އެމެރިކާގެ ދިފާއީ ވަޒީރު ދިފަ ކުރެއްވި ގޮތުގައި ޕާކިސްތާނަކީ އަފްޣާނިސްތާންގެ ސުލްހައަށް މުހިންމު ބައިވެރިއެކެވެ. އަދި އަފްޣާނިސްތާންގެ ސުލްޙައަށް ޕާކިސްތާނުން ކޮށްދޭ މަސައްކަތަށްވެސް އެމެރިކާގެ ދިފާއީ ވަޒީރު ލުއޭޑް އޮސްޓިން ތަޢްރީފް ކުރެއްވިއެވެ.
އެމެރިކާއިން އަފްޣާނިސްތާންގެ ހަނގުރާމައިގެ ފަރާތްތަކާއެކު ކޮށްފައިވާ އެގްރިމެންޓްގެ ދަށުން އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބަން ޖެހެއެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުން ކޮށްފައިވާ މި އެއްބަސްވުން މުރާޖައާ ކުރުމަށް އެމެރިކާއިން ދަނީ ވިސްނަމުންނެވެ. އެމެރިކާއިން ދެކޭ ގޮތޮގައި ސިފައިން ބާލަން ޖެހޭނީ އަދި ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހުއެވެ.
އޮސްޓިން ވަނީ ކުއްލި ގޮތަކަށް ކާބުލްއަށް ޒިޔާރަތެއް ކުރައްވާފައެވެ. އަދި ކާބުލްއިން އެނބުރި ވަޑައިގަތް މަގުމަތީގައި އޭނާ ވަނީ ޕާކިސްތާންގެ ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރު ބާޖްވާއަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ.
އޮސްޓިން މަގާމާ ޙަވާލުވެ ވަޑައިގަތުމުގެ ކުރިން ކޮންގްރެސްގައި ވާހަކަ ދައްކަވަމުންވެސް ވިދާޅުވެފައި ވަނީ އަފްޣާނިސްތާންގެ ސުލްޙައަށް ޕާކިސްތާނަކީ މުހިންމު ބައިވެރިއެއް ކަމަށެވެ.
ޕާކިސްތާނުން ދެކޭ ގޮތުގައި ސުލްޙައިގެ އެއްބަސްވުމާ އެއްގޮތަށް އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބަން ޖެހޭނެއެވެ.
އަފްޣާނިސްތާނުގެ ސުލްޙައިގެ ވާހަކަތައް ވަނީ މި ވަގުތަށް މަޑު ޖެހިފައެވެ.