އިންޑިއާގައި އެޕްރީލް 1 ން ފެށިގެން 41 އަހަރުން މަތީގެ އެންމެނަށް ވެކްސިން ދޭން ނިންމައިފިއެވެ. އިންޑިއާ ސަރުކާރުން ވަނީ އެންމެންވެސް ރަޖިސްޓްރީވެ ވެކްސިން ޖެހުމަށެވެ. މީގެ އިތުރުން ފުރަތަމަ ޑޯޒް ޖަހާފައިވާ އެންމެވެސް ހަތަރެއް ނުވަތަ އަށް ހަފްތާގެ ތެރޭގައި ދެވަނަ ޑޯޒް ޖެއްސުމަށް ސަރުކާރުން ވަނީ އެދިފައެވެ.

ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ހުރިކަމުގެ ގެރެންޓީ ދެމުން ސަރުކާރުން ބުނެފައި ވަނީ ވެކްސިންގެ ތަދުމަޑުކަމެއް ދިމާ ނުވެ، އެންމެނަށްވެސް ހުރިހައި ތަނެއްގައިވެސް ވެކްސިން ދެވޭނެ ކަމަށެވެ.

އިންޑިއާއިން ވަނީ ޖެނުއަރީ 16 އިން ފެށިގެން ވެކްސިން ދޭން ފަށާފައެވެ. ފުރަތަމަ ފިޔަވަހީގައި ވެކްސިން ދިނީ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށެވެ. އެއަށްފަހު، ފެބްރުއަރީ 2 ން ފެށިގެން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނަށް ދޭން ފަށާފައި ވެއެވެ. މާޗް 1 ން ފެށިގެން ވެކްސިން ދީފައިވަނީ އާންމު ރައްޔިތުންގެ ތެރޭން 60 އަހަރުން މަތީގެ މީހުންނާއި 45 އަހަރުން ދަށުގެ ބޮޑެތި ބަލިތައް ހުންނަ މީހުންނަށެވެ.

އިންޑިއާގައި އެއް ދުވަހަކަށް އެންމެ ގިނައިން ވެކްސިން ދެވިފައިވަނީ މިމަހުގެ 22 ގައެވެ. އެދުވަހު، 3.2 މިލިއަން އަށް ވުރެން ގިނަ މީހުންނަށް ވެކްސިން ދީފައި ވެއެވެ.

ފެބްރުއަރީ މަހު އިންޑިއާގައި ކޮރޯނާ ފެތުރުން ދަށްވުމަށް ފަހު، ފުރަ ބަންދަށް އަހަރު ފާހަގަ ކުރަން ދިމާވިއިރު އަނެއްކާވެސް ކޭސްތައް މިވަނީ އިތުރު ވާން ފަށާފައެވެ. އެގޮތުން މަހަރާޝްޓްރާއާއި ކެރެލާއާއި ޕަންޖާބްގައި ކޭސްތައް އިތުރުވަމުންދާ ކަން ފާހަގަ ކުރެވެއެވެ.