުލައިގެން ދިޔަ ޠޫފާން، ހީވެސް ނުކުރާގޮތަކަށް މަޑުވެ، އުޑުމަތިސާފުވެ، ރީތި ހަނދުވަރެއްގެ ނަލަ އަލިކަން ހަޔާތަށް އާ ދިރުމެއް ގެނެސްދިންކަމުގެ ސިގުނަލް ފެނުނީކަމަށް އެހިސާބުން ގަބޫލުކުރެވި ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. އަދި ދެ އަހަރު ކުރިން ނިޔާވެފައިވާ މަންމައަށް ހިތް ސާފުކޮށް މަޢާފުކުރިއެވެ.

”ފާއިތުވި ހަތަރު އަހަރު އަހަންނަށް ނުލިބުނު އުފަލާ ހަމަޖެހުން މިރޭގެ މި ވަގުތުކޮޅުގެ ތެރޭގައި އަހަންނަށް ލިބިގެން ހިނގައްޖެ! ޝުކުރިއްޔާ އަރޫ!”

ހުރިހާކަމެއް އެނގި ހާމަ ވުމުން ޒީވްގެ ހިތަށް ލިބުނީ ހަމަ ޖެހުމެވެ. ފިނިކަމެކެވެ.

“އަހަރެން ބޭނުން ކަމަކު އެދެން ! އުންމީދު ކުރަން އެކަން ކޮށްދޭނެ ކަމަށް! ”

ޒީވް އެދެން އުޅެނީ ކޮންކަމަކު ކަން ނޭނގުނަސް އަރޫމާގެ ހިތުގައި ފޮނި އިޙުސާސެއް ހިނގާލައިފިއެވެ.

” ކޮންކަމަކު! ބުނޭ! ކޮށްދެވޭ ވަރުގެ ކަމެއް ވިއްޔާ ކޮށްދޭނަން!”

އަރޫމާއަށް އެހެން ބުނެވުނީ ޖަވާބުދޭން ބޭނުންވި ވަރަށްވުރެން ވެސް އަވަހަށެވެ.

“އަރޫއާ ދޭތެރޭ ކަންތައް ހިނގި ގޮތުން .. އަހަރެންގެ މަންމައަށް މަޢާފު ކޮށްދީ! މަންމައަށް ހިތް ހެޔޮ ކޮށްދީ! .. މަންމަ މިއަދު ދުނިޔޭގައި ނެތުމުން މިކަން ކުރަން ޖެހެނީ އަހަރެންކަމަށް އަހަރެން ދެކެން!”

އަޒިއްތަ ނިޔާވި ވާހަކަ ޒީވްގެ ދުލުން ބުނި އަޑުއިވުމުން އަރޫމާއަށް ރޮވުނެވެ. ބަސްހުއްޓި ބުނާނެ އެއްޗެއް ފުރަތަމަ ދުލަކަށް ނައެވެ.

“އަޅުގަނޑުގެ ހިތުގައި އަޒިއްތައާމެދު އެއްވެސް ނުރުހުމެއް ނެތް! އަޅުގަނޑުގެ ހިތް ހެޔޮ! ހިތް ސާފު! ކޮންމެ މަޔަކު ބަފަޔަކު ވެސް އެމީހުންގެ ދަރިންނާމެދު ފޮނި ހުވަފެން ތަކެއް ދެކޭނެ! ޢަޒިއްތަ ވެސް ކަންތައް އެކުރީ އެ އުންމީދުގައި! އަހަރެން ޢަޒިއްތަ ދެކެ ވަރަށް ލޯބިވޭ! ކީރިތިﷲ ޢަޒިއްތަގެ ފާފަ ފުއްސަވާ ރަޙުމަތް ލައްވާށި!”

އެހިސާބުން އަޑު ކުރެހި އަރޫމާއަށް ރޮވިއްޖެއެވެ.

މަންމަގެ ވާހަކަ ދެކެވުމުން ޒީވްގެ ހިތަށްވެސް ވަނީ އުނދަގޫވެފައެވެ. މަންމަ މަތިން މާބޮޑަށް ހަނދާންވާން ވެސް ފެށިއެވެ. އެހެންކަމުން ވާހަކަ މެދު ކެނޑިގެން ދިޔައެވެ.

