ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުގެ ސަބަބުން ދަރިމައި ވުމަށް ފަސޭހަވާކަން ކެނެޑާގެ ޔުނިވަރސިޓިއަކުން ކުރި ދިރާސާ އަކުން ދައްކައިފިއެވެ.

މި އާ ހޯދުން ދިރާސާ ކުރީ ހަށިގަނޑުގެ ބަރުދަން އިތުރުވެ ދަރިމައި ވުމަށް އުނދަގޫ ވެފައިވާ (އިންފަރޓިލިޓީ އަށް ބޭނުންވެފައިވާ) ފަރާތްތައް ހިމަނައިގެން ނެވެ.

މިއީ މިއަހަރު (2021) ވަނަ އަހަރު ހޯދި ހޯދުމެކެވެ. "ވާރޗްއަލް" ކޮށް ހިންގި މި ޕްރޮގްރާމުގެ ނަތީޖާ އަކީ "އިންފަރޓިލިޓީ ޓްރީޓްމެންޓް" ހޯދި މީހުނަށްވުރެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނެސްގެން ދަރިމައިވި މީހުންގެ އަދަދު ގިނަކަމެވެ.

މިގޮތުން ހިންގި މި ޕްރޮގްރާމް "ފިޓް ފޯ ފަރޓިލިޓީ" (އެފް އެފް އެފް) ސަބަބުން ދަރިމައިވުމަށް ދަތިކަން ކުރިމަތިވެފައިވާ އަންހެނުންނަށް ފައިދާތަކެއް ކުރިކަމަށް މި ދިރާސާ ކުރުމުގައި އިސްކޮށް އުޅުއްވި ޝާރބާ ޔުނިވަރސިޓީ އޮފް ކެނެޑާގެ މިޓިއާ ބެލަން ހާމަކުރެއްވިއެވެ. މިގޮތުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނައި ބަދަލުގެ ސަބަބުން 5 ޕަސެންޓާއި 10 ޕަސެންޓް އަންހެނުންގެ ބަރުދަނަށް ހެޔޮ ބަދަލު ގެނެވުނެވެ.

މި ދިރާސާ ކުރުމަށްޓަކައި ބަރުދަން އިތުރުވެގެން ފަރޓީލިޓީ ޓްރީޓްމެންޓަށް ބޭނުންވާ 130 މީހުން 2 ގުރޫޕަކަށް ބާހާލި އެވެ. މި ގޮތުން އެއް ގުރޫޕް ބައިވެރި ކުރުވީ "ފިޓް ފޯ ފަރޓިލީ" ޕްރޮގުރާމުގައެވެ. އަނެއް ގުރޫޕް ބައިވެރި ކުރުވީ ދަރިމައި ވުމަށް ދޭ ފަރުވާ "އިންފަރޓިލިޓީ ޓްރީޓްމެންޓް" ހޯދުމަށެވެ.

"އެފް އެފް އެފް" ޕްރޮގުރާމުގައި ބައިވެރިވި ފަރާތްތަކަށް ޚާއްޞަ ގަޑިތަކެއް ( ސެޝަން ތަކެއް) ނަގައި ދެވުނެވެ. މި ގަޑިތަކުގައި ނިޔުޓްރިޝަނުންނާއީ ކައިނޮލޮޖިސްޓުން ސެޝަން ތައް ނަންގަވައި ދެއްވިއެވެ. މިގޮތުން ރަނގަޅު ކާނާގެ އިތުރުން ކަސްރަތު، ދުވުން ހިނގުން ކަހަލަ ކަންތައް ހިމެނުނެވެ. 6 މަސްދުވަހުގެ މި ޕްރޮގްރާމުގައި ކޮންމެ ބައިވެރިއަކުވެސް މަދުވެގެން 45 މިނެޓްގެ 12 ގަޑި (ސެޝަން) ފުރިހަމަ ކުރަން ޖެހުނެވެ.

މި 6 މަސްދުވަހުގެ ޕްރޮގްރާމު ނިންމި 108 މީހުންގެ ތެރެއިން "ފިޓް ފޯ ފަރޓިލިޓީ" ގައި ބައިވެރި މީހުންގެ ތެރެއިން 51 ޕަސެންޓް މީހުން ދަރިމައިވިކަން ފާހަގަ ކުރެވެއެވެ. ނަމަވެސް "އިންފަރޓިލިޓީ ޓްރީޓްމެންޓް" ހޯދި މީހުންގެ ތެރެއިން ދަރިމައިވީ 36.8 ޕަސެންޓު މީހުނެވެ.