ޗައިނާއަށް ޖާސޫސްކޮށް ދިނުމުގެ ކުށުގައި އެސްޓޯނިއާއިން ސައިންޓިސްޓަކު ޖަލަށްލާން ޙުކުމް ކޮށްފިއެވެ. މިއީ އެސްޓޯނިއާގެ ތާރީޚްގައި ރަޝިޔާއާ ގުޅުމެއް ނެތް ޖާސޫސީ މައްސަލައެއް ފެންމަތިވި ފުރަތަމަ ފަހަރެވެ.

މެރިޓައިމް ދާއިރާގައި މަސައްކަތް ކުރާ ސައިންޓިސްޓް ޓާމޯ ކޫޓްސް 57އ. އަށް އިއްވާފައި ވަނީ ތިން އަހަރުގެ ޙުކުމެކެވެ. އޭނާގެ ޝަރީއަތް ބާއްވާފައިވަނީ ސިއްރުވެރި ގޮތަކަށެވެ.

ކޯޓު ރިކޯޑްތަކުން އެނގޭ ގޮތުގައި އޭނާގެ އަތުން 20 ހާސް ޑޮލަރަށްވާ ވަރުގެ ޔޫރޯވެސް ފެނިފައި ވެއެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ޓާލިން ޔުނިވަރސިޓީގައެވެ.

ކޫޓްސްއަކީ، އިޓަލީގައި ހުންނަ ނޭޓޯގެ އަންޑަރ ސީ ރިސަރޗް ސެންޓަރގެ ސައިންޓިފިކް ކޮމިޓީގައި 2006 ވަނަ އަހަރުން ފެށިގެން އިންނަ މީހެކެވެ.

ކޯޓުން އޭނާއަށް ޙުކުމް ކޮށްފައި ވަނީ ޖާސޫސް ކޮށްދިނުމާއި ޣެއިރު ދުސްތޫރީ ޖަމާއަތެއްގައި ބައިވެރިވެ އެސްޓޯނިޔާއާ ދެކޮޅު ހަރަކާތްތައް ހިންގުމުގެ ކުށުގައެވެ.

އެސްޓޯނިއާގެ އިންޓަރނަލް ސެކިއުރިޓީ ސަރވިސްއިން ބުނެފައިވަނީ ކޫޓްސް ޖާސޫސްކޮށްދިނުމަށް ފަހިކޮށްދިން ފަރާތަކީ 2018 ގައި އުފައްދާ ފައިވާ ދިރާސާ ކުރުމާ ބެހޭ މުއައްސަސާއަކުންނެވެ. އޭނާ ޗައިނާ އަށް މަޢްލޫމާތު ފޯރުވައި ދިން ކަމަާއި މި މުއައްސަސާ އުފައްދާފައިވަނީ ޗައިނާއިން ފަންޑުކޮށްގެން ކަމަށްވެސް އިންޓަރނަލް ސެކިއުރިޓީ ސަރވިސްއިން ބުންޏެވެ. އަދި އޭނާ އެކަން ކޯށްފައިވަނީ ފައިސާއާއި މަޝްހޫރުވުމުގެ ބޭނުމުގައި ކަމަށް ތަހުގީގަށް އެނގިފައި ވެއެވެ.

ގުޅުން ހުރި މައުޟޫއު: އެސްޓޯނިޔާއިން ބުނަނީ ޗައިނާއިން ދުނިޔޭގެ ނިޒާމަށް ވެރިވެގަންނަނީ ކަމަށް

މި މައްސަލާގައި އޭނާއަށް ވާގިވެރިވާ އިތުރު މީހަކުވެސް ހައްޔަރުކޮށްފައި ވެއެވެ. ނަމަވެސް އޭނާއަށް އަދި ޙުކުމް ކޮށްފައެއް ނުވެއެވެ. ކޫޓްސްއަށް ޙުކުމް ކޮށްފައިވަނީ ހަފްތާ ނިމުނު ތަނާއެވެ.

އެސްޓޯނިއާއިން އެކުލަވާލާފައިވާ ފޮރިން އިންޓެލިޖެންސް ރިޕޯޓްގައިވެސް ބުނެފައި ވަނީ ޗައިނާއަކީ ނުރައްކަލެއް ކަމަށެވެ.