”ދެން ބާއްވަނީ! ”

އިރުކޮޅެއް ފަހުން އަރޫމާ މަޑުމަޑުން ބުނި އެއްޗަކުން މަންމަގެ ހަނދާނުން އުދަނގޫވެފައިވާ ޒީވް ދިޔައީ ސިއްސައިގެންނެވެ.

“އަރޫ ދެން ވެސް އުޅޭނީ އަހަންނަށް ފިލައިގެންތަ!”

ޒީވް ބޭނުންވީ އަނެއްކާވެސް ކުރީގެ މައުޟޫއަށް އެނބުރިދާށެވެ.

“އެއްވެސް އިރަކު އަހަންނެއް ނުފިލަމެއްނު! ބިރު ގަންނުވާނުލާ ފުރަތަމަ ވެސް އެއްބަސްވި ނަމަ މިހެން ވާކަށް ނުޖެހުނީހެއްނު!”

ލަދުރަކި ހިނިތުންވުމަކާއެކު އަރޫމާ ލާނެއް ވެލިއެވެ. އަރޫމާގެ ލުއި މިއުޒިކެއްފަދަ ހުނުމުގެ އަޑު ވެގެން ދިޔައީ ޒީވްގެ ހިތުގެ އެންމެ ހިމަނާރާ ކުޅެލި ހުނުމަކަށެވެ. މީގެ ކުރިން ދުވަހަކުވެސް އަރޫމާ ހީނ އުޅުނުތަނެއް އަރޫމާގެ ހުނުމުގެ އަޑެއް ޒީވް ނައަހައެވެ. އެހެންކަމުން އަރޫމާގެ ހުނުމުގެ އަޑު އިވުމުން ޒީވްގެ ޙިއްސުތައް ހޭލައްވައިލި ފަދައެވެ.

”އަރޫއަށް އެނގޭތަ! .. އެރޭ ކޮއްކޮއަށް ކިޔަވައިދޭން އަރޫ އިން ވަގުތު މަށަށް އަރޫއަށް ރަނގަޅަށް ބަލައިލަން ލިބުނީ! އަރޫގެ ކޮންމެ ޙަރަކާތެއް އަހަރެން މޮޔަ ކުރުވި! ހިތްބުނީ ތިކަހަލަ ރީތި އަންހެންކުއްޖަކު ނުހުންނާނެއޭ ހުހަކަށް! ކިތަންމެ ލޯބިވެރިންނެއްވެސް ތިބެފާނެއޭ! އެ ވިސްނުމުގަ އަހަރެން އިންދާ އަރޫ އެނބުރި އަހަންނާ ދިމާލަށް ބަލައިލީ! .. އަހަރެން ސިއްސައިގެން ދިޔަކަން އެނގޭތަ!”

އަނެއްކާބެސް އިވުނީ ލުއި ހިނިތުން ވުމެއްގެ އަޑެވެ.

”ނޫން! .. އަސްލު އަޅުގަނޑު އިނީ ވަރަށްބިރުން! ދެރަވާކަހަލަ އެއްޗެއް ބުނެފާނެތީ! ހަޅެއް ލަވައި ގެންފާނެތީ!”

އަރޫމާ ހީނލުމަކާއެކު ބުންޏެވެ.

”އެހެންކަމަށްވަންޏާ އަރޫއަށް އެނގޭތަ މަތިން ބައިން ޖެހިގެން ބޮޑުސިންގާ ފިރިހެނަކު އަރޫދެކެ ލޯބިވެގެން  ތި ޚިޔާލުގަ ރޭގަނޑު ނުނިދާ  ހޭލާ އޮތްކަން! އެނގޭތަ އޭގެ ކުރިން މީހަކާ ރައްޓެހިވެގެން ކައިވެއްޏެއްކުރަން ތައްޔާރުވަމުން ދިޔަ ފިރިހެނަކު ތި އަރޫ ނުދަނެ ހުއްޓާ ތި އަރޫއަށްޓަކައި މި ހުރިހާ ކަމެއް ދޫކޮށްލިކަން! ”

މިހިސާބަށް ބުނެފައި ތަންކޮޅެއްސީރިއަސްކޮށް އަދި ހަރުދަނާ އަޑަކުން އިތުރަށް ކުރިއަށް ގެންދިއައެވެ.

”އަހަރެންގެ މަންމަ ދެކެމުންއައި ފުރަތަމަ ހުވަފެނަކީ އަހަރެން ޑޮކުޓަރަކަށްވުން! ދެވަނަ ހުވަފެނަކީ ކޮންމެވެސްދުވަހަކުން އަހަރެން ސްޕެޝަލައިޒުވުން! މިއަދު ތި ފެނުނު ގޮތަށް ކުޑަކުދިންގެ ޚާއްސަ ޑޮކުޓަރަކަށްވުން! އެންމެ ފޮނި އަދި ކުލަ ނުޖެހުނު ހުވަފެނަކީ އަހަރެން،  މަންމަގެ ކޮއްކޮގެ ދަރިފުޅު ގީލާއާ ކައިވެނިކުރުން! ”

ކުޑަކޮށް މަޑުޖައްސާލުމަށްފަހު އަނެއްކާވެސް ޒީވް ވާހަކަ ކުރިއަށްގެންދިޔައެވެ.

”އަދި އެއްވާހަކަ ބުނެފާނަން. މި ހަތަރު ވަރަކަށް އަހަރު ތަކުރާރުކޮށް އެއް ހުވަފެނެއް އަހަންނަށް ފެންނަމުންދިޔަ! .. ފެންނަނީ އަރޫ ކުޑަކުއްޖެއްގެ އަތުގައި ހިފައިގެން ހުންނަ ތަން! .. ހުންނަނީ ކަރުނުން ފުރިފައިވާ ލޮލަކުން އަހަންނަށް ބަލަން! .. އަހަރެން މަސައްކަތް ކުރަނީ އަރޫ ގާތަށް ދާން! އެކަމަކު ދުވަހަކުވެސް އަރޫގާތަކަށް އަހަންނަކަށްނުދެވޭ! ހީވާގޮތުން އަރޫ ހަނދާން ނައްތާލަން އަހަރެން ކުރަމުންދިޔަ މަސައްކަތް އަހަންނަށް ކާމިޔާބު ނުވެވުނު އެއްމެބޮޑު ސަބަބަކީ ވެސް .. މިފެންނަމުން ދިޔަ ހުވަފެން! .. އެނގޭތަ! އެންމެ ފަހުން އެ ހުވަފެން ފެނުނީ ކޮން ރެއަކުކަން!”

އަރޫމާގެ ޖަވާބަކަށް އިންތިޒާރުކުރުމަކާ ނުލާ ހިތްދަތި އަޑަކުން ޒީވު ބުނީ އެންމެ ފަހުން އެ ހުވަފެން ފެނުނީ ރޭގައި ކަމަށެވެ.

ޒީވްގެ ވާހަކަ ހުރިގޮތުން އަރޫމާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ހިފެހެއްޓުމެއްނެތި ލޮލުން އޮހޮރެމުންދިޔަ ކަރުނަ މަޑުމަޑުން ފޮހެލާފައި ވާހަކަ ދައްކަން ފެއްޓިއެވެ.

“އަޅުގަނޑު ހީކުރީ އަޅުގަނޑުގެ ހިތުގައި އެކަނި ހިނގި އިހުސާސެއްކަމަށް އެއީ! އެހެންވީމަ .. އެ ޚިޔާލާ އެ އިހުސާސް އަޅުގަނޑުގެ ހިތުން ނެރެ، އެކަމުން ސަލާމަތްވާން އަޅުގަނޑު ވެސް ވަރަށް މަސައްކަތް ކުރިން! އެކަމަކު އަބަދުވެސް އެ ހަނދާންތައް، އެ ހިތްގައިމު ވަގުތުކޮޅު، ޚާއްސަކޮށް އަޅުގަނޑުގެ އަނގަމަތީ އަތްއެޅި މަންޒަރު އެރޭ ކުޑަދޮރު ކައިރީ ހުރެފައި އެނބުރި ލުމުން އެހިނގި ޙާދިސާ .. އަބަދުވެސް ފިނިފޮނި އިޙުސާސެއްގެ ގޮތުގައި އަޅުގަނޑުގެ ހިތުގެ ކަނެއްގައި ދިރި ހުރޭ! ލޯތްބަކީ ކޯއްޗެއް، ކިހިނެއްވާ އެއްޗެއްކަމެއް ވެސް އަސްލު އަޅުގަނޑަކަށް ނޭނގެ! އަޅުގަނޑަށް ހީވަނީ .. އަޅުގަނޑުގެ ފުރަތަމަ ލޯތްބަކީ ..! ”

ލަދުންހުރެ ވަރަށް މަޑުމަޑުން އަރޫމާ އޭނަގެ ހިތުގެ ހާލު ކިޔައިދޭން ބޭނުން ވިއެވެ. އެކަމަކު ވާހަކަ ފުރިހަމަ ނުކޮށް އަރޫމާ ހުއްޓައިލީއެވެ.

” ހެ ހެ ހެ ހީވަނީ ކޯއްޗެއް! އަދިވެސް ޔަގީނެއް ނުވޭތަ ؟”

ޒީވް ލާނެތް ގޮތަކަށް ސަމާސާ ކޮށްލިއެވެ. ޒީވްގެ ހުނުމުގެ އަޑުން އަރޫމާގެ ހިތް ފުރިގެން ބަނޑުންވި ފަދަ އިހުސާސެއް ކުރެވުނެވެ.

ދެން އައި ވަގުތުކޮޅަކީ ދެމީހުންގެ ދެމެދުގައިހުރި ހުރިހާ ހުރަހަކާ ޝައްކެއް ފިލުވައިލާ އެކަކު އަނެކަކަށް ބޭނުންވާ މިންވަރު ހާމަކޮށްދިން ވަގުތު ކޮޅެވެ. ދެކެވުނު ވާހަކަ ތަކުން ދެހިތަށް ފިނިކަމާ ހަމަ ޖެހުން ލިބެމުން ދިޔަ ވަގުތުކޮޅެކެވެ.

އެއީ ފަތިހުގެ ހިތްގައިމު މަންޒަރުތައް އުޑުމަތީގައި ކުރެހެމުން ދިޔަވަގުތުކޮޅު ވެސް މެއެވެ. މުޅިން އާދުވަހަކަށް އިރު އެރުމަށް ދުނިޔެ ތައްޔާރުވަމުން ދިޔަ ވަގުތުކޮޅު ވެސް މެއެވެ. އެހެންކަމުން ފޯނު ނިންމާލާ ދެމީހުން ވެސް ފަތިސްނަމާދުގެ އަޅުކަމާއިގެން އުޅެގަތީ ހިތަށް ލިބުނު އުފާވެރިކަމަށް ޝުކުރު ކުރަމުންނެވެ. ދެމީހުންގެ ދެމެދު މިހާރު އެއްވެސް ހުރަހެއް ނެތުމުން އާ ޙަޔާތެއްގެ ފެށުމަކަށް އުންމީދު ވެސް ލިބިގަންނަމުންނެވެ. ތުއްތު ތުއްތު ކުއްޖެއްގެ މަންމައެއްގެ ގޮތުގައި ހުއްޓަސް އަރޫމާ ބަލއިގަންނާނެ ކަމުގެ ވަޢުދާ އަޙުދު ވެސް ކުރަމުންނެވެ. ދިރިއުޅުމަށް ލިބުނު ބޯނަސް ޕޮއިންޓަކާ ވެސް އެކުގައެވެ. އެއީ ފަރުހާދު އަރޫމާއާ ހަވާލުކުރި އަމާނާތް، ޒިވާއެވެ.

ނިމުނީ

Advertisements